އީޕީއެސް ސްކޫލް
އީޕީއެސް ސްކޫލް އުފެދުނީ 1969 ވަނަ އަހަރުގަ އެވެ. އީޕީއެސް އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރެއްވި ޒުވާނުންނަކީ އަލްފާޟިލް މުހައްމަދު މުސްތަފާ ހުސައިން، އަލްފާޟިލް ހަސަން މާހިރު، އަލްފާޟިލް މުހައްމަދު ޝަރީފު، އަލްފާޟިލް ޖީޓީ މަނިކު އަދި އަލްފާޟިލް ޝަހީމް ރާޒީ އެވެ. ސްކޫލުގެ މުއައްސިސުންނާއެކު ކިޔަވައިދެއްވުމުގައި 13 މުދައްރިސުން އެދުވަސްވަރު ހަރަކާތްތެރިވެފައިވެއެވެ.
އީޕީއެސް އުފެދުނުއިރު ރާއްޖޭގައި އިނގިރޭސިބަހުން ކިޔަވައިދެމުން ދިޔައީ 3 ސްކޫލުގައެވެ. ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތަކަށް އެދިގެން މާލެ ބަދަލުވި އަތޮޅުތަކުގެ ރަށްރަށުގެ ކުދިންނަށް މިއީ ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ.
އިޕީއެސް ހުޅުވުނުއިރު 5 ކުލާހެއްގައި 83 ދަރިވަރުން ކިޔެވިއަސް މިއަދު މި ޤައުމުގައި އީޕީއެސް އިން ތައުލީމް ހާސިލުކުރި ހަތާވީސް ހާހެއްހާ ދަރިވަރުން އެބަތިއްބެވެ. އަދި 2003 ވަނަ އަހަރު ރަސްމީގޮތުން ގްރޭޑް 11 އަދި 12 ކިޔަވައިދިނުމުގެ ހުއްދަ ސަރުކާރުން އެންމެފުރަތަމަ ދިން އަމިއްލަ ސްކޫލަކަށް އީޕީއެސް ވީ ކަމީ، އެއީ އެސްކޫލަށް ލިބުނު ވަރަށް މަތިވެރި ޝަރަފެކެވެ.
އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލުގެ ނަމުގައި ހިންގަމުން އައި އީޕީއެސް ސްކޫލް ނިމުމަކަށް އައީ 2008 ވަނަ އަހަރު ޑިސެމްބަރ 31 ވަނަ ދުވަހުގަ އެވެ. 2009 ވަނަ އަހަރުން ފެށިގެން އީޕީއެސް ހިންގަމުން އައީ ބިލަބޮންގ ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އީޕީއެސްގެ ނަމުގައި ކިޔަވައިދޭ އެއްވެސް ސްކޫލެއްނެތެވެ.

ޚިދުމަތުގެ ހަވީރު
އީޕީއެސް ސްކޫލް އުފެދުނުތާ 52 އަހަރު ފުރިފައިވާއިރު، ސްކޫލުގެ ޚިދުމަތްތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ވަނީ ހޮޓެލް ޖެންގައި 'ޚިދުމަތުގެ ހަވީރު' ގެ ނަމުގައި ޚާއްސަ ހަފްލާއެއް ކުރިއަށްގެންގޮސްފައެވެ. އީޕީއެސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށްގެންދިޔަ މިހަފްލާގައި އީޕީއެސް ސްކޫލުގެ އިސް ދަރިވަރުން ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު މުސްތަފާ ހުސައިން އާއި އެކި ދުވަސްވަރު އެސްކޫލަށް ޚިދުމަތްކޮށްދެއްވި ބައެއް ބޭފުޅުންގެ އިތުރަށް އިސްދަރިވަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެ މިއޮތީ އީޕީއެސް އަކަށް ބޭނުންވެފައި
'ޚިދުމަތުގެ ހަވީރު' ހަފްލާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ މިއަދު މިރާއްޖެ މިއޮތީ އަނެއްކާވެސް އީޕީއެސް އަކަށް ބޭނުންވެފައި ކަމަށް ވިދާޅުވެފައެވެ.
" އަޅުގަނޑު ދަންނަވާނީ މިއަދު ރާއްޖެ މިއޮތީ އަނެއްކާވެސް އީޕީއެސް އަކަށް ބޭނުންވެފައޭ. އީޕީއެސް އިން އުފެއްދި ދަރިވަރުންގެ ތެރޭގައި، ޕްރޮފެސަރުންނާއި، ޑޮކްޓަރުންނާއި، ސިފައިންނާއި، ފުލުހުންނާއި، ނަރުހުންނާއި، ކުޅިވަރު ކުޅޭ މީހުންނާއި، ޓީޗަރުންނާއި، ޅެންވެރިންނާއި، ތަމްސީލު ކުޅޭ މީހުންނާއި، ލަވަކިޔާ ފަރާތްތަކާއި، މިހެންގޮސް ހުރިހާ ދާއިރާއެއްގައި އަދި ސިޔާސީ ދާއިރާގައިވެސް އެންމެ އުހުގައި އެބަތިބި މިއަދު އީޕީއެސް އިން ތައުލީމު ހާސިލުކޮށްގެން ނުކުންނެވި ދަރިވަރުން" ރައީސް ވިދާޅުވި އެވެ.
އީޕީއެސް ސްކޫލް ހުޅުވިގެން ދިއުމަކީ އެދުވަސްވަރު ތައުލީމް ހާސިލުކުރުމަށް ޚާއްސަކޮށް ރަށްރަށުން އައި ދަރިވަރުންނަށް ފަހިވި ވަރަށް ރަނގަޅު ފުރުސަތެއްކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އީޕީއެސް ފައުންޑޭޝަންގެ ރައީސް ދެކެވަޑައިގަންނަވާ ގޮތް
އީޕީއެސް ފައުންޑޭޝަންގެ ރައީސް މަރްޔަމް އާދިޔާ ވިދާޅުވީ އީޕީއެސް އަށް އެކިގޮތްގޮތުން ޚިދުމަތްކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމަކީ އެ ފައުންޑޭޝަން އިން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ. މިއީ މިގޮތަށް ބާއްވާ 2 ވަނަ ޚިދުމަތުގެ ހަވީރު ކަމަށާއި، ކުރިން އެ ޝަރަފު ދިނީ 70 އަހަރުން މަތީގެ މީހުންނަށް ކަމަށް ވިދާޅުވިއެވެ.
" އީޕީއެސް ސްކޫލަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އުފައްދާފައިވާ އެންމެ ކާމިޔާބު އަމިއްލަ މަދަރުސާ. ތައުލީމުން މަހުރޫމްވެ ބާކީކުރެވިފައިވާ އެތައް ކުދިންނެއް އަގުހުރި ލީޑަރުންނަށް ބަދަލުކޮށްދިން ފަޚުރުވެރި މަންމަ. މިއަދުގެ ހިތާމައަކީ މިދެންނެވި މަދަރުސާގެ ނަން މާޒީއަށް އެކަނި ނިސްބަތްކޮށް ދައްކަންޖެހިފައި އޮތްކަން. މިއީ މުޅި ޤައުމު ހިތާމަ ކުރާނެކަމެއް. މިފަދަ ބައެއް އުފެއްދުމުގެ ގާބިލިއްޔަތާއި ރޫހު އެތަނެއްގައި އަށަގެންފައިވާ މަދަރުސާއެއްގެ ޚިދުމަތް މިއަދުގެ ޖީލުތަކަށް ލިބެންނެތުމަކީ މިޖީލަށް ލިބިފައިވާ ނިކަމެތިކަމެއް" އާދިޔާ ވިދާޅުވިއެވެ.

އަދި އީޕީއެސް ފައުންޑޭޝަންގެ ފަރާތުން ގަސްތުކޮށްފައިވަނީ ސްކޫލުގެ ރަން ތާރީޚް ލިޔެ މުސްތަގުބަލަށް ރައްކާކުރަން ކަމަށާއި، މިކަމަކީ ރެކޯޑުކޮށް ރިސާރޗްކޮށް އޭގެ އެތައް އިބުރަތެއް ހޯދަންޖެހޭ ފަދަ ޚަޒާނާއެއް ކަމަށާއި، މި މޮޑެލް ރަސްމީކޮށް ރިސާރޗްކޮށް މީގައިން މިހާރުގެ މަދަރުސާތަކާއި ތަމްރީންވާ ޕްރިންސިޕަލުން ޓީޗަރުންނަށް ފިލާވަޅެއް ލިބިދޭނެގޮތަށް ހޯދުން މުހިންމު ކަމަށް ފާހަގަކުރެއްވިއެވެ.

ސްކޫލުގެ އިސް ދަރިވަރެއްގެ ބަސް
ގިނަދުވަސްތަކެއްވަންދެން ޕްރިންސިޕަލްކަން ކުރެއްވި ތަޢުލީމީ ދާއިރާގައި ފުންނާބުއުސް ބޭފުޅެއްކަމުގައިވާ ތާހާ ސަލީމް ވިދާޅުވީ އީޕީއެސް އެއް އޮތުމުން ލިބުނު ފައިދާއަކީ ގައުމުގެ އިޖުތިމާއީ ފޭރާން ވަރުގަދަވުން ކަމަށެވެ.
" އިލްމީ ދަރިން ގިނަވުން. ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ތައުލީމް ދިނުން. ހުނަރުވެރި ފަންނުވެރި ދަރިންތަކެއް އުފެދި އެދާއިރާތަކަށް ދިރުން ލިބުން. ގައުމީ އުފެއްދުންތެރިކަމަށް ބޭނުންވާ އިންސާނީ ވަސީލަތް ގާއިމްކުރުމަށް ބޮޑުތަނުން އެހީވެދިނުން. މިއަދުވެސް ގަބޫލުކުރެވެނީ އީޕީއެސްއެއްގެ މުހިންމުކަން. ގައުމުގެ ހަޔާތުގައި ބޮޑު އިންގިލާބެއް ގެނެސްދިން އިންސްޓިޓިއުޓަކީ ގައުމުގެ ތާރީޚަށް މުހިންމުތަނަކަށް ވާތީ، ކުޑަމިނުން ސްކޫލަށް ކިޔާ ނަމެއްގެ ގޮތުގައި ނަމަވެސް އީޕީއެސް ވުޖޫދުގައި އޮތުން މުހިންމު" ތާހާ ވިދާޅުވިއެވެ.

ނިންމުން
މި ހަފްލާގައި އީޕީއެސްގެ 50 އަހަރުގެ ރަން ތާރީޚުގެ ދިރާސާ ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

އަދި މި ހަފްލާގައި ވަނީ އެ ސްކޫލަށް ތަފާތު އެކިގޮތްގޮތަށް ޚިދުމަތްކޮށްދެއްވި 26 ބޭފުޅަކަށް ހަނދާނީ ފިލާ ދީފައެވެ. މީގެތެރޭގައި އީޕީއެސްގެ ފައުންޑަރުންގެ އިތުރުން، ރަންޒަމާނަށް ގެނެސްދިން އާދަޔާ ޚިލާފް ޝަހުސުންނާއި، ދިގުމުއްދަތަކަށް ޚިދުމަތްކޮށްދެއްވި މުދައްރިސުންނާއި މުވައްޒަފުންގެ އިތުރަށް ހިލޭ ސާބަހަށް ޚިދުމަތްކޮށްދެއްވި ދަރިވަރުން ހިމެނެއެވެ.