ހެނދުނު ހޭލަން ޖެހޭކަން އެނގިހުރެވެސް ރޭގަނޑު ނުނިދިގެން އުޅެންޖެހޭ ހެއްޔެވެ. އަވަހަށް ނިދަން ބޭނުންވިޔަސް ނިދިނައިސްގެން ނުވަތަ ނުނިދިގެން އުޅެންޖެހޭ ހެއްޔެވެ.
ބައެއް މީހުންނަށް ފަހަރުގައި ލަހުން ނިދަން އާދަވެފައިވެސް ހުރެދާނެއެވެ. ނުވަތަ ޕެންޑަމިކްގެ ސަބަބުން ނިދުމުގެ އާދަކާދައަށް ބަދަލުއައިސްފައިވެސް ހުރެދާނެއެވެ. އެހެންނޫންނަމަ ނެޓްފްލިކްސްއިން ބަލާ ސީރީޒްތަކުގެ ސަބަބުން ނުނިދާ ދަންވަންދެން އިނދެވެނީއެވެ. ބައެއް ފަހަރު ދަންވަންދެން ނުނިދާ ތިބުމަކީ ރަނގަޅު ކަމެއް ކަމަށްވެސް ވެދާނެއެވެ. ޚާއްސަކޮށް ރޭގަނޑު ތިމާއަކީ މާ ކްރިއޭޓިވް، އުފެއްދުންތެރި، އަދި ކަންކަމަށް ދުވާލަށްވުރެ ބޮޑަށް ސަމާލުކަންދެވޭ މީހެއްކަމަށްވާނަމަ ދަންވަރު ހޭލާ އުޅުން ރަނގަޅު ވެދާނެއެވެ. އެހެންނަމަވެސް ހެނދުނު ސުކޫލަށްދާން ނުވަތަ ވަޒީފާއަށްދާން ހޭލަންޖެހޭނަމަ އާދަކޮށް ލަހުން ނިދުމަކީ ރަނގަޅުކަމެއް ނޫނެވެ.
ހެނދުނު ހޭލަންޖެހޭ މީހެއްނަމަ އަވަހަށް ނިދުމަށް އެހީތެރިވެދޭނެ ގޮތްތަކެއް އެބަހުއްޓެވެ. ބައެއް މީހުންނަކީ ގުދުރަތީ ގޮތުންވެސް ލަސް 'ކްރޮނޯޓައިޕްސް' ހުންނަ މީހުންނެވެ. މާނައަކީ އެމީހުން އިހްތިޔާރު ކުރަނީ ރޭގަނޑު ލަހުން ނިދާފަ ހެނދުނު ލަހުން ހޭލުމަށެވެ. އަވަސް ކްރޮނޯޓައިޕްސް ހުންނަ މީހުންނަކީ ރޭގަނޑު އަވަހަށް ނިދާފަ ހެނދުނު އަވަހަށް ހޭލަން އިހްތިޔާރު ކުރާ މީހުންނެވެ.
އެމެރިކާގެ ޔޫސީއެލްއޭ ސްލީޕް ޑިސޯޑާރސް ސެންޓަރުގެ ޑައިރެކްޓަރ އަދި ނިއުރޮލޮޖީ އާއި ސްލީޕް މެޑިސިން ޕްރޮފެސަރ ޑރ. އެލޮން އެވިޑަން ވިދާޅުވާ ގޮތުގައި އުފަންވާއިރުވެސް މީހާއަކީ ހެނދުނު ހޭލާ މީހެއް ކަން ނުވަތަ ރޭގަނޑު ހޭލާއުޅޭ މީހެއްކަން ހުންނަނީ އެމީހެއްގެ ތޮބީއަތުގައި އަށަގެންފައެވެ.
ޑރ. އެވިޑަން ވިދާޅުވަނީ އެއްވެސް މީހެއްގެ ގައިގަ މި ދެބައި އެއްފަހަރަކާ ނުހުންނާނެ ކަމަށެވެ. އަދި ހެނދުނު ހޭލާ މީހެއް ރޭގަނޑު ހޭލާ އުޅޭ މީހަކަށް ނުވަތަ ރޭގަނޑު ލަސްވަންދެން ހޭލާ އުޅޭ މީހެއް ހެނދުނު އަވަހަށް ހޭލާ މީހަކަށް ފަސޭހައިން ބަދަލެއްވެސް ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް މަޑުމަޑުން ނިދުމަށް ބަދަލުގެނެސްގެން ގިނަ ދުވަހުން މިކަން ބަދަލުކުރެވިދާނެއެވެ. ކިތަންމެ ވަރުބަލިވެފައި ހުއްޓަސް ނުނިދިގެން ނުވަތަ އާންމުކޮށް ނިދަން އުނދަގޫވެގެން އުޅޭނަމަ އެއީ އެހެން މައްސަލައެކެވެ. އެފަދަކަމެއް ތަޖުރިބާ ކުރެވޭނަމަ އެހާލަތަށް ކިޔާނީ 'ޑިލޭޑް ސްލީޕް ޕޭސް ސިންޑްރޯމް (ޑީއެސްޕީއެސް) އެވެ. މިއީ ސިއްހީ މައްސަލައެކެވެ. ރޭގަނޑު ގަސްތުގައި ލަހުން ނިދާ މީހުންނާއި މިހާލަތު ކުރިމަތިވެގެން ނުނިދޭ މީހުންނާއި މިއީ މުޅިން ތަފާތު ދެބައެކެވެ. ޑީއެސްޕީއެސް ސިންޑްރޯމް އަކީ އާންމުކޮށް ޓީންއޭޖު ކުދިންނާއި ހަގު އުމުރުފުރައިގެ ޒުވާނުންގެ ކިބައިން ފެންނަ ކަމެކެވެ. އަވަހަށް ނިދަން ބޭނުންވާ މީހުންނަށް އެހީއަކަށް ވެދާނެ ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.
1. ދުވާލުގެ އަލިކަމުގެ ތެރެއަށް ވީހާވެސް އަވަހަށް ނިކުތުން
ރިސާޗްތަކުން ހޯދިފައިވާ ގޮތުގައި މިއީ ނިދުމުގެ ސައިކަލަށް ބަދަލުގެނެސް އަވަހަށް ނިދަން ބޭނުންނަމަ އެޅިދާނެ އެންމެ ވަރުގަދަ ފިޔަވަޅެވެ. ރިސާޗްތަކުން ދަކާގޮތުގައި ދުވާލުގެ ގަދަ އަލި ހެނދުނު ހެނދުނާ ލިބިގަންނަ މީހަކު އިރުއޮއްސިގެން އަންނައިރު އަންނާނީ ނިދި އަންނަމުންނެވެ. ޑރ. އެވިޑަން ލަފާދެއްވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 45 މިނިޓާއި 1 ގަޑިއިރާއި ދެމެދުގެ ވަގުތުކޮޅަކަށް ހެނދުނުގެ ގަދަ އަލި ލިބިގަތުމަށެވެ. އަލީގެ މިންވަރަކީ ވަރަށް މުހިންމު އެއްޗެކެވެ. އަލީގެ މިންވަރު މިނެކިރަން މީހުން ބޭނުން ކުރާ ޔުނިޓަށް ކިޔަނީ 'ލަކްސް' އެވެ.
ގޭގައި ހުންނަ އައްޔަކީ 100-200 ލަކްސް އެވެ. އުޑުމަތި ބަނަ ދުވަހެއްގައި ބޭރުން ލިބޭ އައްޔަކީ 2500 ލަކްސް އެވެ. އަވިދޭ ދުވަހެއްގައި 10،000 ލަކްސް އަލި ބޭރުން ލިބޭނެއެވެ. ދިރާސާކާރުން ބުނާ ގޮތުގައި އުޑުމަތި ބަނަ ދުވަހެއްގައި ގެއިން ބޭރުގައި 2 ގަޑިއިރު ހޭދަކޮށްގެން އެކަށީގެންވާ ވަރަށް އަލި ލިބޭނެއެވެ. އަދި އަވިގަދަ ދުވަހެއްގައި އަވިއައިނު ނާޅާ ގެއިން ބޭރުގައި އުޅޭއިރު ވަރަށް ރަނގަޅު މިންވަރަކަށް އަލި ލިބޭނެއެވެ. އިރުގެ އަލި އެކަށީގެންވާ މިންވަރަށް ނުލިބޭނަމަ ޔޫވީ ލައިޓެއް ކަހަލަ އެއްޗެއް ދިއްލައިގެން އާޓިފިޝަލް ލައިޓްގެ ތެރޭގައިވެސް އުޅެވިދާނެއެވެ.
2. ކޮންމެ ދުވަހަކުވެސް އެއްގަޑިއަކަށް ހޭލުން
ހޭލާ ގަޑި ބަދަލުކޮށްފިނަމަ އަވަހަށް ނިދަން އެހީވެދޭނެއެވެ. ކޮންމެ ރެއަކު ނިދާ ގަޑިވެސް އެއްގަޑިއަކަށް ހަދައިފިނަމަ އެއްގަޑިއެއްގައި ހޭލަން އާދަކުރަން ފަސޭހަވާނެއެވެ. ސްލީޕް ސްޕެޝަލިސްޓުން ލަފާދޭގޮތުގައި ކޮންމެ ދުވަހަކުވެސް އެއްގަޑިއަކަށް ހޭލަން އެލާމެއް ސެޓްކޮށްފައި ބެހުއްޓުން ރަނގަޅެވެ. ކޮންމެހެން ހޭލަން ބޭނުންވާ ދުވަހަކު އަވަހަށް ހޭލާފައި ބައެއް ދުވަސްދުވަހު ލަހުން ހޭލަން އާދަކުރުމަށްވުރެ ބަންދު ދުވަސްތަކާއި ހަފްތާގެ އެހެން ދުވަސްތަކުގައިވެސް އެއްގަޑިއަކަށް ހޭލަން އާދަކުރަންވާނެއެވެ.
އޭރުން އަވަހަށް ނިދަން ފަސޭހަވާނެއެވެ.
3. ނިދާ ގަޑިއަށް މަޑުމަޑުން ބަދަލު ގެނައުން
އާންމުކޮށް ނިދާ ގަޑިއަށްވުރެ މާ ކުރިން ނިދަން އޮށޯންނަށް މަސައްކަތް ކުރުމުގެ ބަދަލުގައި މަޑުމަޑުން ނިދާގަޑިއަށް ބަދަލު ގެންނާށެވެ. އަދި ކުއްލިއަކަށް ނިދާގަޑި އަވަސްކުރުމުގެ ބަދަލުގައި ލަސްލަހުން ގިނަދުވަހުން ގަޑި އަވަސްކުރަމުން ގެންދާށެވެ. މިސާލަކަށް އެއްރެއިން އަނެއް ރެއަށް 15 ވަރަކަށް މިނިޓް އަވަސްކުރަމުން ގެންދެވިދާނެއެވެ. ކުއްލިއަކަށް އާންމުކޮށް ނިދާ ގަޑިއަށްވުރެ ދެ ތިން ގަޑިއިރު ކުރިން ނިދަން މަސައްކަތް ކުރުމުގެ ބަދަލުގައި 15 ވަރަކަށް މިނިޓު ކުރިއަށް ލާފައި ނިދުން އަވަސްކުރަން މަސައްކަތް ކުރާށެވެ. އޭރުން ދެތިން ހަފްތާގެ ތެރޭގައި ނިދާގަޑި އަވަސްކުރުމަށް ފަސޭހަވެގެންދާނެއެވެ.
4. ދުވާލުގެ ލަސްގަޑިއެއްގައި ކެފެއިން ހުންނަ ބާވަތްތައް ބޭނުން ނުކުރުން
ދިރާސާތަކުން ދައްކާގޮތުގައި ކެފެއިން އަކީ މީހުންގެ ނިދި ލަސްކޮށްދޭ އެއްޗެކެވެ. ކެފެއިން އެކުލެވިގެންވާ ބުއިންތަކުގެތެރޭގައި ކަޅުސައި، ކޮފީ އަދި ސޯޑާ ފަދަ ބުއިންތަކުގެ ސަބަބުން ނިދަން އެހީވެދޭ މާއްދާ (ހަށިގަނޑުގައި އަމިއްލައަށް އުފައްދާ ކެމިކަލް، އެޑޮނޮސިން) ބްލޮކް ކޮށްލައެވެ. ވީމާ ނިދަން އުނދަގޫވާ މީހުންނާއި ހަމަ ނިދި ނުލިބޭ މީހުން ދުވާލުގެ ދެވަނަ ދަންފަޅީގައި ކެފެއިން ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. ނިދާ ގަޑީގެ 6 ގަޑިއިރު ކުރިން ކެފެއިން އެކުލެވޭ ބުއިންތައް ހުއްޓާލުން ރަނގަޅު ކަމަށް ދިރާސާކާރުން އިރުޝާދުދެއެވެ.
ރޭގަނޑު އެއްޗެއް ބޯލަން ބޭނުންނަމަ ހޫނު ކިރުތައްޓެއް ނުވަތަ ކެމޮމައިލް ޓީ ކަހަލަ ހާބަލް ސައެއް ބޯލާށެވެ. މިއީ ނިދަން އެހީވެދޭ ބުއިންތަކެވެ.
5. ނިދާގަޑި ކައިރިކޮށްފައި ފޯނާއި ޓީވީފަދަ އިލެކްޓްރޯނިކް އާލަތްތަކަށް ނުބެލުން
ނިދުމުގެ 2 ގަޑިއިރު ކުރިން ހުރިހާ ސްކްރީނުތައް ނިއްވާލާށެވެ. އިލެކްޓޯނިކް އާލަތްތަކުން ލޮލަށް އެޅޭ ނޫ އަލި މަދު ކުރުމަކީ އަވަހަށް ނިދަން ފަސޭހަވާނެ ގޮތެކެވެ. ސަބަބަކީ އަލިތައް މަދުވެ އަނދިރިވާވަރަކަށް ސިކުނޑިން ބުނަމުންދާނީ ނިދަން ތައްޔާރުވުމަށެވެ. އަނދިރިވާން ފެށުމުން މީހާގެ ސިކުނޑި މަސައްކަތް ކުރާ މިންވަރު އަންނާނީ ދަށްވަމުންކަމަށް ދިރާސާކާރުން ބުނެއެވެ.
6. ފިސިކަލް އެކްސަސައިޒް ކުރުން
ގަވާއިދުން ކަސްރަތު ކުރުމަކީ ރަނގަޅު ނިންޖަކަށް ހަށިގަނޑު ތައްޔާރުކޮށްދޭ އެއް މަގެވެ. ރިސާޗްތަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކުވެސް ގަވާއިދުން ކަސްރަތު ކުރާނަމަ ބޮޑެތި މީހުންނަށް ނިދަން ފަސޭހަވެއެވެ. އަދި ރޭގަނޑުގެ އަރާމު ނިދި ބައިބައިވިޔަނުދީ ރޭގަނޑު ނިދާފައި ގިނައިރު އޮތުމަށް ކަސްރަތުން އެހީވެދެއެވެ. ހެނދުނު 7 ޖަހާކަށްހާއިރު ކަސްރަތު ކުރާމީހުންގެ ބްލަޑް ޕްރެސަރ ރޭގަނޑު ދަށްވެއެވެ. އެހެންވުމުގެ ސަބަބުން ރޭގަނޑު ނިދުމަށްފަހު އިރުއިރުކޮޅާއި ނުހޭލެވި ގަދަނިދީގައި ގިނައިރު އޮވެވޭނެއެވެ. އަވަހަށް ނިދަން ބޭނުންނަމަ އެންމެ ރަނގަޅީ ހެނދުނު ކަސްރަތު ކުރުމެވެ. ރޭގަނޑު ކަސްރަތު ކުރާނަމަ ނިދުމުގެ ގަޑިއެއްހާއިރު ކުރިން ކަސްރަތު ކުރުން ރަނގަޅެއް ނޫނެވެ.
7. ނިދާ ކޮޓަރީގެ ޓެމްޕަރޭޗަރ ދަށްކުރުން
އިންސާނުންގެ ބޮޑީ ޓެމްޕަރޭޗަރ ދުވާލު މަތިވާނެއެވެ. ރޭގަނޑު ނިދިޖެހުމުގެ ކުރިން ޓެމްޕަރޭޗަރ ދަށްވާން ފަށައެވެ. ދިރާސާތަކުން އެނގޭގޮތުގައި ކޮޓަރީގެ ޓެމްޕަރޭޗަރަކީ ނިދުން ހަމަޖެއްސުމާއި ގުޅިފައިވާ ކަމެކެވެ. ބޮޑީ ޓެމްޕަރޭޗަރ ދަށްވާ ވަރަކަށް ނިދިއަންނާނެއެވެ. ވީމާ ކޮޓަރި ފިނިކޮށްފައި ބެހެއްޓުމަކީ އަވަހަށް ނިދަން އެހީއަކަށް ވެދާނެއެވެ.
8. ނިދާ ގަޑި އެއްގަޑިއަކަށް ހެދުން
ކޮންމެ ރެއަކުވެސް އެއްގައިޑިއެއްގައި ނިދަން އާދައަކަށް ހަދާށެވެ. ޚާއްސަކޮށް ކުޑަކުދިން ލައްވާ މިކަން އާދައަކަށް ހެއްދުން މުހިންމެވެ. އެއްގަޑިއަކަށް ނިދަން އާދަކުރުމުން ކޮންމެ ރެއަކުވެސް ނިދާގަޑި ކައިރިވުމުން ނިދަން ހަށިގަނޑު ތައްޔާރުވަމުން އަންނާނެއެވެ. ނިދާގަޑި ކައިރިވުމުން ނިދުމުގެ ކުރިން ކުރަން ހުންނަ ކަންކަން ކޮށްލަންވާނެއެވެ. މިސާލަކަށް ދަތްއުނގުން، ހެދުން ބަދަލުކުރުން، ކުދިންނަށް ނިދާއިރު ކިޔައިދޭ ވާހަކަތަކާއި ޤުރުއާން ކިޔަވާދިނުން އަދި ފަންކާ ޖައްސާލުން މިއީވެސް ރޭގަނޑު ނިދަން އެހީވެދޭ ކަންކަމެވެ. ފަންކާގެ އަޑާއި ފަންކާއިން ޖެހޭ ފިނިވައިގެ ސަބަބުން އަވަހަށް ނިދިއައުމަށް އެހީވެދޭ ކަމަށް ރިސާޗްތަކުން ހޯދިފައިވެއެވެ.
މައުލޫމާތު ނެގީ: ހެލްތްލައިން