November 22, 2024 08:31
Advertisement

-Advertisement-

އިނގިރޭސިވިލާތުގެ މަޝްހޫރު ފިޓްނެސް އިންސްޓްރަކްޓަރ ފައިސަލް

ރޯދަމަހު ކަސްރަތު ކުރާއިރު މިކަންކަމަށް ސަމާލުވޭ!

ރޯދަމަހުގައިވެސް އަމިއްލަ ހަށިގަނޑަށް ސަމާލުވެ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކަސްރަތުކުރުމަކީ މުހިންމު ކަމެކެވެ. މި ރޯދަމަހުގެ ބައެއް ދުވަސްތައް ވަރަށް ހޫނުގަަދައިރު ކަސްރަތު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ފިޓްނެސް އިންސްޓްރަކްޓަރ ފައިސަލް ގެ ނަސޭހަތަކީ 'ސްޓްރެންތް ޓްރެއިނިންގ' ނުވަތަ ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށް ކުރާ ކަސްރަތުތައް ދުވާލު ކުރުމަށާއި 'ކާޑިއޯ' ކަސްރަތުތައް ރޯދަވީއްލައިގެން ކުރުމަށެވެ.

އަދި ދުވާލުގަޑީގައި ކުރާ ކަސްރަތުތަކަކީ ލުއި ކަސްރަތުތަކަށް ހެދުމަށާއި 'ހައި އިންޓެންސިޓީ ވޯކްއައުޓް'ތައް ރޯދަވީއްލުމަށްފަހު ރޭގަނޑު ކުރުމަށް މިއިންސްޓްރަކްޓަރ އިރުޝާދު ދެއެވެ. 'ހެވީ ވެއިޓް ޓްރެއިނިން' ކަހަލަ ކަސްރަތެއް ކުރަން ބޭނުންނަމަ އިރު އެރުމުގެ ކުރިން ފަތިސްގަޑީގައި ކުރަންވީއެވެ.

Advertisement

ބައެއްމީހުން ރޯދަމަހު ބަރުދަން ލުއިކޮށްލަން ބޭނުންވެގެން ވަރަށް ބޮޑަށް ކަސްރަތު ކުރެއެވެ. އެހެންނަމަވެސް ފިޓްނެސް އިންސްޓްރަކްޓަރުން ބުނަނީ ރޯދަމަހު އާ ކަސްރަތެއް ފަށައިގަތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އާންމުކޮށް ކަސްރަތު ނުކުރާ މީހެއްނަމަ ރޯދަމަހު ކުރަންވާނީ ލުއި ކަސްރަތެކެވެ. ކުއްލިއަކަށް ގަދަޔަށް ކަސްރަތު ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. 

މާބޮޑަށް ވަރުބަލިވާ ކަސްރަތެއް ނަމަ ބަހައްޓަންވީ ރޭގަނޑަށެވެ. ހަށިގަނޑުން ފެންމަދުވެފައި ހުންނައިރު ރޯދައަށް ހުރެގެން ބުރަކޮށް ކަސްރަތު ކުރުން ރަނގަޅެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ކަރުހިއްކުން ފިލުވައިގެން ރަނގަޅަށް ގައިގަ ވަރު ޖައްސައިގެން ބުރަ ކަސްރަތުތައް ކުރުމެވެ. ރޯދަމަހު އެންމެ ރަނގަޅީ ހިނގާލުން ކަހަލަ ކަސްރަތެކެވެ. ގަދަޔަށް ކަސްރަތު ކުރާނީ ރޯދަމަސް ނިމުނީމައެވެ.

ރޯދަމަހު ކަސްރަތުކުރާ މީހުން ސަމާލުކަންދޭ ޖެހޭ ކަންތައްތަކުގެ ތެރޭގައި:

1. ލޮނުގަދަކޮށް ނުކެއުމާއި ޕްރޮސެސްޑް ފުޑް ނުކެއުން: ހަށިގަނޑަށް ފައިދާހުރި ކެއުންތައް ކެއުމަށާއި މާގިނައިން ފޮނި އެއްޗެހި ކެއުން ފަދަ ކަންކަމުން ދުރުހެލިވާންޖެހެއެވެ. ރޯދަވީއްލާއިރު އަދި ހާރުދަމުގައިވެސް ކެއުމުގައި ހިމެނޭ ބާވަތްތަކުގެ ލޮނު ރަހަ މަޑުކުރަން ވާނެއެވެ. 

އެންމެ ރަނގަޅު ގޮތަކީ ތެލުލި އެޗިއްސާއި ޕްރޮސެސްޑް އެއްޗެހި އަދި ލޮނު އެއްޗެހި އެއް ގޮތަކަށްވެސް ނުކެއުމެވެ. މި އެއްޗެހި ކެއުމުން މާ ބޮޑަށް ކަރުހިއްކާނެއެވެ. އަދި ރޯދައަށް ހުންނައިރު މާ ގިނައިރުވާހެންވެސް ހީވާނެއެވެ. 

2. ރީހައިޑްރޭޓް ކުރުމުގައި ސަމާލުވުން: ރޯދަވީއްލައިގެން ގިނައިން ފެންބޯން ބޭނުންވިޔަސް 2.5 ލީޓަރުގެ ފެން ބޯށެވެ. އެއަށްވުރެ ގިނައިން ފެން ބޯން ނޫޅޭށެވެ. ރޯދަ ވީއްލައިގެން ކަސްރަތު ކުރާއިރު މަދު މަދުން ފެންބޯން އާދަކުރަން ވާނެއެވެ. އަދި ވިޓަމިން ސީ ކެއުމަށާއި ޖޫހާއި ސައިފަދަ ބުއިންތައް ތައްޔާރު ކުރާއިރު އިނގުރު އަދި ރީނދޫ ބޭނުން ކުރާށެވެ. އެ ދެ ބާވަތަކީވެސް އެންޓިއޮކްސިޑެންޓުން މުއްސަނދި ވެފައިވާ ދެބާވަތް ކަމުން މިއީ ދިފާއީ ނިޒާމަށް ވަރަށް ފައިދާ ކުރުވަނިވި ދެ ބާވަތެވެ. ރޯދަވީއްލާއިރު ކެފެއިން އާއި ދުރުހެލިވާށެވެ. ސަބަބަކީ ކޮފީ ކަހަލަ ކެފެއިން ގިނަ އެއްޗެހިން މީހާގެ ކަރުހިއްކުން އިތުރުވާނެތީއެވެ.

3. މާގިނައިން ނުކެއުން: އޯވަރއީޓިން ހެބިޓް މުޅިން ދޫކޮށްލާށެވެ. ރޯދަމަހުގެ ކުރިންވެސް އާންމުކޮށް ކައި އުޅުނު މިންވަރަށް ކެވޭތޯ ބަލާށެވެ. މާގިނައިން ކާން ނޫޅޭށެވެ. ކުލަގަދަ ކާނާއާއި ނިއުޓްރިޝަން ގިނަ ކެއުންތަށް ކައިގެން ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ފޯކަސް ކުރާށެވެ. ރަތް ހަނޑޫ، ކުއީނޯ، ތޮޅި، ކައްޓަލަ ފަދަ ތަކެތި ކާށެވެ. މިއީ ސްލޯ ރިލީސް ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާއެވެ. މިތަކެތި ހަޖަމުވާން ގިނައިރު ވެސް ނަގާނެއެވެ. އެހެންވުމުން މިފަދަ ކެއުންތަކުން ކާނަމަ ހަށިގަނޑުން ހަކަތަ ބޭރުކުރުން ލަސްވާނެއެވެ. އަދި ހަކުރުގެބައި ހަމައަކަށް އަޅުވާނެއެވެ. ކަދުރަކީވެސް ކެއުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވިގެންވެއެވެ. މިއީ މަސަލްސް އަދި ނާރުތައް ފަންކްޝަން ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. އެހެންނަމަވެސް ކަދުރުގައި ހަކުރު ހުންނާނެއެވެ. ވީމާ މިކަމަށްވެސް ވިސްނާލަންވާނެއެވެ. 

4. އެއްމަސް ދުވަހުން މާބޮޑަށް ބަރުދަން ލުއިވާނެ ކަމަށް ނުވިސްނުން: ރޯދަމަހު އެކްޓިވްކޮށް އުޅުމުން ރޯދަމަސް ނިމިގެން ނޯމަލް ޓްރެއިނިންއަށް ރުޖޫއަވާއިރު މަސަލްތައް އެކަން ހަނދާން ކުރާނެއެވެ. އަދި ފަސޭހައިން އެޖެސްޓްކޮށްލާނެއެވެ. ރޯދަމަހަށް ވުމަކުން ކަސްރަތު މެދު ކަނޑާލާކަށް ނުޖެހެއެވެ. ރޯދަމަހުގެ ކުރީކޮޅު ކަސްރަތު ކުރަން އުނދަގޫ ވެދާނެއެވެ. ހަށިގަނޑުގައިވާ ހަކަތަ ދަށްވުމާއި މާ އަވަހަށް ވަރުބަލިވެ ބަނޑުހައިކަން އިހުސާސްވާލެއްވެސް ފުރަތަމަ ކޮޅު އަވަސްވާނެއެވެ. އެހެންނަމަވެސް ފަހުން ހަމައަކަށް އެޅިދާނެއެވެ.  

 

މައުލޫމާތު ނަގާފައިވަނީ: އިންސައިޑަރ 

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް