September 20, 2024 08:53
Advertisement

-Advertisement-

ގެވެށި އަނިޔާ ހުއްޓުވާނީ ކާކު؟ ތިބާގެ ރޯލެއް ވޭތަ؟

ކުރީ ޒަމާނުގައި ގެވެށި އަނިޔާއަކީ ގޭތެރޭގެ އާއިލީ ސިއްރެކެވެ. އާއިލާގެ ތެރޭގައި ހިންގާ އެފަދަ ކަންކަން ބޭރުތެރެއަށް ހާމަކުރުމަކީ ކުށެއްކަމަށް އަނިޔާ ތަހަންމަލު ކުރާ މީހާއާއި އަނިޔާ ފެންނަ މީހުންނަށް ހީކުރެވިފައި އޮތް ޒަމާނެއްވެސް ދިވެހިން ދެކެފައިވެއެވެ. އާއިލާގެ މީހަކު ބޭޒާރުވެދާނީ އެމީހާ ރައްކާތެރިކުރުން ވެފައިއޮތީ މުހިންމު ކަމަކަށެވެ. އަނިޔާ ލިބޭ މީހާއަށް އިންސާފު ހޯދައިދީ އަނިޔާއިން ސަލާމަތްކޮށްދިނުމަކީ އޭރު މުހިންމު ކަމަކަށް ނުވިއެވެ. އެހެންނަމަވެސް ހަގީގަތުގައި ގެވެށި އަނިޔާގެ މަންޒަރު ފެންނަ މީހާއަކީ އެކަން ހުއްޓުވަން މަސައްކަތްކުރާ މީހާއަށް ވާން ޖެހެއެވެ. އަދި ގެވެށި އަނިޔާ ތަހަންމަލު ކުރާ މީހާއަކީ އެކަން ތަކުރާރުވުމުގެ ކުރިން އެކަމަށް ނޫނެކޭބުނެ އަޑު އުފުލާ މީހަކަށް ވުމުގެ ހިތްވަރުވެސް ނެރެންޖެހޭ މީހެކެވެ.

ފަހަކަށްއައިސް ގެވެށި އަނިޔާ ހުއްޓުވުމުގެ ވާހަކަތައް ވަރަށް ބާރަށް ދެކެވެއެވެ. އަދި އެކަން ހުއްޓުވުމަށް މުޖުތަމައު ހޭލުންތެރިކުރުމަށް ކަމާގުޅޭ އިދާރާތަކުން ގިނަ މަސައްކަތްތަކެއްވެސް ކުރެއެވެ. 'ގެވެށި ގުޅުން' މިނަމުގައި ގައުމީ ކެމްޕޭނެއްވެސް ވަނީ ހިންގާފައެވެ. މި ކެމްޕޭން އިފްތިތާހުކުރީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. އަދި ގެވެށި ގުޅުން ސާސްތުރައިގެ ނަމުގައި ޓީވީން ޕްރޮގްރާމްތަކެއްވެސް ގެނެސްދީފައިވެއެވެ. މީގެ އިތުރުން ގެވެށި ގުޅުން ސާސްތުރައިގެ ނަމުގައި މަޖައްލާއެއްވެސް ނެރެފައިވެއެވެ. މިއީ ގެވެށި އަނިޔާ ހުއްޓުވާނެ ގޮތްތައް ބުނެދީ ޖެންޑަރ މިނިސްޓްރީން ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާއެކު މީހުން ހޭލުންތެރިކުރުވުމަށް ހިންގިފައިވާ މުހިންމު ކަންކަމެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބާލާއިރު 2021 ވަނަ އަހަރު އެކަނިވެސް ގެވެށި އަނިޔާގެ 494 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިއީ ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓް ކުރެވުނު އަހަރު ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުހައްމަދު ދީދީ ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement

ގެވެށި ގުޅުން މަޖައްލާ 'ސާސްތުރަ' ނެރުމަށް 22 ފެބުރުއަރީ 2022 ގައި ބޭއްވި ޖަލްސާގައި މިނިސްޓަރ އައިޝާ ވިދާޅުވީ "ދެއަހަރު ކުރިން މި މަގާމާ އަޅުގަނޑު ހަވާލުވި ހިސާބުން ފެށިގެން އަޅުގަނޑު އެންމެބޮޑު އިސްކަމެއް ދެމުން މި އަންނަ އެއްކަމަކީ ޕްރިވެންޝަންއަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކުރުން. ހޭލުންތެރިކުރުވުމަކީ ޕްރިވެންޝަންއަށް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތް. ހޭލުންތެރިކަން އިތުރުވުމުގެ ނަތީޖާއަކަށް ވަނީ ގެވެށި އަނިޔާފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކާމެދު ކަންބޮޑުވާ މީހުން އިތުރުވުން. އެކަންކަން ތަކުރާރުވުމަށް ޖާގަ ދޭން ބޭނުންނުވާ މީހުންގެ އަދަދު ގިނަވުން. އަދި ހަމައެއާއެކު އަނިޔާ ތަހައްމަލުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންގެ އަދަދުވެސް މަތިވުން" ކަމަށެވެ. އަދި މީގެ ސަބަބުން އަނިޔާ ތަހައްމަލުކުރާ ފަރާތްތައް ބާރުވެރިވެ ޚިދުމަތް ހޯދުމަށާއި، އިންސާފު ހޯދުމަށް އެފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ދިރުން ލިބޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ވިދާޅުވީ ގެވެށި ގުޅުން ސާސްތުރަ ޕްރޮގްރާމުން ދޭން ބޭނުންވި އެންމެ މުހިންމު މެސެޖަކީ ގެވެށި އަނިޔާގެ ވާހަކަ އަކީ ނުދައްކާ ތިބެވެން ނެތް ވާހަކައެއްކަން މުޖުތަމައަށް ބުނެދިނުން ކަމަށެވެ. "މިކަން ހައްލު ކުރެވެން އޮތީ މިވާހަކަ ދައްކައިގެންކަން. ގެވެށި އަނިޔާ ލިބޭ މފަރާތްތަކަށް އާއިލާއާއި މުޖުތަމައުގެ އެހީ ތެރިކަން ބޭނުންވާ ކަން. މިކަން ހުއްޓުވުމުގައި ކޮންމެ މީހަކަށްވެސް މުހިންމު ދައުރެއް އަދާކުރެވިދާނެކަން. މި ފްރޮގްރާމުގެ މަގްސަދު ހާސިލްވިކަމަށް ވާނީ މި ޕްރޮގްރާމުގައި ގެނެސްދެވުނު މައުލޫމާތުގެ ސަބަބުން ހެޔޮ ބަދަލެއް އައުން. ގެވެށި އަނިޔާއަށް ނޫނެކޭ ވިދާޅުވޭ. ގެވެށި އަނިޔާ ކުރާނެ މީހަކަށް ނުވާނެ ކަމުގެ އަޒުމު އާކުރައްވާ އަދި އެއްވެސް މީހަކަށް ގެވެށި އަނިޔާ ލިބޭހިނދު އެމީހަކަށް އެހީތެރިވުމަކީ އުފަލެއް ކަމުގައި ހައްދަވާ" ޒިފްލީނާ ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީގެ މިއަހަރުގެ މިހާތަނަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 56 މައްސަލައެއް ޖެނުއަރީ މަހު އެކަނިވެސް ހުށަހަޅާފައިވެއެވެ. އޭގެތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލައެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 24 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. ނަފްސާނީ އަނިޔާއާއި އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލަ ހުށަހަޅާފައިވެއެވެ. ބިރު ދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 7 މައްސަލަ ޖިންސީ ހާނިއްކައިގެ 5 މައްސަލަ އާއި ގަދަކަމުން ޖިންސީ ގޯނާ ކުރުމުުގެ 5 މައްސަލަ އަދި ޖިންސީ ފުރައްސާރައިގެ 1 މައްސަލަ އޭގެތޭގައި ހިމެނެއެވެ.


މިނިސްޓަރ ވިދާޅުވީ އަނިޔާ ތަހައްމަލުކުރަމުން އަންނަ ފަރާތްތަކުގެ ތެރެއިން އެހީތެރިކަމަށް އެދޭ ފަރާތްތައް އިތުރުވަމުން އައުމަކީ އަނިޔާގެ ސަބަބުން ވަކި ވަކި ފަރުދުންނަށާއި، އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދެވޭ އެހީތެރިކަން އިތުރުކޮށް، އިތުރު އަނިޔާއަށް އެފަރާތްތައް ހުށަހެޅުމުގެ ފުރުސަތު ކުޑަކުރުމެވެ. މި އަމާޒު ހާސިލްކުރުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ގެވެށި އަނިޔާގެ ސަބަބުން ވަގުތީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެއިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރ. އުނގޫފާރު، އައްޑޫ ސިޓީގެ ހިތަދޫ އަދި ހުޅުމާލޭގައި ޑީވީ ޝެލްޓަރ ތަކެއް ގާއިމްކުރުމަށް ނިންމައި އެކަމާގުޅޭ މަސައްކަތްތައް މިނިސްޓްރީގެ ފަރާތުން ކުރައްވަމުން އަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ގެވެށި އަނިޔާގެ މައްސަލައަށް ހަގީގީ ހައްލެއް އަންނާނީ ގެވެށި ގުޅުންތައް ހަރުދަނާވެގެން. ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމާއި، މައިންބަފައިންނާއި ދަރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެގެން. ގެވެށި ގުޅުން ކެމްޕެއިންގެ އެންމެ މުހިންމު އެއް އަމާޒަކީވެސް މި ދެންނެވި ފަދަ ގުޅުންތައް ވަރުގަދަކުރުން. އަދި އެކަމަށް މަގުފަހިކޮށްދޭނެ ކަންކަމާމެދު މުޖުތަމައު ހޭލުންތެރިކުރުވުން" ގެވެށި ގުޅުން މަޖައްލާ ސާސްތުރަ ނެރުއްވި ޖަލްސާގައި މިނިސްޓަރ ވިދާޅުވިއެވެ.

ގެވެށި އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކިތަންމެ ބޮޑު މަސައްކަތެއް ކުރިކަމުގައި ވިޔަސް މިކަން ހުއްޓުވޭނީ އަހަރެމެން އެންމެން މި ކަމަށް އިޖާބަދީގެންނެވެ. މުޅި މުޖުތަމައުން އެކަމާ ދެކޮޅަށް ތެދުވެގެންނެވެ. ގެވެށި އަނިޔާގެ ވާހަކަ ރިޕޯޓް ކުރުމަށް ފަސްޖެހޭނަމަ އިތުރަށް އެއަނިޔާއަށް ހުށަހެޅެނީއެވެ. އަނިޔާ ލިބޭ މީހާގެ ހާލަތު އެނގޭ މީހާވެސް އެކަން ރިޕޯޓް ނުކޮށް ހުންނަނަމަ އެއީ ފިނޑި އަމަލެކެވެ. ތިމާގެ އަހާއަށް އެހީތެރިވުމުގެ ގޮތުން ގެވެށި އަނިޔާއެއް ހިންގާކަން އެނގޭ ހިސާބުން ފެށިގެން އެކަން ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓް ކުރަން ވާނެއެވެ.
ގެވެށި އަނިޔާއަކީ ކޮބައިކަން ޅަ އުމުރުން ފެށިގެން ކުދިންނަށް ބުނެދީ އެކަމުން ދުރުހެލިވާނެ ގޮތްތައް ސްކޫލު ދައުރުން ފެށިގެން ކުދިންނަށް ބުނެދިނުމަކީވެސް ގެވެށި އަނިޔާ ހުއްޓުވުމަށް އެޅޭ ބޮޑު ބާރަކަށް ވާނެއެވެ. ޅައިރުން ފެށިގެން ގެވެށި އަނިޔާއާއި ދެކޮޅަށް ހޭލުންތެރި ކުރެވޭނަމަ އަދަށްވުރެ ގެވެށި އަނިޔާގެ މައްސަލަތައް މަދު މުޖުތަމައެއް ހޯދިދާނެއެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް