ލ. ދަނބިދޫ އަށް އުފަން އާމިނަތު ޝަޒުރާ އާއި އެރަށު މޫސާ ހާޝިމްގެ ކައިވެންޏަށް މާގިނަ ދުވަސް ނުވަނީސް އަލަތު ދަރިފުޅަށް ބަނޑުބޮޑުވިއެވެ.
އެއްމާބަނޑު ދެކުދިން ލިބޭކަން އެނގުމުން ދެމަފިރިންނަށް ލިބުނީ އިތުރު އުފާވެރިކަމެކެވެ. އެއިރު ދަނބިދޫ ސްކޫލުގައި ވަގުތީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ޝަޒުރާ ވަޒީފާއިން ވަކިވީ ބަނޑުބޮޑުވެ އިތުރަށް މަސައްކަތްކުރަން އުނދަގޫވުމުންނެވެ. އެހާހިސާބުން ވަގުތީގޮތުން ބަދަލުވީ ލ.ގަމަށެވެ. އެއީ ސިއްޙީ ފަރުވާ ލިބޭނެތަނެއްގައި މަޑުކުރުމުގެ ބޭނުމުގައެވެ.
ބަނޑަށް 8 މަހުގައި ސިޒޭރިއަން ހަދައިގެން 2 ކުދިން ނަގަންޖެހުނު ގޮތް 'ޒީޓައިމްސް' އަށް ކިޔައިދެމުން ޝަޒުރާ ބުނީ ފުރަތަމަ ބަނޑަށް ތަދުވާންފެށީ ކަމަށެވެ.
" ޑޮކްޓަރު ބަލާފަ ބުނީ ވިހަންއަރާ ތަދެއް ނޫންކަމަށް. ބަނޑުގައި އޮވެގެން ބޭބީ ވަރަށް ލުއިވާކަމަށް ބުނި. އެއް ބޭބީ ކަރުގައޮތީ ފޫޅު އޮޅިފަ. ބޭބީ އޮތީ ވިހެވޭކަހަލަ ގޮތަކަށްނޫނޭ ބުނީ. މައްޗަށް ވާގޮތަށް ބޯހުރީވެސް. އެހެންވެ ސިޒޭރިއަން ހަދައިގެން ދެކުދިން ނެގީ"
ދެވަނަ ދަރިފުޅު ބަލިކަން އެނގުނުގޮތް
އެއްމާބަނޑު ދެކުދިން ލޮލަށް ފެނުނުވަގުތު އެއީ ކުރެވުނު ވަރަށް އުފާވެރި އިހުސާސެކެވެ. އެކަމަކު ފުރަތަމަ ދަރިފުޅު (ހިރާ) ބޭއްވީ ޝަޒުރާ ކައިރީގައެވެ. ދެވަނަ ދަރިފުޅު (ހައިރާ) ދައްކާލުމަށްފަހު ގެންދިޔައީއެވެ.
" ހައިރާ އޮތީ އެންއައިސީޔޫގަ ބާއްވާފަ. އޮކްސިޖަން ލެވެލް ވަރަށް ދަށްކަމަށް ބުނީ. ކުޑަކުދިންގެ ޑޮކްޓަރު ފަހުން ބުނީ ބޭބީ (ހައިރާ)ގެ ހިތުގަ އެބަހުރޭ ވަރަށްބާރު އަޑެއް. ގަމުން ޓެސްޓް ނެހެދޭކަމަށް ބުނީ"
ނަރުހަކާއެކު ޝަޒުރާއާއި ދެކުދިން މާލެއައީ އެދެކުދިން އުފަންވިތާ 3 ވަނައަށްވީ ދުވަހުގައެވެ. މާލެ ގެނައިގޮތަށްވެސް ކުޑަދަރިފުޅު އޮތީ އެންއައިސީޔޫގައި ކަމަށާއި އެކޯޓެސްޓް ހެދިއިރު ހިތުގައި ވަރަށްބޮޑު މައްސަލައެއް ހުރިކަމަށް ޑރ. އެލީނާ ވިދާޅުވިކަމަށް ޝަޒުރާ ވަނީ ފާހަގަކޮށްފައެވެ.
" ބޭބީގެ ހިތް އުފެދިފަ ހުންނަނީ އެހެންކުދިންނާ ތަފާތުކޮށް ކަމަށް ބުނީ. ހިތުގެ މެދުގައިންނަ ބައި އުފެދިފަވަނީ ވަރަށްކުޑަކޮށް. ހިތުގެ މައި ދެނާރު އިނީ އެއްފަރާތުގަ. ނުސާފުލޭ ޕަންޕުވެގެން އައިސް އަނެއްކާވެސް އެޅެނީ އެއްފަޅިއަކަށް. ވަރަށްބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ބުނީ" ޝަޒުރާ ހިތްދަތިކަމާއެކު ކިޔައިދިނެވެ.
ޑރ. އެލީނާ އާއި ހަވާލާދީ ދެކުދިންގެ މަންމަ އިތުރަށް ބުނީ އެއިރު ރާއްޖެއިން މިއޮޕަރޭޝަން ކުރެވެން ނެތް ކަމަށެވެ. ވިހޭއިރު ހައިރާގެ ބަރުދަނަކީ 2.1 ކިލޯއެވެ. އެކަމަކު އެންއައިސީޔޫގައި އޮތްއިރު ބަރުދަން ވަނީ 1.6 ކިލޯ އަށް ލުއިވެފައެވެ.
" ރާއްޖެއިން ބޭރަށްދާން ބުނީ. އެކަމަކު ދިޔަސް ދަރިފުޅުގެ ބަރުދަން އެވަރުގައި ހުރެގެން އޮޕަރޭޝަން ނުކުރެވޭނެއޭ ބުނީ. ދެން އިންޑިއާގެ ހޮސްޕިޓަލަކުން ވެސް ބެލިން ޓެސްޓްތަކުގެ ނަތީޖާ ފޮނުވައިގެން. ހަމަ އެއްޖަވާބެއް ލިބުނީ. ބޭބީ އޮންނަނީ އޮކްސިޖަން ގުޅާފަ. ފެންވަރުވާލަން އޮކްސިޖަން ނެއްޓިއަސް އިތުރަށް ދަށެއްނުވޭ އޮކްސިޖަން. އެހުރިވަރަށް ހުންނަނީ"
ޝަޒުރާގެ ދެމަފިރިންނާއި ދެކުދިންގެ އިތުރަށް މައިންބަފައިން މަހެއްހާ ދުވަސްވަންދެން އައިޖީއްމެއެޗްގައި މަޑުކުރިކަމަށް ވަނީ ބުނެފައެވެ. އަދި އެއަށްފަހު 2 ކުދިންނަށް 3މަސް ވަންދެން މަޑުކުރީ މާލޭގެ ގެއެއްގައެވެ. އެއީ ހަފްތާއަކު އެއްފަހަރު ޑޮކްޓަރަށް ދައްކަންޖެހޭތީ ކަމަށް ވަނީ ބުނެފައެވެ.
" ހުދުހަން ހުންނަ ހިސާބު ހުންނަނީ އަޅިކުލައެއްގައި. ފިނިގަދަވީމަ ވަރަށްކުލަ ބަދަލުވޭ. އެއްވެސް ގޮތަކަށް ދަރިފުޅު ނުރޮއްވަން ބުނެފަ އޮންނަނީ. 3 މަސްވީމަ އިތުރު އުދަގުލެއް ނުވާތީ ރަށަށް އައީ. ކުރިން ކޮންމެ 3 މަހަކުން ދައްކަމުން އައީ. ފަހުން 6 މަހުން ދައްކަމުންގޮސް މިދިޔަ މަހު ދެއްކީމަ ޑޮކްޓަރު ބުނީ އޮޕަރޭޝަން އަވަހަށް ކުރުމަށް"
މިހާރުގެ ހާލަތު
ޝަޒުރާ ފާހަގަކުރިގޮތުގައި އެ ދެކުދިންނާއެކީ ސަކަރާތްޖަހާ މަޖާކުރަންވެސް ބޭނުންވެއެވެ. އެކަމަކު އެފުރުސަތެއް ނެތެވެ.
" ބަލާފަ ނޭނގޭނެ ބޮޑުމައްސަލައެއް އުޅޭކަމެއް. ހަންގަނޑު ވަރަށް މަދުވާނެ ރީއްޗަށް ހުންނަލެއް. ރުޔަސް އެހެންވޭ. މިހާރު ހީސަމާސާކުރިއަސް އެހެންވޭ. ދަރިފުޅު ހިނގާ. އެކަމަކު އަނެއް ބޭބީ އުޅޭގޮތަށް އެހާ ހަލުއިކޮށް ނުއުޅެވޭ ގިނައިރު. ދެފަހަރަކު ދެކޮޅަށް ހިނގާލާއިރަށް ވަރުބަލިވެ މާނޭވާލެވި ހޮޑުލާނެ. ކޮންމެ ރެއަކު ދަންވަރު ތެދުވެފަ ވަރަށް ރޯނެ. ބުނެދޭން ނޭނގޭނެތާ އެވަރުގެ ކުއްޖަކަށް ވާގޮތެއް. އަނގަ ބޮޑަށް ހުޅުވާފަ ދެލޯ ބޮޑުކޮށްގެން އޮވެ ނޭވާލާނެ. ދެން ނަގައިގެން އެހެންއުޅޭއިރު މަޑުމަޑުންގޮސް ނިދޭނީ"
މަސައްކަތްކުރަނީ ރާއްޖެއިން ބޭރަށް ދިއުމަށް
ހައިރާގެ އޮޕަރޭޝަން މިހާރު ރާއްޖެއިން ކުރެވޭކަމުގެ މައުލޫމާތު ލިބިފައިވިޔަސް، ޝަޒުރާމެން އާއިލާއިން މަސައްކަތްކުރަނީ އިންޑިއާ އަށް ގޮސް އޮޕަރޭޝަން ކުރުމަށެވެ.
" ގިނަ ޑޮކްޓަރުން ބުނަނީ ރަނގަޅުގޮތަކީ ރާއްޖެއިން ބޭރަށް ދިއުންކަމަށް. ޑޮކްޓަރުން ބުނަނީ ރާއްޖެއިން އޮޕަރޭޝަން ކުރެވިދާނޭ. އެކަމަކު ރާއްޖޭގައި ނެތޭ އޮޕަރޭޝަން ކުރުމަށްފަހު ބާއްވާނެ ރަނގަޅު ނާސަރީއެއް"
ފުރަތަމަ ދަރިފުޅުގެވެސް ހިތުގެ މައްސަލައެއް
އެއްމާބަނޑު ދެކުދިންގެތެރެއިން ދެވަނަދަރިފުޅު ހައިރާގެ ހިތުގެ ބޮޑުމައްސަލައެއް ހުރިއިރު ފުރަތަމަ ދަރިފުޅު ހިރާގެ ވެސް ހިތުގެ މައްސަލައެއް އުޅޭކަމަށް ޝަޒުރާ ވަނީ ބުނެފައެވެ.
" ހިރާގެ ވީގޮތަކީ ގަމު ހޮސްޕިޓަލުން ބުނީ އެއް ބޭބީގެ މައްސަލަ ހުރިއްޔާ ދެންހުރި ބޭބީގެވެސް ޓެސްޓް ހެދުމަށް. އެއީ އެއްމާބަނޑު ކުދިންގެ އާންމުކޮށް އެއްކުއްޖެއްގެ މައްސަލަ ހުރިއްޔާ އަނެއްކުއްޖާގެ މައްސަލަ އުޅެދާނެތީ. އެހެންވެ ޓެސްޓްހެދިއިރު ހިރާގެވެސް ހިތުގަ ލޯވަޅުތަކެއް ހުރިކަމަށް ޑޮކްޓަރު ބުނީ. އަދި އެއްފަޅިން އަނެއްފަޅިއަށް ލީކުވާކަމަށް. ފުރަތަމަ ލޯވަޅުތައް ބެދޭނެކަމަށް ލަފާކުރީ. އެކަމަކު އެންމެފަހުން ދެއްކިއިރު އަދި ނުބެދޭ. އެހެންވެ ރަނގަޅު ނުވަންޏާ ސާޖަރީއަކަށްދާންޖެހޭނެ ކަމަށް ޑޮކްޓަރު ބުނެފަވަނީ" ޝަޒުރާ ކިޔައިދިނެވެ.
ޝަޒުރާ އުންމީދުކުރަނީ ފުރަތަމަ ދަރިފުޅުގެ އޮޕަރޭޝަން ކުރުމަށް ރާއްޖެއިން ބޭރަށްދާއިރު ދެވަނަ ދަރިފުޅަށްވެސް ފަރުވާ ހޯދުމަށެވެ. މި ދެކުދިންގެ އުމުރުން މިހާރުވަނީ އެއްއަހަރާއި 3 މަސް ފުރިފައެވެ.
އެދެނީ ދީލަތީ އެހީއަށް
އުމުރުން 20 ވަނަ އަހަރު ލިބުނު މި ދެކުދިންގެ ބޭސްފަރުވާއަށް ޝަޒުރާ ހުރީ އޭނާގެ ހުރިހާވަގުތެއް ހުސްކޮށްގެންނެވެ. މަސައްކަތްކުރަމުން ދަނީ ވީހާއަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. ފިރިމީހާ މިހާރު މަސައްކަތްކުރަނީ ފެނަކައިގަ ކަމަށް ޝަޒުރާ ވަނީ ބުނެފައެވެ.
ބޭސްފަރުވާ ފުރިހަމަކުރުމަށް ރާއްޖެއިން ބޭރުގައި ގިނަދުވަހު މަޑުކުރާއިރު ބޮޑު ޚަރަދުތަކެއް ހިނގާނެކަމަށް ބެލެވޭތީ ޝަޒުރާ އެދެނީ އާންމުންގެ ދީލަތި އެހީތެރިކަމެއް ލިބުމެވެ.
ނޯޓް: މި ޢާއިލާ އަށް އާންމުންގެ ފަރާތުން އެހީތެރިކަން ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ. ޒީޓައިމްސްގައި މިރިޕޯޓު ޕަބްލިޝް ކުރުމުން މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިން މީހުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ!