September 20, 2024 08:51
Advertisement

-Advertisement-

އެވޭލާ ހާދިސާ: ޝަބުނަމުގެ ޖާދޫގެ ތަށި

ހިތްފަސޭހަ މާހައުލެކެވެ. ހިތްހަމަޖެހޭ ބީޗެކެވެ. އިރުމަތިފަރާތުން ޖެހެމުންދަނީ ފިނިފިނި މަޑު ވައިރޯޅިއެކެވެ. އެއާއެކު ފަތިހުގެ ޝަބުނަމުގެ ތިކިތަކުން މުޅިހަށިގަނޑު ތުރުތުރު އަޅައެވެ. ނަމަވެސް އާދައިގެ މަތީން ތާރިގު އިނީ ފަތިހުގެ ރަތްވިލާތަކުގެ ތެރެއަށް ގެއްލިފައެވެ. ގުދުރަތީ ރީތި މަންޒަރުތަކުގެ ތެރެއަށް ވިސްނުން ދޫކޮށްލައިގެންނެވެ. އަޖާއިބެއްފަދަ ކުރެހުންތަކުގެ އެކި ކުލައިގެ ވިލާތަކުން މުޅި އުދަރެސް ވަނީ ފަވާލެވިފައެވެ. ކުރެހުންތެރީން ޝައުގުވެރިކަން ހުއްޓިދާފަދަ އެތައްމަންޒަރު ތަކެކެވެ. ޔަގީނުންވެސް މީހަކު ބަލާ ފޫހިނުވާނެއެވެ. ފިލްމު ޑައިރެކްޓަރަކަށްވެސް އެމަންޒަރުތައް ފެނިފަ ޝޫޓް ނުކޮށް ނުދާނެއެވެ. މިފަދަ ރީތި ގުދުރަތީ ފަތިހެއް އަހަރެންގެ ހަޔާތުގައި ފެނިފައެއްނެތެވެ. މިފަދަ ރީކަމެއް އަހަންނަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އަހަރެންގެ ހިއްސުތައް ހޭލައްވާލި މިރީތިކަން އަހަރެންގެ ހަނދާނުގައި ދެމިހުންނާނެއެވެ. އަހަރެން އިނީ ގަހެއްގެ ކައިރީގައި ދޮންވެލިގަނޑުގައެވެ. މިފަދަ ހިތްގައިމު ފަތިސްވެސް އަހަންނާއި އަލްވަދާއު ކިޔަނީއެވެ. ތަރިތަކުގެ ފިޔަޖެހުންވެސް ގެއްލޭން ފަށައިފިއެވެ. އެއާއެކު ރޭގަނޑުގެ އަނދިރިކަން ދުވާލުގެ އަލިކަމަށް ތަންދީފިއެވެ. ތާރިގު ހިތާހިތާބުނެލީ ކޮންމެ އަނދިރިކަމަކަށްފަހު އަލިކަމެއްވާނެއެވެ. މިހާރު ރޭގަނޑު އެދިޔައީއެވެ. ދެންއޮންނާނީ ދުވާލެވެ. ކުއްލިއަކަށް ތާރިގު ސިއްސުވާލީ އަންހެން ކުއްޖެއްގެ އަޑަކުންނެވެ. އެހެން މާހައުލަކަށް ތާރިގު ހޭލައްވާލި އެއަޑާދިމާލަށް ބަލާލެވިއްޖެއެވެ. އެއީ ހަމައޭނައެވެ. އެއީ ޝަބުނަމެވެ. ފަތިހު ކުނި އުކަން އައިސް އުޅެނީއެވެ. ޝަބުނަމަށް ތާރިގު ފެނުމުން ހިނިތުންވެލާފައި ބުނެލިއެވެ. ތޯރިގު ކޮންމެރެއަކު ފަތިހު އަތިރިމަތީގައި ކީއްކުރަނީހެއްޔެވެ.؟ މިހާރު މިތަނުން ފެންނަތާ ގިނަދުވަސްވެއްޖެއެވެ. ތާރިގު ވާހަކަ ނުދައްކާތީ އަހަންނަށްވެސް ވާހަކަ ދައްކަން ނުކެރުނީއެވެ.

ތާރިގު: އަހަންނަށް އެގިފަވާގޮތުގައި ތިއީ ޝަބުނަމީގޭ ދޮންތުއްތުގެ ޝަބުނަމެވެ. ގިނަމީހުން ދަންނަ ގޮތުގައި ތިއީ ޖާދޫ ހެދުމުގައި ވަރަށް މޮޅު ކުއްޖެކެވެ. ގިނަ ފިރިހެން ކުދިން ތީނަގެ ޖާދޫގައި ޖައްސާ ކުއްޖެކެވެ. މިއީ ހަގީގަތެއްހެއްޔެވެ.؟ ތާރިގު މިހެންބުނުމުން ޝަބުނަމް ހިނިތުންވެލާފައި، އަހަންނަކީ ޖާދޫގަރެއްނޫނެވެ. އެކަމަކު ބައްޕަ ކައިރިއަށް އެކިއެކި ބޭނުމަށް އަންނަ ކުދިންނަށް ތަށި ތަވީދު ލިޔެދެމެވެ. ގޭތެރޭގަ ހުރެގެން ބައްޕަ ބުނުއްވާ ގޮތަށް ތަށި ލިޔެ މީހުންނަށް ބޯންދެމެވެ. އަދި ތަވީދު ލިޔެ އެމީހުންގެ ގައިގާ އަޅާދެމެވެ. އެކަންތައް ކުރާތީވެ ބައެއްމީހުންގެ ލޯތްބާއި މަދުބައެއްގެ ނަފްރަތުވެސް ލިބެއެވެ. ނަފްރަތުވާމީހުން އަބަދުވެސް އަހަރެންގެ ގޯސްކަމުގެވާހަކަ ދައްކައެވެ. ކޮންމެކަމެއްގަވެސް ދެކޮޅު އޮންނާނެނޫންތޯއެވެ. އެއްބަޔަކަށް ގޯސްވާނެ. އަނެއްބަޔަކަށް ރަނގަޅުވާނެ. މިއީ ދުނިޔޭގެ އާދަ ނޫންތޯއެވެ. މި ބުނެދެވުނީ ޖާދޫގެ ހަގީގަތެވެ. އަހަންނަކީ މީހުން ތިބުނާވަރުގެ ގޯސްކުއްޖެއް ނޫނެވެ. ބައްޕަ ކައިރިއަށް އަންނަ ކުދިންގެތެރޭގައި އަހަރެން ހިތް އެދޭ ވަރުގެ ކުއްޖަކު ނުވެއެވެ. އެހެންނަމަތާ އަހަރެންގެ ޖާދޫގައި އެމީހުން ޖައްސާނީ. ބައެއްމީހުންގެ ވާހަކަތަކުން އަހަންނަށް ވަރަށް އުދަގޫވެއެވެ. ފެންނަތާކުން އަހަންނަކީ ޖާދޫގަރެކޭ ކިޔާފައި މީހުން ގޮވާއުޅެއެވެ.

އަހަރެން ދައްކާފަ ކުޑަކުދިންތައް ބިރުގަންނަވައެވެ. އަހަންނަކީ ވިހި އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. އަހަރެން ހިތްއެދޭ ސިފަތަކެއްހުރި ފިރިހެންކުއްޖަކު ފެނިއްޖެނަމަ އަހަރެންގެ ތަށިން ފެންދޭނަމެވެ. ހެޔޮގޮތުގައި އެތަށިން ފެންބޮއެފިނަމަ އެކުއްޖަކު އަހަރެން ދޫކޮށްނުލާނެއެވެ. މިއީ އަހަރެންގެ މޮޅުކަމަކުންވާކަމެއް ނޫނެވެ. މިއީ ބައްޕަ ކިޔަވާފަދޭ ފެންތައްޓެއްގެ މޮޅުކަމެވެ. އަހަރެންގެ ވާހަކަ މިނިމުނީއެވެ. ޝަބުނަމް އަތިރީ ހުރެފައި ބާލިދީ ހިފައިގެން ގެއަށް ވަދެއްޖެއެވެ. އިރުކޮޅަކު އިސްދަށަށް ޖަހައިގެން ހުރެފައި ތާރިގު ހިތަށް އެރިއެވެ. މިއީ ކިހާވަރެއްގެ ކުއްޖެއްތޯ ބަލާނަމެވެ. އަދި އޭނަގެ އެތަށިން ފެންލިބޭތޯވެސް ބަލާނަމެވެ. މިހެން ހިތަށް އެރުމަށްފަހު ތާރިގުވެސް ދިޔައީ ގެއަށެވެ. ގެއަށް ވަނުމާއެކު ވަރަށް ބޮޑަށް ބަލިވެ އުޅޭކަމަށް ހެދިގެން ގޭގެ އެނދުގައި އޮށޯވެއްޖެއެވެ. އިރުކޮޅަކުން ތާރިގުގެ މަންމަ އައިސް ބުނެލިއެވެ. ދަރިފުޅު ނާސްތާ ކުރަން ތެދުވާށެވެ. ތާރިގު މަންމާ! ތެދުވާނެވަރެއްނެތެވެ. ބޮލުގައި ރިއްސާތާ ދެތިން ދުވަސް ވެއްޖެއެވެ. ހީވަނީ ފަންޑިތައިގެ ކަމެއްހެންނެވެ. ނަމަވެސް މަންމަ އެކިކަންކަމަށް ބޭސް ހަދައިގެން އައިސް ދޭއިރުވެސް ތާރިގަކަށް ރަނގަޅެއްނުވިއެވެ. އެންމެފަހުން ޝަބުނަމުގެ ބައްޕަ ދޮންތުއްތު ކައިރިއަށް ތާރިގު މަންމަ ގޮސް ބުނެލިއެވެ. އަހަރެމެންގެ ގޯތީ ތާރިގު ބޮލުގައި ރިއްސާތާ ހަފްތާއެއްވެއްޖެއެވެ. ރަނގަޅެއްނުވިއެވެ. އޭނައަށް ކޮންމެވެސް ކަމެއްކޮށްދޭތޯ އައީމެވެ.

Advertisement

ދޮންތުއްތު އޭނަގެ ދަރިފުޅު (ޝަބުނަމަށް) ގޮވާފަ ބުނެލިއެވެ. ދަރިފުޅާ ކަސަބުގޭ ހަލީމާގެ ތާރިގު ބަލިވުމުން ހަލީމާ މިހިރީ އައިހެވެ. ދަރިފުޅު އޭނައަށް ކޮންމެވެސް ކަމެއް ކޮށްދޭށެވެ. ފުރަތަމަ އަޖުމަ ބަލާށެވެ. މާބޮޑުކަމެއް ފުރަތަމަ ނުކުރާށެވެ. ފުރަތަމަ ދިމާވެގެން އުޅޭކަމެއް ބަލާށެވެ. ހީވަނީ ފަތިހު ރަތްދަޅަމަތީން ދިމާވިކަމެއްހެއްނެވެ. މީހުން ބުނާގޮތުގައި ފަތިހު ހާ ގޮވުމުގެ ކުރީން އިރުމަތީފަރާތުގެ ރަތްވިލާ އުދަވުމުގެ ކުރިން އޭނާ އަތިރިމަތީގައި އިންނަކަމަށް ވެއެވެ. އެވަގުތަކީ ޖިންނި ޝައިތާނުން އެއްމަންޒިލުން އަނެއް މަންޒިލަށް ދަތުރުކުރާ ވަގުތެވެ. ފަހަރެއްގައި ޝައިތާނަކު އަވަލީކަމަށްވެސް ވެދާނެއެވެ. ވީމާ ކުރާކަމެއް ފަރުވާތެރިކަމާއެކު ކުރާށެވެ. ކަމެއްކޮށްފަ އެކުރިކަމެއް ބައްޕައަށް ކިޔާދޭށެވެ.

ބައްޕާ ތިއީ މާބޮޑުކަމެއްނޫނެވެ. އަހަރެން ތާރިގުގެ ބައްޔެއް ހުރިނަމަ އެކަން ރަނގަޅު ކުރާނަމެވެ. ޝަބުނަމް ބުލިއެވެ. ޝަބުނަމް ފަންވަތެއް ލިޔެފާ ހަލީމާއްތައަށް ދީފައި ބުނެލިއެވެ. މިފަންވަތް ތާރިގުގެ ބޮލުގައި އަޅާށެވެ. އޭގެފަހުގައި ވާނުވާގޮތް އަންގާށެވެ. ހަލީމާ ގޮސް ފަންވަތް ތާރިގުގެ ބޮލުގައި ބަދެލިއެވެ. އޭގެފަހުގައި ބޮލުތަދު ބޮޑުވެ ތާރިގު ރޯން ފަށައިފިއެވެ. ހަލީމާ ދުވެގޮސް ޝަބުނަމަށް މިވާހަކަ ކިޔާދީފިއެވެ. ތާރިގުގެ ބޭނުމަކީ ޝަބުނަމުގެ އަޖުމަ ބެލުމެވެ. އެހެންވެ ނުވާބައްޔަކުން ބަލިވެ ތާރިގު ރޮނީއެވެ. ބައްޕަގެ ހުއްދައާއެކު ހަލީމާއެކު ޝަބުނަމް ތާރިގުމެންގެ ގެއަށް ހިނގައްޖެއެވެ. އެދިޔައިރު އެއްކަލަ ޖާދޫގެ ތަށި (ޖޯޑު) ގެންދިޔައެވެ. މާމުއި ފޮދަކާއި ޒަބާދު ކޮޅެއް، އަދި ދެލި ދަވާދެއެއް ގެންދިޔައެވެ. ހަލީމާ އާއި ޝަބުނަމް އަންނަތަން ފެނުމުން ތާރިގުގެ ހީލަތުގެ ބަލި ބޮޑުވެ ތެޅިފޮޅޭން ފަށައިފިއެވެ.

ހަލީމާއްތަ ދެންދާށެވެ. ތިއީ ކޮންމެފަދަ ބައްޔެއްކަމުގައިވިއަސް ޒަބާދުން ރަނގަޅުވާނެއެވެ. ޝަބުނަމް ބުނެލިއެވެ. ބަދިގެއާވީފަރާތަށް ހަލީމާއްތަ ހިނގައްޖެއެވެ. ޝަބުނަމު ސީނު ތައްޓެއްގައި ދެލި ދަވާދުން ލިޔެ މާމުއި އެޅުމަށްފަހު ތަށި ކަޅިކޮށްފައި އެއްކަލަ ޖޯޑަށް އަޅާފައި ކިޔަވާފައި ތާރިގުގެ ދުލުގައި ތިއްކަކަށްފަހު ތިއްކެއް ޖައްސަން ފަށައިފިއެވެ. ތިކިތައް ދިރުވާލުމާއެކު ތާރިގުގެ ހިތް ޝަބުނަމުގެ މައްޗަށް ޖެހިއްޖެއެވެ. އެވަގުތުން ފެށިގެން ތާރިގުގެ ބަލި ރަނގަޅުވެއްޖެއެވެ. އަހަރެންނަށް ކުރެވުނު ކަމަކުން އަހަރެންގެ އުއްމީދު ފުރިހަވެއްޖެއެވެ. ބޭނުމަކީ ޝަބުނަމް މިގެއަށް ގެނެސް ތިތަށީގެ އަޖުމަބަލާށެވެ. ތިތަށީގެ ފައިދާއިން ޝަބުނަމަށް އަހަރެންގެ ހިތް ދޫކޮށްފީމެވެ. ތާރިގު ހިނިތުންވުމާއެކު ބުނެލިއެވެ.

ޝަބުނަމުވެސް ހިތް ހަމަޖެހުމާއެކު ބުންޏެވެ. އަހަރެން މިކުރިކަމެއް ކުރީ ތާރިގު އަހަރެންގެ މީހަކަށް ހެދުމަށެވެ. މިހާރު މިވަނީ ބަލި ރަނގަޅުވެފައެވެ. މިއީ އަހަރެން ހިތް އެދޭ ކުއްޖަކަށް ފުރަތަމަ ލިއުނު ތައްޓެވެ. "ޝަބުނަމުގެ ޖާދޫގެ ތަށީގެ މޮޅުކަން ތާރިގަށް އެނގިއްޖެއެވެ. އަދި މީހުން އެދައްކާ ވާހަކަ ތަކަކީ ހަގީގީ ވާހަކަ ތަކެއް ނޫންކަންވެސް ތާރިގަށް އެނގިހާމަވީއެވެ. ޝަބުނަމް އާއި ތާރިގު އެކުގައި ހިނގާފައި ދިޔައީ ޝަބުނަމުގެ ގެއަށެވެ. އެވަގުތު  ބައްޕަ ކައިރީގައި ޝަބުނަމް ބުނެލީ މިޖުމްލައެވެ. " ބައްޕާ ތާރިގުގެ ބަލި ރަނގަޅު ކޮށްފަ މިހިރީ މިގެއަށް ގެނަސްފައެވެ. " ބައްޕަ! ދަރިފުޅު ގެނައި ކުއްޖަކު މިގެއިން ބޭރު ނުކުރާނަމެވެ. ތަގުދީރު ދަރިފުޅުގެ އަތުގައި ހިފައިފިއެވެ. ހެޔޮގޮތުގައި ދެކުދިން އުޅޭށެވެ.

 

ނޯޓް: މިއީ މަލިކު ހަސަންބޭ ލިޔެފައިވާ ހާދިސާއެކެވެ. އަސްލު ނުގެއްލޭގޮތަށް ވާނީ ބަދަލުގެނެސްފައެވެ.

+1
1
+1
1
+1
3
+1
3
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް