November 22, 2024 08:33
Advertisement

-Advertisement-

ފެނުގެ ދުވަސް: ދެ ބިލިއަން މީހުންނަށް ރައްކާތެރި ފެނެއް ނުލިބޭ!

ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 22 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުން ފެށިގެންނެވެ. މިދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ އާބާދީގެ 2 ބިލިއަން މީހުން އުޅެމުންދަނީ ރައްކާތެރި ފެން ނުލިބިކަމަށްވާތީ މިކަމަށް ހޭލުންތެރިކުރުމަށެވެ. ފެނުގެ ދުވަހުގެ މައިގަނޑު މަގްސަދަކީ އދ.އިން ހާސިލް ކުރުމަށް އަމާޒު ހިފާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން 6 ވަނަ ލަނޑުދަނޑި ކަމުގައިވާ، 2030 ވަނަ އަހަރާއި ހަމައަށް ހުރިހާ އެންމެންނަށް ރައްކާތެރި ފެނާއި ރައްކާތެރި ފާޚާނާ ނިޒާމެއް ލިބޭގޮތް ހެދުމަށް ކުރާ މަސައްކަތަށް ސަޕޯޓް ދިނުމެވެ. 

މިއަހަރުގެ ފެނުގެ ދުވަހުގެ ތީމަކީ ބިމު އަޑީގައިވާ ފެނެވެ. މިއަހަރުގެ ކެމްޕޭން ޓައިޓްލް އަކީ "ގްރައުންޑް ވޯޓާ: މޭކިން ދަ އިންވިސިބަލް، ވިސިބަލް" އެވެ. ބިމު އަޑީގައިވާ ފެނަކީ ނުފެންނަ އެއްޗެއް ނަމަވެސް އޭގެ އަސަރު އެކި ގޮތްގޮތަށް އަހަރެމެންގެ ދިރިއުޅުމަށް ކުރެއެވެ. ބިމުއަޑީގެ ފެނަކީ އަހަރެމެންގެ ފައިދަށުގައި ފޮރުވިފައިވާ ހަޒާނާއެކެވެދިރިއުޅުމަކަށް އާރޯކަން ގެނެސްދޭ ގުދުރަތީ ހަދިޔާއެކެވެ.

އެންމެ ހަނަފަސް ސަރަހައްދުތަކުގައި ބިމު އަޑީގައިވާ ފެން ނޫން ފެނެއް ލިބޭކަށްވެސް ނުހުރެއެވެ. މައިގަނޑު ގޮތެއްގައި ސާފު ފެން ލިބެނީ ބިމު އަޑިންނެވެ. ބިމު އަޑީގައިވާ ސާފު ފެނަކީ  އިންސާނުން ބުއިމަށާއި، ޖަނަވާރުތަކާއި ދަނޑުވެރިކަން އަދި ނަރުދަމާގެ ނިޒާމަށް ވަރަށް ބޮޑު އެހީއެކެވެ. އިންސާނުންގެ އަމަލުތައް ހުންނަގޮތުން ބިމުއަޑީގައިވާ ފެން ތަޣައްޔަރުވެފައިވާ ގިނަ ސަރަހައްދުތަކެއް އެބަހުއްޓެވެ. އަދި ރީތި ފެން ހުރީ ކިހާ މިންވަރަކަށްކަން ނޭނގޭ ސަރަހައްދުތައްވެސް އެބަހުއްޓެވެ.

Advertisement

ބިމު އަޑީގެ ފެނަކީ މޫސުމަށް އަންނަ ބަދަލުތަކާއިވެސް ގުޅިފައިވާ އެއްޗެކެވެ. ވީމާ އެ ފެން މެނޭޖްކުރުމާއި ދެމެހެއްޓެނިވި ގޮތުގައި ފެން ބޭނުން ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. މި އަގުހުރި ނިއުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ޖެހެއެވެ. ދުނިޔޭގެ އިކޯސިސްޓަމްގެ ދުޅަހެޔޮކަންވެސް ބަރޯސާވަނީ ބިމުއަޑީގެ ފެނަށެވެ. ދުނިޔޭގެ ގިނަ ސަރަހައްދުތަކެއްގައި ބިމުއަޑީގެ ފެން ތަކުރާރުކޮށް ބޭނުންކުރުމުގެ ސަބަބުން ފެނުގެ ސާފުކަންވަނީ ގެއްލިފައެވެ. ފެން ތަޣައްޔަރުވެފައިވާ ސަރަހައްދުތަކުން ފެން ސާފުކުރުމަށް ބޮޑު ހޭދައެއްކުރަން ޖެހެއެވެ. އަދި އެފަދަ ސަރަހައްދުތަކުން ނަގާފެން ބުއިމަށް ބޭނުންކުރެވޭ ރައްކާތެރިއެއްޗަކަށް ހެދުމަށްވެސް ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެ ބޯފެނުގެ އަގު އުފުލެއެވެ. އަދި ބައެއްފަހަރު ފެން ބޭނުން ނުކުރެވޭ ވަރަށްވެސް ތަޣައްޔަރުވެފައި އެބަހުއްޓެވެ. ބިމު އަޑީގައިވާ ނުސާފު ފެން ސާފުކޮށްދެނީ ވާރޭ ވެހުމުންނާއި ސްނޯ ފޭބުމުންނެވެ. އެހެންނަމަވެސް އެކަމަށް ގިނަ އަހަރުތަކެއް ނަގައެވެ.

މުޅި ދުނިޔޭގެ އާބާދީގެ ތެރެއިން ސާފު ފެން ލިބެނީ ކޮންމެ 10 މީހެއްގެ ތެރެއިން 7 މީހުންނަށެވެ. ސާފު ބޯފެން ނުލިބޭ ގައުމުގެ ތެރޭގައި އެންމެ ގިނައީ އެފްރިކާގެ ގައުމުތަކެވެ. އެގައުމުތަކުގެ ތެރޭގައި، 

1. އެރިޓްރިއާ: އިރުމަތީ އެފްރިކާގައި އޮންނަ އެރިޓްރިއާގެ އާބާދީގެ 80 އިންސަތަ މީހުންނަކީ ސާފު ބޯފެން މަހްރޫމު ވެފައިވާ އަސާސީ ފެނުގެ ޚިދުމަތް ނުލިބޭ މީހުންނެވެ. އެގައުމުގެ ގިނަ ގޭގެއަށް ނަރުދަމާގެ ޚިދުމަތް ނުލިބުމުގެ ސަބަބުން ގުދުރަތީ ފެންގަނޑުތައްވެސް އޮންނަނީ އިންސާނުންނާއި ޖަނަވާރުންގެ ނަޖިހުން ތަޣައްޔަރުވެފައެވެ. އެރިޓްރިއާގައި ބިމުއަޑީގައިވާ ފެންތަޣައްޔަރުވާ އަނެއް ސަބަބަކީ ގަސް ކެނޑުމާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ފަގީރު އުސޫލުތަކުގެ ސަބަބުންނެވެ.

2. ޕަޕުއާ ނިއުގިނީ: އެގައުމުގައި 63.4 އިންސައްތަ މީހުންނަކީ އަސާސީ ފެނުގެ ޚިދުމަތް ނުލިބޭ މީހުންނެވެ. އެގައުމުގައިވެސް އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތް ސަރަހައްދުތައް ގިނައެވެ. އަދި ބޭސިކް ހައިޖިން ޕްރެކްޓިސްތައް ނުދަންނަ މީހުން ވަރަށް ގިނައެވެ. ތޫފާންތަކާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން ގެދޮރު ހަލާކުވުމާއި ފެންބޮޑުވުން ފަދަ ހާދިސާތައްވެސް އެގައުމުގައި ގިނައެވެ.

3. ޔުގަންޑާ: އަސާސީ ފެނުގެ ޚިދުމަތް ނުލިބޭ 61.1 އިންސައްތަ މީހުން ޔުގަންޑާގައި އެބަތިއްބެވެ. 1.4 މިލިއަން ރެފިއުޖީންވެސް ދިރިއުޅޭ ޔުގަންޑާގެ ގިނަ ސަރަހައްދުތަކުގައި މީހުން ދިރިއުޅެނީ ވަރަށް ދަތި ހާލުގައެވެ. އާބާދީ އިތުރުވުމުގެ ސަބަބުން ރައްޔިތުންގެ އަސާސީހައްގުތައް ކަށަވަރުކޮށްދިނުމަށް އެގައުމުގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ.

4. އިތިއޯޕިއާ: އިތިއޯޕިއާގެ 60.9 އިންސައްތަ މީހުންނަށް އަސާސީ ފެނުގެ ޚިދުމަތް ނުލިބެއެވެ. އެގައުމަކީ އެފްރިކާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. 105 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރު 64 މިލިއަނެއްހާ މީހުންނަށް ސާފު ފެނެއް ނުލިބެއެވެ.

5. ސޯމާލިއާ: ސޯމާލިއާގައި 60 އިންސައްތަ މީހުންނަކީ އަސާސީ ފެނުގެ ޚިދުމަތް ނުލިބޭ މީހުންނެވެ. ސާފު ބޯފެނާއި ނަރުދަމާގެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން އަދި ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން އެގައުމުގައި ނުސާފު ފެނުގެ ސަބަބުން ޖެހޭ ބަލިތައް ޖެހޭމިންވަރު ވަރަށް ގިނައެވެ. ބަަލިޖެހޭ މީހުންގެތެރޭގައި ގިނައީ މައިންނާ ކުޑަކުދިންނެވެ. ސޯމާލިއާއަކީ ހަނގުރާމަތައް ގިނަ އަދި ފެންބޮޑުވުން ފަދަ ހާދިސާތަކާއި ހަނަފަސްކަމުގެ ސަބަބުން އެކި ދުވަސްވަރު މީހުން އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާންޖެހޭ ގައުމެކެވެ. މިގޮތަށް 2016 ވަނަ އަހަރުން ފެށިގެން ގެދޮރު ދޫކޮށް އެހެނިހެން ސަރަހައްދުތަކަށް ބަދަލުވެފައިވާ 1.5 މިލިއަން މީހުން ސޯމާލިއާގައި އެބަތިއްބެވެ.

މީގެ އިތުރުން އެންގޯލާގެ 59 އިންސައްތަ މީހުންނަށް އަސާސީ ފެނުގެ ޚިދުމަތެއް ނުލިބެއެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި 58.2 އިންސައްތަ މީހުންނަށް އަސާސީ ފެނުގެ ޚިދުމަތެއް ނުލިބެއެވެ. ޗަޑްގެ އާބާދީގެ 57.5 އިންސައްތަ މީހުންވަނީ ސާފު ފެނުގެ އަސާސީ ޚިދުމަތުން މަހްރޫމްވެފައެވެ.

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ހުޅަނގު އެފްރިކާގެ ނިޖާގެ 54.2 އިންސައްތަ މީހުންނަށް ފެނުގެ އަސާސީ ޚިދުމަތެއް ނުލިބެއެވެ. މިލިސްޓުގައި ދެން ހިމެނެނީ މޮޒަންބީކް އެވެ. އެގައުމުގެ 52.7 އިންސައްތަ މީހުންނަކީ ސާފު ފެނުގެ އަސާސީ ޚިދުމަތް ނުލިބޭ މީހުންނެވެ.

 

މައުލޫމާތު ނެގީ: ވޯލްޑްވޯޓަރޑޭ ޑޮޓް އޯގް އަދި ވޯލްޑް މިޝަން ޑޮޓް އޯގް އިން

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް