ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި އުމަރު ޒާހިރު އުމުރުފުޅުން 85 އަހަރުގައި އަވަހާރަވީ މިއަދު މެންދުރުފަހު ވަގުތެއްގައެވެ. އެމަނިކުފާނު އަވަހާރަވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް ދިވެހި ދައުލަތުން އަރުވާފައިވާ އުމަރު ޒާހިރު އަކީ 50 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ޤައުމީ ޚިދުމަތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ފާހަގަކުރެވިފައިވަނީ އަދާކުރެއްވި ކޮންމެ މަގާމެއްވެސް އެންމެ ފުރިހަމައަށް އަދާކުރެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
އަދި ޒިންމާ އަދާކުރެއްވުމުގައި އަމަލީގޮތުން މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައި ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ.
އަދާކުރެއްވި ބައެއް މަޤާމުތައް:
- މާލޭ މުނިސިޕަލްޓީގެ ރައީސް
- މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް
- މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސް
- މިނިސްޓަރ އޮފް ހޯމް އެފެއާޒް
- މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވެރިކަމުގައި ދައުލަތުގެ އިސް މަޤާމްތައް ފުރުއްވި އުމަރު ޒާހިރު އިސްވެ ހުންނަވައިގެން ކުރިއަށްގެންދެވި ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ތިލަފުށި ހިއްކުމުގެ މަޝްރޫއާއި ހުޅުމާލެ ފުރަތަމަފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ އިތުރަށް މާލޭ މަގުހެދުމުގެ މަޝްރޫއުފަދަ ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ.
ގިނަބަޔަކާއި ގާތްގުޅުމެއް ބޭއްވެވި އުމަރު ޒާހިރުގެ އެންމެފަހުގެ މަސައްކަތްޕުޅެއްގެ ގޮތުގައި ފެނުނީ ޏ.ފުވައްމުލަކުގައި އެމަނިކުފާނު ބިނާކުރެއްވި 'މަސްޖިދުއް ސިއްދީގު' އެވެ. މި މިސްކިތް ހުޅުއްވުމަށް ފުވައްމުލަކަށް އުމަރު ޒާހިރު ވަޑައިގެންނެވިއިރު އެދަތުރުފުޅަށްފަހު މާލެ ވަޑައިގަތް ގޮތަށް އުޅުއްވީ އާލާސްކަންފުޅާއެވެ.
'މަސްޖިދުއް ސިއްދީގު' ހުޅުއްވުމަށް އުމަރު ޒާހިރު އަރިހުގައި ފުވައްމުލަކަށް ވަޑައިގެންނެވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސަޢީދު ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ. " ލޮބުވެތި މިނިސްޓަރ އުމަރު ޒާހިރު އަވަހާރަވުމަކީ މުޅިގައުމަށް ލިބުނު ފުން ހިތާމައެއް. އެއީ ދިވެހި ދައުލަތާއި ރައްޔިތުންނަށް އިޚްލާސްތެރި ޚިދުމަތްތަކެއް އަދާކުރެއްވި ބޭފުޅެއް"
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ގައުމީ ހަޔާތުގައި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ، މާފަންނު މެރީގޯލްޑް އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ.
ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ދަނީ އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި އެމަނިކުފާނުގެ އަގުވަޒަންކޮށް ހެޔޮދުޢާކޮށް ޝުޢޫރުތައް ފާޅުކުރަމުންނެވެ.