ރަސްފަންނަށް 6 އަހަރު ފުރުނީއެވެ. 7 ފެބުރުވަރީ 2016 ގައި ހުޅުވި ރަސްފަންނަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާސްކަން ފިލުވާލުމަށާއި، ދިވެހިވަންތަ ސިފަތަކެއް މާލެއަށްވެސް ގެނައުމުގެ ބޭނުމުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރުގައި މާލޭގެ ހުޅަނގު ފަރާތުގައި ހެދި އާޓިފިޝަލް ބީޗެކެވެ. ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތަށް މާލޭގެ ރައްޔިތުންވެސް ގޮނޑުދޮށަށް ގޮސް ހިތްހަމަޖައްސާލަން ތިބެވޭފަދަ ހޮޅުއަށިތަކާއި އުނދޯލި އަދި ޖޯލިފަތިތައް ބަހައްޓައިގެން ތަރައްޤީކުރި މި ރަސްފަންނު މިއަދު ފެންނަނީ ކުރިން އޮތްގޮތާއި ކުޑަކޮށް ތަފާތު ގޮތަކަށެވެ. ކުރިން މިތަނުގައި ކަސްރަތުކުރާ މެޝިންތައްވެސް ބެހެއްޓިފައި ހުއްޓެވެ. މޫދުތެރޭގައި ހަދާފައިވާ ޕެވިލިއަންގައި ރެސްޓޯރެންޓްތައްވެސް ހުއްޓެވެ. އެހެންނަމަވެސް މިއަދު ފެންނަނީ އެ ޕެވިލިއަން ފަޅުވެ ވީރާނާ ވަމުންދާތަނެވެ.

ބޮޑު ހޭދައެއްކޮށްގެން ހެދި މި ޕެވިލިއަންގައި ރެސްޓޯރެންޓްތައް ހުރިއިރު އެކި އުމުރުފުރާގެ މީހުން އެތަނުގައި ކައިބޮއި ހެދި ދުވަސްތައް މާޒީވެއްޖެއެވެ. މިހާރު ރަސްފަންނު ފެންނަނީ އެކި ބަލިބަލީގެ މީހުން ބަލިތަކަށް ލުއިކަމެއް ހޯދުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައެވެ. މޫދު ކަސްރަތުގެ ފޯރި ވަރަށްގަދަ ތަނެއްގެ ގޮތުގައެވެ.
ހެނދުނު ހެނދުނާ މޫދަށް އެރިއުޅޭ މީހުންނާއި ވާހަކަ ދައްކާލުމުން ބުނީ ހުޅުހުޅުގައި ރިއްސުމާއި އާތްރައިޓިސް އާއި ހަކުރު ބައްޔާއި، ޕްރެޝަރާއި މައިބަދަ އަދި ކަނދުރާގެ މައްސަލަތައް ހުންނާތީ މޫދަށް އައިސް ކަސްރަތު ކުރަނީ ކަމަށެވެ.
އާޓިފިޝަލް ބީޗް ކުޑަވެފައި އެތަން އޮންނަނީ ފުރިފަކަމަށާއި، އެހެންކަމުން ރަސްފަންނަށް އައިސް މިފަދަ ކަސްރަތުތައް ކޮށްލަން މޫދުން ޖާގަ ލިބުމުގެ ދަތިކަމެއް ނެތުމުން ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް އެމީހުން ބުންޏެވެ. އެތަނުން ބައެއް މީހުންނަކީ ރަސްފަންނު ހުޅުވިފަހުން ގަވާއިދުން މޫދަށް އަންނަ މީހުންނެވެ. ހަށިގަނޑުގައި ހުރި އެކިއެކި ވޭންތަކަށް ލުއިލިބި ދިރިއުޅެން ފަސޭހަވެގެން ހިނގައްޖެކަމަށް އެމީހުން ބުނެއެވެ. އަދި ބަރުދަން ލުއިކުރުމަށް މިތަނުން އެހީތެރިވެދޭކަމަށް އެމީހުން ފާހަގަކުރިއެވެ.

ވާގިނެތުން ފަދަ ސިއްހީ މައްސަލަތައް ދިމާވި މީހުންވެސް މި ބީޗުން ފަރުވާ ހޯދާފައިވެއެވެ. ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް މޫދަށް ގެނެސް ވެލިމޮޑެ މޫދު ކަސްރަތު ކުރުވައިގެން ބައެއް މީހުންނަށް ހިނގެއެވެ. ހަށިގަނޑުގެ އެއްފަޅި ވާގިނެތުމުން ކުރިން އެކަނި ހިނގާބިނގާވެ ނޫޅެވުނު އެހެންނަމަވެސް ބަލިން އެއްކޮށް ފަސޭހަވެފައި ހުރި މީހަކާވެސް މޫދުން ބައްދަލުވިއެވެ.

މި އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިހްސާސްތަކެވެ. އެމީހުން ބުނިގޮތުގައި މޫދަށް އައުމުން ލިބޭ ހިތްހަމަޖެހުމަކީ ގޭތެރޭގެ ހާސްކަން ފިލާ ރަހުމަތްތެރިންނާ ދިމާވެ އަދި މޫދުން އާ ރަހްމަތްތެރިން ވެސް ލިބުމެވެ. މެދު އުމުރުގެ އަންހެނަކު ބުނީ "ގޭތެރެ އޮންނަނީ ތޮއްޖެހިފަ، އަބަދުވެސް އަޑު ގަދަވާނެ، އެހާސްކަން ފިލުވާލަން އަންނަން އޮތްތަނަކީ ރަސްފަންނު، އަޅުގަނޑު ބައެއްފަހަރު ބޯ ހަމަޖައްސާލަންވެސް އަންނަން މިތަނަށް، އުނދޯލީގަ ނޫނީ ހޮޅުއަށީގައި އިށީނދެލައިގެން އިނަސް ވަރަށް ހިތްހަމަޖެހުން ލިބޭ" ކަމަށެވެ.

ރަސްފަންނު މޫދަކީ ކުޑަކުދިންނާއި އެކި އުމުރުފުރައިގެ ކުދިން ފަތަން ދަސްކުރަންވެސް އަންނަ މޫދެކެވެ. ކުދިންނަށް ފަތަން ދަސްކޮށްދޭ ކޯޗުން އެކި ގަޑިތަކުގައި ކުލާސް ނަގައިދޭތަންވެސް ފެނެއެވެ. ފަތިހުން ފެށިގެން ރޭގަނޑުގެ އިރާކޮޅުވެސް ރަސްފަންނު މޫދުގައި މީހުން ކަސްރަތު ކުރުމަށް އުޅެއެވެ. ކަސްރަތު ގުރޫޕްތަކާއި ވަކި ވަކިންވެސް މީހުން ކަސްރަތުކޮށް އުޅޭ މި މޫދަށް ދިމާވާ މައްސަލައަކީ ވަކި މޫސުމަކަށް ފެންގަނޑު ތަޣައްޔަރުވުމެވެ. އެކަން މޫދަށް އެރޭ މީހުންވެސް ފާހަގަކުރެއެވެ. އެހެންނަމަވެސް ޖުމްލަ ގޮތެއްގައި މި މޫދަކީ އެރިއުޅުމަށް އެކަށީގެންވާތަނެކެވެ.
ރަސްފަންނު ނުހަދާއިރު ބާބެކިއު ހެދުމަށް މާލޭގައި އުޅޭ މީހުން ގޮސް އުޅުނީ ހުޅުމާލެއަށެވެ. އެހެންނަމަވެސް ރަސްފަންނުގައި ބާބެކިއު ހަދާ ތަންތަން ހުންނާތީ އެތަންތަނުގައި ބާބެކިއު ހެދުމަށް ރަސްފަންނު ހުޅުވި ދުވަސްވަރު މީހުން ކިއު ހަދާފައި ތިބެއެވެ.
ރަސްފަންނުގެ އެކިއެކި ބޭނުންތަކަށް ބަލާއިރު އިޖްތިމާއީ ހަރަކާތްތަކަށްވެސް ރަސްފަންނު ބޭނުންކުރެއެވެ. އަދި ނައިޓްމާކެޓް ބޭއްވުމާއި، އަމިއްލަ ފަރުދުންގެ ފަންޑްރައިޒިން ހަރަކާތްތައް ބޭއްވުމަށްވެސް ރަސްފަންނު ބޭނުންކުރެއެވެ. އެވެއާނެސް ކެމްޕެއިން ހަރަކާތްތަކަށްވެސް ރަސްފަންނު ބޭނުންކުރެއެވެ.
ބަލިބައްޔަށް ފަރުވާކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެގޮތުން ޖަމްބަލް ސޭލް ބޭއްވުމާއި، ކާބޯތަކެތި ވިއްކުމުގެ ހަރަކާތްތައްވެސް ބާއްވާފައިވެއެވެ. އަދި ޕާޓީތައް ބޭއްވުމަށްވެސް ރަސްފަންނު ބޭނުންކުރެއެވެ.
ރަސްފަންނުގައި މަސްބޭނުމަށް ޚާއްސަ ޕެވިލިއަނެއްވެސް ހަދާފައި ހުރެއެވެ. އެކި އުމުރުފުރާގެ ދެޖިންސްގެ މީހުންވެސް އެތަން ބޭނުންކުރެއެވެ. ރަސްފަންނު ސާފުކޮށް ބޭއްވުމަށް ސިޓީ ކައުންސިލުން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭކަން ފާހަގަކުރެވެއެވެ. ރަސްފަންނަށް ހަ އަހަރުވީއިރު އެކިފަހަރު މަތިން އެތަން ވަނީ މަރާމާތުކޮށްފައެވެ.