November 22, 2024 02:23
Advertisement

-Advertisement-

މިއީ ހިތްވަރުގަދަ މައެއް، ދަރިފުޅުގެ ވާހަކަދެއްކުން ހުއްޓުމަކަށް އައިތާ 10 އަހަރު!

ހިތްވަރުގަދަ މަންމައެކެވެ. އޯޓިޒަމް ހުންނަ ކުއްޖަކު ބެލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ޚާއްސަކޮށް އެކަނިވެރި މައަކަށް ކުރިމަތިވާނެ ގޮންޖެހުން ވަރަށްބޮޑު ވާނެއެވެ. އެހެންނަމަވެސް ފަސްޖެހުމެއްނެތި ދަރިފުޅުގެ ހައްގުގައި ވަމުން ދަނީ މަތިވެރި ގުރުބާނީއެކެވެ.

ށ.ފުނަދޫ އަށް އުފަން ސުވައިދާ ހުސައިން (ސުވޭ)ގެ ހުރި ހަމައެކަނި ދަރިފުޅު ހުސައިން ސަދާދު މުހައްމަދު ސާޖިދުގެ އުމުރަކީ 12 އަހަރެވެ.

މި ރިޕޯޓް މި ޚާއްސަ ކޮށްލަނީ އޯޓިޒަމް ހުންނަ ކުއްޖަކު ގެންގުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި ވިސްނުން ބެހެއްޓިދާނެ ގޮތްތަކަށެވެ.

Advertisement

ކުއްޖާ އަށް އައި ބަދަލު

ސުވޭގެ ދަރިފުޅު ސަދާދުގެ އުމުރުން 2 އަހަރުވީއިރު ވާހަކަ ދެއްކިއެވެ. އެއިރު ސަދާދުގެ ކިބައިން އެއްވެސް ތަފާތެއް ނުފެނެއެވެ.

" އުމުރުން ފުރަތަމަ ދެއަހަރުގައި ވާހަކަދެއްކި. މީހުން ގޮވާލީމަ ފޯނުންވެސް ޖަވާބުދޭނެ. ފުރަތަމަ ފާހަގަވީ ފައިތިލަ އެކީގައި ނުޖައްސާ ހިނގުން. ކާރު އެއްޗެހީގެ ވެސް ފުރޮޅު ނައްޓާނީ. ދެން ކުޅޭއިރު އެއްޗެހި ވަރަށް ތަރުތީބުކޮށް ބަހައްޓާނީ. ތަރުތީބުކޮށްފަ ހުންނައިރު ކިރިޔާ ބަދަލެއް އަޔަސް ދަރިފުޅަށް އެނގޭނެ"

ސުވޭ ފާހަގަކުރިގޮތުގައި ދަރިފުޅުގެ ވާހަކަދެއްކުން ހުއްޓުމަކަށް އައީ އުމުރުން ދެއަހަރާއި ބައިގައެވެ.

" ކަމެއް ދިމާވެފައެއްވެސް ނޫން. ހަމަ ވާހަކަދެއްކުން ހުއްޓާލިގޮތަށް ދެންހަމަ ނުދައްކަނީ. ކުޑައިރު ބަންގިއަޑު ދަށުން ބަންގިވެސް ގޮވާނެ. އަރަބިއަށް ވަރަށް ޝައުގުވެރިކަން ހުރޭ. މަންމަ ބައްޕަ އެކަހަލަ ބަސްބަސް މަދުން ކިޔާނެ. ބައެއް ފަހަރަށް އެއްޗަކަށް ކިޔާ ނަންވެސް ބުނެފާނެ. އެހެންނޫނީ ވާހަކައެއް ނުދައްކާ"

ސުވޭ އާއި ދަރިފުޅު ސަދާދު

ވިސްނަންވީ މުހިންމު ކަންތައްތައް

ސުވޭގެ ތަޖުރިބާއާއި އެކު ފާހަގަކުރިގޮތުގައި އޯޓިޒަމް ކުދިން ގެންގުޅުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. "އެހީތެރިކަން މިފަދަ ކުދިންނަށް އިތުރަށް ބޭނުންވާނެ. ވިސްނަންވާނެ ތިމާ ބޭނުންވާގޮތަކަށް ކަންތައް ނުވެދާނެކަން. ކިތަންމެވަރަކަށް ކިޔައިދިނަސް އަހަރެމެން ބޭނުންވާ ލަނޑުދަޑި ހާސިލުނުވެދާނެކަން" ސުވޭ ކިޔައިދިނެވެ.

ވާހަކަ ނުދެއްކޭ ކުއްޖަކަށް ކިޔައިދޭނީ ކިހިނެއް

ކުއްޖާގެ އިހުސާސްތައް އެންމެބޮޑަށް އެނގޭނީ މައިމީހާއަށެވެ. ސުވޭވެސް ފާހަގަކުރިގޮތުގައި ދަރިފުޅު ތެދުވެގެން ހިނގައިގަންނަ ގޮތުންވެސް އެ ދަރިފުޅު ބޭނުންވަނީ ކޮންކަމެއްކަން އިހުސާސްވެއެވެ.

"12 އަހަރުވީއިރުވެސް ވަރަށް ކައިރީގައި އަދިވެސް ގެންގުޅެނީ. އޭނާ ނޭވާލާގޮތުން ވެސް އެނގޭ އެހެރީ ކަމަކާ ކަންބޮޑުވެފަކަން ނޫނީ ރުޅިގަދަވެފަކަން. ދަރިފުޅަށް ވާހަކަ ނުދެއްކޭކަން ދަނެގެން އަހަރެން ބުނަނީ ދަރިފުޅު އެއްޗެއް ބޭނުންވެގެން އަތް ދިއްކުރީމަ އެދިމާލަކުން ފެންނަންހުންނަ އެއްޗެހީގެ ނަން. އެހެން ތަކުރާރުކޮށް ނަންތައް ކިޔާތީ އެނގޭނެ މިހާރު އެއްޗެހި ވަކިކުރަން. އޭނަ ބޭނުންވާއެއްޗެއް ދިމާވަންދެން ޖެހޭނީ ފަހަރަކު އެއްޗެއްގެ ނަން ކިޔަން. މިސާލަކަށް ފެންފުޅިދެއްވާ. އޭނަ ބުނަންޖެހޭ ބައިވެސް އަމިއްލައަށް ބުނަނީ. އަބަދު އެނަން އަޑުއިވެން ފެށީމަ އެނގޭނެތާ އެއީ އެއަށްކިޔާ ނަންކަން"

މިއީ ސުވޭގެ ދަރިފުޅަށް އެއްޗެހި ވަކިކުރަން ދަސްކޮށްދިން ގޮތެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖަކަށްވުމުން އެކި ގޮތްގޮތަށް ދަސްކޮށްދިނުމަށް މަސައްކަތް ކުރެވިދާނެއެވެ.

ރުޅި މަޑުކުރުވާނީ ކިހިނެއް

މިފަދަ ކުދިން ގެންގުޅޭ މައިންބަފައިންގެ އެންމެބޮޑު އެއް ޝަކުވާއަކީ އެކުދިންގެ ރުޅި މަޑުކުރާނެ ގޮތެކެވެ. ބުނަން ބޭނުންވާއެތި ނުބުނެވުން އެއީވެސް ކުދިން ރުޅިގަދަވާ އެއް ސަބަބެވެ.

" ލޯޝަން ނޫނީ ވެސިލިންކަހަލަ އެއްޗެއް ބޭނުންކޮށްގެން އަތާއި ފައި މަސާޖުކޮށްލާނީ. އެއިރުން ވަރަށްބޮޑަށް ހަމައަކަށް އެޅޭނެ. މޫދަށް ގެންގޮސް ވެލިވެސް ހާކާލެވިދާނެ" ދަރިފުޅުގެ ރުޅި މަޑުކުރުމަށް ކޮށްދޭ ކަންތައް ސުވޭ ކިޔައިދިނެވެ.

އެންމެ މުހިންމު އެއްކަމަކީ 'މަނާ' އެލަފުޒު ދަރިފުޅު ކައިރީގައި ނުބުނުމެވެ. މަނާކަމެކޭ ނުބުނެ އެހެން ކަމެއް ދަރިފުޅުލައްވާ ކުރެވޭތޯ ބެލުން މުހިންމު ކަމަށް ސުވޭ ވަނީ ބުނެފައެވެ.

ސްކޫލަށް ގެންދާނީ ކިހިނެއް؟

ސަދާދު އަކީ ވެސް ލިޔަން ފޫހިވާ ކުއްޖެކެވެ. އެހެންވެ ގަދަކަމުން ލިޔަން ދަސްކޮށްދިނުމަށް މަސައްކަތެއް ނުކުރެއެވެ.

" ގަދަކަމުން ދަސްކޮށްދޭން މަސައްކަތް ނުކޮށް ކުރާހިތްވާކަމެއް ދަސްކޮށްދޭން އިސްކަންދެނީ. ވިސްނަންޖެހޭ ކަމަކީ އެހެންކުދިން ގޮތަށް ލިޔެ ފިލާވަޅުތައް ދަސްނުކުރެވިދާނެކަން. ކުއްޖާގެ ހުރި ހުނަރެއް ޅައުމުރުގައި ދެނެގަނެވިއްޖިއްޔާ ކުރިއަށްދާން ފަސޭހަވާނެ. ސަދާދު އަކީ ޕެއިންޓްކުރާ ހިތްވާ ކުއްޖެއް"

ސްކޫލަށް ދާން ދެކޮޅުހަދާނަމަ ދަރިފުޅާއި ވާހަކަދައްކައިގެން ވިސްނަދެވޭތޯ މަސައްކަތް ކުރާނީއެވެ. އަދި ފުރަތަމަ ދުވަހު ސްކޫލު ގޭޓާއި ހަމައަށް ގެންދެވިއްޖެނަމަ ދެވަނަ ދުވަހު ކްލާސް ރޫމާއި ހަމައަށް ގެންދެވޭތޯ މަސައްކަތް ކުރެވިދާނެއެވެ. އަދި އެގޮތަށް ކޮންމެ ދުވަހަކުވެސް ސްކޫލަށް ދަރިފުޅު ގެންގޮސް ކިޔަވައިދެވޭތޯ މަސައްކަތް ކުރެވިދާނެއެވެ.

ސަދާދު އޭނާ އަމިއްލައަށް ކުލަޖައްސާފައިވާ ކުރެހުމެއް ހިފަހައްޓައިގެން

ބުލީ ކުރުމުގެ މައްސަލަ

މިފަދަ ކުއްޖަކު ގެންގުޅޭއިރު ވަރަށް ކެތްތެރިވާންޖެހެއެވެ. "ވަރަށް އިމޯޝަނަލީ ދެރަވާފަހަރުވެސް އަންނާނެ. ކުއްޖެއްގެ ފަރާތުން އެކަހަލަ ކަމެއް އައިއްސިއްޔާ އެކުއްޖެއްގެ ބެލެނިވެރިއަކާ ބައްދަލުކޮށްފަ އެކަން ކިޔައިދޭނީ އެކުއްޖަކާ ދިމާލަށް އެއްޗެކޭ ބުނުމުގެ ބަދަލުގައި. ބެލެނިވެރިއާގެ ސަމާލުކަމަށް ގެނައިމަ އެކަމުގެ ހައްލު ލިބޭ"

މިހާރު ސުވޭ އުޅެމުންދާ ރަށަކީ މިފަދަ ކަންތައްތަކަށް ވަރަށް ހޭލުންތެރި ރަށެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މިހާތަނަށް ދެވުނު ފަރުވާތައް

ސްޕީޗް ތެރަޕީ، ބިހޭވިއަރ ތެރަޕީ، އޮކިއުޕޭޝަން ތެރަޕީ ވަނީ ސަދާދު އަށް ނަގައިދީފައެވެ. އަދި އޯޓިޒަމް އެސޯސިއޭޝަން، ކެއަރ ސޮސައިޓީ، ލަންކާގެ އޯރަލް ކުލިނިކުން ވަނީ ކްލާސްތައް ނަގައިފައެވެ.

ދަރިފުޅަށް ރަނގަޅަށް ފަރުވާދިނުމުގެ ބޭނުމުގައި ސުވޭ ވަނީ އޮކިއުޕޭޝަން ތެރަޕީ ދޭނެ ގޮތް ޑޮކްޓަރުން ކައިރީގައި އަހައިގެން ދަސްކޮށްފައެވެ. މި ތަމްރީނުން ކުދިންގެ ރުޅި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމަށް ވަނީ ބުނެފައެވެ.

އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރި ހިތްވަރު

'ޒީޓައިމްސް' އަށް ދިން އިންޓަވިއުގައި ވެސް ސުވޭ ފާހަގަކުރިގޮތުގައި ދަރިފުޅުގޮވައިގެން 'ފަތަންޖެހޭ ކޮންމެ ކަނޑެއްގައި ފެތޭނެ' ފަދަ ހާލަތަކަށް މާތްﷲ ގެ އިރާދަފުޅާއެކު އޭނާ އަށް ވަނީ އާދެވިފައެވެ.

އެކަނިވެރިމައެއްގެ ގޮތުގައި ސުވޭ މިހޭދަކުރި 5 އަހަރު ދުވަހުގައި، ދިރިއުޅުމުގައި ފުރަތަމަ ކުރިމަތިވީ ފަސޭހަ ދުވަސްތަކެއް ނޫނެވެ.

"މާލޭގައި ކުއްޔަށް އުޅުނުއިރު، ފިހާރައެއްގައި ވަޒީފާ އަދާކުރަމުން ވެމްކޯގައި މަސައްކަތްކުރީ ނުނިދާ. މަންމަ އެއިރު ގޭގައި ހުރެގެން ދަރިފުޅު ބަލައިދިނީ. ދުވާލަކު 2 ގަޑިއިރުވަރު ނިދަނީ އެއިރު. ފިހާރައިގައި އުޅުނީ ސްޕަވައިޒަރަކަށް. ދެން ވީޓީވީ އިން ފުރުސަތު ލިބުނީމަ އެވަޒީފާއަށް ދިޔައީ"

ސުވޭގެ މަންމައަކީ ކެތްތެރިކަމުގެ ނަމޫނާއެކެވެ. މާމަ ދަރިފުޅު ބެލުމުގެ ޒިންމާ ފުރިހަމައަށް ނެގުން އެއީ ސުވޭގެ ނަސީބެވެ. ދަރިފުޅުގެ ފަރާތުން މާމައަށް އަނިޔާއެއް ލިބުނަސް ކެތްތެރިކަމާއެކު އެ ދަރިފުޅު ބަލަމުން ދިޔުން އެއީ ދެއްކި ނަމޫނާއެކެވެ. އެއިރު ސުވޭ މާލޭގައި އުޅުނީ ދަރިފުޅަށް ބޭނުންވާ ތެރަޕީތައް ހޯދައިދިނުމަށެވެ.

" މާލޭގައި އުޅުނުއިރު ދަރިފުޅު ރުޅިގަދަވެގެން ބިންމައްޗަށް ވެއްޓިފަ އޮންނައިރުވެސް ޓެކްސީ ޑްރައިވަރުން އަޅާނުލާ ކާރަށް އަރުވަން ބުނީމަ ނާރުވާ ދިޔައިމަ ރޮވޭ. މާލެއަށް ބަދަލުވީ 2012 ވަނަ އަހަރު. ދެން 2016 ގަ ދިޔައީ ލަންކާ އަށް ދަރިފުޅަށް އިތުރު ފަރުވާ ހޯދުމަށް. އާއިލާ ބައެއް ކައިރީގައި ލަންކާގައި ހުރެފަ 2017 ވަނަ އަހަރު އަނެއްކާ މާލެ އައީ ފައިސާގެ ދަތިކަން ހުރީމަ"

އަމިއްލަ ތަޖުރިބާގެ އަލީގައި ސުވޭ ދަނީ ކައިރި ރަށްރަށުގެ ބެލެނިވެރިންނަށް ވެސް މައުލޫމާތު ފޯރުކޮށްދެމުންނެވެ.

" ބެލެނިވެރިން އާދޭ އަހަރެން ކައިރިއަށް އެހީތެރިކަން ހޯދަން. އަންނައިރު ފިރިމީހާގެ އެހީތެރިކަން ނުލިބޭ. އާއިލާ މީހުން ގަބޫލު ނުކުރޭ. މުޖުތަމައު ބަލައެއް ނުގަނޭ. އޯޓިޒަމަކީ ކޯއްޗެއްކަން އެއުޅޭ ރަށު މީހުންނަކަށް ނޭނގޭ. ވާގޮތް ބުނެދޭށޭ ބުނީމަ އަހަރެންނަށް އެންމެ ފުރަތަމަވާހެން ރޯންފެށެނީ. ކުއްޖާއަށް ކިރިޔާ ބަދަލެއް އަޔަސް އެއިހުސާސް ކުރެވޭނީ މަންމައަށް. މައްސަލަތައް އެބަހުއްޓޭ ބުނެ ޑޮކްޓަރަށް ދައްކަން ހިނގާށޭ ބުންޏަސް އެއްބާރުލުމެއް ނުލިބޭ އާއިލާއިން އެ ބެލެނިވެރިންނަށް. އެފަދަ މީހުން ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެން" ސުވޭ ކިޔައިދިނެވެ.

ނިންމުން

ދިމާވި ގޮންޖެހުންތަކަށް ކެތްކުރުމުގެ ނަތީޖާއަކީ މިއަދު ސުވޭ އަކީ އަމިއްލަ ރަށުގައި ރަށު ކައުންސިލްގެ މެންބަރެއްގެ މަގާމް އަދާކުރަމުންދާ ހިތްވަރުގަދަ މަންމައަކަށްވުމެވެ. ދަރިފުޅުގެ ބައްޕަގެ ފަރާތުން މާލީ އެހީތެރިކަން ލިބުނު ކަމުގައިވިއަސް، ދަރިފުޅުގެ ބައްޕަ އަކީ މާލޭގައި ދިރިއުޅޭ މީހަކަށް ވާތީ، އެދަރިފުޅު ބެލުމުގެ ހުރިހާ ޒިންމާއެއް މިހާރުވެސް އަދާކުރަމުން ދަނީ ސުވޭ އާއި އޭނާގެ އާއިލާގެ ފަރާތުންނެވެ.

+1
3
+1
56
+1
3
+1
3
+1
3
+1
1
+1
22

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ސުވޭ އަކީ ނަމޫނާމަންމައެއް. ހިތްވަރުގަދަ ކެތްތެރި މަންމައެއް.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް