އެއްދުވަހަކު ޔޫސުބު ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރުގެ ގެއަށް ދިޔައެވެ. އޭރު ހޮސްޕިޓަލެއް ނުހުރެއެވެ. ހުންނަނީ ހަމައެކަނި ޑޮކްޓަރގެއެވެ.
ޑޮކްޓަރުގެ ގެއަށް ވަންނަ ދޮރު ހުޅުވާލައި ޔޫސުބު ޑޮކްޓަރު އަރިހަށް ހިނގައްޖެއެވެ. އިންނެވީ ބިދޭސީ ޑޮކްޓަރަކާއި ތަރުޖަމާނެކެވެ. ޔޫސުބު ޑޮކްޓަރު އަރިހަށް ދިއުމުން ކައިރީގައި ހުރި ގޮޑީގައި އިށީނުމަށް އިޝާރާތްކުރުމުން ޔޫސުބު އިށީނުމާއިއެކު ތަރުޖަމާނު އޭނާއާއި ސުވާލުކުރިއެވެ. ބޭބެ ކިހިނެއްވަނީ؟ އެސުވާލު ކުރުމާއިއެކު ޔޫސުބު ފުރަގަހަށް އެނބުރިލައި ދޮރަށް އިޝާރާތްކޮށްފައި ބުނެލިއެވެ. ވަނީ މިހިރަ ދޮރުންނެވެ. އެހެން ބުނުމާއިއެކު ތަރުޖަމާނު ހީގެންފައި ޑޮކްޓަރަށް ނަންގަތުމުން ޑޮކްޓަރުވެސް ވަރަށް ބާރަށް ހީނގެންފިއެވެ.
ޑޮކްޓަރާއި ތަރުޖަމާނު އެތައްއިރަކު ހީހީފައި ޔޫސުބާއި ސުވާލުކުރިއެވެ. ޑޮކްޓަރަށް ދެއްކުމަށް ތިއައީ ކީއްވެގެންތޯއެވެ؟ ޔޫސުބުގެ ޖަވާބަކީ ބަލިކަމުންނެވެ. ތަރުޖަމާނު ދެން ސުވާލުކުރީ ވީކޮންކަހަލަ ބައްޔެއްތޯއެވެ؟ ޔޫސުބުގެ ޖަވާބަކީ ބައްޔެއް ނޭނގެއެވެ. އެކަން އެނގޭނީ ޑޮކްޓަރަށެވެ. ތަރުޖަމާނުގެ އަނެއް ސުވާލަކީ ބަލިވެގެންވާގޮތަކީ ކޮބައިތޯއާއި ވާ ގެއްލުމަކީ ނުވަތަ އުދަގުލަކީ ކޮބައިތޯއެވެ. މީގެ އިތުރަށްވެސް ތަރުޖަމާނު އެތައް ސުވާލެއް ކޮށްފިއެވެ. ދެންވެސް ޔޫސުބުގެ ޖަވާބަކީ ވީގޮތެއްވެސް ވާގޮތެއްވެސް ވެފައިވާ ބައްޔެއްވެސް ނޭނގޭ ކަމަށާއި އެކަން އެނގޭނީ ޑޮކްޓަރަށް ކަމަށެވެ. ތިމަންނަ މިތަނަށް އަންނަން ޖެހުނީ އެކަންކަން ތިމަންނައަށް ނޭނގޭތީ ކަމަށާއި އެކަން އެނގޭނަމަ މިތާކަށް އަންނާކަށް ނުޖެހުނީސް ކަމަށެވެ.
ދެން ޔޫސުބުގައިގައި ކަށިގަނޑު އަޅައި ބައްލަވައިފިއެވެ. ބައްޔެއް އެނގުނު ކަމަކަށް ނުވިއެވެ. ޑޮކްޓަރުގެ ފަހުގެ ޖަވާބަކީ ދެން އިތުރަށް ބެލޭނީ ވާގޮތެއް އެނގިގެންކަމަށެވެ. ޔޫސުބު ރުޅިއައިސް ކޮބާ ނޭނގުނެއްނޫންހޭ؟ ބުނަމުން އެކައްޗެއްވެސް ނޭނގޭނޫންހޭ އަދިވެސް ޑޮކްޓަރުކަން ކުރަންއުޅޭށޭ ކިޔާ ހަޅޭލަވަމުން ޔޫސުބު ޑޮކްޓަރގެއިން ނުކުމެގެން ހިނގައްޖެއެވެ.