November 22, 2024 14:44
Advertisement

-Advertisement-

ދަތި ހާލުގައި އުޅޭ އާއިލާތަކަށް ރޯދަމަހު އެހީތެރިވެދިނުމަށް މަމްސް އިން ކެމްޕޭނެއް

ދަތި ހާލުގައި އުޅޭ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ގިނަ 'ފަންޑްރައިޒިން' ހަރަކާތްތައް ކުރިއަށް ގެންދާ މަމްސް އެންޖީއޯގެ ފަރާތުން މިއަހަރުގެ ރޯދަމަހު އެހީތެރިކަން ބޭނުންވާ ބައެއް އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް ޚާއްސަ ކެމްޕެނޭއް ވަނީ ފަށާފައެވެ.
'ހެލްޕް އަ ފެމިލީ ދިސް ރަމަޟާން' ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕޭން އާއި ގުޅޭގޮތުން ޒީޓައިމްސްއަށް މައުލޫމާތު ދެއްވަމުން މަމްސްގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރ ފާތުމަތު ފިއުރީން ވިދާޅުވީ މިއީ މަމްސް އެންޖީއޯގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް އެހީވުމަށް ހިންގާ ކެމްޕޭނެއް ކަމަށެވެ.
ދާއިމީކޮށް އެހީ ބޭނުންވާ ކެއާ ލިސްޓްގައި 300 އަށްވުރެ ގިނަ އާއިލާއިން ރަޖިސްޓްރީ ކޮށްފައިވާއިރު ފިއުރީން ވިދާޅުވީ މި އާއިލާތަކަކީ އެކަނިވެރި މައިންނާއި އެކަނިވެރި ބައްޕައިން އަދި މައިންބަފައިންނަށް ލިބޭ އާމްދަނީ އިން ދެކޮޅުނުޖެހި ދަތިހާލުގައި އުޅެމުންދާ އާއިލާތައް ކަމަށެވެ. މީގެ އިތުރުން ބަލިބަލީގެ ސަބަބުން ނިކަމެތި ވެފައިވާ އާއިލާތަކާއި، ތަފާތު ސަބަބުތަކާއި ހުރެ ޒަރޫރީ ބޭނުންތައް ނުފުއްދޭ އާއިލާތައް ކަމަށެވެ.
ކެއާ ލިސްޓްގައި ހިމަނާފައިވާ ހުރިހާ އާއިލާއަކީވެސް މަމްސް އިން އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކެއްކަން ކަށަވަރު ކުރުމަށްފަހު ލިސްޓްގައި ހިމަނާފައިވާ އާއިލާތަކެކެވެ. ރޯދަމަހު ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އިން މަސައްކަތްކުރަމުން ދަނީ މީގެތެރެއިން 100 އާއިލާއަކަށެވެ.

މަމްސް އިން މިދިޔައަހަރުގެ ރޯދަމަހާއި ދިމާކޮށް ކުރިއަށްގެންދިޔަ ކެމްޕެއިނަށްފަހު އެހީތެރިކަން ފޯރުކޮށްދެނީ

މި ކެމްޕޭނަށް ފައިސާއާއި ކާބޯތަކެތިންވެސް އެހީތެރިވެވޭނެ ކަމަށް ފިއުރީން ވިދާޅުވިއެވެ. މިގޮތުން ރޯދަމަހުގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ހިމަނައިގެން މަމްސް އިން އެކުލަވާލާފައިވާ ކެއާ ބާސްކެޓްގައި ހިމެނޭ ތަކެތި ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކެމްޕޭނާއި ގުޅޭ އިތުރު މައުލޫމާތު މަމްސްގެ ފޭސްބުކް ޕޭޖާއި އިންސްޓަގްރާމުންވެސް ލިބޭނެ އެވެ.
އެހީ ބޭނުންވާ އާއިލާތަކަށް ރޯދަމަހު އެހީވުމަށް ފައިސާ ޖަމާކުރާނީ މަމްސްގެ ދިވެހި ރުފިޔާ އެކައުންޓް ނުވަތަ ޑޮލަރު އެކައުންޓަށެވެ. 

  • 7730000294482 MVR
  • 7730000294483 USD 

ފިއުރީން ވިދާޅުވީ މީގެ ކުރިން 'ހެލްޕް އަ ފެމިލީ ދިސް ރަމަޟާން' ކެމްޕޭން 2 އަހަރަކު ކުރިޔަށް ގެންދެވުނު ކަމަށެވެ. ކޮންމެ ފަހަރަކުވެސް މަސައްކަތްކުރަނީ 100 އާއިލާއަށް އެހީތެރިވާން ކަމަށްވިޔަސް މަމްސް ޖަމްއިއްޔާއަށް އެހީތެރިވެދެއްވާ ފަރާތްތަކުގެ ދީލަތި ކަމާއެކު މިދިޔަ އަހަރުވެސް 145 އާއިލާއަށް ރޯދަމަހުގެ އެހީ ޕެކޭޖް ފޯރުކޮށްދެވުނު ކަމަށް ފިއުރީން ވިދާޅުވިއެވެ. 

Advertisement

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކެމްޕޭނަކަށްފަހު ކެމްޕޭނެއްގައި ލިބޭ ޑޮނޭޝަންސް ހަމަ އިތުރުވޭ. ރޯދަމަހުގެ ކެމްޕޭންގެ އިތުރުން ހަމަ ފާހަގަކޮށްލަން މިހާރުވެސް ކުރިއަށް އެބަގެންދަން 'ހެލްޕް އައިޝާ ފެމެލީ'ގެ ނަމުގައި ކެމްޕޭނެއް. އެއީ ވަރަށް ދަތި ހާލުގައި 4 ދަރިން ގޮވައިގެން އުޅޭ އެކަނިވެރި މަންމައެއް. އިރާދަކުރެއްވިއްޔާ އެއާއިލާގެ ގެ މަރާމާތުކޮށް އާ ފަރުނީޗަރު ހޯދާ އެ އާއިލާއިން އެގެއަށް ބަދަލުވެވޭތޯ މިބަލަނީ މާރިޗް ހިސާބުގަ" ފިއުރީން ވިދާޅުވިއެވެ. 

'ހެލްޕް އައިޝާ ފެމިލީ' ކެމްޕޭނާއި ގުޅޭ ގޮތުން ފިއުރީން ވިދާޅުވީ އެއާއިލާގެ ދިރިއުޅުމުގެ ކަންކަން މަމްސް އިން ވަރަށް ގާތުން ބެއްލެވި ކަމަށާއި، މިހާރު އެ އާއިލާއިން ދިރިއުޅޭތަނަކީ ހިރިގަލުން ރާނާފައި ހުރި ވަރަށް ކުރީގެ ގެއެއް ކަމަށެވެ. އަދި އެތަނުގެ ފާރުތައް ބައުވެ އެފާރުތަކުން ބިޗޫފަދަ ސޫފިތައް ނިކުމެ ކުޑަކުދިންނަށް އެއެއްޗެހީގެ ފަރާތުން ގެއްލުންވެސް ވެފައި އެބަހުރިކަމަށެެވެ. މީގެ އިތުރުން އެތަނުގެ ނިދުމުގެ ކަންކަމާއި ދިރިއުޅުމުގެ ހާލަތު ހުރީ ވަރަށްދެރަ ގޮތަކަށްކަން ފާހަގަކުރެވިގެން މިހާރު މަމްސް އިން އަންނަނީ އެ އާއިލާއަށް ދިރިއުޅުމަށް އެކަށީގެންވާވަރަށް އެ ގެ މަރާމާތު ކުރަމުންނެވެ. އެގޮތުން އެގޭގެ ހަލާކުވެފައިވާ ފުރާޅު ބަދަލުކުރުމާއި ފާރުތައް މަރާމާތުކޮށް ކުލަލުން ހިމެނެއެވެ. މިއީ ހަތަރު ކުދިންގެ ބައްޕަގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭ މި އާއިލާއަށް، މަމްސްއަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދީލަތި އެހީގެ ދަށުން މަމްސް އިން ދޭ އެހީއެވެ. 

ގޭގައި ތިބޭ މަންމައިން ބައިވެރިވެގެން އުފައްދާފައިވާ މަމްސް އެންމެ ފުރަތަމަ ހަރަކާތްތެރިވާން ފެށީ 2017 ގައި ފޭސްބުކްގެ ކްލޯސް ކޮމިއުނިޓީއެއްގެ ގޮތަށެވެ. މަމްސްއަށް 6 އަހަރުވެފައިވާއިރު އެންޖީއޯއެއް ގޮތަށް ރަޖިސްޓްރީ ކޮށްގެން ހިންގާތާ މިހާރު ވަނީ 3 އަހަރު ވެފައެވެ. މަމްސްގެ ފާހަގަކޮށްލެވޭ މަސައްކަތްތަކަށް ބަލާއިރު 2019 އަދި 2021 ގައި ވަނީ 'ބެކް ޓު ސުކޫލް' ގެ ނަމުގައި ސުކޫލު ކުދިންނަށް އެހީވުމަށްވެސް ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. މިއަހަރުވެސް މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަމަށް ފިއުރީން ވިދާޅުވިއެވެ.

"މިދިޔަ ދިރާސީ އަހަރު ފެށުނުއިރު އަޅުގަނޑުމެން ހިމަނާފައިވާނެ ޑޮނޭޝަން ލިސްޓްގައި ސެނިޓައިޒާ، މާސްކް ފަދަ ތަކެތިވެސް، މިއަހަރުވެސް ސުކޫލް ހުޅުވެން ކައިރިވީމަމި ކެމްޕޭން ބާއްވަން ރާވާފަ ވަނީ. 2020 ގައި އޮންލައިންކޮށް ކިޔެވުން ގެންދިޔައީމަ އާއި ކޮވިޑާއި ގުޅިގެން މި ކެމްޕޭން އަޅުގަނޑުމެންނަކަށް ކުރިޔަކަށް ނުގެންދެވުނު" ފިއުރީން ވިދާޅުވިއެވެ. މި ކެމްޕޭންގެ ދަށުން 2019 ވަނަ އަހަރު ސުކޫލަށް ބޭނުންވާ ތަކެތި ދަތި ހާލުގައި އުޅޭ 100 ކުދިންނަށް ފޯރުކޮށްދެވުނެވެ. 2021 ވަނަ އަހަރު 48 ދަރިވަރުންނަށް ސުކޫލަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނެވެ. މީގެ ތެރޭގައި ޔުނީފޯމާއި، ބޫޓާއި، ދަބަސްފަދަ ތަކެތި ހިމެނެއެވެ. 

ކޮވިޑްގެ ކުރީކޮޅު މަމްސް އިން ވަނީ 'ކޮވިޑް ރިލީފް' ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސް އެހީ ބޭނުންވާ ބައެއް އާއިލާތަކަށް ކާބޯތަކެއްޗާއި އެހެނިހެން ތަކެތީގެ އެހީ ފޯރުކޮށްދީފައެވެ. 

މަމްސް ޖަމްއިއްޔާ ހިންގުމުގައި ހަރަކާތްތެރިވަނީ ހުސް މަންމައިންނެވެ. ގޭގައި ތިބެގެން އާމްދަނީހޯދާ މަންމައިން ފެށި މި އިޖްތިމާއީ ހަރަކާތުގައި މި އެންޖީއޯ ހިންގުމުގައި މިހާރު ވަޒީފާތަކަށްދާ މަންމައިންވެސް ބައިވެރިވެއެވެ. ކޮންމެ ހަރަކާތެއްގައިވެސް މަމްސް އެންޖީއޯއަށް އާންމު މެންބަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކޮށް ފިއުރީން ވަނީ އާންމު މެންބަރުންނާއި އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުގެ އިތުރުން ރަށްރަށުގައި ހަރަކާތްތެރިވާ މަމްސް އެންޖީއޯގެ އައިލެންޑް އެޑްމިނިސްޓްރޭޓަރސް އަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

+1
0
+1
2
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް