November 22, 2024 22:43
Advertisement

-Advertisement-

ކުރުވާހަކަ: ދެބީނުން

އާދައިގެމަތިން އަހަރެން ސްކޫލު ނިމިގެން ގެއަށް އައިސް ގޭދޮރުމަތީގައި ހުރި ޖޯލީގައި އިށީދެލައިގެން އިނދެވުނީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. މަންމައަކީ ޓީޗަރަކަށްވުމުން ގެއަށް އަންނަންވާއިރަށް ގޭތެރޭ ކަންކަން ނިންމާލާފައި ބަހައްޓަން ބޭނުންވިއަސް ކަންނެތްވެފައި އިނދެވުނީއެވެ. ކުއްލިއަކަށް އިވެންފެށީ މެންދުރު ނަމާދުގެ ބަންގީގެ އަޑެވެ. އަވަސް އަވަހަށް މީހުންތައް މިސްކިތާއި ދިމާލަށް ދާތަން ފެނެއެވެ. ޖެހިގެން ހުރި ގެއިން މިސްކިތަށް ދާންވެގެން ނިކުތް ކުއްޖާ އަހަންނާއި ދިމާލަށް ކަތި ނަޒަރަކުން ބަލާލިހެން ހީވިއެވެ. އެއީ ހީވި ހީވުމެއް ނުވަތަ އަސްލެއް ކަމެއް ނޭނގުނެވެ. އަހަރެންގެ ނަޒަރު އެދިމާލަށް ދާން ފެށިއެވެ. މިހާރު މިވީގޮތުން އަދި އަމުދުންވެސް ގެއަށް ވަންނަހިތްވެސް ނުވިއެވެ. މަންމައައިސް ހަޅޭލަވާފާނެތީ އެކަމާވެސް ޖެހިލުންވެއެވެ. އިރުކޮޅަކުން ނަމާދުން މީހުންތައް އަންނަން ފަށައިފިއެވެ. ހިތުގެ ހިނގުން އަވަސްވާން ފަށައިފިއެވެ. އެކުއްޖާ އަންނަތަން ފެނުމުން ހިތްތެޅެން ފަށައިފިއެވެ. ކުއްލިއަކަށް އެކުއްޖާ އައިސް ޖޯލީގައި އިށީނެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. "ތީ ކޮންކުއްޖެއްތަ"؟ އެކުއްޖާ އައިސް އަހާލިއެވެ. އަހަރެން ލަދުންއިނދެ ޖަވާބުދިނީމެވެ. "އަހަރެންގެ ނަމަކީ ޒަހާ، މިއީ އަހަރެން އުޅޭ ގެ އަހަރެންނަކީ މިރަށު ކުއްޖެއް". އެކުއްޖާ އިތުރަށް ޝައުޤުވެރިކަމާއެކު ވާހަކަ ދައްކަން ފެށިއެވެ. އޭނާއަކީ މިރަށަށް ކިޔަވަން އައިސްހުރި ރ.ފައިނު ކުއްޖެއް ކަމަށް ބުނެލިއެވެ. އުނގޫފާރަކީ ބޮޑުރަށަކަށްވެފައި މާގިނަ ދަންނަ މީހުނެއްވެސް ނުުއުޅެއެވެ. ކިޔަވަން ހުންނަނީ މަންމަގެ ރައްޓެއްސެއް ކަމަށްވާ ފާތުމާ ގޭގައެވެ. އަހަރެމެންގެ ގެއާއި ކުރިމަތިން އެހުރީ ފާތުމާމެންގެ ގެއެވެ. އިރުކޮޅަކު ދެމީހުން ވާހަކަ ދައްކަން ތިބެފައި އަދި ދިމާވާނެ ކަމަށް ބުނެފައި ޒަހީނު ހިނގައްޖެއެވެ. އަހަރެންވެސް އަވަސް އަވަހަށް މަންމަ އަންނަންވާއިރަށް ބަތްކޮޅެއް ކައްކާލަން ދިޔައީމެވެ. ވަގުތަކީ ވަރަށް ހޫނުވެސް ގަދަ ވަގުތަކަށް ވުމުން ފިނި ބުއިމެއްވެސް ތައްޔާރުކޮށްލީމެވެ.

މެންދުރު ނަމާދު ކޮށްގެން ފިލާވަޅުތައް ހަދާލަން އިންދާ މަންމަ އައިސް ގެއަށް ވަނެވެ. ދައްތަވެސް ސްކޫލު ނިންމާލުމަށްފަހު ގެއަށް އައެވެ. ދައްތަ އުޅެނީ ގްރޭޑް 10 ގައި ކަމަށްވާތީ ސްކޫލު ނިމެނީ ވަރަށް ލަހުންނެވެ. އަހަރެންނާއި ދައްތަ އާއި އުމުރުގެ ގޮތުން 3 އަހަރުގެ ފަރަގެއް ހުރެއެވެ. އެހެންނަމަވެސް ދެމީހުންގެ މިޒާޖު ވަރަށް އެއްގޮތެވެ. ދައްތަ ގެއަށް އައުމުން ވަރަށް މަޖާ ވާހަކައެއް އެބައޮތޭ ކިޔާފައި މިއަދު ދިމާވި ސަޅި ބިޓުގެ ވާހަކަ ކުޑަކޮށް ކިޔާލަ ދިނީމެވެ. ހަމަ އެއާއެކު ދައްތައަށްވެސް ވަރަށް ހިތްއެދޭ ކުއްޖެއް ފެނިއްޖެ ކަމަށް ބުނެ މަޖާވެލިއެވެ. ދެމީހުން އޮލަ ވާހަކައިގައި ތިއްބާ މަންމަ އައިސް ދޮރުގައި ތަޅަން ފެށިއެވެ. ދެމީހުން ވާހަކަ ކުރުކޮށްލާފައި ބޭރަށް ނިކުތީމެވެ. ބޭރަށް ނިކުންނަން ދަނިކޮށް ދޮރުމަތިން ޒަހީނު ހުރަސްކުރިތަން ފެނުނެވެ. ލައިގެން ހުރީ ގަދަ އަޅިކުލައިގެ ޓީޝާޓުން އޭނާގެ ރީތިކަން އިތުރަށް ފުރިހަމަވިއެވެ. ދައްތަ އުޅެނީ ސްކޫލު ކަންތަކުގައި ވަރަށް ބިޒީކޮށް ކަމަށްވާތީ ދައްތައާއި މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނުލިބެއެވެ. ގޭގައި އަހަރެމެން ދެބީނުން ފިޔަވައި އިތުރު މީހަކަށް އުޅެނީ މަންމައާއި ބައްޕައެވެ. މަންމައާއި ބައްޕަ އަކީ ވެސް ވަޒީފާގައި އަވަދިނެތި އުޅޭ ދެމީހުން ކަމަށްވާތީ އަހަރެން ގިނަ ވަގުތު ގޭގައި އުޅެނީ އެކަންޏެވެ.

އަސުރުނަމާދަށް ބަންގިގޮވަން ކައިރިވީހެން އަހަރެންގެ ހިތް އަވަސްވާން ފެށިއެވެ. ކުޑަކޮށް ރީތިވެލައިގެން ބޭރަށް ނިކުންނަން ރެޑީވެލިތަނާ މަންމަ ގޮވާލިއެވެ. "ޒަހާ ކޮންތަނަކަށްދާން މާރީތިވެލައިގެން؟" އަހަރެން ވާހަކަ އޮޅުވާލަން މަސައްކަތް ކުރަމުން މަންމައަށް ޖަވާބު ދިނީމެވެ. ކްލާސް ރީމާ އެބައާދޭ ފިލާވަޅެއް އޮތީމަ އޮޅުން ފިލުވާލަން. އެހެންވެ އޭނަ އަންނާތީ ބޭރަށް ނިކުމެލަނީ". މިހެން ޖަވާބުދިނުމަށްފަހު ނިކުތީމެވެ. ޖޯލީގައި އިށީދެގެން އިންތިޒާރުކުރެވެނީ ޒަހީނު ނަމާދަށް ދާން ނިކުންނާނެ ވަގުތަކަށެވެ. މަންމަ ނިކުމެދާނެތީވެސް ޖެހިލުންވެއެވެ. އެހެން ނަމަވެސް ޒަހީނު ފެނިލުމުން އެލިބޭ ހިތްހަމަޖެހުންވެސް ވަރަށް ބޮޑެވެ. ޒަހީނު ނިކުމެގެން މިސްކިތަށް ދާން ހިނގައިގަންނަމުން ޖޯލިފައްޗާއި ދިމާލަށް ބަލާލިއެވެ. އަދި އަތުން ހަނާ އަޅާލިއެވެ. އަހަރެންނަށް ލިބުނު އުފަލެއްގެ ވާހަކަ ބުނަންވެސް ނޭނގުނެވެ. ޚިޔާލުގެ ތެރެއަށް ގެއްލިފައި އިންދާ ވަގުތުތައް ދިޔަގޮތްވެސް ނޭނގެއެވެ. ކުއްލިއަކަށް މީހަކު އައިސް ހުއްޓިފައި ގޮވާލިއިރު ކުރިމަތީގައި އެހުރީ ޒަހީނެވެ. ކަރުދާސްކޮޅެއް ދިއްކޮށްލުމަށްފަހު މާގިނައިރަކު މަޑުނުކުރެއެވެ. އަހަރެން އެކަރުދާސްކޮޅު ހުޅުވައިލީމެވެ. "އަހަރެންނަށް ވަރަށް ކަމުދޭ ޒަހާ" މިޖުމްލައިން އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރުތަކަށްވެސް އަސަރުކުރުވިއެވެ. ބޭނުންވާކަހަލަ ހިތްއެދޭ ކުއްޖަކު ފެނުމަކީވެސް އަހަރެންގެ ހިތަށް ލިބޭ ހާދަހާވާ ހިތްހަމަޖެހުމެކެވެ. ޒަހީނުގެ ކަރުދާސްކޮޅު ވަރަށް ސިއްރުސިއްރުން ފޮތެއްގެ ތެރެއަށް ލާފައި ފޮރުވީމެވެ.

Advertisement

ރޭގަނޑުވުމުން ޒަހީނު ފެނޭތޯ ގޭދޮށުގައި މުގޯލި އަޅަން ފެށީމެވެ. ހިތާއި ހިތުގެ ގުޅުމަކަށް މަރުހަބާ ކިޔަމުންނެވެ. 10 ވަރަކަށް މިނިޓް ވަންދެން ހިނގާލަ ހިނގާލާ ހުރީމެވެ. މާދުރުން ބައްޕަ އަންނަތަން ފެނުމުން ދުވެފައިގޮސް ފިލީމެވެ. ބައްޕައަށް ފެނިއްޖިއްޔާ އަނެއްކާވެސް ސުވާލު ކުރާނެތީއެވެ. ޒަހީނުގެ ހިލަމެއް ނުވުމުން ގެއަށްވަނީމެވެ. ދައްތަ އުޅެނީ ކޮޓަރީގައެވެ. ފިލާވަޅުތައް ހެދުމުގައެވެ. ދައްތައާއިވެސް މާގިނަ ވާހަކައެއް ދައްކާނެ ފުރުސަތެއް ނުލިބި އުޅެނިކޮށް ޒަހީނުގެ ފަރާތުން ހިތްހަމަޖެހޭ ކަހަލަ އިޝާރާތެއް ލިބުމުން ދެން ބޭނުންވީ އަވަހަށް ޒަހީނާއި ބައްދަލު ކުރެވޭނެ ގޮތެއް ހޯދުމެވެ. ގެއަށް އައިސް ވަންތަނާ ގޭދޮށު ކުއްޖެއް ގޮވާލިއެވެ. "ޒަހާ ކުއްޖަކު އެބަހޯދާ. އެބަހުރި ބޭރުގައި ޒަހާ ހޯދަންވެގެން މަޑުކޮށްލައިގެން". އެހެން ބުނުމާއެކު އަވަހަށް ބޭރަށް ނުކުތީމެވެ. މަގުގެ ކަންމައްޗެއްގައި ހުއްޓިލައިގެން އެހުރީ ޒަހީނެވެ. ރީތި ހިނިތުންވުމެއްގައި ހުރެ އަހަރެންނާއި މުޚާތަބު ކުރިއެވެ. "ކޮބާ އަހަރެންގެ ހުށަހެޅުމާއި ދޭތެރޭ ވިސްނާލިންތަ"؟ އަހަރެން ލަދުރަކި ހިނިތުންވުމެއްގައި ހުރެ ޖަވާބު ދިނީމެވެ. "އަހަރެންނަށްވެސް ވަރަށް ކަމުދޭ ޒަހީން".. މިހެން ބުނުމާއެކު ދެމީހުން ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެވަގުތަކީ ރޭގަނޑުގެ ހަނދުވަރުގެ ރީތި ވަގުތަކަށް ވިޔަސް ދެމީހުން ތިބީ ގޯޅި ކަންމައްޗެއްގައި ކަމުން މާގިނަ ވާހަކަދައްކަން ތިބޭކަށް ނުކެރުނެވެ. މީހަކަށް ފެނިގެން މަންމަ ކައިރީ ބުނެފާނެތީއެވެ. 10 ވަރަކަށް މިނިޓް ވާހަކަދެއްކުމަށްފަހު މިރޭ ފަހުން ބައްދަލުވާނެ ކަމަށް ބުނެފައި ވަކިވެލީމެވެ. ބޭނުންވަނީ މަންމައަށް ނާންގާ ސިއްރުން ބޭރަށް ނިކުންނާނެ ގޮތެއް ރާވާށެވެ. ޒަހީނު ގައިގައި ހުންނަ ސިފަތަކަކީ އަހަރެންނަށް ވަރަށް ކަމުދާ ސިފަތަކަކަށް ވެއްޖެއެވެ. ލޯތްބަކީ ކޮންއެއްޗެއްކަން ދަސްވާކަށް މާގިނަވަގުތެއް ނުނަގައެވެ. އަހަރެންނަށް ހަގީގަތުގައިވެސް ޒަހީނުދެކެ ލޯބި ވެވިއްޖެއެވެ.

ކޮޓަރީގައި އޮށޯވެލައިގެން އޮވެވުނީ ޚިޔާލީ ދުނިޔެއެއްގައެވެ. އެހެން އޮތްއިރު ހީވީ ޒަހީނުގެ ވާހަކަ ދެއްކުމުގެ މަޑުމައިތިރި ރާގު ކަންފަތުގައި ގުގުމާލާހެންނެވެ. ދައްތަ ކައިރީ މިވާހަކަ ބުނަން ބޭނުން ވިޔަސް އަދި ނުބުނެ މަޑުކޮށްލައިގެން ހުރީއެވެ. ދައްތަގެ ބިޒީ ކަމުން އަތްދޫވެލައިގެން ވަގުތުކޮޅެއް ހޭދަކޮށްލާތޯ އިންތިޒާރު ކުރަމުންނެވެ. މިހާރު ގަޑިން 11 ޖެހީއެވެ. ޒަހީނު ބުނެފައި އޮތީ އެގަޑީގައި ގޯޅި ކަންމައްޗަށް ނިކުމެލާށެވެ. ސިއްރުސިއްރުން ކޮޓަރި ދޮރު ހުޅުވާލީމެވެ. ނަސީބަކުން މަންމަ ފެންނާކަށް ނެތެވެ. މަންމަގެ ކޮޓަރި ބޮކި ނިއްވާލާފައި ހުރިކަން އެގުމުން ހިތަށް ފިނިކަމެއް ލިބުނެވެ. ގޯޅި ކަންމައްޗަށް ނުކުތްއިރު ފާރުގައި އަތްވިއްދާލައިގެން ޒަހީނު ހުއްޓެވެ. އަހަރެންގެ ހިތުގެ ހިނގުން އަވަސްވިއެވެ. މަގުގެ ދެކޮޅު ބަލާލާފައި ޒަހީނާއި ކައިރިއަށް ޖެހިލީމެވެ. މިކަހަލަ ދަންގަޑިއެއްގައި މީހަކަށް ފެނިއްޖެނަމަ ވާނެ ގޮތެއްވެސް ނޭނގޭނެތާއެވެ. ޒަހީނުގެ ވާހަކަ އިން ވަރަށް ހިތްހަމަޖެހޭ ޖުމްލައެއް އަޑުއިވުނެވެ. "އަހަރެންނަށް ޒަހާގެ ހުރިހާ ސިފައެއްވެސް ވަރަށް ކަމުދޭ، އަހަރެން ހިތަށް އަރާ މުޅިއުމުރަށްވެސް ޒަހާ އާއި އެކު ދިރިއުޅެން ލިބޭނެނަމައޭ". މިހިތްގައިމު ޖުމްލަތަކުން އަހަރެންގެ ހިތަށް ވެރިވެގެން ދިޔަ އުފާވެރި ކަމުގެ ވާހަކަ ބުނެދޭންވެސް ނޭނގެއެވެ.

ޖެހިގެން އައިދުވަހު ސްކޫލަށް ދާން ހޭލެވުނީ ވަރަށް ލަހުންނެވެ. އެކަމާ މަންމަ ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ދައްތަވެސް ހޭލައިގެން އަހަރެންނަކަށް ނުގޮވައެވެ. އަހަރެން ރީތިވާން ހުއްޓާ ދައްތަ އައިސް އަވަސް ކުރުމަށް ބުނެލިއެވެ. އަހަރެމެން ދެމީހުން ސްކޫލަށް ދަނީ އެކީގައެވެ. ދައްތަގެ ސްކޫލް ގަޑި ނިމެނީ ގިނަދުވަސްދުވަހު ވަރަށް ލަހުންނެވެ. ސްކޫލަށް ދަމުން ދައްތައަށް ޒަހީނުގެ ވާހަކަ ކުޑަކޮށް ކިޔާލަދިނީމެވެ. ނަމެއް ނުބުނަމެވެ. ހަމައެކަނި ބުނެލީ ކުއްޖަކާ ލޯބީގެ ގޮތުން ވާހަކަ ދައްކާ ވާހަކައެވެ. ޖަވާބުގައި ދައްތަވެސް އެކަހަލަ ކަމަކާއި ވިސްނާ ވާހަކަ ބުނަމުން ވާހަކަ ކުރުކޮށްލިއެވެ. ސްކޫލް ގަޑި ނިމޭނެ ވަގުތަކަށް އިންތިޒާރު ކުރެވެނީ ޒަހީނުއާއި ބައްދަލު ކުރާހިތުން ކެތްމަދުވެފައިވާތީއެވެ. ސްކޫލު ނިންމާފައި އަވަހަށް ބޭނުންވީ މަންމަ ގެއަށް އައުމުގެ ކުރިން ކައްކާ ނިންމާލާށެވެ. ކޮޓަރިތެރޭގައި ބަހައްޓާފައި ހުރި ވާހަކަ ފޮތްތަކުގެ ތެރެއިން އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެން އެންމެ ކިޔަން ބޭނުންވާ އެއް ވާހަކައެވެ. އަވަސްއަވަހަށް ފޮތް ނަގައިގެން ގަޑުތައް އުކަމުން ދިޔައީމެވެ. ވާހަކަ ފޮތް ތެރެއިން އަހަރެންގެ ލޮލުގައި އަޅައިގަތީ ކުޑަ ކަރުދާސް ކޮޅެކެވެ. ކަރުދާސްކޮޅު ނިއުޅުވާލާފައި އެއަށް ނަޒަރު ހިންގާލީމެވެ. އެއީ ހަމަ ހަގީގަތުގައިވެސް ހައިރާން ކަމާއި އަންތަރީސްކަން ގެނުވި ކަރުދާސްކޮޅެކެވެ.

ހިތަށް ކުރުވި އަސަރާއި ލިބުނު ހައިރާން ކަމުން ބަސްހުއްޓިފައި ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އެވަގުތު ދައްތަ އައިސް ދޮރު ހުޅުވާލިއެވެ. އަހަރެން އެކަރުދާސްކޮޅު ހިފައިގެން ހުރިތަން ފެނުމުން ދައްތައަށް ލިބުނު ހައިރާންކަން އިތުރުވެގެން ދިޔައެވެ. އަދި އަހަރެންގެ މޫނާ ދިމާލަށް ބަލާލިއެވެ. "މިއީ ދައްތަ ކިޔާދެން އުޅުނު ވާހަކަ ޒަހާއަށް... މިއީ ދައްތަގެ ލޯބިވެރިޔާ މިހާރު..." އެހިސާބަށް ދިޔަތަނާ އަހަރެންގެ ހިތް ހީވީ ކުދިކުދިވެގެން ދިޔަހެންނެވެ. ރޮމުން ރޮމުން ކޮޓަރިން ނުކުމެގެން ފާތުމާމެންގެއަށް ވަނީމެވެ. އަދި ޒަހީނު ކޮބައިތޯ އެހުމަށްފަހު އެތެރެއަށް ވަނީމެވެ. ޒަހީނު އިނީ ގޭތެރޭގައި ފިލާވަޅު ހަދާށެވެ. އަހަރެން ގޮސްފައި ބުނީމެވެ. "ކަލޭގެ ހުރި ނުބައިކަން ބަލާބަލަ. އަހަރެންނާއި އަހަރެންގެ ދައްތައަށް ތިވަރުގެ ލަނޑެއް ދޭން ނޫނީ ނޭނގުނީތަ"... އަދި ގޭތެރެއަށް ވަދެ ދައްތަގެ އަތުގައި ހިފާފައި ޒަހީނު ކުރިމައްޗަށް ގެނައީމެވެ. ދައްތައަށް ހުރިހާ ވާހަކައެއް ކިޔާދިނުމުން ދައްތަވެސް ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ދައްތަ އައިސްފައި ހުރި ރުޅީގެ ސަބަބުން ޒަހީނާއި ދިމާލަށް ބުނެލިއެވެ. "ތިވަރުގެ ކެހިވެރިއެއް ކަމަކަށް އަހަރެން ދުވަހަކުވެސް ހީނުކުރަން.. ކަލެއަށް ދެމީހުންނާ އެއްފަހަރާ ރައްޓެހިވާން އެގުނީވެސް އަހަރެންގެ ކޮއްކޮއާއި ދޯ" މިހެން ބުނެފައި ދައްތަ އެއްޗެހިގޮވަމުން އަހަރެންގެ އަތުގައި ހިފައިގެން އެގެއިން ނިކުތެވެ. އަދި އަހަރެންގެ ކިބައިން މާފަށް އެދުނެވެ. އެހެނަސް އޭގައި ދައްތަގެ ކުށެއް ނެތެވެ. ދެމީހުންނަށް ލޯބި ވެވުނީ އެކަކުދެކެކަން ނޭނގި އުޅެވުނީތީ ލަދުގަނެއެވެ. އެއީ މަކަރުވެރިންގެ އުސޫލެވެ.

+1
0
+1
4
+1
7
+1
7
+1
0
+1
1
+1
1

Advertisement

ގުޅުންހުރި ލިޔުންތައް