ދިވެހިރާއްޖޭގައި ދުވަހެއް ދުވަހަކަށް މިދަނީ ވަރި ގިނަ ވަމުންނެވެ. ލޯބިން ކުރާ ކައިވެނިތަކަށް ދަރިން ލިބުމަށްފަހު އާއިލާ ރޫޅެމުންދަނީ ގިނަ ފަހަރަށް އެހެން އެކަން ވެދާނެ ކަމަށް ހީވެސް ނުކުރަނީސް އެވެ.
ކައިވެނި ރޫޅެނީ މައިން ނުވަތަ ބަފައިންގެ ކޮންމެވެސް ސަބަބަކާހުރެއެވެ. ނުވަތަ ދެމީހުންނަށް ވެސް އެކީގައި އުޅެވެން ނެތް ކަމަށް ގަބޫލުކުރެވި ވަކިވުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ދެކޭ ފަހަރުވެސް އާދެއެވެ.
ކޮންމެ ސަބަބަކާހުރެ ކައިވެނި ރޫޅުނަސް ގިނަ ފަހަރަށް ދަރިން ބެލުމުގެ ޒިންމާ އަދާކުރަނީ މައިމީހާއެވެ. މަދުންނަމަވެސް ބައްޕަ އަދި ބައްޕަ ފަރާތުގެ އާއިލާއިން ދަރިން ބެލުމުގެ ޒިންމާ އަދާކުރާ ފަހަރުވެސް އާދެއެވެ.
ދަރިންނަށް ލިބެނީ ކުއްލި ސިހުމެއް
ބައެއްފަހަރު ކައިވެނި ރޫޅާލާއިރު ދަރިންނަށް ފެންނަން ނުޖެހޭފަދަ މަންޒަރުތަކެއް ގޭތެރެއިން ފެނިގެންދެއެވެ. ޒުވާބުކުރުމާއި އަޑުގަދަކުރާ މަންޒަރެވެ. މިފަދަ މަންޒަރުތައް ފެނުމުގެ އޭގެ ނޭދެވޭ އަސަރު ކުޑަކުދިންނަށް ކުރެއެވެ. އަޑުގަދަވުމުން ސިހިގެންދިއުމާއި ނިދަން އުދަގޫވުންފަދަ ކަންތައްތައް އެކުދިންގެ ފަރާތުން ފެނެއެވެ.
އަދި ކައިވެނި ރޫޅުނީ މައިމީހާގެ ކުށަކުން ކަމުގައިނުވާނަމަ އެފަދަ މައެއްގެ ފަރާތުން ހިތާމަކޮށް ރޮއެހަދާ މަންޒަރު އެކުދިންނަށް ފެނުމުންވެސް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. މައިމީހާ އަށް އެއަންނަ ބަދަލުގެ ސަބަބުން ކުދިންނާއި އެކަށީގެންވާ ގޮތަށް އަޅާނުލެވި އަމިއްލަ ނަފްސަށްކުރާ އިތުބާރު ގެއްލި ދިރިއުޅުމާއިމެދު ފޫހިވާ މަންޒަރުވެސް ފެނިފައެބަހުއްޓެވެ. މިފަދަ ހާލަތެއްގައި ނަފްސާނީ މައްސަލަތަކެއް ދިމާވެ އެކަނިވެރިކަމަށް ލޯބިކުރާ މައިން ވެސް ފެނެއެވެ. އެކަށީގެންވާ އެހީތެރިކަމެއް އާއިލާއާއި ރައްޓެހިންގެ ފަރާތުން ދޭންޖެހެއެވެ. ކޮންމެ ހާލަތެއް މެދުވެރިވިއަސް ދަރިންނަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ މަސައްކަތްކުރުން މުހިންމެވެ.
ކައިވެނި ރޫޅުމުން ދަރިންނަށް ލިބެނީ މަންމަ ނުވަތަ ބައްޕަގެ ލޯބި
ކައިވެނިކޮށްގެން އުޅޭއިރު އާންމުގޮތެއްގައި ދެމަފިރިންގެ ލޯބި ދަރިންނަށް ލިބެއެވެ. އެހެންނަމަވެސް ކައިވެނި ރޫޅުމާއެކު ގިނަފަހަރަށް ލިބެނީ މަންމަ ނުވަތަ ބައްޕަގެ ލޯތްބެވެ. ކުއްޖާ އަށް ކޮންމެވެސް އެކަކު އިޚްތިޔާރު ކުރަންޖެހޭ ފަހަރުވެސް އާދެއެވެ. ކޯޓުން ބެލެނިވެރިކަން ހަވާލުކޮށްފައިވާ ފަރާތަށް ބުރަވެވޭފަހަރުވެސް އާދެއެވެ.
އިންތިހާ އަށް ލޯބިވާ ބައްޕަ ނުވަތަ މަންމައާއި ވަކިވުމުން އެކުދިންނަށް ކުރާނެ އަސަރާއިމެދު ވިސްނަންޖެހެއެވެ. ވަކިވީ މައިންބަފައިންނެވެ. ދަރިންނެއް ނޫނެވެ. ވީވަރަކުން ދެމަފިރިންގެ ލޯބި އެކުދިންނަށް ލިބުން މުހިންމެވެ. ދެމަފިރިން ވަރިވިއަސް މަދުންނަމަވެސް ދެމަފިރިންގެ ލޯބި ލިބޭ ކުދިން އަދިވެސް އެބަތިއްބެވެ. އެފަދަ ކުދިންގެ މޫނުން އެފެންނަ ހިތްހަމަޖެހުމެއް އެކަނިވެރިމައެއް ނުވަތަ އެކަނިވެރި ބައްޕައަކު ބަލާކުދިންގެ މޫނަކުން ނުފެނެއެވެ.
ކޯޓު މެދުވެރިކޮށް ދޭ ރުފިޔާއަށް ވުރެ އިތުރަށް ހަރަދު ކުރަން ދެކޮޅުހަދާ
ކޯޓު މެދުވެރިކޮށް ބައްޕަ ފަރާތުން ލިބޭ 2000 ރުފިޔާ އަކީ އެކަށީގެންވާ އަދަދެއް ނޫނެވެ. ހަރަދު ކުރަންޖެހެނީ އެންމެ ކުއްޖަކަށް ކަމުގައިވިއަސް މާލޭގައި ކުއްޔަށް އުޅޭނަމަ ތަނުގެ ކުލި ކޮބާހެއްޔެވެ؟ ބިލްތައް، ކެއުން، އަދި ކިޔެވުމާއި އެހެނިހެން ހަރަދުތައް ކޮބައިހެއްޔެވެ؟ ގިނަ ފަހަރަށް ކައިވެނި ރޫޅުމަށްފަހު އިތުރަށް ހަރަދުކުރަން ބައްޕަގެ ފަރާތުން ދެކޮޅުހަދާކަމުގެ ކަންބޮޑުވުން އެކަނިވެރި މައިން ދަނީ ކުރަމުންނެވެ.
ދާދިފަހުން ދިމާވި އެކަނިވެރި މައެކެވެ. އުޅެނީ ވަޒީފާގައެވެ. އެހެންނަމަވެސް ލިބޭ މުސާރައިން 3 ކުދިންގެ ހަރަދުތައް ކުރުމަށްފަހު ކުލިދައްކާ ހުރިހާހަރަދެއް ކުރެވޭވަރެއް ނުވެއެވެ. އަދި ކުދިންގެ ޒިންމާ އެކަނި އުފުލަންޖެހޭތީ އާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ކުރެވޭނެގޮތެއް ނެތެވެ. ވަޒީފާ ވެސް ފުރިހަމައަށް އޮންނަނީ އަދާ ނުކުރެވިފައެވެ. ކުދިންގެ ބައްޕަގެ ފަރާތުން ލިބެނީ އެންމެ 3000 ރުފިޔާއެވެ. އެ މައިމީހާ އެކުރާ ހިތާމަ ފެނުނު މީހަކުވެސް ދެރަވާނެއެވެ.
އަދި ދިމާވި އެހެން މަންމައަކު ބުންޏެވެ. "އަޅުގަނޑު ދަރިފުޅު އޭނާގެ ބައްޕައަށް ގުޅީ މީރު ކާއެއްޗެއް ކާހިތުން ބައްޕައަށް އެ ގަނެދޭތޯ އެހުމަށް. ގުޅާއިރަށް ބުނެފި ކޮންމެ މަހަކު މަންމައަށް 3000 ރުފިޔާ ޖަމާކުރާ ކަމަށް. އެރުފިޔާއިން ގަންނަން. އެކަމަކު އެހެންބުނިއިރު މިއީ 30،000 މަހު މުސާރައަށް ލިބޭ ބައްޕައެއް" ހިތްދަތިކަމާއެކު ކިޔައިދިނެވެ.
ދަރިންގެ ހައްގުގައި ވިސްނާ
ދަރިންނަށް ކުރާ ނޭދެވޭ އަސަރު އެނގޭނީ އެފަދަ ކުއްޖަކާ ސުވާލުކުރުމުންނެވެ. އެކީގައި ދިރިއުޅެވޭނެކަމުގެ ޔަގީންކަމެއް ނެތްނަމަ އެންމެ ރަނގަޅު ގޮތަކީ ސުލްހަވެރިކަމާއެކު ވަކިވުމެވެ. އެހެންނަމަވެސް ކުށެއްނެތް ދަރީންނަށް އޭގެ ނޭދެވޭ އަސަރު ކުރިޔަނުދޭށެވެ.
ހެޔޮނުވާނެއެވެ. ދަރިންނަކީ އަމާނާތެކެވެ. އެ އަމާނާތް ރަނގަޅަށް ބަލަހައްޓާށެވެ. ޒިންމާއަކީ މަންމައާއި ބައްޕަގެ ޒިންމާއެކެވެ. ޒިންމާއިން ރެކެން މަސައްކަތް ނުކުރާށެވެ. އާއިލާ ރޫޅުމަކީ ދަރިންގެ ޒިންމާއިން ރެކެވޭނެ ބަހަނާއެއް ނޫނެވެ.