އާއިޝަތު ސަފާ ދިރިއުޅެމުންދަނީ ހުޅުމާލޭގެ ހިޔާ ފުލެޓުގައެވެ. ބަލާބެލުމަށް އެފުލެޓު ވަރަށް ހިތްގައިމެވެ. މާލޭގައި ކުއްޔަށްދޭން ހުންނަ ބައެއް ތަންތަނާއި ބަލާއިރު ޖާގަ ތަނަވަހެވެ.
ހިޔާ ފުލެޓަށް ދިރިއުޅުން ބަދަލުކުރުން
ސަފާ ދިރިއުޅެނީ އޭނާގެ މަންމައަށް ލިބުނު އެޕާޓްމެންޓްގައެވެ.
" މަންމަގެ ހުންނާނެ ނުކުޅެދުންތެރިކަން ހުންނަ 3 ކުދިން. އޭގެތެރެއިން އެއްކުއްޖަކީ ބެލެނިވެރިކަން ނަގައިގެން ބަލާ ކުއްޖެއް. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބައިން ލިބުނު އެޕާޓްމެންޓެއް މިއީ. މަންމައަށް ހަމައެކަނި ލިބެނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބޭ ރުފިޔާ. އާއިލާގަ ވަޒީފާ އަދާކުރަނީ އަޅުގަނޑާއި ދޮންތަ އެކަނި"
ސަފާ ބުނިގޮތުގައި މަންމައަށް އިތުރު އެއްވެސް ގޮތަކުން ރުފިޔާ ނުލިބޭތީ އެ އެޕާޓްމެންޓްގެ 'ފިނީޝިންގ' މަސައްކަތް ނިންމޭނެގޮތެއް ނުވި ކަމަށެވެ.
" ތަން ދޫކޮށްލާކަށްވެސް ބޭނުމެއްނުވި. އެއީ އެކުދިންނަށް ބޭނުންވާ ތެރަޕީވެސް ލިބެންއޮތީ މާލެއިން. ދިރިއުޅެން މަޖުބޫރުވޭ މިކޮޅުގައި. އަޅުގަނޑުމެންވެސް އެހެންތަނަކަށް ކުލި ދައްކަމުން މިތަނަށް މަންމަ ދިރިއުޅެން ކުލި ދައްކާކަށް އެހާ މުއްސަންޖެއް ނޫން. އެހެންވެ މިތަނަށް ދިރިއުޅުން ބަދަލުކުރީ" ސަފާ ކިޔައިދިނެވެ.
ބޭންކުން ލޯނު ނަގައިގެން ބޮޑުބައި ނިންމުމަށްފަހު ސަފާމެން އެތަނަށް ބަދަލުވިއިރު، ނުނިމިހުރި މަސައްކަތް ނިންމަމުން ދަނީ ކުލި ނުދައްކާ ހޭދަވާ މުއްދަތުގެތެރޭގައި ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެންމެބޮޑު ހިތްހަމަޖެހުން
ސަފާމެން ކުރިން އުޅުނީ ގިނައަދަދެއްގެ މީހުންނާއެކު އެއްގެއެއްގައެވެ. އެގޮތަށް ދިރިއުޅެންޖެހުމުން ދިމާވާ މައްސަލަތައް ހުރިކަމަށް ވަނީ ފާހަގަކޮށްފައެވެ. އެފަދަ މައްސަލަތަކަށް މިހާރު މިވަނީ ހައްލު ލިބިފައެވެ. މަހަކު ދައްކަންޖެހެނީ 2 ކޮޓަރީގެ އެޕާޓްމެންޓަށް (ކުލި އަދި މެއިންޓެނެންސް ފީ ހިމެނޭގޮތަށް) 8500 ރުފިޔާއެވެ.
" މާލޭގައި ވަރަށް ކޮންޖެސްޓެޑް ސަރަހައްދެއްގައި އުޅެފަ މިއައީ، ވަރަށް ކައިރީގަ ބީޗް ވެސް މިއޮތީ. ކުދިން ގޮވައިގެން ހިނގާލަން ދެވޭ. އެގޮތަށް ވަރަށް ފަސޭހަ ހިޔާ ފުލެޓް. އަދި މީހުން އެވާހަކަ ދައްކާ ވަރަށްވުރެ ޖާގަވެސް ތަނަވަސް"
ދިމާވާ ދަތިތައް
އެންމެބޮޑު ދައްޗަކީ ދެވަނަފިޔަވަހީގައި އެންމެ ފިހާރައެއް ހުންނާތީ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
" ގިނަފަހަރު ކިޔުގައި ޖެހެންޖެހޭ. ދެންޖެހެނީ ސައިކަލުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ފިހާރަތަކަށް ދާން. މިސަރަހައްދަށް ޑެލިވަރީކޮށްދޭ ފިހާރައެއް ހުރޭ. އެކަމަކު ވަރަށްގިނައިރު ހޭދަވޭ އޯޑަރުދީގެން އެއްޗެހި ގެންނަން. މިއަދު އޯޑަރު ކުރާއެއްޗެހި މާދަމާވެސް ލިބިދާނެ".
ދެންއޮތް އެންމެބޮޑު ދައްޗަކީ ދެވަނަފިޔަވަހިން ބަހުގައި ސީދާ މާލެ ދެވޭނެގޮތެއް އަދި ހަމަޖެހިފަނެތުން ކަމަށް ވަނީ ފާހަގަކޮށްފައެވެ. ދަރިފުޅު ސްކޫލަށް ގެންދަނީ ކޮންމެ ދުވަހަކުވެސް ސައިކަލުގައެވެ.
" މިކޮޅުގައި އޮންނަ ބަހަށް އަރައިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހިއަށް ދެވޭނީ. އަނެއްކާ މަޑުކޮށްފަ މާލެ ދާންޖެހޭނީ. މާލޭގައި ވެސް ބަސް ހުއްޓަނީ ވަކި ސަރަހައްދުތަކަކަށް. އެހެންވެ ދަތުރަށް ވަރަށްގިނައިރު ހޭދަވޭ. ވަރަށްބޮޑު ގޮންޖެހުމެއް ކުޑަކުދިން ގޮވައިގެން ބަހުގައި ދިއުން" ސަފާ ބުންޏެވެ.
ކަންބޮޑުވުން
މާލެއެކޭ އެއްގޮތަށް ހިޔާ ފުލެޓުގައި އުޅޭ މީހުންނަށްވެސް ވަގުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުދަގޫވަނީ ބޮޑުވެފައެވެ. ދޮރުކައިރީގައި ފައިވާނެއް ބަހައްޓައިފިއްޔާ ވަގަށް ގެންދާކަމަށް ސަފާ ވަނީ ފާހަގަކޮށްފައެވެ. އެހެންވެ ޖެހެނީ ކޮންމެފަހަރަކު ފައިވާން އެތެރެއަށް ވައްދާށެވެ.
" ސިޑިތަކުގެ މަތީގައި މަސްތުވާތަކެތި ބޭނުންކުރުމާ، ފުޅިތަކަށް ކުޑަކަމުދިއުމަށްފަހު ބެހެއްޓުމުގެ މައްސަލަވެސް ދިމާވޭ. އުންމީދުކުރަނީ ކުރިއަށްއޮތްތާގައި ސެކިއުރިޓީ ރަނގަޅަށް ބެލެހެއްޓި އިމާރާތުގެ ކޮރިޑޯތައް މިހާރަށްވުރެ އަލިވާނެގޮތެއް ވުން"
ހިޔާ ފުލެޓު ލިބުނު މީހުންނާ އެތަން ހަވާލުކުރިއިރު ހުރީ ތަށިމުށި ނުޖަހާ ދޮރުފަތް ހަރުނުކޮށެވެ. އެހެންވުމުން އެމަސައްކަތް އެކިމީހުން ނިންމަމުން ދަނީ އެމީހަކަށް ފައިސާ ހަމަޖެހުނު ދުވަހަކުންނެވެ. 'ޒީޓައިމްސް' އިން ހިޔާ ފުލެޓަށް ޒިޔާރަތްކުރިއިރުވެސް މަސައްކަތްކުރާ އަޑު އިވެއެވެ. ސިޑި އަދި ލިފްޓް ބޭނުންކޮށްގެންވެސް މަސައްކަތްކުރަން ބޭނުންވާ ސާމާނު ހިފައިގެން އިމާރާތުގެ މަތީ އެޕާޓްމެންޓްތަކަށް ދިޔަ މީހުން ވަނީ ފެނިފައެވެ.
ސަފާ ފާހަގަކުރިގޮތުގައި ރޭގަނޑު ގަޑީގައި ކުޑަކުދިން ނިދާފަތިބޭއިރު ވެސް ކުއްލިއަކަށް ތޮރުފާއަޑު އިވިދާނެއެވެ.
" ބައެއްފަހަރު ރޭގަނޑު 12 ޖަހާއިރުވެސް ތޮރުފާއަޑު އިވިދާނެ. ކުދިން ނިދާފަތިބޭއިރު އެގޮތަށް އަޑުގަދަވުން އެއީ ކަންބޮޑުވުމެއް".
އެޗްޑީސީ އިން ދެކޭގޮތް
'ޒީޓައިމްސް' އިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާ ފުލެޓުތަކުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާތީ، ރޭގަނޑު 10 އިން ފެށިގެން ހެނދުނު 8 ޖެހުމާއި ދެމެދު އަޑުގަދަވާޒާތުގެ އެއްވެސް މަސައްކަތެއް ކުރުން އޮންނަނީ މަނާކަމެއްގެ ގޮތުގައި ކަޑައަޅައިފައެވެ.
" އެނޫން ގަޑިތަކުގައި މަސައްކަތް ކުރުމަށް އޮންނަނީ ހުއްދަދީފަ. ހުއްދަނޫން ގަޑިތަކުގައި މަސައްކަތްކުރާ މީހުންގެ މައްސަލަ މިކޯޕަރޭޝަނަށް ހުށަހެޅުމުން ވާނީ އެމަސައްކަތް ހުއްޓުވާފަ. މިހާރު މިފަދަ މައްސަލަތައް ހުށަހެޅޭ އަދަދު ވަނީ ވަރަށް މަދުވެފަ" އެޗްޑީސީ އިން މައުލޫމާތު ދިނެވެ.
ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމަށް އެ ސަރަހައްދުގައާއި ވަކިވަކި ޓަވަރުތަކުގައި ސީ.ސީ.ޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. މިހާރުވެސް ކޮންމެ މެނޭޖްމެންޓް އޮފީހެއްގައި ސީ.ސީ.ޓީވީ ރޫމެއް ވަނީ ގާއިމްކުރެވިފައި ކަމަށް ވަނީ ބުނެފައެވެ.
ކުރިއަށް ކުރެވޭ އުންމީދު
ކުޑަކުޑަ ދެކުދިންނާއި އާއިލާގެ އިތުރު މެންބަރުންނާއެކު ހިޔާ ފުލެޓުގައި ދިރިއުޅެމުންދާ ސަފާގެ އެންމެބޮޑު އުންމީދަކީ އަވަސް މުސްތަގުބަލެއްގައި ހިޔާ ފުލެޓު ސަރަހައްދުގައި ސްކޫލެއް، ކްލިނިކެއް އަދި ފިހާރަތަކެއް ހުޅުވިގެން ދިއުމެވެ.
ވަށައިގެން އިމާރާތްތަކުގެ މަސައްކަތް ކުރިއަށްދާތީ، ވައި ނުސާފުވުމުގެ މައްސަލައަށްވެސް އަވަސް ހައްލެއް ލިބެންއޮތީ އެއިމާރާތްތަކުގެ މަސައްކަތް އަވަހަށް ނިމިގެންނެވެ. އެއިރުން ދިރިއުޅުން މިހާރަށްވުރެ ވެސް އުފާވެރިވާނެ ކަމަށް ސަފާ އުންމީދު ކުރެއެވެ.
ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު
Hithah araa thihaa reethi badhigeah masahves libeyne namaey. Keykuraanee. Hurihaa laarieh midhiyaee mushi jahanshaa dhorah. Badhige seteh netheema badhigey ehchehi migengulhenee kothalhukothalhuga.
Dhen madu madun dhen huri kan kanves hama jassaalaaa. Hurihaa kame ehfaharaa hurihaa emmenaka nuvaane. Hulhumale’ga finishing ninmaafa dheefa huree emme flat thake. E noony emmenves hama madu madun finishing ninmamun dhiriulhun feshy.
flat libun gina meehunakee dhaulathun bodu loan eh nagaafa flat alhaafa dheynjehey varuge meehunnei noon
ކޮމެންޓްސް ބަންދުކުރެވިފައި