މިއަހަރުގެ މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލައި، 12,628 ރުފިޔާއިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށެވެ.
ތައުލީމީ ދާއިރާއިން ހާސިލްކުރެވިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 2021 ވަނަ އަހަރު 4,082 ޓީޗަރުންނަށް ބޭނުންވާ ހުނަރާއި ތަމްރީނުގެ ފުރުސަތު ހޯއްދަވައިދެއްވުނު ކަމަށެވެ. އަދި 20 ޕްރިންސިޕަލަކަށް މާސްޓަރސް ފެންވަރަށް ތަމްރީނުވުމަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދައިދެވުނު ކަމަށެވެ.
މީގެ އިތުރުން ފާހަގަކުރެވުނު ކަންކަން:
- މި ދައުރުގައި 23 ސްކޫލެއް އެއްދަންފަޅިއަށް މުޅިންއަލަށް ބަދަލުކުރެވުނު.
- 2021 ވަނަ އަހަރު 22 ސްކޫލެއްގައި 117 ކްލާސްރޫމާއި، 6 މަލްޓިޕަރޕަސް ހޯލް އިމާރާތްކޮށް ނިންމުނު.
- އިތުރު 55 ސްކޫލެއްގައި 473 ކްލާސްރޫމާއި، 27 މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ކުރެވެމުން އެބަދޭ. މިކަމަށް ޖުމްލަ 941 މިލިއަން ރުފިޔާ ހޭދަވާނެ.
-
ރާއްޖެއިން ބޭރުން މަތީތަޢުލީމް ޙާޞިލުކުރުމަށް 1500 އަށްވުރެ ގިނަ ދަރިވަރުންނަށް، 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯނު ދޫކުރި. އަދި 2022 ވަނަ އަހަރު، މި ސްކީމްގެ ދަށުން އިތުރު 720 ފުރުޞަތު، އަންނަ ހޯމަ ދުވަހު ހުޅުވައިލެވޭނެ.
-
ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ދިވެހި ޕްރޮފެޝަނަލުން އުފެއްދުމުގެ މަސައްކަތުގެ ދަށުން މިހާރުވެސް ދިވެހި ޑޮކްޓަރުން އިތުރުކުރުމަށް 124 ދަރިވަރުންނަށް ލޯނު ދޫކުރެވިފައިވޭ.
-
1150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައި.ސީ.ޓީ އަދި އެކައުންޓިންގ ދާއިރާގެ ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް، މި މަހުން ފެށިގެން ކުރިއަށްދާނެ.
-
ރާއްޖޭގެ އެކި ސަރަޙައްދުގައި ޓިވެޓް ސެންޓަރުތަކާއި ޖޫނިއަރ ކޮލެޖް އަދި ޕޮލިޓެކްނިކް ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށް އެބަގެންދޭ.
-
ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރ ބިނާކުރުމުގެ މަސައްކަތް މިއަހަރު ހިނގާނެ.
-
ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި ތުލުސްދޫގެ ޕޮލިޓެކްނިކް، ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު ވަނީ އިޢުލާނު ކުރެވިފަ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޑަރަށެއްގެ ދަރިވަރަކަށްވުމަކީ، ހަމަހަމަ ފުރުސަތުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫންކަމަށެވެ. އެހެންކަމުން މުޅިންއަލަށް މިއަހަރު ބ.ފެހެންދޫ އަދި ވ.ތިނަދޫގެ ދަރިވަރުންނަށް ފޯރުކޮށްދޭންފެށި ސެޓެލައިޓް ސްކޫލްގެ ޚިދުމަތުގެ ސަބަބުން ބ.ފެހެންދޫއިން ބޮއްކުރައެއްގައި 12 އަހަރު ވަންދެން ބ.ގޮއިދޫ ސްކޫލަށް ކުރި ބުރަ ދަތުރު ނިމިއްޖެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މިނިމަމްވޭޖް ކަނޑައެޅުމުގެ ސަބަބުން ހުރިހާ ސިނާޢަތެއްގެ މަސައްކަތްތެރިންގެ ޖީބު ބަރުވެއްޖެކަމަށެވެ.
"ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ސިނާޢަތުގެ 13,000 ދިވެހި މުވައްޒަފުންނަށްވާ ރަނގަޅު އަދި މާބޮޑު. އަދި ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުގެ 5,100 މުވައްޒަފުންނަށް މި ހެޔޮ ބަދަލު މިވަނީ ގެނެސްދެވިފައި" ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން 10 އިންސައްތައިގެ ސަރވިސް ޗާޖް ނަގަން މިހާރު ޖެހޭ އިރު އޭގެ 99 އިންސައްތަ، މުވައްޒަފުންނަށް ހަމަހަމައަށް ބެހުމަކީ، މިއަހަރުން ފެށިގެން ޤާނޫނުން ލާޒިމުކުރާ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރަނގަޅު ބަދަލެއް އަންނަނީ ހެޔޮނިޔަތެއް އޮވެގެން ކަމަށާއި، ފާއިތުވި 16 އަހަރު އަސާސީ މުސާރައިގެ ގޮތުގައި ގެޔަށް ގެންދަން އެންމެ ގިނަވެގެން 5،600 ރުފިޔާ ލިބުނު ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް މިހާރު މިނިމަމް ވޭޖްގެ ހެޔޮ ބަދަލާއެކު، 8,000 ރުފިޔާ މިހާރު އަސާސީ މުސާރައަށް ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި އައި ބަދަލާއިއެކު ސަރވިސް ޗާޖް ލައިގެން މިދިޔަ ޖަނަވަރީ މަހު 55,000 އަށްވުރެ ގިނަ ރުފިޔާ އެފަދަ މުވައްޒަކަށް ގެޔަށް ގެންދަން ލިބުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، "ވީވަޢުދަށްވުރެ ވެފައިވާގޮތް މާ ރަނގަޅު. ރައްޔިތަކަށްވާ ކޮންމެ ރަނގަޅަކީ ޤައުމަށް ލިބޭ ކުރިއެރުމެއް" ކަމަށެވެ.
ގިނަ އަދަދެއްގެ ދިވެހި މުދައްރިސުން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާއިރު އެންމެބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ އުޖޫރައެއް ނުލިބުމެވެ. ޓީޗަރުންގެ މުސާރަ މޭ މަހުން ފެށިގެން ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާއެކު ސޯޝަލް މީޑިއާއިން ވެސް ފެނިގެން ދިޔައީ އެއުންމީދާއި ގުޅޭގޮތުން ފާޅުކުރަމުންދާ ޝުޢޫރެވެ. ބައެއް މީހުން ފާހަނގަކޮށްފައިވާ ގޮތުގައި ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެވޭނީ ވެސް ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ލިބިގެންނެވެ. އަދި މޮޅު ޓީޗަރުން މަސައްކަތުގައި ހިފެހެއްޓުމަށް ވެސް އެކަށީގެންވާ އުޖޫރައެއް ދިނުން މުހިންމެވެ.
މިއަހަރުގެ ރިޔާސީ ބަޔާނަކީ ބޯހިޔާވަހިކަމާއި، ސިއްހީ ދާއިރާ ފަދަ ދާއިރާތަކުންވެސް ކުރިއަށްއޮތް އަހަރު ބޮޑެތި ކުރިއެރުންތައް ގެނެސްދެއްވާނެ ކަމަށް ވިދާޅުވި އުންމީދުތަކެއް ކުރެވޭ ބަޔާނެކެވެ.