މިއީ ކޮންފަދަ ހިތްދަތިކަމެއް ގެނުވި ނިމުމެއްބާއެވެ. އެއީ އަހަރެމެން ދަންނަ ކުއްޖެއްވެސް ނޫނެވެ. އަދި ދަންނަ އާއިލާއެއް ގައުމެއްގެ ކުއްޖެއްވެސް ނޫނެވެ. އެކަމަކު އެއީ އަހަރެމެންގެ ދަރިން ފަދަ ލޯބި ލޯބި އެންމެ 5 އަހަރުގެ ރަޔާން ނަމަކަށް ކިޔާ ކުއްޖެކެވެ. އެންމެ ހަތަރު ދުވަހުގެތެރޭގައި މުޅި ދުނިޔޭގެ ގިނަ އަދަދެއްގެ ބަޔަކު އިންތިޒާރު ކުރަމުންދިޔައީ ރަޔާން ސަލާމަތްވާނެ ވަގުތަކަށެވެ.

ކުއްޖާ ވަޅުން ނެގުން
ސޯޝަލް މީޑިއާގައި ވޭތުވެދިޔަ 2 ދުވަހު އެންމެ ގިނައިން ފެނުނު އެއް ޚަބަރަކީވެސް މޮރޮކޯގެ ސަރަހައްދެއްގައި ފަސްއަހަރުގެ ކުއްޖަކު ވަޅަކަށް ވެއްޓި ސަލާމަތްކުރުމަށް ކުރަމުންދިޔަ ބުރަ މަސައްކަތުގެ ވާހަކައެވެ. ރަޔާން ކުޅެން އުޅެނިކޮށް ވެއްޓުނު ހަނި ވަޅުގެ ފުންމިނުގައި 100 ފޫޓު ހުންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ވަޅުގެ ފުޅާމިނުގައި ހުރީ އެންމެ 9 އިންޗި ކަމަށްވާތީ އެވަޅުން އެކުއްޖާ ނެގުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ.
އެކުއްޖާ ނެގީ އެވަޅާ ކައިރިން ބުލްޑޯޒަރުތަކުން ވަޅެއް ކޮނެގެންނެވެ. މިދިޔަ އަންގާރަ ދުވަހުން ފެށިގެން މެދުނުކެނޑި ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެތައްބައެއްގެ ބުރަ މަސައްކަތުން ރޭގެ ވަގުތެއްގައި ކުއްޖާ ވަޅުން ނެގުނުއިރު އޮތީ މަރުވެފައިކަމަށް ނޫސްތަކުގައި ވަނީ ބުނެފައެވެ.

ވެއްޓުނީ ކިހިނެއް؟
ރަޔާން އެ ވަޅަށް ވެއްޓުނުއިރު އޭނާގެ ބައްޕަ ދިޔައީ އެވަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ކަމުގައިވެއެވެ. ވަޅަށް ވެއްޓުނީ ބައްޕަގެ ނަޒަރު އެހެންދިމާލަކަށް ހުއްޓުނު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ރަޔާންގެ ބައްޕައާއި ހަވާލާދީ ޚަބަރުތަކުގައިވެއެވެ.

ކުރި އަސަރު
ރަޔާން ސަލާމަތްކުރުމަށް ކުރަމުންދިޔަ މަސައްކަތް އެންމެކައިރިން ބެލުމަށް ހުއްޓިހުރި ބައްޕަގެ ލޯ ހުރީ ފެންކަޅިވެފައެވެ. މަންމަގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު އެމަންޒަރު ބަލަންތިބި މީހުންގެ ލޯ ވެސް ހުރީ ކަރުނުން ފުރިފައެވެ.
ރަޔާންގެ މަންމަ ވަސީމާ، މޮރޮކޯގެ ޓީވީ ސްޓޭޝަން އަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ. "އަހަރެން ދުޢާ ކުރަން، ދަރިފުޅު ދިރިހުރެ ސަލާމަތުން އެވަޅުން ނުކުމެގެން އާދެވޭތޯ".
ރަޔާން ވަޅަށް ވެއްޓުނުފަހުން ނަގާފައިވާ ވީޑިއޯއެއް ހުކުރު ދުވަހު ވަނީ އާންމުވެފައެވެ. އެވީޑިއޯއިން ފެންނަގޮތުގައި ރަޔާންގެ ބޮލަށް އަނިޔާވެ ދިޔައީ ލޭ ފައިބަމުންނެވެ. މަޑުމަޑުން ނޭވާލަމުންދިޔައިރު ގައިގައި ތެދުވާނެހާ ހިތްވަރެއްވެސް ނެތެވެ. މިއީ ކޮންފަދަ ހިތްދަތި މަންޒަރެއްތޯ އެވެ. މައިމީހާއަށް އަދި އާއިލާއަށް އެމީހުންގެ ލޯބިވާ ދަރިފުޅު ބަނޑުހައިހޫނުކަންމަތީ ޒަޚަމްތަކާއެކު ބިމުއަޑީގައި ކަނުއަދިރީގައި އެކަނިމާއެކަނި އެހީއަށްއެދިއެދި ހިރަފުސްތެރޭގައި އޮންނަ މަންޒަރު ފެނުމުން ކުރާނެ އަސަރު ވިސްނާލަމާތޯއެވެ.

މީޑިއާތަކުގައި ބުނާގޮތުން އެވަޅުން ރަޔާން ނެގުމަށް 4 ދުވަސް ހޭދަވިއިރު ރަޔާންގެ އާއިލާއަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ. އަދި އެ ލޯބި ދަރިފުޅު މަރުވިކަން އެނގުނު ހިސާބުން ދާއިމީ ހިތާމައަކަށް އެކަން ވަނީ ބަދަލުވެފައެވެ.
މައިންބަފައިން ސަމާލުވަމާ!
މަދުންނަމަވެސް މޫދަށް ނުވަތަ ފެންގަނޑަކަށް ފަދަ ތަންތަނަށް ވެއްޓި ކުދިންނަށް ބޮޑެތި އަނިޔާތައް ލިބެމުންދެއެވެ. އަދި ބައެއް ކުދިން ވަނީ ހިތާމަވެރި ހާދިސާތަކުގައި މަރުވެފައެވެ.
ވިސްނަންވީ ކުޑަކުދިންނަކީ ކުޑަވަގުތުކޮޅެއްގެ ތެރޭގައިވެސް ކޮންމެފަދަ ކަމެއް ކޮށްފާނެ ބައެއްކަމެވެ. މަސައްކަތަކަށް ވަޅެއް ކޮނުނު ކަމުގައިވިއަސް އަދި ގޭގައި މަސް ފެންގަނޑެއް ހެދިކަމުގައިވިއަސް އަދި ކުދިން ގޮވައިގެން މޫދު ނުވަތަ ޕޫލަށް ދިއަސް ސަމާލުވާށެވެ. ކުދިންނަށް ގެއްލުމެއް ނުލިބޭނެފަދަ ގޮތަކަށް އެކުދިން އުޅޭ މާހައުލު ބެހެއްޓޭތޯ މަސައްކަތްކުރާށެވެ. ނޫނީ ހިތާމަވެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާކަމެކެވެ.
ރަޔާން ސަލާމަތްކުރުމަށް ހިންގި ބޮޑު އޮޕަރޭޝަންގެ މަންޒަރުތައް ސޯޝަލް މީޑިއާއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަލާފައެވެ. ރަޔާން ވަކިވެދިޔަ މަންޒަރަކީ ބަލާލަން ފަސޭހަ މަންޒަރެއް ނޫނެވެ. ދުޢާ އަކީ ރަޔާން އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމެވެ. އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.