ދުނިޔޭގެ އެކި ޤައުމުތަކުގެ ތާރީޚަށް ބަލާލާއިރު ވަރަށް އަޖައިބު ކުރުވަނިވި ތަންތަނާއި ތަކެތި ހުންނަކަން ފާހަގަކުރެވެއެވެ. މިގޮތުން ތައިލެންޑުގެ ވެރިރަށް ބެންކޮކާއި 15 ކިލޯ މީޓަރުގެ ދުރުމިނުގައި 3 ގަޑި އިރުން ދެވޭ ކަންޗަނަބުރި ޕްރޮވިންސްގައި ހުންނަ "ޖަޔަންޓް ޓްރީ" ނުވަތަ "ޖަޔަންޓް މަންކީ ޕޮޑް ޓްރީ"ގެ ނަމުން ނަންދެވިފައިވާ 100 އަހަރަށްވުރެ ގިނަދުވަސްވީ އާދަޔާ ޚިލާފު ގަހެއްގެ މައުލޫމާތަށް ބަލާލާނަމެވެ.
ދިގުމިނުގައި 20 މީޓަރު ހުންނަ މިގަހުގެ ޑައިމީޓަރުގައި 51.75 މީޓަރު ހުރެއެވެ. ވަށަމިނުގައި 2416 ސްކްޔަރ މީޓަރު ހުރެއެވެ. މިގަސް ހަމަލޮލަށް ފެނިފައި ތިބި މީހުން ބުނާ ގޮތުގައި މިގަހުގެ ބޮޑުމިން ފެނިފައި ހަމަ އަޖައިބުވެއެވެ. ގަސް ހަލާކުވިޔަ ނުދީ ރަނގަޅަށް ހުރުމުގެ އެންމެބޮޑު ސިއްރަކީ މިތަނަށް ޒިޔާރަތްކުރާ މީހުންވެސް މިގަހަށް ހުންނަ އަޅާލުމާއި އޯގާތެރިކަމުންނެވެ. ގަހުގެ ގޮފިތަކުގައި އެލި ގަހަށް އެރުމުގެ ބަދަލުގައި މިތަނަށްގޮސް އެގަހުގެ ރީތިކަން ބަލާލާފައި އެގަހުގެ ނިވަލުގައި އަރާމުކޮށްލަންދާ މީހުން މިގަހަށްދޭ ލޯބި ވަރަށް ބޮޑެވެ.

މިގަސް ރައްކާތެރި ކުރުމަށްޓަކައި ލަކުޑިން ހަދާފައި ހުންނަ ފާލަމެއް ގަހުގެ ވަށައިގެން ހުރެއެވެ. މިއީ ގަހުގެ މުލަށް މީހުން އެރި ގަސް ހަލާކުވިޔަ ނުދިނުމަށްޓަކައި ތައްޔާރުކޮށްފައިހުރި ފާލަމެކެވެ. މިގަހުގެ ރީތިކަން ހަމަލޮލުން ބަލާލުމަށް އަޅުގަނޑު ކުރި ދަތުރުގައި އެންމެބޮޑު ހިތްހަމަޖެހުމެއް ލިބުނީ އަޖައިބުކުރުވަނިވި ރީތި ފެހިކަން ފެނިފައެވެ. މިގަހުން އާދަޔާ ޚިލާފަށް ފިނިވައިވެސް ލިބެއެވެ. ވަށައިގެން އެކި ކަހަލަ ޖަނަވާރުތައް އުޅޭއިރު، ތަފާތު ވައްތަރުތަކުގެ ގަސް ހެދިފައި ހުންނަ މިސަރަހައްދަކީ ވަރަށް ހިތްގައިމު ހިސާބެކެވެ.
ގަސް ބަލާލުމަށްޓަކައި އެތަނަށް ވަނުމަށް އެއްވެސް ފީއެއް ނުނަގައެވެ. މިތަނަށް ވަނުމަށްޓަކައި ހުޅުވިފައި ހުންނަ ގަޑިއަކީ ހެދުނު 6 އަކުން ހަވީރު 6 އެވެ. ވަށައިގެން ކާއެއްޗެހި ވިއްކާ ފިހާރަތަކާއި ރެސްޓޯރެންޓްތައްވެސް ހުރެއެވެ. މިތަނަށް ޒިޔާރަތްކުރާ މީހުންނަށް ބޭނުންކުރެވޭގޮތަށް އެކި ކަހަލަ ވަސީލަތްތައް ހުރެއެވެ.