November 22, 2024 14:04
Advertisement

-Advertisement-

ކުޑަކުދިންނާއި ފަލަބަލި: ސަމާލުކަންދޭންވީ ކަންކަން

ޕްރީ ސްކޫލު އުމުރުފުރާގެ ކުދިންގެ ތެރެއިން ފަލަބަލި ޖެހޭ ކުދިންގެ އަދަދު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ދެކުނު އޭޝިއާގައި 2000 އިން 2018 އަށް ވަނީ މިފަދަ ކުދިންގެ އަދަދު 4.4 މިލިއަނުން 5.2 މިލިއަނަށް އިތުރުވެފައި ކަމަށް ދިރާސާއަކުން ދައްކައެވެ.
2019 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި ބަރުދަން އިތުރުވުމާއި ފަލަބަލި ޖެހުމަކީ ކުޑަކުދިން ނުރައްކާތެރި ބަލިބައްޔަށް ހުށަހެޅުމަށް އޮތް ފުރުސަތެކެވެ.
ތުއްތު ކުދިންނާއި ފުރާވަރަށް އަރަމުން އަންނަ ކުދިންނަށް ފަލަބަލި ޖެހުމުން ހަކުރުބައްޔާއި ބްލަޑް ޕްރެޝަރ މައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވެއެވެ. ޅައިރު ފަލަބަލި ޖެހުމަކީ ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ ޑިޕްރެޝަނަށް ދިއުމަށްވެސް މަގުފަހިވާ ކަމެކެވެ.

ފަލަބަލިން ދުރުވެވޭނީ ކެއުންބުއިމުގެ އާދަތައް އިސްލާހުކޮށްގެންނެވެ. އަދި މުޅި އާއިލާގައި ކަސްރަތުކުރުމުގެ އާދަ އަށަގަންނުވައިގެންނެވެ. ފަލަބައްޔަށް ފަރުވާ ކުރުމާއި ފަލަބަލިން ރައްކާތެރިވުމަކީ ދަރިންގެ މިހާރާ މުސްތަގްބަލުގެ ސިއްހަތު ރައްކާތެރިކޮށްދޭނެ މަގެކެވެ. 

ބަރުދަން އިތުރު ހުރިހާ ކުދިންނަކީ ފަލަބަލި ޖެހިފައިވާ ބައެއް ނޫނެވެ. ބައެއް ކުދިންނަކީ އެވްރެޖް މިންވަރަށްވުރެ ހަށިގަނޑު ބިޔަ ކުދިންނެވެ. ހެދިބޮޑުވަމުން އަންނަ އެކި މަރުހަލާގައި އެކި ކުދިންގެ ހަށިގަނޑުގައި ބޮޑީ ފެޓް ހުންނާނީވެސް އެކި މިންވަރަށެވެ. އެހެންކަމުން ކުދިންގެ ހަށިގަނޑަށް ބަލާފައި ބަރުދަނުން ސިއްހަތަށް ގެއްލުންވާކަމެއް ނުވަތަ ނޫންކަމެއް ކަށަވަރު ނުކުރެވިދާނެއެވެ.

Advertisement

ޑޮކްޓަރަށް ދައްކާނީ ކިހާވަރެއްވީމަ؟

ދަރިންގެ ބަރުދަން މާބޮޑަށް އިތުރުވަމުންދާތީ ކަންބޮޑުވާނަމަ ޑޮކްޓަރަށް ގެންދާށެވެ. ދަރިފުޅުގެ ހެދިބޮޑުވުމުގެ ޗާޓަށާއި، އާއިލާގެ މެންބަރުންގެ އިސްކޮޅާއި ބަރުދަން އަޅާކިޔުމަށްފަހު ގްރޯތް ޗާޓުގައި ދަރިފުޅު ހުރީ ކިހާހިސާބެއްގައިކަން ޑޮކްޓަރު ބުނެދެއްވާނެއެވެ. މިއަށް ބިނާކޮށް ދަރިފުޅު ހުރީ ސިއްހީގޮތުން ރަނގަޅު ނޫން ހިސާބެއްގައިކަން ކަނޑައަޅަން ފަސޭހަވާނެއެވެ.

ކުޑައިރު ފަލަބަލި ޖެހެނީ ކީއްވެ؟
ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދައިގެ ސަބަބުން ކުދިންނަށް ފަލަބަލި ޖެއެވެ. އެކްސަސައިޒް ކުރެވޭ މިންވަރު މާބޮޑަށް ދަށްވުމާއި، ކާބޯތަކެތިން ކެލޮރީ ލިބޭ މިންވަރު މާބޮޑަށް އިތުރުވުމުގެ ސަބަބުން ބަރުދަން އިތުރުވެ ފަލަބަލި ޖެހެއެވެ.
މިއީ މައިގަނޑު ގޮތެއްގައި ކުޑަކުދިންގެ މެދުގައި ފަލަބަލި ޖެހޭ ގޮތެވެ. މީގެ އިތުރުން ޖެނެޓިކް އަދި ހޯމޯނަލް ކަންކަމާއި ގުޅިގެންވެސް ބަރުދަން އިތުރުވެއެވެ.
ފޮނި އެއްޗެހި އަދި މެޓާ ފަދަ ކެލޮރީ ގިނައިން އެކުލެވޭ ކާބޯތަކެތި އާދަކޮށް ބޭނުން ކުރުމާއި، ގިނައިން ހަކުރު އެކުލެވޭ ބުއިންތައް، ޕެކެޓްކޮށްފައި ހުންނަ މޭވާ ޖޫސްތައް ބުއިމަކީ ބަރުދަން އިތުރުވާ ކަންކަމެވެ. ގިނައިރު ވީޑިއޯގޭމް ކުޅުމާއި، ގިނައިން ޓީވީ ބެލުމަކީ ވެސް ކުދިންނަށް ފަލަބަލި ޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ސަބަބަކީ އެފަދަ ކުދިންނަށް ގިނަ ފަހަރަށް ހިޔާރު ކުރެވޭނީ ޖަންކް ފުޑްއެވެ. ނުވަތަ ގިނައިރު އިށީނދެ އިނުމުގެ ސަބަބުން ކެވޭ ކާއެއްޗެހީގެ ކެލޮރީތަކުގެ ތެރެއިން އަންދާލެވޭނީ މަދު މިންވަރަކަށެވެ.

އަމިއްލައަށް ފިކުރު ބޮޑުވުމާއި، އާއިލާގައި ފިކުރު ބޮޑުވުމުގެ ސަބަބުންވެސް ކުދިން ފަލަބައްޔަށް ހުށަހެޅެއެވެ. ބައެއް ކުދިންނަކީ ހާސްކަން ފިލުވުމަށް ގިނައިން ކާ ކުދިންނެވެ. އަދި ގޭތެރޭގައި މާބޮޑަށް ފޫހިވާނަމަ، ފޫހިކަން ފިލުވުމަށްވެސް ކުޑަކުދިން ކައެވެ. ޑޮކްޓަރުން ދެއްވާ ބައެއް ބޭސްތަކުގެ ސަބަބުންވެސް ފަލަވެއެވެ. ފަލަބަލީގެ ސަބަބުން ކުޑަކުދިންގެ ނަފްސާއި ދުޅަހެޔޮ ކަމާއި، ޖިސްމާނީ އަދި އިޖްތިމާއީ ދުޅަހެޔޮ ކަމަށްވެސް ބުރޫ އަރައެވެ.

ސިންގަޕޫރު ސުކޫލެއްގެ ބަރުދަން އިތުރު ކުދިންތަކެއް ކަސްރަތު ކުރަނީ - ފޮޓޯ: އޭއެފްޕީ

ދިމާވެދާނެ މައްސަލަތައް
ޓައިޕް 2 ޑައިބެޓީސް: ފަލަބައްޔާއި އިންއެކްޓިވް ލައިފްސްޓައިލްގެ ސަބަބުން ޓައިޕް 2 ގެ ހަކުރުބަލި ޖެހުމަށް މަގުފައިވެއެވެ.
ބްލަޑް ޕްރެޝަރާއި ކޮލެސްޓްރޯލް މަތިވުން: ބްލަޑް ޕްރެޝަރ މަތިވުމާއި، ކޮލެސްޓްރޯލް އިތުރުވުމުގެ ސަބަބުން އާޓަރީ ހިމަވާގޮތްވެއެވެ. މީގެ ސަބަބުން ހާޓްއެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމުގެ ރިސްކް ބޮޑުވެއެވެ.
ހުޅުތަކުގައި ރިއްސުން: ފަލަބަލީގެ ސަބަބުން ހުޅުހުޅުގައި ރިއްސުމުގެ މައްސަލަ ކުރިމަތިވެއެވެ. ބަރުދަން އިތުރުވުމުގެ ސަބަބުން އުނަގަނޑާއި ކަކުލަށް ސްޓްރެެސް ބޮޑުވެއެވެ. ފަލަބަލީގެ ސަބަބުން އުނަގަނޑާއި، ކަކުލާ ބުރަށީގައި ރިއްސުމާއި އަނިޔާވުން ފަދަ ކަންކަމާއި ކުރިމަތިވެއެވެ.

ނޭވާލުމުގެ މައްސަލަތައް: ބަރު ކުދިންގެ މެދުގައި ނޭވާހިއްލުމަކީ އާންމު ކަމެކެވެ. މިފަދަ ކުދިން ނިދާފައި އޮންނައިރު ނޭވާ އިރުއިރުކޮޅާއި ހުއްޓިފައި އަލުން ނޭވާއަންނަން ފަށައެވެ.
ނޮން އަލޮކޮހޯލިކް ފެޓީ ލިިވާގެ ބަލިތައް: މިއީ އާންމުކޮށް އަލާމާތްތައް ފެންނަ ބައްޔެއް ނޫނެވެ. އެހެންނަމަވެސް ލިވާ ފެޓްސް ގިނަވެ ލިވާ ހަލާކުވާގޮތްވެއެވެ.
އިޖްތިމާއީ ނަފްސާނީ މައްސަލަތައް: ފަލަބަލި ހުންނަ ކުދިންނަށް އެހެންމީހުންގެ ފަރާތުން މަލާމާތް ކުރުންފަދަ ކަންތައްތަކާއި ކުރިމަތިލާން ޖެއެހެވެ.

ފަލަބައްޔާ ދަރިން ދުރުކުރާނެ ގޮތް

އެކުދިންނަށް ނަމޫނާއަކަށްވުން: ސިއްހަތަށް ފައިދާހުރި ކާނާ އާންމުކޮށް ކެއުމާއި ކަސްރަތުން ދުވަސް ފެށުމަށް އާއިލާގެ އެންމެންވެސް އާދަކުރާށެވެ. އޭރުން ކުދިންގެ އިތުރުން އާއިލާގެ އެންމެންނަށްވެސް ފައިދާ ކުރާނެއެވެ.
ސިއްހަތަށް ފައިދާހުރި ކާއެއްޗެހި ހޯދާފައި ބެހެއްޓުން: ކުދިންނަށް ދެވޭ ކާނާއަކީ ސިއްހަތަށް ފައިދާހުރި އެއްޗެހިކަމުގައި ކަށަވަރު ކުރަންވާނެއެވެ. ރަނގަޅުކަމެއް ކުރުމުން ސިއްހަތަށް ގެއްލުންހުރި ކާނާ ދިނުމުގެ ބަދަލުގައި ފައިދާހުރި ކާނާއެއް ދިނުން.
ރަނގަޅު މިންވަރަށް ނިދި ލިބުން: ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި މާކުޑަކޮށް ނިދުމަކީވެސް ފަލަބަލި ޖެހެން މަގުފަހިވާ ކަމެކެވެ. ހޯމޯނަލް އިންބެލެންސްގެ ސަބަބުން ކެއުމަށް ބަދަލުތައް އާދެއެވެ.

އިނާމެއްގެ ގޮތުގައި މެޓާ ކަހަލަ އެއްޗެހި ނުދިނުން: މިސާލަކަށް ކިޔަވައިފިނަމަ މެޓައެއް ދޭނަމޭ ބުނެ ކުދިން އެގޮތުން ފޮނި އެއްޗެއްސަށް ހޭނުވުމުގެ ބަދަލުގައި އެހެން އެއްޗެެއް ދިނުން.
އެއްކާނާއެއް އެކި ފަހަރު މަތިން ދިނުން: ބައެއް ކުދިންނަށް ފުރަތަމަ ފަހަރަށް ކާއެއްޗެހި މީރު ނުވެދާނެއެވެ. އެހެންނަމަވެސް ފަހުން އެ ކާއެއްޗެއް ތަކުރާރުކޮށް ދިނުމުން އެ ކާނާއަކަށް ކުދިން ހިތްޖެހޭފަހަރު އާދެއެވެ.

 

ނޯޓް: މައުލޫމާތު ނަގާފައިވަނީ މަޔޯކްލިނިކް ވެބްސައިޓް

+1
1
+1
0
+1
8
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް