November 22, 2024 02:28
Advertisement

-Advertisement-

ޑރ. ޝާއިރާ: އަންހެނުންނަކީ އަޒުމް ވަރުގަދަ ބައެއް، ކުރެވޭނެ، ކުރަންފަށާ!

ޑރ. ޝާއިރާ ސަލީމް (ޝާއިރާ) އަކީ ދިވެހި މުޖުތަމައުގައި ފާހަގަކޮށްލެވޭ ކަނބަލެކެވެ. އަޅުގަނޑަށް ޝާއިރާ އެންމެ ފާހަގަކުރެވެނީ އަޒުމް ވަރުގަދަ، ކެރޭ، ޚިދުމަތްތެރި ކަނބަލެއްގެ ގޮތުގައެވެ.

'ޒީޓައިމްސް' އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވަނީ ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް ކުރި ދަތުރުގެ ތަފްސީލް ދެއްވާފައެވެ.

ޝާއިރާ އަކީ ޝެރީ ޕްރައިވެޓް ލިމިޓެޑްގެ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރ އެވެ. ވިމެން އެންޓަޕްރިނަރސް އެސޯސިއޭޝަން މޯލްޑިވްސްގެ ފައުންޑަރ އަދި ޕްރެޒިޑެންޓަކީ ވެސް ޝާއިރާ އެވެ. މީގެއިތުރުން ސަރކް ވިމެން އެންޓަޕްރިނަރސް ކައުންސިލް މޯލްޑިވްސްގެ ވައިސް ޗެއަރއެވެ. އަދި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރެކެވެ.

Advertisement

ޝެރީ ފެށުނީ ކިހިނެއް؟

މިއީ ސްކޫލުގައިވެސް ގިނަ ހަރަކާތްތަކެއްގައި ބައިވެރިވި ދަރިވަރެކެވެ. ފުރަތަމަ އަދާކުރި ވަޒީފާއިން ވަކިވީ ކައިވެނިކުރުމަށްފަހު އާއިލާއިން އެގޮތަށް ބޭނުންވާތީއެވެ.

" އާއިލާއިން އެއްބަސްނުވި ވަޒީފާ އަދާކުރަން. ބޭނުންވާ ހުރިހާކަމެއް ކުރެވޭ ނޫންހޭ. ބޭނުންވާހާ އެއްޗެއް ލިބޭ ނޫންހޭ. އެހެންވީމަ ކީއްކުރަންހޭ މަސައްކަތްކުރަނީ. ގޭގަ ހުންނާށޭ". މިއީ އެއިރު ޝާއިރާގެ އާއިލާއިން ބުނަމުންދިޔަ ގޮތެވެ.

މިހާހިސާބުން ދެން ވިސްނީ އަމިއްލަ މަސައްކަތެއް ފެށުމަށެވެ. އެހެންނަމަވެސް މަސައްކަތެއް ފަށަން ބޭނުންވެގެން އެވާހަކަ ދައްކާ ކޮންމެ ފަހަރަކުވެސް އާއިލާ އިން ބުނަމުންދިޔައީ "މިއީ ގޭގަ ދަރިންކައިރީގައި ހުންނަންވީ ވަގުތޭ. ކީއްކުރަން ކުރާ މަސައްކަތެއްހޭ. އެއީ އަސްލު އެންމެ އުދަގޫވި އެއްކަންތައް. އެމީހުންނަށް ވިސްނަދޭން. ގޭގަ ހުންނަން ބޭނުންނުވާކަން" އެޒަމާނުގައި ގިނަ އާއިލާތަކެއްގެ ވިސްނުން ހުރިގޮތަކީ މިއީއެވެ.

ޝާއިރާ މަންމައާއެކު، މަންމަގެ އުފަންދުވަސް ފާހަގަކުރަނީ

ވެރިރަށް މާލެއަށް އުފަން ޝާއިރާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅަކީ ޝާއިރާއެވެ. މަސައްކަތެއް ފެށުމަށް ލޯނެއް ނަގައިދޭން އެދުމުން ވެސް އެއިރު ބުނަމުން ދިޔައީ ފިރިމީހާގެ ހުއްދަ ހޯދުމަށެވެ. އުންމީދު ކަނޑާނުލާ އެއިރު އުމުރުން 24 އަހަރުގެ ޝާއިރާ ދިޔައީ އަމިއްލަ ވިޔަފާރިއެއް ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.

" ނުހުއްޓާ އުދަގޫކުރަން ފެށީމަ ބުނެފި އެނގޭހޭ ވިޔަފާރިއަކީ ކޮބައިކަން. އެއީ އެހާ ފަސޭހަކަމެއް ނޫނޭ. ދެން ބުނެފި ޕްރޮޕޯސަލް އެއް ލިޔަން. އެއިރު ނޭނގޭ އެއީ ކޯއްޗެއްކަންވެސް. ލިޔެފަ ދެއްކީމަ ބުނީ މިއީ މީހުން އެއްޗެހި ލިޔާގޮތެއް ނޫނޭ. ޝާއިރާ ތިދައްކަނީ ހަތަރު ތަނބު ނުޖަހާ މަތީގައި ކޮންކްރީޓް ސީލިންއެއް އަޅާ ވާހަކައޭ. އެއިރު ހުންނާނީ ބޮލަށް ނޫންހޭ ވެއްޓިފަ" އެއިރުގެ ހަނދާންތައް އާކުރަމުން ފާހަގަކުރެއްވިއެވެ.

5 ވަރަކަށް އަހަރު ކުރި އުންމީދަށްފަހު ޝާއިރާ ޝެރީގެ ވިޔަފާރި ފެށީ މީހެއްގެ އެހީތެރިކަމާއެކު ލިޔުނު ޕްރޮޕޯސަލް އަށްފަހު ވަރަށް ފުޅާކޮށެވެ.

އާއިލާގެ ފުރިހަމަ އެހީތެރިކަމާއެކު ފެށި ވިޔަފާރީގައި " ޑޭކެއާގެ ޚިދުމަތް (ދަރިފުޅު ގޮވައިގެން އައިސް ދަރިފުޅު ބަހައްޓާފަ ޚިދުމަތް ހޯދާގޮތަށް) އަންޑަގާމެންޓްސް ވިއްކާތަނެއް، ލައިބްރަރީ، ޕާސަނަލް ޓްރެއިނިންގ އަދި ފިޓްނެސް، ސެލޫންގެ ޚިދުމަތް" ދިޔައީ ޝެރީއިން ދެމުންނެވެ.

ގައުމީ ދުވަސް ފާހަގަކުރުމުގެ ހަފްލާއެއްގައި

ޝާއިރާ ވިދާޅުވިގޮތުގައި އޭނާއަށް މީހަކު ލިޔެދިން ޕްރޮޕޯސަލްގައި ވާގޮތުން ފައިދާވާނެ ކަމަށް ބެލެވުނީ އެއްއަހަރު ފަހުންނެވެ. އެހެންނަމަވެސް ވިޔަފާރިފެށިތާ 6 މަސް ނުވަނީސް ވަނީ މަންފާވާން ފަށައިފައެވެ.

ފުޅާދާއިރާއެއްގައި ގިނަ ޚިދުމަތްތަކެއް ދޭން ފެށި ސަބަބެއް ކަމަށް ޝާއިރާ ވިދާޅުވީ " އެއިރު އަންހެނުން ރީތިވާން މަސައްކަތްކުރުން އެއީ ޅަވުން. ހަޑިކަމެއް އަސްލު ސެލޫން އަށް ދިޔުމަކީވެސް. އެހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބެންޏާ އަސްލު ނޭނގޭނެތާ ކާކު ކޮންތާކަށް ދިޔައީ ކީއްކުރަންކަމެއް".

ޝެރީގެ ދަށުން ހިންގާ 4 ތަނެއް މިވަގުތުވެސް އެބަހުއްޓެވެ. އެއީ މާލޭގައި ހިންގާ ޝެރީ ސެލޫންއާއި، ހުޅުމާލޭގައި ހިންގާ ޝެރީ ސެލޫންގެ އިތުރުން ގެސްޓްހައުސްއަކާއި ކެފޭއެކެވެ. ސްރީލަންކާގައި ހުރި ތަނުގެ ޚިދުމަތް މިވަގުތު ވަނީ މެދުކަނޑާލާފައެވެ.

އިޖުތިމާޢީ ޚިދުމަތްތެރިއެއް

ޝާއިރާ އިސްވެ ހުންނަވައިގެން ވިމެން އެންޓަޕްރިނަރސް އެސޯސިއޭޝަން މޯލްޑިވްސް ރަޖިސްޓަރކޮށްގެން ހިންގާތާ މިހާރުވަނީ 7 އަހަރު ވެފައެވެ. މިޖަމްއިއްޔާއަކީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުމަށް އެހީތެރިވެދޭ ޖަމްއިއްޔާއެކެވެ.

" އަސްލު ބޭނުންވަނީ މީހުން ކުރިއަށްދާތަން ފެންނަން. ހިތްހަމަޖެހުން ލިބޭ އެމަންޒަރު ފެނުނީމަ. ޝާއިރާ މިމަސައްކަތް ފެށިއިރު އެގޮތަށް މަސައްކަތްކުރަނީ ޖުވޭ އަދި ނަޝީ. އެއިރު މީހުންނަށް އެވަރަށް ނުކެރޭ ނުކުމެ ވާހަކަދައްކާ އުޅެން. މިހާރުގެ ކުދިންގެ ވިޝަންއެއް ހުރޭ. އެކުދިންނަށް އެނގޭ ކުރަންމިއުޅެނީ ކީއްކަން. އެކަމަކު ޝާއިރާމެން މަސައްކަތްކުރަން ފެށިއިރު ނޭނގޭ އަދި ކިޔާދޭނެ މީހުންވެސް ނުތިބޭ"

ސޯޝަލް މީޑިއާއާއި ޓީވީގެ ޒަރީޢާއިން ވެސް ހޭލުންތެރިކަން އިތުރުވެފަވާއިރު، އަންހެނުންނަށް ކުރިއަށްދާން ގިނަ ފުރުސަތުތަކެއް އެބަހުރިކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

" ފިޓްނަސް އިންޑަސްޓްރީގައި އެންމެ އިސްކޮށް އުޅޭ ގިނަ މީހުންނަކީ އަޅުގަނޑު ފުރުސަތު ހޯދައިދީގެން ތަމްރީންވި މީހުން. ހެއަރޑްރެސިންގ ދާއިރާގައި ވެސް އުޅޭނެ މިގޮތަށް ތަމްރީންކުރި މީހުން. ތަމްރީންކުރި މީހުން ދާއިރާގައި އިސްކޮށް އުޅޭތީ ވަރަށް ހިތްހަމަޖެހޭ. އަދި އެވޯޑު ހޯދަދޭންވެސް މަސައްކަތްކުރިން ދާއިރާގައި އުޅޭ ކަނބަލުންނަށް".

ޝާއިރާ ވަނީ ކޮވިޑްގެ ހާލަތުގައި އަންހެން ވިޔަފާރިވެރިންނަށް ދިމާވި ދަތިތައް ހައްލުކުރުމަށް އެވިޔަފާރިވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާއާ ވެސް ބައްދަލްކުރައްވާފައެވެ.

ގައުމީ މައުރަޒުގައި ވިމެން އެންޓަޕްރިނަރސް އެސޯސިއޭޝަން މޯލްޑިވްސްގެ މެންބަރުންގެ މަސައްކަތްތަކުގެ ތަފްސީލް ދެއްވަނީ

އަންހެނުން ކުރިއެރުވުމަށް ޝާއިރާ އިސްވެހުންނަވައިގެން ކުރިއަށްގެންދެވި ބައެއް ޕްރޮގްރާމްތަކުގެތެރޭގައި:

  1. ގޭގައި ތިބޭ މަންމައިންނަށާއި އަދި އަންހެނުންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް "ވޯކް ފްރޮމް ހޯމް" ޕްރޮގްރާމެއް ތަޢާރަފްކޮށް އެފުރުސަތު ހުޅުވާލުން.
  2. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމަށް އިސްކަންދީގެން ޝެރީގައި ލައިބްރަރީގެ ޚިދުމަތް ތަޢާރަފްކުރުން.
  3. އަމިއްލައަށް ސިއްޙީ އަދި ބިއުޓީކެއަރ ސަޕޯޓް ކުރިއެރުވުމުގެ ގޮތުން ބޭނުންވާ ޚިދުމަތްތައް ފުޅާކޮށް އެމަގު ތަނަވަސްކޮށްދިނުން.
  4. ފިޓްނަސް އިންސްޓްރަކްޓަރ، ބިއުޓީޝަން ހެއަރޑްރެސަރ އަދި މަސާޖްތެރަޕީގެ ތަމްރީން ޕްރޮގްރާމްތައް ބައިނަލްއަގުވާމީ ފެންވަރަށް ހިންގާ ސެޓްފިކެޓް ދީފައިވުން.
  5. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ވޯކްޝޮޕްތަކާއި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގައި، އަދި ޒުވާން އަންހެނުން ވިޔަފާރިދާއިރާގައި ކުރިއެރުވުމަށް އެހީތެރިވުން.
  6. ވިޔަފާރިތައް، ޚާއްސަކޮށް ދިވެހި ހޭންޑްކްރާފްޓް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަށް ހިލޭއެހީ ފޯރުކޮށްދީ ދިވެހި މުޖުތަމަޢަށް އެހީތެރިވުން.

ކާމިޔާބީތައް

ޝާއިރާގެ ޚިދުމަތް ފާހަގަކުރައްވާ ތަފާތު ދާއިރާތަކުން ގިނަ އަދަދެއްގެ އެވޯޑު ވަނީ ލިބިފައެވެ. ތިރީގައި މިވަނީ ފާހަގަކުރެވޭ ބައެއް އެވޯޑުތަކުގެ ތަފްސީލެވެ.

1. ޒުވާނުންގެ ޤައުމީ އިނާމް- މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް 2001

2. ވިމެން އޮފް ދަ އިޔަރ 2003 – ސައުތް އޭޝިއަން ރީޖަނަލް އެވަރޑް އެންޑް ޓްރޮފީ

3. ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް- 2004

4. އެފްއެލްއޯ ސްކްވެކް އިންޑިއާ އެވަރޑް 2015

5. ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވަރޑް 2017

6. ވޮއިސް އޮފް ވިމެން އެވަރޑް ނޭޕާލް

7. އިންޓަނޭޝަނަލް ގްލޯބަލް ލީޑަރޝިޕް އެވަރޑް 2022

ޕީޑީސީ ހާސިލްކުރެއްވީ ކިހިނެއް؟

ޝާއިރާ ވިދާޅުވިގޮތުގައި ޕީއެޗްޑީ ހާސިލްކުރެއްވުމަކީ އުންމީދުކުރެއްވި ކަމެއް ނޫނެވެ. ސައިކޮލޮޖީ އިން ޑިޕްލޮމާއެއް ހާސިލްކުރެއްވުން ފިޔަވައި ކިޔެވުމާއިގެން ކުރިއަށްގެންދިއުމަށް ނުވިސްނަވައެވެ.

ޕްރޮފެޝަނަލް ޑޮކްޓަރޭޓް ސެޓިފިކެޓް (ޕީޑީސީ) އަށް ޝައުގުވެރިކަން ހުރިތޯ ބެލުމަށް ލިބުނު އީމެއިލްއަށް ފުރަތަމަ ސަމާލުކަން ނުދެއްވާކަމަށް ވަނީ ވިދާޅުވެފައެވެ. "ދެވަނަ ފަހަރަށް އެމެއިލް ލިބުމުން ތަފްސީލް ބެލުމަށް ދަރިފުޅާ ކުރެވުނު މަޝްވަރާގައި ޔޫރަޕިއަން ޔުނިވަރސިޓީ އިން ދޭ ޕީޑީސީ އެއް ވީމަ ކުރިއަށްދާން ނިންމީ. ގުޅުންހުރި ހުރިހާ ލިޔުމެއް ފޮނުވީމަ ޕެނަލްއަކުން އިންޓަވިއު ކުރިއަށް ގެންދިޔައީ. އޮންލައިންކޮށް އިންޓަވިއުކުރިއަށް ގެންދިއުން އެއީ އެންމެ އުދަގޫވިކަންތައް".

ޝާއިރާ ޕްރޮފެޝަނަލް ޑޮކްޓަރޭޓް ސެޓިފިކެޓް ހާސިލުކުރެއްވީ 'ގްލޯބަލް ލީޑަރޝިލް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް' ދާއިރާއިންނެވެ.

ޕްރޮފެޝަނަލް ޑޮކްޓަރޭޓް ސެޓިފިކެޓް ހާސިލުކުރެއްވުމަށްފަހު

ދޭން ބޭނުންވާ މެސެޖު

" ވާނޭ. ކުރެވޭނޭ. ކުރަން އުޅުނީމަ ނުކުރެވޭނެ ކަމެއް ނޯންނާނޭ. ކޮންމެކަމެއްވެސް ފަށާއިރު ވަގުތުނަގާނެ އެކަމުން ފައިދާވާން. އަދި ފަހަރެއްގަ ފައިދާ ނުވެދާނެ. އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން ފަށަންވާނީ. ބައެއް މީހުންނަށް ވާގޮތަކީ މީހަކު ކަމެއް ކުރާއިރަށް އެކަމެއް ފަށަނީ. އަމިއްލަ މަސައްކަތް ކާމިޔާބު ކުރުމަށް މަސައްކަތްކުރަންވީ". ޝާއިރާ ވިދާޅުވިއެވެ.

ނިންމުން

ވެރިރަށް މާލެއަށް އުފަން ޝާއިރާ ދެކިވަޑައިގަންނަވާ ގޮތުގައި އެންމެބޮޑު ކާމިޔާބަކީ 4 ކުދިންނެވެ. ދޮށީ ދަރިފުޅަކީ ކުޑަކުދިންގެ ޑޮކްޓަރެކެވެ. ދެން ތިބި ދެކުދިންނަކީ ޤާނޫނީ ވަކީލުންނެވެ. އަދި ފިރިހެން ދަރިފުޅުވެސް ވަނީ މަތީ ތަޢުލީމް ހާސިލްކުރައްވާފައެވެ.

ޝާއިރާގެ ހަތަރު ކުދިން

ދިރިއުޅުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާއިރު، މިވަގުތު އެންމެ ބޭނުންވަނީ ޝާއިރާގެ ދަރިން ކުރިއެރުވުމަށް އެމީހުންނަށް މަސައްކަތުގެ ދާއިރާގައި ވަގުތު ދިނުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

ކުރިއެރުމުގައި މީޑިއާއިން ވެދިން އެހީތެރިކަން ވަނީ ފާހަގަކުރައްވާފައެވެ. ޝާއިރާ މިސާބިތުކޮށްދެއްވީ ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ ކަމެވެ. ބޭނުންވަނީ ހިތްވަރާއި ވަރުގަދަ އަޒުމެއްގައި ކުރިއަށްދެވޭތޯ މަސައްކަތްކުރުމެވެ.

+1
2
+1
11
+1
3
+1
5
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް