ޚަބަރެއް ހޯދުމަށް މަސައްކަތް ކޮށްގެން އަމިއްލަ މީހާގެ ފުރާނަ ނުރައްކަލަށް ވައްޓާލުމަކީ އަގުހުރި ކަމެއް ހެއްޔެވެ؟ މިއީ މެކްސިކޯގެ ނޫސްވެރިން އަމިއްލަނަފްސާ ކުރާ ސުވާލެކެވެ. މެކްސިކޯގައި ޚަބަރެއް ހޯދަން އުޅުމަކީ ނޫސްވެރިންނަށް ހަނގުރާމަވެރި ސަރަހައްދުތައް ފިޔަވާ އެންމެ ނުރައްކާތެރި ތަނެވެ. މިއަހަރުގެ މިހާތަނަށް މެކްސިކޯގެ 5 ނޫސްވެރިއަކު ވަނީ މަރާލާފައެވެ.
އެ ނޫސްވެރިން އެމީހުންގެ ޒިންމާ އަދާކުރަމުންދާތީ ފުރާނަ ނަގާލިއިރު މެކްސިކޯގެ ނޫސްވެރިން އަމިއްލަ ނަފްސާ އެކުރާ ސުވާލަށް އިތުރު ބުރަދަނެއް ލިބެއެވެ. މެކްސިކޯގެ ނޫސްވެރިންނަށް އިންޒާރު ލިބެނީ ރާވައިގެން ކުށްކުރާ މީހުންނާއި އަދި ސަރުކާރުގެ އޮފިޝަލުންގެ ފަރާތުންނެވެ. ކާކުކަން ނޭންގޭ ގޮތަށްވެސް ބައެއް ފަރާތްތަކުން ނޫސްވެރިންނަށް އިންޒާރުދެއެވެ.
މި އިންޒާރުތަކާއި ގުޅިގެން ބައެއް ނޫސްވެރިން އެހެން ދާއިރާތަކަށް ވަޒީފާ ބަދަލުކުރަންވެސް މަޖުބޫރު ކުރުވާފައިވެއެވެ. އަދި ބައެއް ނޫސްވެރިން މަސައްކަތްކުރަނީ ކާކުކަން ނޭންގޭ ގޮތަށެވެ. މިކަމުގެ ސަބަބުން މެކްސިކޯގައި ހިނގާ ނުހިނގާ ކަންކަމުގެ މައުލޫމާތު އެގައުމުގެ ރައްޔިތުންނަށް ލިބޭ މިންވަރު ނުވަތަ ޚަބަރުތައް ކިޔަން ލިބޭމިންވަރު ވަނީ ދަށްވެފައެވެ.
'ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް' (ސީޕީޖޭ) އިން ބުނާގޮތުގައި 2015 ވަނަ އަހަރުން ފެށިގެން އެގައުގައި 29 ނޫސްވެރިން މަރާލައިފިއެވެ. މީގެތެރޭގައި މި އަހަރު މިހާތަނަށް މަރާލި 5 ނޫސްވެެރިންނެއް ނުހިމެނެއެވެ. ސީޕީޖޭގައި މެކްސިކޯ ތަމްސީލް ކުރާ މެންބަރު ޖެން-އަލްބާޓް ހުޓްސަން ވިދާޅުވީ އެގައުމުގައި މައްސަލަ އަކީ ކޮރަޕްޝަނާއި، ނޫސްވެެރިން މަރާމީހުންނަށް ދޫކޮށްލުމާއި، ފުލުހުންނަށް ދޭ ފެންވަރުދަށް ޓްރެއިނިންގ ކަމަށެވެ. މިއީ ވަރަށް ޒަމާންވީ މައްސަލައެއް ކަމަށާއި މިކަން ހައްލުކުރަން ގިނައަހަރުތަކެއް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިން ގުރުބާންވެގެން ލިޔަނީ ތާރީހަށްޓަކާ
ރިޕޯޓްތައް ލިޔަނީ ތާރީހަށްޓަކައި ކަމަށް މެކްސިކޯގެ ނޫސްވެރިން ބުނެއެވެ. 'ކްރައިމް އެންޑް ވަޔަލެންސް' ގެ ދާއިރާއިން ތަހްޤީޤީ ނޫސްވެރިކަން ކުރާ މަދު ނޫސްވެރިންގެ ތެރެއިން ޖުއާން އަލްބާޓޯ ސެޑިއްލޯ ގުއެރޭރޯ އަކީ ނޯތްއީސްޓް މެކްސިކޯގެ ކުއްވެރިންގެ ކަންކަން ހޯދާ ރިޕޯޓްކުރާ ނޫސްވެރިއެކެވެ. ކޮލެޖުގައި ހިސްޓްރީ ސްޓަޑީޒް އިން ތައުލީމު ހާސިލްކުރަމުންދިޔަ އަލްބާޓޯ ކިޔެވުން ފުރިހަމަނުކޮށް ކޮލެޖުން ވަކިވެގެން ވީ ނޫސްވެރިއަކަށެވެ. އޭނާ އެންމެފުރަތަމަ ރިޕޯޓް ކުރަންފެށީ ވިޔަފާރިއާގުޅޭ ޚަބަރުތަކެވެ. އެހެންނަމަވެސް 15 އަހަރު ކުރިން ހަމަނުޖެހުންތައް ބޮޑުވެ ހައްދުން ނައްޓައިގެން ދިއުމުން މީގެ ފަހަތުގައި ވަނީ ކޮންކަމެއްތޯ އަލްބާޓް ވިސްނަމުން ދިޔައެވެ. އޭގެ ފަހުން އެގައުމުގައި ހިންގި އާދަޔާއިޚިލާފު ބޮޑެތި ކުއްތަކާގުޅޭ ކަންކަން އޭނާ ރިޕޯޓް ކުރަން ފެށިއެވެ. އޭގެ ތެރޭގައި 2011 ވަނަ އަހަރު ތިން ދުވަސްވަންދެން އެލެންޑޭ ޓައުންގައި ހިންގި ޤަތުލު އާންމުގައި އާންމުން މެރި ހާދިސާވެސް ހިމެނެއެވެ. ފަހުން އެ ހާދިސާ ވަނީ ނެޓްފްލިކްސްގެ ޑްރާމާ “ސޯމޯސް” ގައި ކިޔައިދީފައެވެ. އަދި ކުއްތަކާއި އަނިޔާވެރި އަމަލުތަކާއި ގުޅޭ ފަސްފޮތެއްވެސް އޭނާ ލިޔުނެވެ. ތާރީހަށްޓަކައި މިކަންކަން ހާމަކުރުމުގެ ސަބަބުން އޭނާ ހައްޔަރުކުރިއެވެ. އޭނާ ހައްޔަރުކުރި ފުލުހުން އޭނާއަށް ވަރަށްބޮޑަށް އަނިޔާކުރިއެވެ. އަދި އެތައްފަހަރެއްގެ މަތިން މަރުގެ އިންޒާރުތައް ލިބުނެވެ. އޭނާ އާންމުކުރަމުން ދިޔަ ރިޕޯޓަކާއި މެދު ރުޅިއައިސްގެން ޑްރަގް ޓްރެފިކް ކުރުމުގައި އުޅޭ ބޮޑުންގެ ގޭންގުތަކުން އޭނާގެ ގެއަށްވެސް ގެއްލުންދިނެވެ. ގައުމީ ނޫހުން ޕަބްލިޝްކުރި އެ ރިޕޯޓްގައި އޭނާގެ ނަން ނުޖެހުމަށް އަލްބާޓޯ އެދުނެވެ. އެހެންނަމަވެސް އެޑިޓަރުން އެކަން ގަބޫލުނުކޮށް އޭނާގެ ނަމުގައި ރިޕޯޓް ޕަބްލިޝް ކުރީއެވެ. އޭރު އޭނާއަށް އަންނަމުންދިޔަ ނުރައްކާތެރި އިންޒާރުތަކެއް އެޑިޓަރުންނަށް އިހްސާސްވެސް ނުކުރެވެއެވެ. މިއީ އެގައުމުގެ ހާލަތެވެ.
އަލްބާޓޯ ބުނާގޮތުންނަމަ ތަހްޤީޤީ ނޫސްވެރިކަންކުރާ ނޫސްވެރިއެއްނަމަ ރިޕޯޓެއް އާންމުކުރުމަށްފަހު ދެން އުޅެންޖެހޭނީ ފިލައިގެންނެވެ. އަލްބާޓޯވެސް އުޅުނީ އެހެންނެވެ. ރިޕޯޓް ޕަބްލިޝްކުރުމަށްފަހު ގައުމު ދޫކޮށް ދުވަސްކޮޅަކަށް އެހެންތަނަކަށް ދަނީއެވެ. ބައެއްފަހަރު ރައްޓެހިންގެ ގޭގެއިންވެސް ހިމާޔަތް ހޯދައެވެ. އެކިރޭ އެކިގޭގައި ނިދަންޖެހެއެވެ. އެއީ ނުރައްކާތެރިކަން އިހްސާސްކުރެވޭ ދުވަސްވަރެއް ކަމަށާއި ދުވަސްތަކެއްފަހުން އެކަން ހަމައަކަށްއެޅޭ ކަމަށް އަލްބާޓޯ ބުންޏެވެ. އަދި ނޫސްވެރިކަން ދޫކޮށްލަންވެސް ވަރަށްގިނަ ފަހަރު ވިސްނިއެވެ. ކާކުކަން ނޭންގޭ ގޮތަށް ރިޕޯޓް ކުރުމަށްވެސް މަޖުބޫރުވި ހާލަތްތަކެއް އައެވެ. އޭނާގެ އަންހެނުންނާއި ވަކިވެ ދެމަފިރިންގެ ގުޅުން ނުކެނޑުނުނަމަ މި ރިސްކު ނަގާކަށް ނުކެރޭނެކަމަށް އަލްބާޓޯ ބުންޏެވެ. އެހެންނޫންނަމަ އޭނާގެ އާއިލާވެސް ނުރައްކަލުގެ ތެރެއަށް ވެއްޓޭނެކަމަށް އޭނާ ގަބޫލުކުރިއެވެ. އަލްބާޓޯ ބުނީ ނުރައްކާތެރިކަން އެނގިހުރެވެސް އޭނާ ނޫސްވެެރިކަމުގައި ދެމިހުރީ އެގައުމުގައި ހިންގާ ކަންކަން މީހުންނަށް ފަސޭހައިން އެނގޭނެހެން ތާރީހަށްޓައި ޑޮކިއުމެންޓް ކުރުމުގެ ބޭނުމުގައެވެ. އޭރުން އެކަންކަން ރަނގަޅުކުރުމަށް ދެންއަންނަ ޖީލުތަކުން މަސައްކަތްކުރާނެ ކަމަށް އަލްބާޓޯއަށް ގަބޫލުކުރެވޭތީއެވެ.
އަލެޖަންދުރޯ ކާސްޓްރޯ ފްލޮރެސް އަކީ 27 އަހަރުގެ ނޫސްވެރިއެކެވެ. އަދި އެގައުމުގައި ނޫސްވެރިންނަށް ހިމާޔަތް ހޯދައިދީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލާ ކުރާ މުޒާހަރާތައް ރޭވުމުގައި އިސް އެކްޓިވިސްޓެކެވެ. އޭނާ ބުނީ ނޫސްވެެރިކަން ކުރަނީ މުސްތަގްބަލަށްޓަކައި ވަރަށްބޮޑު އުންމީދެއް އޮވެގެން ކަމަށެވެ. މިހާރު ނޫސްވެރިން އެ އިންދަނީ އޮށެއް ކަމަށާއި އޭގެ މަންފާ އަންނަންއޮތް ޖީލުތަކަށް ކުރާނެކަމަށް އޭނާ ދެކެއެވެ. މައްސަލަތައް ބޮޑު މެކްސިކޯގެ މުޅިމަންޒަރު ބަދަލުކޮށްލަދެވޭނީ އަންނަންއޮތް ޖީލުތަކަށް ކަމަށްވެސް ކާސްޓްރޯ ޤަބޫލުކުރެއެވެ.
"އަހަރެން ނޫސްވެރިކަން ފެށިފަހުން މިދިޔަ ހަތަރު އަހަރު ޑަޒަނަކަށްވުރެ ގިނަ އަދަދަކަށް މެކްސިކޯގައި ނޫސްވެރިން މަރައިފި، އެހެންކަމުން އެބައިނގޭ މި ޕްރޮފެޝަން މިއޮތީ އޮންނަންވާގޮތަށްވުރެ ދެރަވަރުކޮށްކަން". ކާސްޓްރޯ ބުންޏެވެ. އަދި ޒުވާން ނޫސްވެރިންގެ ތެރެއިން އަނިޔާނުވާ ނޫސްވެރިއެއް ހުރިކަމެއް ނޭންގޭ ކަމަށާއި އޭނާ ދަންނަ ހުރިހާ ނޫސްވެރިންވެސް މަސައްކަތްކުރަނީ ނުރައްކަލުގެ ތެރޭގައިކަން އެނގޭކަމަށް ކާސްޓްރޯ ބުންޏެވެ. ނޫސްްވެރިކަން ދޫކޮށްލާފައި ބޭކަރީއެއް ހުޅުވަންވީތޯ ނުވަތަ ވަޑާންކުރާ މީހަކަށް ވާނީތޯ މިއީވެސް އޭނާގެ ހިތުގައި ހިނގާ ހިޔާލުތަކެވެ. އެހެންނަމަވެސް ނޫސްވެރިކަމަކީ އޭނާގެ ލައިފްސްޓައިލްކަމަށާއި ޗުއްޓީ ދުވަހެއް އަޔަސް އޭނާއަށް ވިސްނޭނީ އޮފީސް މަސައްކަތާއި މެދުގައި ކަމަށް ކާސްޓްރޯ ބުނެއެވެ. މެކްސިކޯގެ އިޖްތިމާއީ މައްސަލަތަކާއި މެދު އޭނާއަށް ލޯ ހުޅުވުނީ ޔުނިވަރސިޓީގައި ކިޔަވަން އުޅުނުއިރުކަން ފާހަގަކޮށް ކާސްޓްރޯ ބުނީ އޭނާގެ މަސައްކަތުން މުޖުތަމައަށް މާބޮޑު އަސަރެއް ނުކުރިޔަސް އެއީ ޑިމޮކްރެސީއަށް މުހިންމު ތެދުވެރިކަމާއެކު ކުރާމަސައްކަތެއް ކަމަށެވެ.
މެކްސިކޯއަކީ ނޫސްވެރިކަން ކުރުމަށް އެންމެ ނުރައްކާތެރި ގައުމު ކަމަށް އާންމުކޮށް ރޭންކް ކުރާ ގައުމެކެވެ. ރިޕޯޓްތައް ބުނާގޮތުގައި 2000 ވަނަ އަހަރުން 2021 ވަނަ އަހަރާއި ހަމައަށް އެގައުމުގައި 145 ނޫސްވެރިން މަރާލާފައިވެއެވެ. 2022 ވަނަ އަހަރު މިވީ ދޮޅުމަސް ދުވަހުގެެރޭގައި 5 ނޫސްވެރިން މަރާލިއިރު ދެ ނޫސްވެރިއަކު ވަނީ މަރުގެ ހަމަލާއަކުން ސަލާމަތްވެފައެވެ. މެކްސިކޯގެ ނޫސްވެެރިންނަށް ހަމަލާދެނީ، އެގައުމުގައި ހިންގާ އިންސާނިއްޔަތާއި ޚިލާފު އަމަލުތަކާއި ހިއުމަން ޓްރެފިކިން އާއި މަސްތުވާތަކެއްޗާއި ގޭންގުތަކާއި ގުޅުންހުރި މައްސަލަތައް ނޫސްވެރިން ދިރާސާކޮށް ރިޕޯޓް ކުރަމުންދާތީއެވެ.