އަހަރެންގެ އުމުރަކީ މަންމަމެން ބުނާގޮތުން 11 އަހަރެވެ. އުމުރަށް ބަލާއިރު ހަށިގަނޑު އަނަރޫފަކަން ފާހަގަކުރެވެއެވެ. މަންމަމެންވެސް ކިޔާއުޅެނީ މިއީ އަހަރުމެންގެ ހިކިދަރިފުޅެވެ. އެކަމަކު އަހަރެންނަކީ މަންމަގެ އެންމެ ދޮންކުއްޖާއޭވެސް ބުނެއެވެ. އަދި ބަސްއަހާ އެންމެ ޤުރުއާން ކިޔެވުމަށް މޮޅު ދަރިއަކީ އަހަރެންކަމަށް މީހުން ކައިރީ ބުނެއުޅެއެވެ. އަހަރެންގެ ކިޔެވުމުގެ އަޑު އަހާފައި އެމީހުންގެ ތައުރީފްގެ ބަސްވެސް ލިބެއެވެ. އެކަމާ އަހަރެން ބޮޑާވެ ފަޚުރުވެރި ނުވަމެވެ. އެއިރުވެސް ޝުކުރު ކުރަންޖެހޭ ފަރާތަކީ ﷲ ކަން އަހަންނަށް އެނގެއެވެ. އެފަރާތާއި އަހަންނާއި ދެމެދު އޮންނަ ގުޅުމަށް ބުރޫއަރާ އެއްވެސް ކަމެއް އެއުމުރުން ފެށިގެންވެސް އަހަރެން އަންނަނީ ނުކޮށްވޭތޯ ބަލަމުންނެވެ.
އެއުމުރުގައިވެސް ނަމާދުކުރުމާއި ރޯދަ ހިފުން އެއީ އަހަރެންގެ ޒިންމާއެއްކަން އެނގެއެވެ. އަދި މީހުންނާއި ވާހަކަދައްކާއިރު ތެދުބަހުން ވާހަކަދެއްކުމަކީ ލޯބިކުރާ ކަމެކެވެ. އަހަރެންނާ އެއް އުމުރުގެ ކުދިން އުޅޭހާ ހަލަބޮލިކޮށް އުޅުމަކީ އަހަރެން ނަފްރަތު ކުރާކަމެކެވެ. ބައެއްމީހުން އަހަންނާއި މުޚާތަބުކޮށް ބުނެއެވެ. "ކީއްވެ ތިހާމަޑުމައިތިރިކޮށް ތިއުޅެނީ. ނިކަން ހަރަކާތްތެރިވެބަލާށެވެ." ނަމަވެސް އަހަރެންގެ މިޒާޖުގައި ނެތްކަމެއް އަހަރެން ކުރާނީ ކިހިނެއްބާވައެވެ. އިންސާނުން ހައްދަވާފައިވަނީ އަޖަލަކާއެކުގައެވެ. އެއަޖަލު ހަމަވީމަ ކޮންމެމީހަކުވެސް ދާންޖެހެނީ މިދުނިޔެދޫކޮށްފަ އުޚުރަވީ ހަޔާތަށެވެ. މިއީ އަހަރެންނަށް ގަބޫލުކުރެވިފައިވާ ގޮތެވެ. އެހެންވީމަ މަޖަލާއި އުފަލުގަ އުޅެވޭނީ ކިހިނަކުންހެއްޔެވެ.؟ މިއީ ލަމްހާނުގެ މަންމަ އޭނާއަށް ދަސްކޮށްދީފަވާ ގޮތެވެ. މިދުވަސްވަރަކީ މަދުންނަމަވެސް ރަށުން މީހުން މަރުވަމުންދާ ދުވަސްވަރެކެވެ.
"އެޒަމާނުގެ އާދަކާދަ ހުންނަ ގޮތުން މީހަކު މަރުވުމުން ގިނަކަންތައްތަކެއް ގަބުރުގެ ކައިރީގައި ކޮށްއުޅެއެވެ. ގަބުރުގެ ކައިރީގައި ޤުރުއާން ކިޔެވުމާއި ގިނަމީހުން ހޭލާތިބުމާއި ކައްވަޅުގެ ކައިރީގައި ހަތްސާތު ކިޔެވުމާއި މަހާނަ މައްޗަށް ފެންއެޅުމާއި މިނޫނަސް އެތައް ކަމެކެވެ. އެއިރު މިބާވަތުގެ ކަންތައްތަކަށް އަހަރެންގެ ލޯ ހުޅުވިފައި ނުވެއެވެ. މީހުންނަށް އެނގިފައިވާގޮތުން އަހަންނަކީ ރީތިކޮށް ޚަތިމުން ކިޔަވަން ދަންނަ ކުއްޖެކެވެ". ލަމްހާނު އެވަގުތުވެސް އިނީ ޚަތިމު ނަގައިގެން ކިޔަވާށެވެ. އެގޮތަށް އިންދާ ބެރުގޭ މަރިޔަމްފުޅު އައިސް ލަމްހާނުމެންގެ ގެއަށް ވަދެއްޖެއެވެ.
ހަމައެވަގުތު މަރޮށީ ކުޑަހައްވަ (ލަމްހާނުގެ މަންމަ) މަރިޔަމްފުޅުގެ މަންމަ ނިޔާވިޚަބަރު ލިބިފައި އޮތުމުން އެޚަބަރު މަރިޔަމްފު ކުރެން އޮޅުންފިލުވިއެވެ. އެވަގުތު މަރިޔަމްފުޅު ބުނެލިއެވެ. " އާން! ކުޑަހައްވާ މަގޭ މަންމަ ނިޔާވެއްޖެއެވެ. މިއުޅެނީ މިރޭ މަންމަ ކައިރީގައި ކިޔަވަން އިންނާނެ ކުއްޖަކު ނުވެގެންނެވެ. މިގޭ ލަމްހާނު މިރޭ އަހަރުމެންގެ ގެއަށް ފޮނުވައި ދެވިދާނެ ހެއްޔެވެ. އޭނައަށް އެހެންމީހުނަށްދޭ އުޖޫރަ (3 ރުފިޔާ) ދޭނަމެވެ. އޭނާ އެކަނިނުވާނެއެވެ. ދެކުއްޖަކު އޭނަ ކައިރީގައި ތިބޭނެއެވެ." މަރިޔަމްފުޅު މިހެންބުނުމުން ކުޑަހައްވަ ހިތަށް އެރިއެވެ. ދަރިފުޅު (ލަމްހާނު) ގެ މޮޅުކަން އެހެންމީހުނަށް އެނގޭނީވެސް މިފަދަ ތަންތަނަށް ގޮސް ކިޔެވީމައެވެ. އެހެންވެ ކުޑަހައްވަ ބުނެލިއެވެ. "މަންމަގެ ހިކިސޮރު ލަމްހާނު، ދަރިފުޅާ މިރޭ މަރިން ދައްތަގެ ގޭގައި ގަބުރު ދޮށުގައި ކިޔަވަން ދަރިފުޅުދާށެވެ. މިރޭ ގޮސްފަ މާދަމާ ހެނދުނު އަންނާށެވެ. ޤުރުއާން ކިޔެވުމަކީ ލަމްހާނު ވަރަށް ޝައުގު ހުންނަ ކަމަކަށްވާތީ މަރިޔަމްފުޅުއާއެކު ލަމްހާނު އެގެއަށް ހިނގައްޖެއެވެ.
މަރިޔަމްފުޅުމެންގެ ގެއިން ރަނގަޅަށް ކެއުމަށްފަހު 8 ޖެހިއިރު ލަމްހާނު ކިޔަވަން ފަށައިފިއެވެ. އިރާކޮޅު ކިޔެވީ ޔާސީން ސޫރަތެވެ. 12 ގެ ފަހަށް އެހެން ސޫރަތެކެވެ. ރޭގަނޑު ގިނައިރުވުމުން މީހުން ނިދާފިއެވެ. ލަމްހާނު އެކަނިވެއްޖެއެވެ. އޭނަގެ ކިޔެވުން ބާރުކުރަން ފަށައިފިއެވެ. ކައިރީގައި މީހަކު ނެތުމުން ލަމްހާނުވެސް ތާއްޔާޖެހެން ފަށައިފިއެވެ. ލަމްހާނަށް ބާރަށް ޝަހާދަތް ކިއިއްޖެއެވެ. ފެންނަންފެށީ އަޖައިބުވާފަދަ މަންޒަރެކެވެ. ގަބުރު މިއޮއްގެން ތެދުވަނީއެވެ. ގަބުރު އޮތީ ހިނަވާފައެއްނޫނެވެ. މަރުވިގޮތަށެވެ. ކޮންމެވެސް ޝައިތާނީ ބާރަކުން ތެދުވެ ގަބުރު ހިނގަންފަށައިފިއެވެ. ހީވަނީ ދިރިހުރި މީހެއްހެނެވެ. ލަމްހާނު ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ. ބިރުން މީހަކަށް ގޮވަންވެސް ނުކެރުނެވެ. ލަމްހާނު ޤުރުއާން ކިޔެވުން ހުއްޓާނުލައެވެ. ގަބުރު ހިނގާއިރު ފަހަތުގައި ހުރެގެން ކިޔަވަމުން ދަނީއެވެ. އިރުކޮޅަކުން ގަބުރުގެ ދެފަރާތަށް ދެމާކަނާ ތިރިކޮށްލިއެވެ.
ގަބުރުގެ މުޅިގައިން ރެދަންލާން ފަށައިފިއެވެ. ލަމްހާނުގެ ހަށިގަނޑުގައި ވިންދު އަވަސްވެއްޖެއެވެ. މުޅިގައިން ހީބިހި ނަގަން ފަށައިފިއެވެ. ދެފައި ކާލިވާން ފެށިއެވެ. ކުރިއަށް ދެވޭހާ ހިއްވަރެއް ނެތެވެ. މިހާރު ގަބުރު ގަބުރުސްތާނަށް ވަންނަނީއެވެ. ގަބުރުގެ އެހީތެރިން ކަމުގައިވާ ދެމާކަނާ އާއި އެކުގައެވެ. ގަބުރުސްތާނުގައި އުޅުމަށްފަހު ނުކުންނަން ފަށައިފިއެވެ. ލަމްހާނު ތިރީހަކަށް ފޫޓު ދުރުގައި ގަހެއްގެ ބުޑުގައި ހިފަހައްޓައިގެން ބަލަން ހުއްޓެވެ. ނަމަވެސް އަނދިރިވީމަ ގަބުވެސް ފެންނަނީ ވަރަށް ފަނޑުކޮށްނެވެ.
"އަހަރެންނަކީ މިހާރު ތޭރަ އަހަރުގެ ކުއްޖެކެވެ. ނަމަވެސް މިރޭ މިވާގޮތެއް ބަލާނަމެވެ. ލަމްހާނު ހިތަށް އެރިއެވެ. ގަބުރު ސަހަރާއިން ނުކުމެގެން ދަނީ އަތިރިއާއި ދިމާއަށެވެ. އެއިރުވެސް ގަބުރު ކައިރީގައި ދެމާކަނާ އުދުހެމުން ދެއެވެ. ގަބުރު އަތިރިއަށް ގޮސް ދެފަސްބެދުން ތާގައި އިށީދެއްޖެއެވެ. ދެމާކަނާ ހޭޅިފަށު ހުރި ގަހަކަށް ތިރިކޮށްފިއެވެ. ގަބުރު ގޮސް މޫދުން ލޮނު ބޯން ފަށައިފިއެވެ. އިރުކޮޅަކުން އެނބުރި ކަޅު ފަސްގަނޑަށް އަރައިފިއެވެ. ބާރުގަދަ އަޑުފަށްގަޑެއް އިވުމާއެކު މުޅިއެތަން އަލިފާނުން ދިއްލާލިއެވެ. ހީވަނީ އަލިފާން މަޅިއެއް ހެންނެވެ. އިރުކޮޅަކު ދިއްލިފަ ހުރުމަށްފަހު އެއްކޮށް އަނދިރިވެއްޖެއެވެ. އެކައްޗެއްވެސް ފެންނާކަށް ނެތެވެ. ގަބުރަށްވީ ކީއްކަމެއް ނޭނގުނެވެ. އެއިރު ގަޑިން ދަންވަރު ތިނެއްޖެހީއެވެ.
"އިރުކޮޅަކުން އަހަންނަށް އިވުނީ ބަޔަކު ވާހަކަދައްކާ އަޑެވެ. މިމީހުންނަކީ އަހަރެން ހޯދަން ނުކުމެގެން އުޅޭ މީހުންކަން އެމީހުންގެ ވާހަކަތަކުން އަހަންނަށް އެނގިއްޖެއެވެ. އެމީހުންނަށް ހޭލެވުނުއިރު މަރުވެފައި އޮތް މީހާވެސް އަދި އަހަރެންވެސް ގޭތެރޭ ނެތުމުން މިވީކީއްކަން ނޭނގި އަހަރެން ހޯދަން ނުކުތީއެވެ. އެމީހުންނަށް އަހަރެން ފެނުމުން މިހިނގައިދިޔަ ހުރިހާ ވާކައެއް ކިޔާދިނީމެވެ. އެއިރު ގަބުރު އޮތް ގޭގެ އެކަކުވެސް ނެތެވެ. އެގޭގެ މީހުންނާއި އަހަރެންގެ މައިންބަފައިންވެސް އަހަރެން ފެނޭތޯ ހޯދަނީއެވެ. އަހަރެންނާއި ދިމާވި ކުދިންނާއެކު ގަބުރު އޮތްގެއަށް ދިޔައިރު ކުރީގައި ގަބުރު އޮތްއެނދުގައި އެގަބުރު އޮތެވެ. އެކަމަކު ގަބުރުގެ ހަށަމުގައި ދެއަތްނެތެވެ. ދެއަތް އޮތީ ވެއްޓިފައެވެ. މިޚަބަރު ލިބުމުން ރަށުގައި ތިއްބެވި އެވޭލާޒަމާނުގެ ދުވަސްވީމީހުން އެގެއަށް އައިސް މިއީ މަދުން ނަމަވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިނގަމުން އަންނަ ކަމެއްކަމަށް ބުނުއްވިއެވެ. މިއީ ޝައިތާނީ ބާރަކުން ވާކަމެއްކަމަށްވެސް ބުނުއްވިއެވެ. އެފެނުނު ދެމާކަނާއަކީ ދެޝައިތާނުންނެވެ. އެދެމާކަނާއަށް މިކުޑަކުއްޖާ(ލަމްހާނު) ނުފެނުނީ އެކުއްޖާގެ ނަސީބު ކަމަށް ވެދާނެއެވެ. ފެނުނުނަމަ އެކުއްޖާވެސް މަރުވެއްޖެކަން ޔަގީނެވެ. އޭގެ ފަހުގައި އެދުވަހު ނުވައެއްޖެހިއިރު އެގަބުރު ވަޅުލައި ނިމިއްޖެއެވެ. މިއީ އާދައާއިޚިލާފު ބިރުވެރި ކަމަކަށްވާތީ އެހެން ރަށްރަށުގެ ދުވަސްވީ މީހުންކުރެން މިއީ ކިހާވަރެއްގެ ހަގީގަތެއް އޮތްކަމެއްތޯ އަހާލީމެވެ. ހުރިހާމީހުންވެސް ބުނީ މިއީ އެޒަމާނުގައި މަދުންނަމަވެސް ހިގާފަވާ ކަންތައްތަކެއް ކަމަށެވެ.
ނޯޓް: މިއީ މަލިކު ހަސަންބޭގެ ހދ. އަތޮޅުގެ ދެވަނަ ހާދިސާ އެވެ. އަސްލު ނުގެއްލޭގޮތަށް ބަދަލު ގެނެސްފައިވާނެއެވެ.