"ސްކޫލު ނިމުނުއިރު ހިތަކު ނެތް ކުރިއަށްދާނެ ދާއިރާއެއް. އޭރު ބޭނުންވީ މީހަކާ އިނދެގެން 5 ކުދިން ހޯދަން. އަދި އިޖުތިމާއީ މަސައްކަތެއްކުރަން. ރާއްޖޭގައި އިޖުތިމާއީ މަސައްކަތްތަކެއް ނޯވޭތާ އެއިރު. 11 އަހަރުން ފެށިގެން ގާލްގައިޑްގައި އުޅުނީ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރީ ރާއްޖޭގައި އެ ކުރެވެނީ އިޖުތިމާއީ މަސައްކަތެކޭ" މިއީ ރާއްޖޭގައި ޒިންމާދާރު އިސްމަގާމުތަކެއް ފުރުއްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ކަނބަލެއްކަމުގައިވާ ނިޢުމާތު ޝަފީގު އެންމެ ފުރަތަމަ ވިސްނެވި ގޮތެވެ.
ކުޑަކުދިންނާއި ގުޅުންހުރި ދާއިރާތަކުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ނިޢުމާތަކީ މިހާރު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއެވެ. މީގެއިތުރުން ގާލްގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރ އެވެ.
ކުރީގެ ހަނދާންތައް އާކުރައްވަމުން ނިޢުމާތު ވިދާޅުވީ، އެއިރު އޮންނަ އުސޫލުގެ ދަށުން އޯލެވެލް ހަދާ ނިމޭ ކުދިން އެކި ވަޒީފާތަކަށް ފޮނުވުމުގެތެރެއިން އޭނާ ވެއްދީ ސެންޓްރަލް ހޮސްޕިޓަލްގެ ލެބޯޓްރީއަށް ކަމަށެވެ. "ލެބޯޓްރީގައި އުޅެން ބޭނުންނުވާތީ ޓީޗަރ ޓްރެއިނިންގ ހަދަން ފޯމުލީ. އެޑިއުކޭޝަނުން ވިދާޅުވި ޕްރައިމަރީ ޓީޗިން ހަދާށޭ. އާންމުކޮށް ޕްރީ ސްކޫލް ޓީޗިން ހަދަންދާނީ އޯލެވެލް ނަހަދާ ތިބޭ ކުދިން. އަޅުގަނޑު ބުނީ ބޭނުމީ ޕްރީ ސްކޫލޭ. ކީއްވެހޭ އެހީމަ ބުނީ ރަނގަޅު މަންމައަކަށް ވާން ބޭނުންވާތީއޭ" ސްކޮލަރޝިޕެއް ހޯއްދަވައިގެން ކިޔަވަން ވަޑައިގެންނެވި ނިޢުމާތު ވިދާޅުވިއެވެ.
އޮސްޓްރޭލިއާއަށް ވަޑައިގެން ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލޭންޑުން ބެޗެލަރ އޮފް އާރލީ ޗައިލްޑްހުޑް ހާސިލް ކުރެއްވިއެވެ. އާލީ ޗައިލްޑްހުޑް އިން މާސްޓަރސް ހާސިލް ކުރެއްވީ އޮސްލޯއިންނެވެ.
ކިޔަވާވިދާޅުވާން އުޅުއްވިއިރުގެ ހަނދާންތަކަކީ މިހާރުވެސް ރައްޓެހިންގެ މެދުގައި ދެކެވޭ ފޮނި ހަނދާންތަކެކެވެ. "އެންމެ ހަނދާން ވަނީ އޮސްލޯގައި މާސްޓަރސް ހަދަން އުޅުނުއިރު ނޮދަން ލައިޓްސް ބަލަންގޮސް، ފަހަރަކު މީހަކު ކައްސާލައިގެން ވެއްޓެނީ. އެއީ މިހާރުވެސް ރައްޓެހިންގެ މެދުގައި ވަރަށް ދެކެވޭ މަޖާ ވާހަކައެއް."
ނިޢުމާތަކީ ނޭޝަނަލް ކަރިކިއުލަމްގެ ފައުންޑޭޝަން ސްޓޭޖް ނުވަތަ ޕްރީސުކޫލް ސިލަބަސް ތައްޔާރުކުރެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކަނބަލެކެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕަރސަންގެ މަގާމާ ހަވާލުވެލެއްވުމުގެ ކުރިން އެކަމަނާ ވަނީ ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަރޖެންސީ ފަންޑް(ޔުނިސެފް)ގެ ކޮންސަލްޓަންޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.
ނިޢުމާތު ވިދާޅުވީ "ޔުނިސެފްގެ މުސާރަ ލިބޭ މުވައްޒަފަކަށްވެސް ވެވެން އޮތް. އެކަމަކު ބޭނުންވީ ދިވެހިރާއްޖެއަށް ޚިދުމަތް ކޮށް ޕެންޝަންލިބޭ ސިވިލްސާވަންޓަކަށް ވާން. އެވަޒީފާއަށް ދިޔަނަމަ މިހާރު ހުންނާނީ އެހެން ގައުމެއްގައި ކަންނޭނގެ. ހަމަ ސަރުކާރުގެ ކުޑަ މުސާރައިގައި ޔުނިސެފް އިން ފުރުސަތު ލިބުނުއިރުވެސް ހުންނެވީ" ކަމަށެވެ.
ގާލްގައިޑްގެ ޒިންމާތައް
އަމީނިއްޔާ ސްކޫލުގައި އުޅުއްވިއިރު ނިޢުމާތަކީ އަމީނިއްޔާ ގައިޑް ކޮމްޕެނީ ހިންގެވި ދަރިވަރެވެ. އޭގެފަހުން ރަސްމީކޮށް އެ ސްކޫލަށް ގާލްގައިޑް ހަރަކާތް ތައާރަފްވީ އޭނާ ގްރޭޑް 10ގައި ކިޔެވިއިރުއެވެ. އެންމެ ފުރަތަމަ ގާލްގައިޑުން ލީޑަރޝިޕް ޓްރެއިނިންގ އަށް ތަމްރީނު ކުރެވުނު ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަތެވެ. އެހެންކަމުން އޯލެވެލް ހަދާ ނިންމިތަނާ ގާލްގައިޑްގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތެވެ. ހިލޭސާބަހަށް ކުރާ އެ މަސައްކަތަށް ވަރަށްގިނަ ވަގުތު ހޭދަކުރެއްވިއެވެ. 2015 ވަނަ އަހަރުން ފެށިގެން ގާލްގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުކަން ކުރައްވާ ނިޢުމާތު ރާއްޖޭން ބޭރުގައި ހުންނެވި މުއްދަތުގައި އަދާކުރެއްވީ ޑެޕިއުޓީ ޗީފް ކޮމިޝަނަރުގެ ރޯލެވެ. އޭގެ ކުރިން ގާލްގައިޑް ކޮމިޝަނަރކަން ކުރެއްވިއެވެ. ގައިޑްގެ ފަރާތުން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވިއެވެ. އަދި ރާއްޖެއިން ބޭރުގައި އޮންނަ ގައިޑް ހަރަކާތްތަކަށް ވަޑައިގަންނަވައެވެ.
"ގައިޑްގައި ފޮތްތައް ހެދުމާ، ޔުނިފޯމް ޑިޒައިން ކުރުން އަދި ޕްރޮގްރާމްތަކާއި ތަމްރީންތައް ތައްޔާރުކުރުމާއި، ގައިޑްގެ ހުރިހާކަމެއްގެ ތެރޭގައިވެސް އުޅެވިފަ ހުންނާނީ. ވަރަށްގިނަ މަސައްކަތެއް ކުރެވިފަހުރީ" މިހާރުވެސް ގައިޑްގައި ހަރަކާތްތެރިވާ ނިޢުމާތު ވިދާޅުވިއެވެ.
ރަސްމީ ވަޒީފާގެ އިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި ޕާޓްޓައިމް ލެކްޗަރަރއެއްގެ ދައުރުވެސް އަދާކުރައްވައެވެ. ކޮންމެ އަހަރަކުވެސް ކޮންމެވެސް އެއް ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއްގައި މޮޑިއުލެއް ކިޔަވައިދެއްވަމުން އަންނަ ނިޢުމާތު ވިދާޅުވީ "މި ކަހަލަ ފީލްޑެއްގައި އުޅެންޏާ ކިޔެވިއެއްޗެއްގެ ޓަޗް ގެއްލޭނެ ވަރަށް އަވަހަށް. އަސްލު ކިޔަވާފަ މިއޮތީ ޗައިލްޑް ޑިވެލޮޕްމެންޓާއި ގުޅޭބައި. އެހެންވީމަ އެ ގެއްލިދާނެތީ އަސްލުގައި ޕާޓްޓައިމް ލެކްޗަރަރ އަކަށް އުޅެނީ."
ކުރިން ކުޑަކުދިންގެ ޓީޗަރެއް
"ޓީޗަރަކަށް ހުރެފައި ބަދަލުވީ އެޑިއުކޭޝަންގެ ނޮން ފޯމަލް އެޑިއުކޭޝަނަށް. އަތޮޅުތަކުގައި ޕްރީސުކޫލް ތައްޤީކުރަން ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިފަ ހުންނާނީ" ނިޢުމާތު ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން ސެންޓަރ ފޯ ކޮންޓިނިއުއިން އެޑުކޭޝަން އާއި އީޑީސީއާ އޭގެ ފަހުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި 2016 ވަނަ އަހަރާ ހަމައަށް ޚިދުމަތް ކުރެއްވިއެވެ. އޭގެފަހުން އަމިއްލަ މަސައްކަތެއް ކުރެވުމަށް ވަގުތު ހުސްކުރައްވައިގެން ހުންނެވި ނަމަވެސް އެކިއެކި ފުރުސަތުތައް ލިބެމުން އައެވެ.
އެއްވެސް އޮފާއެއް ގަބޫލުނުކުރައްވާ ހުންނަވަނިކޮށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހެޅުއްވި އެވެ. "އެމަގާމު ގަބޫލުކުރީ ކުޑަކުދިންނާ ގުޅޭ ކަމެއްވީމަ. ދެން ހުރިހާ ކަމެއް ސުމަކުން ފަށަންވީމަ ވަރަށް ރަނގަޅު އޮފާއެއް. އެހެންވީމަ މިހާރު މަސައްކަތުގައި ގައިޑް ކުދިންނަށް ހިންގި ތަމްރީންތަކާއި ލިބިފައިހުރި މައުލޫމާތު ގުޅޭ ދާއިރާއެއްވީމަ ހިތަށްއެރީ މިއީ ވަރަށް ރަނގަޅު ފުރުސަތެކޭ. އެހެންވީމަ އަސްލު ރިޓަޔަރކޮށްފަ ހުއްޓާ އަލުންއައީ" މިއީ ނިޢުމާތު އަލުން ވަޒީފާއަށް ނިކުންނެވި މައިގަނޑު ސަބަބުތަކެވެ.
ގާލްގައިޑްގެ ފަރާތުން ޔުނައިޑެޓް ނޭޝަންސް ޗައިލްޑް ރައިޓްސް ކޮންވެންޝަން އަށް މާސްޓަރ ޓްރޭނަރެއް ގޮތަށް ރާއްޖޭގައި ތަމްރީންކޮށްފައި ތިބި ފަސްދިވެހިންގެ ތެރޭގައިވެސް ނިޢުމާތު ހިމެނިވަޑައިގަންނަވައެވެ.
ނުކުރެވި އޮތް ކަމަކީ އާޓްސް މަސައްކަތެއް ކުރުން
ނިޢުމާތު ސުކޫލުދައުރުން ފެށިގެން ކުރެހުމަށް ޝައުގުވެރިވެލެއްވިއެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް ކުރައްވަން ބޭނުންފުޅުވެ ނުކުރެއްވި އޮތްކަމަކީ މިއެވެ. ކުރެހުމާއި ގުޅޭ ފޮތްތައްވެސް ކިއުއްވާ ނިޢުމާތު ވިދާޅުވީ "އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި ކޮންމެވެސް ކަހަލަ ތަމްރީނެއް ހަދާފަ އެކަންވެސް ކުރާނަން. މިހާރު ކުރެހުމާއި ގުޅުންހުރި އެއްޗެހި ބަލަމުން މިދަނީ."
ނިޢުމާތުގެ އެހެން ހުނަރުތަކަށް ބަލާއިރު އޭނާއަކީ ކުޑަކުދިން ކިޔާހިތްވާކަހަލަ ފޮތެއް ސަރުކާރުން ޤަބޫލުކުރާ ފެންވަރަކަށް ލިޔުއްވާފައިވުމުން 1999 ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްސަ އިނާމްވެސް ހާސިލްކުރައްވާފައިވާ ލިޔުންތެރިއެކެވެ. "ގާލްގައިޑްގެ ހުރިހާ އުމުރުފުރުއަކަށް އޮންނަ ހޭންޑްބުކްތައް ލިޔުނިން. ދެން ކަރިކިއުލަމްގެ ފައުންޑޭޝަން ސްޓޭޖް (އެލްކޭޖީ، ޔޫކޭޖީ، ކުދިންގެ ސިލަބަސް ލިޔުނިން. ދެން ފައުންޑޭޝަން ސްޓޭޖްގެ ޓީޗަރސް ގައިޑްވެސް ލިޔުނިން" ހިލޭސާބަހަށްވެސް ފޮތްތައް ލިޔުއްވި ނިޢުމާތު ވިދާޅުވިއެވެ.
މަންމައަށް ޚާއްސަ ޝުކުރެއް
ނިޢުމާތުގެ ކާމިޔާބީގެ ފަހަތުގައި ހުންނެވި އެންމެބޮޑު ހިތްވަރަކީ އޭނާގެ މަންމައެވެ. 8 ދަރިންގެ ތެރެއިން މަންމަގެ އެންމެ ދޮށީ ދަރިފުޅު ނިޢުމާތުގެ ހުރިހާ ކަމެއްގައިވެސް އެމަންމަ ދިޔައީ ހިތްވަރާއި އެހީތެރިކަން ދެއްވަމުންނެވެ. "އެންމެބޮޑު ސަޕޯޓެއް ދީފަހުރީ މަންމައާ ފިރިމީހާ. މަންމަ ލައިކް ނުވިނަމަ ގައިޑަށް ގޮސް އެހާ ގިނައިރު ނޫޅެވޭނެ. ކުދިންވެސް ވަރަށް ރަނގަޅު. ވަރަށް ހެލްޕް ކޮށްދޭނެ" އަމިއްލަ 1 ދަރިފުޅު އަދި 2 ދޮންދަރިންގެ މަންމަ ނިޢުމާތު ވިދާޅުވިއެވެ.
ނިޢުމާތަކީ އާއިލާގެ އިތުރުން ރައްޓެހިންނާއި ގާތްގުޅުމެއް ބާއްވަވާ ކަނބަލެކެވެ. އެންމެގާތް އެކުވެރިޔާއަކީ ގްރޭޑް 7 އިން ފެށިގެން އެއްކުލާހެއްގައި އުޅުއްވި މަޝްހޫރު އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ޖުމެއިލަތު ބޭގަމްއެވެ. "ވަރަށް ރައްޓެހިން ގިނަވާނެ. އަދިވެސް ވަރަށް ބައްދަލުކުރާ ރައްޓެހިން އުޅޭނެ. ކުރީގެ ކުލާސްމޭޓުންނާއެކު އެބަދަން ކޮންމެ ދެއަހަރުން އެއްއަހަރަކު ބޭރަށްވެސް. އެއީ ވަރަށް މަޖާ ކަންކަން" ނިޢުމާތު ވިދާޅުވިއެވެ.
ނިޢުމާތުގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތުތަކަކީ ދަރިއަކު ލިބުނު ދުވަހާއި އޭނާއަށް ޕެންޝަން ލިބުނު ދުވަހެވެ. އެންމެ ހިތާމަވެރި ހަނދާނަކީ ކުއްލި ގޮތަކަށް އޭނާގެ ބައްޕަ ނިޔާވުމެވެ.