ފިނެކް އިންސްޓިޓިއުޓް ފޮރ ޑިވެލޮޕްމެންޓަލް ސްޓަޑީޒް (ފިޑްސް) އިން ވިޔަފާރީގެ ދާއިރާއާއި ގުޅުންހުރި ރިޕޯޓްތަކެއް ޒީޓައިމްސް މެދުވެރިކޮށް ގެނެސްދިނުމަށް ޒީޓައިމްސް އާއި އެކު އެގްރިމެންޓެއްގައި ވަނީ ސޮއިކޮށްފައެވެ. ފިޑްސްގެ ފަރާތުން މި އެގްރިމެންޓްގައި ސޮއިކުރެއްވީ ޑިރެކްޓަރ އޮފް އޮޕަރޭޝަން އަބްދުﷲ ޔަމީން އެވެ. އަދި ޒީޓައިމްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެޑިޓަރ ޒީނާ ޒާހިރު އެވެ.

2021 ވަނަ އަހަރު އުފެއްދި ފިޑްސްގެ އެންމެބޮޑު މަގްސަދަކީ މާލީ ދާއިރާއަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ފަރުމާކޮށް ފޯރުކޮށްދިނުމެވެ. މި އިންސްޓިޓިއުޓްގެ ފަރާތުން ފުޅާދާއިރާއެއްގައި ތަފާތު ދާއިރާތަކުގެ ތަމްރީން ޕްރޮގްރާމްތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ފެށުމަށް ވަނީ ރޭވިފައެވެ.

ފިޑްސް އާއި އެކު މިވެވުނު އެއްބަސްވުމުގެ ދަށުން ފިޑްސްގެ ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި ޒީޓައިމްސް މެދުވެރިކޮށް ތަފާތު ރިޕޯޓްތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

މި ރިޕޯޓްތައް ޒީޓައިމްސްގައި ގެނެސްދެވޭނީ ފިޑްސްގެ ނަމުގައެވެ.