September 21, 2024 02:34
Advertisement

-Advertisement-

ސީރިއާގެ މުސްލިމުންނަށް އަތްމަތި ދަތި، ހިތްދަތި ރޯދަ މަހެއް

އަހުމަދު އުންމީދުކޮށްގެން ހުރީ މިއަހަރުގެ ރޯދަމަސް ކުރީއަހަރުތަކަށްވުރެ ރަނގަޅަށް އޭނާގެ އާއިލާއަށް މަރުހަބާ ކިޔާނެ ކަމަށެވެ. މިދިޔަ ދެ އަހަރުވެސް އަހުމަދު އޭނާގެ އާއިލާ ގޮވައިގެން އުޅުނީ ލުބުނާނުގެ އުތުރު ސަރަހައްދެއްގައެވެ. 44 އަހަރުގެ އަހުމަދަކީ ސީރިއާގެ ރެފިއުޖީއެކެވެ. ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައިވެސް އުޅެވޭކަށް ނެތެވެ.

ފަސް ދަރިންނާއި އަނބިމީހާ ގޮވައިގެން ރެފިއުޖީންގެ ގޮތުގައި ލުބުނާނުގައި އުޅޭއިރު މި ރޯދަމަހު ރޯދަވިީއްލަން ކާއެތިކޮޅެއް ލިބެނީވެސް ވަރަށް ހާލުންނެވެ. ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅޭ އަހުމަދަށް މިއަހަރު މިހާތަނަށް ލިބުނީ 3 ހަފްތާގެ މަސައްކަތެވެ. އެ މަސައްކަތުން ލިބުނީ ކުޑަ ފައިސާ ކޮޅެކެވެ. ކޮވިޑް 19ގެ ސަބަބުން ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ކަންކަމަށް ކުރިމަވި ހުރަސްތަކުގެ ސަބަބުން ލުބުނާންގެ އިގްތިސާދު ވަނީ މިއިން ޒަމާނެއްގައި ނުވާ މިންވަރަށް ހީނަރުވެފައެވެ. އިގްތިސާދީ ބޮޑު ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ. ކާނާއާއި ތެލުގެ އަގުތަށް ހަލުވި މިނެއްގައި އަތް ނުފޯރާފަށަށް އުފުލިގެން ހިނގައްޖެއެވެ. ސީރިއާ ރެފިއުޖީންގެ 90 އިންސައްތަ މީހުން ލުބުނާނުގައި ވަރަށް ބޮޑަށް ފަގީރުވެ ނިކަމެތި ވެއްޖެއެވެ.

ލުބުނާނުގައި އުޅޭ ސީރިއާގެ އާއިލާއެއް - ފޮޓޯ :ޔޫއެންއެޗްސީއާރް

އާއިލާއަށް ކާއެތިކޮޅު ހޯދައިދިނުމަށް ވަރަށް ބޮޑަށް ދަތިވެއްޖެއެވެ. އަހުމަދު ބުނީ ރޭގަނޑު އޭނާ ހުންނަނީ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދުގައި ހުންނަ އެއް ފިހާރައިން އަނެއް ފިހާރަށް ހިނގަހިނގާ ކަމަށެވެ. އެ ހިނގަނީ ފިހާރަތަކުގައި ހުންނަ ތަރުކާރީގެ ތެރެއިން ބޭނުން ނެތިގެން އުކާލަން ހުންނަ ބައިން އަގުހެޔޮކޮށް ތަރުކާރީއެއް ގަންނަން ލިބޭތޯ އެވެ.

Advertisement

ރޯދަ ވީއްލުމަށް ކަދުރު ގަންނަން ލިބޭ ކަމަށާއި ދެން ތައްޔާރު ކުރަނީ ސެލެޑެއް ކަމަށް އަހުމަދު ބުންޏެވެ. ސެލެޑް ހަދަންވެސް ލިބެނީ އެންމެ ބާވަތެއް ނުވަތަ ދެ ބާވަތެއްގެ ތަރުކާރީއެވެ. އަލުވި ކޮޅެއް ތެލުލާލެވޭވަރުވެސް ނެތެވެ. ސަބަބަކީ ތެލުގެ އަގު ބޮޑުވުމެވެ. އެންމެ ލީޓަރެއްގެ ތެޔޮ ގަނެވެނީ ދުވާލެއްގެ ދެބައިކުޅަ އެއްބައިގެ މަސައްކަތުން ލިބޭ ވަރުގެ އާމްދަނީއާއި އެއްވަރު އަގަކަށް ކަމަށް އަހުމަދު ބުންޏެވެ.  

މެދު އިރުމައްޗާއި އުތުރު އެފްރިކާގެ ގައުމުތަކުގައި ރޯދަމަސް އައިއިރު މި އޮތީ ކޮވިޑް 19 އާއި ގުޅިގެން އެޅި ގިނަ ފިޔަވަޅުތައް އުވާލާފައެވެ. އެހެންނަމަވެސް ޕެންޑަމިކްގެ ސަބަބުން އައި އިގްތިސާދީ ހީނަރުކަމުގެ ތަދުމަޑުކަން އެގައުމުތަކުގައި އުޅޭ އެތައް މިލިއަން ރެފިއުޖީންނަށް ވަނީ ފޯރާފައެވެ.

ލުބުނާން އާއި ސީރިއާއަށް ކުރިމަތިވެފައިވާ މާލީ ހީނަރުކަން އިތުރަށް ގޯސްވެގެން މި ދިޔައީ ޔޫކްރެއިންއަށް ރަޝިއާއިން އަރައިގަނެ ފެށި ހަނގުރާމައިގެ ސަބަބުންނެވެ. ޔޫކްރެއިން އަކީ ދެވަނައަށް އެންމެ ގިނައިން، ކާޑުގެ ބާވަތްތަކާއި ތެޔޮ އުފައްދާ އެކްސްޕޯޓް ކުރާ ގައުމެވެ.

ލުބުނާނުގައި އުޅޭ ސީރިއާގެ އާއިލާއެއް - ފޮޓޯ :ޔޫއެންއެޗްސީއާރް

އެކަނިވެރި މައެއް ކަމުގައިވާ 32 އަހަރުގެ ޝަމްސާ ބުނީ މިދިޔަ އަހަރުގެ ރޯދަމަހު އޭނާގެ ދެ ދަރިންނަށް ކާންދިނީ އެއްގަމު މަސް ކަމަށެވެ. އެހެންނަމަވެސް މިއަހަރު އޭނާއަށް ގަނެދެވޭނީ ހަމައެކަނި ތޮޅި ކޮޅެކެވެ. މަސް ކާންދެވޭ ވަރުގެ ތަނަވަސްކަމެއް ނެތެވެ.

ލުބުނާނެކޭ އެއްގޮތަށް ސީރިޔާގައި ދިރިއުޅޭ މުސްލިމުންގެ ހާލަތުވެސް ހުރީ ހަމަ ދާދި އެއްގޮތަކަށެވެ. ހަނގުރާމައިގެ ސަބަބުން 7 މިލިއަނެއްހާ މީހުން ތިބީ ގެދޮރު ގެއްލި އެކި ތަންތަނަށް ދިރިއުޅުން ބަދަލުކޮށްގެންނެވެ. ސިރިޔާގެ އާބާދީގެ 55 އިންސައްތަ މީހުންނަށް ކާބޯތަކެތި ލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. ހަނގުރާމައިގެ ކުރިން އަމިއްލަ ވަޒަނުގައި ރޯދަމަސް ހޭދަކުރި އުފާވެރި ހަނދާންތައް އާވުމުން ސީރިޔާގެ މުސްލިމުންނަށް މިރޯދަމަހު އެ ހަނދާންތަކަކީ ހިތްދަތި އަސަރުތައް ކުރުވާ ހަނދާންތަކެކެވެ.

2013 ވަނަ އަހަރުން ފެށިގެން އަމިއްލަ ގެދޮރު ގެއްލި ރައްކާތެރި ތަނެއް ފެނޭތޯ އެއްތަނުން އަނެއްތަނަށް ހިޖުރަކުރަމުން ދިޔަ 31 އަހަރުގެ ހަދީޖާ ބުނީ ހަނގުރާމައިގެ ކުރިން ރޯދަވީއްލުމަށް އެތައް ބައިވަރު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރި ހަނދާންވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ހެދެން އޮތީ އެންމެ ބާވަތެކެވެ. ތަކެތީގެ އަގުތަށް އެއްއަހަރުން އަނެއް އަހަރަށް ވަރަށް ބޮޑަށް އުފުލި އަތްނުފޯރާފަށަށް ގޮސް ވަކިން ޚާއްސަކޮށް ރޯދަމަހު ކެއިން ބުއިން ހަމަޖެއްސުމަށް ވަރަށް ބޮޑަށް ދަތިވެއްޖެ ކަމަށް ހަދީޖާ ބުންޏެވެ.

ލުބުނާނުގައި އުޅޭ ސީރިއާގެ އާއިލާއެއް - ފޮޓޯ :ޔޫއެންއެޗްސީއާރް

އދ. ގެ ރެފިއުޖީ އެޖެންސީ، ޔޫ.އެން.އެޗް.ސީ.އާރް އިން އެންމެ ފަހުން ޖޯޑަންގައި ހެދި އެސެސްމެންޓުގައިވާ ގޮތުން ވޯލްޑް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި 64 އިންސައްތަ ރެފިއުޖީން ދިރިއުޅެނީ ދުވާލެއްގެ މައްޗަށް އެގައުމުގެ ފައިސާއިން 3 ދީނާރަށް ވުރެ މަދު އަދަދެއް ލިބިގެންނެވެ. ދުވާލަކަށް ހަރަދުކޮށްލަށް ބޮލަކަށް އެ ޖެހެނީ 5 ޑޮލަރެވެ.

ޖޯޑަންގައި އުޅޭ ސީރިއާގެ އާއިލާތަކުން ތިބީ ފާއިތުވި ހަތަރުމަހުގެ ކުލި ނުދެއްކި ދަރާފައެވެ. އަދި ޒަރޫރީ ބޭނުންތަކަށް ގަންނަ އެއްޗެހި ފިހާރަތަކުން ލޭންދޭނަށް ނަގައިގެން އެ ދަރަނިވެސް އަދާނުކުރެވެއެވެ. ރޯދަމަހު ކުރިޔަށް މިއޮތް ދުވަސްކޮޅު މީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެން ނޫނީ ދިރިއުޅެވޭކަށްވެސް ނެތް ކަމަށް ބައެއް މީހުން ބުނެއެވެ.

މިއަހަރު ރޯދަމަހާއި ދިމާކޮށް ޔޫ.އެން.އެޗް.ސީ.އާރް އިން ވަނީ 'ރަމަޒާން ފަންޑްރައިޒިން ކެމްޕޭން' އެއް ފަށާފައެވެ. މި ކެމްޕޭނުގެ އަމާޒަކީ މެދުއިރުމައްޗާއި އެފްރިކާ ސަރަހައްދުގައި އުޅޭ ނިކަމެތި 100،000 އާއިލާއަށް ފައިސާގެ އެހީތެރިކަމާއި ކާބޯތަކެއްޗާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމެވެ.   

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
4

Advertisement

ގުޅުންހުރި ލިޔުންތައް