November 24, 2024 10:52
Advertisement

-Advertisement-

ޝައްކު ކުރަނީ، ޝައްކު ކުރާވަރުގެ ކަންތައް ކުރާތީއެވެ!

ދިވެހިރާއްޖޭގައި ގިނަ މީހުން ކައިވެނިކުރަނީ ކައިވެނީގެ ކުރިން އެކަކު އަނެކަކަށް ހިތްކިޔާ ލޯބިން ކައިވެނިކުރަން ބޭނުންވުމުންނެވެ. އެހެންނަމަވެސް މިފަދަ ގިނަ ކައިވެނިތައް ރޫޅެނީ ހީވެސް ނުކުރާފަދަ ސަބަބުތަކާހުރެއެވެ.

ލޯބިން އުޅުނު ދެމަފިރިއެއްގެ ވަރިވުމުގެ ޚަބަރު އިވުމުން އެއީ އެކަން ވެދާނެ ގޮތްކަމަށްވެސް ގަބޫލުކުރަން ދަތިވާފަހަރު އާދެއެވެ. ސަބަބަކީ އެމީހުން އެކުގައި ކުރި ޗުއްޓީ ދަތުރުތަކާއި، ހޭދަކުރި އުފާވެރި ވަގުތުތަކުގެ ފޮޓޯ ސޯޝަލް މީޑިއާއިން ކުރިން ފެނިފައިވުމެވެ.

ގިނަފަހަރަށް ކައިވެނި ރޫޅެނީ ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުނުކުރެވި ދިގުދެމިގެންނެވެ. ނުވަތަ ތިންވަނަ މީހެއްގެ ސަބަބުންނެވެ.

Advertisement

ޝައްކުކުރުން

ލޯބިން އުޅުނު ދެމަފިރިއަކު އެކަކު އަނެކަކަށް ޝައްކުކުރާނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެންނެވެ. މިސާލަކަށް ކުރިން އެދެމީހުންގެ އެއޮތް ގާތްކަމަށް ބުރޫއަރާފަދަ ކޮންމެވެސް ކަމެއް މެދުވެރިވުން، ގެއިން ބޭރުގައި ނުވަތަ ފޯނުގައި ގިނަވަގުތު ހޭދަކޮށް ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ހުސްނުކުރުން ފަދަ ސަބަބެއް މެދުވެރިވެގެންނެވެ.

ދާދިފަހުން ރައްޓެއްސަކު ކިޔައިދިނެވެ. "ފިރިމީހާ އޭނަގެ އަންހެން ރަހުމަތްތެރިންނާ އެހާ ގާތްކޮށް ފޯނުން ޗެޓުކުރުމުން ހިތްހަމަނުޖެހޭ. އެހެން ވާހަކަދައްކަމުންގޮސް ގިނަފަހަރަށް ގޯސް ގުޅުމެއްގެ ފެށުން އަންނަނީ. އަހަރެން ގަބޫލުކުރާގޮތުގައި މީހަކާ އިނުމަށްފަހު ރަހުމަތްތެރިން ބައިތިއްބަންޖެހޭނީ ވަކި މިންވަރެއްގައި. އަބަދު ގުޑްމޯނިންގ ގުޑްނައިޓް މެސެޖުކޮށް، ކައިގެންތޯ ހުރީ، އޮފީހުގަތޯ، ގޭގަތޯ ހުރީ ބަލާ ރޭގަނޑު ދަންވަރު މެސެޖުކުރާކަށް ނުޖެހޭނެ ރައްޓެހިންނަކަށް. ފިރިމީހާއަށް އިތުބާރުކުރިއަސް އެފަދަ މެސެޖު ފެންނަންޏާ އިތުބާރު ގެއްލޭނެ".

އިސްވެދެންނެވި ފަދަ ސަބަބެއް މެދުވެރިވެގެން އެކަކު އަނެކަކަށް ފާރަލާ ހިސާބަށްވެސް ބައެއް ފަހަރު ކަންތައްދެއެވެ. މިގޮތުން ފޯނުބަލާއިރު އެހެން މީހަކަށް ކޮށްފައިވާ މެސެޖުތަކެއް ފެނުމުން ބައިވެރިޔާގެ ހިތަށް ކުރާނެ އަސަރު ވިސްނާށެވެ.

ދޮގުހެދުން

ބައެއް މީހުންނަކީ ފެންނަންހުންނަ ކަންތައްތަކަށްވެސް ކަނޑައެޅިގެން ދޮގުހަދާ މީހުންނެވެ. މިސާލަކަށް އަންހެނަކު ފޮނުވާ މެސެޖެއް ފިރިމީހާގެ ފޯނުން ފެނުނަސް އެއީ އޮޅުމަކުން ފޮނުވި މެސެޖަކަށް ވެދާނޭ ބުނެ އެއްބަސްނުވާ ފަހަރުވެސް އާދެއެވެ. އެކަމަކު މިގޮތަށް ޖެހޭ މައްސަލަތަކުގައި ދޮގުހެދުމަކީ އެއީ ކުރެވޭ އެންމެބޮޑު މޮޔަކަންތަކެވެ. ސަބަބަކީ އެހެދީ ދޮގެއްކަން ޔަގީންވާނަމަ އެދެމަފިރިއެއްގެ ދެމެދުގައި އޮތް ލޯތްބަށް އޭގެ އަސަރު ކުރާނެއެވެ. އިތުބާރު ނުކުރެވޭ މީހަކާއެކު ރަނގަޅު ދިރިއުޅުމެއް އުޅޭނީ ކިހިނެއްހެއްޔެވެ. ކުށެއް ކުރެވިއްޖެނަމަ ތެދުބަހުން ބުނެ މަޢާފަށް އެދޭށެވެ. އަދި އެފަދަކުށެއް ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައަޅާށެވެ. 

ޝައްކު ޔަގީންވެއްޖެނަމަ!

ބައެއް ދެމަފިރިންނަކީ ދަރިންގެ ހައްގުގައި އެކަކު އަނެކަކާއެކު ދިރިއުޅުމަށް މަސައްކަތްކުރާ މީހުންނެވެ. ތިމާގެ ފިރިމީހާ އެހެން އަންހެނުންނާ ގުޅުން ބާއްވާކަން އެނގިހުރެވެސް އެހެންގޮތެއް ނެތިގެން ދިރިއުޅެވޭތޯ މަސައްކަތްކުރާ މީހުން އުޅެއެވެ.

އަދި ލޯބިންއުޅޭ ދެމަފިރިއެއްގެ ދެމެދަށް ވަންނަ ކިތަންމެ އަންހެނުން އަދި ފިރިހެނުންވެސް އުޅެއެވެ. އެފަދަ މީހުންނަށް އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގުނަސް ގިނަފަހަރަށް މީހަކަށް ލަނޑެއް ދިނުމަށްފަހު އުފަލުގައި އުޅެން ފަސޭހައެއް ނުވާނޭ ބުނާއަޑު އިވެއެވެ.

ބައިވެރިޔާ އެހެން މީހަކާ ގުޅުން ބާއްވާކަން ޔަގީންވެއްޖެނަމަ އެކަމާގުޅޭގޮތުން ސުވާލު ކުރެވިދާނެއެވެ. އަދި ދެމަފިރިންގެ ކައިވެނި ދެމެހެއްޓޭތޯ ގިނަގިނައިން ދުޢާކުރާށެވެ. އަދި އެކުރި ކުށަކީ މަޢާފްކުރެވޭ ވަރުގެ ކަމަކަށް ނުވާނަމަ ހިތްއެދޭގޮތަކަށް ގޮތް ނިންމާށެވެ. މީހުން ކިޔާނެ އެއްޗަކަށް ނުވިސްނާށެވެ. ތިމާގެ ދިރިއުޅުމުގައި އެންމެ ރަނގަޅުގޮތް ނިންމާނީ ތިމާ އަމިއަލައަށްކަން ދަންނާށެވެ.

ވަރި އެއީ ހައްލުތަ؟

ލޯބިންއުޅޭ ދެމަފިރިއަކަށްވެސް ހިތްހަމަނުޖެހޭފަދަ ކަމެއް ކުރެވިދާނެއެވެ. އެފަދަ ހާލަތެއްގައި ވާހަކަދައްކައިގެން ހައްލުކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. ހައްލުނުކުރެވި އަބަދު ޒުވާބުކޮށް ދަރިންނަށް އޭގެ ނޭދެވޭ އަސަރުކުރާނަމަ އެންމެ ރަނގަޅުގޮތަކީ އެދިރިއުޅުމަކާއި ދުރަށް ދިއުމެވެ.

ވިސްނާށެވެ. ބައިވެރިޔާ ތިބާ ދޫކޮށްފަދިޔައީ ކުށެއް ނުކުރަނީސް ކަމުގައިވާނަމަ، އެއަށްވުރެ ރަނގަޅު ބައިވެރިއެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ދުނިޔޭގައި ގިނަފަހަރަށް ކަންތައް ވެފަވަނީ އެފަދަ ގޮތަކަށެވެ.

ފުރަތަމަ ކައިވެނިން ނުލިބުނު އުފާ ފަހުން..

ފޭސްބުކްގެ 'މަމްސް' ގްރޫޕުގައި ވެސް މަންމައިން ހިއްސާކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، ކެހިވެރި ދިރިއުޅުމެއްގައި އުޅޭމީހުން ގިނައެވެ. ބައެއްމީހުން ލިބޭ އަނިޔާތަކަށް ކެތްކުރަނީ ފުރަތަމަ ކައިވެނީގައި ދެމިހުރެވޭތޯއެވެ. ނުވަތަ ކުދިންގެ ހައްގުގައެވެ. ނޫނީ އެހީތެރިވާނެ އެހެންބަޔަކު ނެތީމައެވެ. އެކަމަކު ވިސްނަންވީ އަނިޔާއަށް ކެތްކުރުމުގެ ބަދަލުގައި އުފަލުގައި އުޅެވޭނެ މަގެއް ހޯދުމަށެވެ.

ކައިވެނި ރޫޅާލައިފިނަމަ އެހީތެރިވާނެ މީހަކު ނެތްކަމަށް ބަލައި ލިބޭ އަނިޔާތަކަށް ކެތްކުރަން މަސައްކަތް ނުކުރާށެވެ. އަމިއްލަ މަސައްކަތުން އާމްދަނީ ހޯދިދާނެއެވެ. މިޒަމާނުގައި އޮންލައިންކޮށް ތަފާތު އެއްޗެހި ވިއްކައިގެންވިއަސް އަދި އަތްތެރި މަސައްކަތްކޮށްގެންވެސް އާމްދަނީއެއް ހޯދިދާނެއެވެ.

ދާއިމަށް ވޭނީ ދިރިއުޅުމެއްގައި އުޅުމަށްވުރެ ރަނގަޅު ގޮތަކީ ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ކުރެވެންހުރި މަސައްކަތެއް ކުރުމެވެ. ފުރަތަމަ ކައިވެނިން ނުލިބުނުއުފާ ދެވަނަ ކައިވެނިން ލިބި ހިތްހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރާ ކިތަންމެބަޔަކު އެބަތިއްބެވެ. ވިސްނުންތެރިކަމާއެކު ދިރިއުޅުމުގައި ގޮތްނިންމާ ކުރިއަށްދެވޭތޯ މަސައްކަތްކުރާށެވެ.

+1
3
+1
1
+1
13
+1
3
+1
1
+1
0
+1
6

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް