September 21, 2024 02:43
Advertisement

-Advertisement-

ވޭނާއި ކެކުޅުން، ހިތްދަތިކަން ފިލައިގެން ނުދޭ - ރިފާ

ފެންނަ ފެނުމަށް ތަހައްމަލުކުރަމުންދާ ކަންތައްތަކެއް ނޭނގިދާނެއެވެ. ކައިވެންޏަށްފަހު ލިބޭ އެންމެބޮޑު އެއް ހިތްދަތިކަމަކީ ބަނޑުބޮޑުވެ، އެ ދަރިފުޅު އުރާލަން ނުލިބި ބައިގެންދިޔުމެވެ. 'ޒީޓައިމްސް' ފަރުދުން ކެޓަގަރީގައި މިފަހަރު މި ގެނެސްދެނީ ޒުވާން ނޫސްވެރިއެއް ކަމުގައިވާ ރިފާ ޚަލީލުގެ ދިރިއުޅުމުގެ ވާހަކަތަކެވެ.

ގއ. ކޮލަމާފުއްޓަށް އުފަން ރިފާ ފުރަތަމަ ކައިވެނިކުރީ އުމުރުން 18 އަހަރުގައެވެ. އެކައިވެންޏާއި ދުރަށް ދިޔައީ ބޭވަފާތެރިކަމުގެ ހިތިރަހައަށް ކެތް ނުކުރެވިގެން ކަމަށް ވަނީ ބުނެފައެވެ. އޭގެ ފަހުން ކުރި ދެވަނަ ކައިވެނި ވެސް ވީ ރިފާ ހީކުރިފަދަ އުފާވެރިކަމެއް ލިބޭފަދަ ކައިވެންޏަކަށް ނޫނެވެ. އެދުވަސްވަރު ވެސް ދަރިއެއް ލިބޭތޯ އުންމީދުކުރިއެވެ.

"ފިރިމީހާ އެއިރު އެހާގިނައިން ކައިރީގަ ނުހުރޭ. އޭނަ އުޅުނީ އަމިއްލަ ދިރިއުޅުމެއްގަ. އަސްލު ބޭނުމެއް ނުވޭ އަހަންނާއެކީ އުޅެން. އެހެންވެ ހިތަށް އެރި ބޭބީއެއް ހޯދިއަސް އުފަލެއް ނެތޭ އެ ދިރިއުޅުމުގަ".

Advertisement

އެދުވަސްވަރު ބަނޑުބޮޑުކަމަށް ޓެސްޓްތަކުން ދެއްކި ކަމަށް ރިފާ ވަނީ ބުނެފައެވެ. އެކަމަކު އެއީ 'އެކްޓޮޕިކް ޕްރެގްނެންސީ' އަކަށް ވުމުން ބަނޑުބޮޑުކަމަކަށް އެއިރުގެ ފިރިމީހާ ގަބޫލު ކުރަން ބޭނުން ނުވިކަމަށް ވަނީ ފާހަގަކޮށްފައެވެ.   

" ސްކޭންއިން ވެސް ދެއްކި ބަނޑުބޮޑު ކަމަށް. އަހަރެންނާއެކު ޑޮކްޓަރަށް ދައްކަންވެސް ދާން ބޭނުންނުވި. އެއިރު އޭނަ ހުރީ 6 މަހުގެ މުއްދަތަށް ވަޒީފާގެ ބޭނުމަށް މާލެ ކައިރި އެހެން ރަށެއްގަ. އޭރު އެރަށުން މީހަކާ ހިތާވެގެން އަހަރެން ދޫކޮށްލީ. އެއިރު ނުވެސް ކެވޭ. ވަރަށް ހޮޑުލެވުނު. އެހެންހުއްޓާ ލޭ އަންނަން ފެށީ. އެއިރު ބަނޑަށް މަހެއް ނުވާ ކަމަށް ދެއްކި" މާލެ އައިސް ޑޮކްޓަރަށް ދައްކަން ވެސް ދިޔައީ އެކަނިކަން ހިތާމައާއެކު ފާހަގަކުރަމުން ރިފާ އެއިރުގެ ހަނދާންތައް ކިޔައިދިނެވެ.

ޑިޕްރެޝަނަށް ދިއުން

ރިފާ ފާހަގަކުރި ގޮތުގައި ފުރަތަމަ ކައިވެނީގަވެސް ފިރިމީހާ އެހެން އަންހެނަކާ ގުޅުން ބާއްވަމުން ދިޔައީ ލޯ ކުރިމަތީގަ އެވެ. އެތަށް އާދޭހަކަށްފަހުވެސް އެކަން ހުއްޓާ ނުލިއެވެ. އާއިލާ މީހުންނަކަށް އެވާހަކަތައް ކިޔައިދޭނެހާ ހިތްވަރެއް ނެތުމުން އެއިރު ބޭސްތަކެއްވެސް ރިފާ އަށް ކެވުނެވެ.

" އެއީ ނުބައި ހިޔާލުތަކެއް ސިކުނޑިއަށްވެރިވެ ސިކުނޑި ފަޅައިގެންދާވަރު ވުމުން. ފަރުވާ އަވަހަށް ދިނުމުގެ ސަބަބުން ފުރާނަ ސަލާމަތްވީ". އެ ދުވަހު އެގޮތަށް ކަންތައް ކުރެވުނީތީ ދެރަވެއެވެ. ދެވަނަ ކައިވެނި ކުރީވެސް މިހުރިހާ ވާހަކަތައް ކިޔައިދިނުމަށްފަހު ކަމުގައި ވީނަމަވެސް އެ ކައިވެނީގައިވެސް ފިރިމީހާގެ ފަރާތުން ލިބުނީ ބޭވަފާތެރިކަމެވެ. އެންމެ ފަހުން ކައިވެނި ރޫޅުން ވެގެން ދިޔައީ ރިފާއަށް ހިތްދަތި ދުވަސްތަކެއް ކުރިމަތިވި ކަމަކަށެވެ. މީހާ ޑިޕްރެޝަންގެ ހާލަތަށް ވެއްޓި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހުނު ކަމަށް ވަނީ ބުނެފައެވެ.

"ކައުންސިލިން ސެޝަންތައް ނެގިން. ބޭސްވެސް ކެއިން. ކައުންސިލިން ދިން މީހާ ވެސް ބުނި އެއްވެސް ކަމަކާ ނުވިސްނާ ބިޒީކޮށް އުޅެން. އެއިރު އުމުރުން 22 ވަރަކަށް އަހަރު ވާނީ. އެހެންވެ އަދި ވަރަށް ޒުވާން ނޫންހޭ ބުނި. ފިރިހެނުން ހުސްވިތާކޮޅެއް ނޫނެއް ނޫންހޭވެސް ބުނި. ދެން ހިތަށް އެރީ ހިތްވަރާއެކު ކުރިއަށްދާނީއޭ". ޑިޕްރެޝަނުން އަރައިގަތުމަށް ފަރުވާހޯދާ ހިތްވަރު ލިބުނުގޮތް ކިޔައިދެމުން ބުންޏެވެ.

ނޫސްވެރިއަކަށް ވުމުގެ ފޮނި އުންމީދުތަކެއް އަބަދުވެސް ކުރަމުން އައި ރިފާ އެހާހިސާބުން ދެން ވަޒީފާ އަދާކުރަން ފެށީ ނޫސްވެރިއެއްގެ ގޮތުގައެވެ. ދިރިއުޅުމުގެ ގިނަ ވަގުތުތައް އެމަސައްކަތަށް ހުސްކުރަން ފެށިއެވެ.

ރިފާ އޭނާގެ ފިރިމީހާއާއެކު

ރަނގަޅު ބައިވެރިއެއް ލިބުން

ރިފާ ގެ 3 ވަނަ ކައިވެނި ކުރެވުނީ 2017 ވަނަ އަހަރު އެވެ. މިހާރުގެ ފިރިމީހާ އަހުމަދު އާއި ދިމާވިގޮތް ވެސް ވަނީ ކިޔައިދީފައެވެ.

" ފުރަތަމަ ވަރި ވީއްސުރެ ވަރަށް ގާތްކޮށް އުޅުނު ކުއްޖެއް. ރައްޓެއްސެއްގެ ގޮތަށް އުުޅުނީ. ދެން ފަހުން ދެވަނަ ކައިވެނި ރޫޅުނީމަވެސް އޭނަ ވަރަށް ހިތްވަރުދިން. ފަހުން ދެ މީހުންވެސް ލޯބިވިން. އެކަމަކު އިނދެވޭގޮތް ނުވީމަ އެކަން ހުއްޓާލަން ބޭނުންވި. އެހެންހުއްޓާ ރައްޓެއްސަކު ބުނީ ތިކަމާ ދުރަށްގޮސް އެހެން މީހަކާ އިންނާށޭ. އެބަހުއްޓޭ ކުއްޖެއް. ވާހަކަ ދައްކާލަންވީ ނޫންހޭ. އެކަމަކު އެހާ ވާހަކަދައްކާ ހިތްނުވި. އަހުމަދަކީވެސް މާ ވާހަކަ ގިނަ މީހެއް ނޫން. އޭރު ވާހަކަދެއްކި އިރުވެސް ހެލޯ ހައި އެކަނި ކިޔާލާނީ. ދެން ފަހުން ވާހަކަ ދައްކައިގެން ރިފާ ބުނިން ރައްޓެހިވެގެން އުޅެން ބޭނުމެއް ނޫނޭ. ބޭނުމީ ކައިވެނި ކުރާށޭ. ހުރިހާ ވާހަކައެއް ކިޔައިދިނިން. ދެން ކައިވެންޏަށްފަހު ބުނިން ބޭބީ އެއް ބޭނުމޭ."

2021 ވަނަ އަހަރު 2 ފަހަރު ބައިގެންދިޔަ

ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ރިފާ އަށް ހީވީ އޭނާ ބަނޑުބޮޑީކަމަށެވެ. އެހެންނަމަވެސް އެއިރު އެނގުނީ އެއީ ސިސްޓް ހުރުމުން ފެނުނު އަލާމާތްތަކެއް ކަމަށެވެ. ރާއްޖެއިން ބޭރަށް ފަރުވާ ކުރަން ގޮސްވެސް ބޮޑަށް ބެލީ ދަރިޔަކު ލިބޭތޯ އެވެ. 

" ކައިވެންޏަށް ހަތަރު އަހަރަށް އެޅިތަނާ އާއިލާ މީހުން ކިޔަންފަށައިފި ހާދަ ދުޅައޭ. ބަނޑުބޮޑީހޭ. އޭރުވެސް ޓެސްޓު ކުރިން އެކަމަކު ނެގެޓިވް. އަބަދު ނެގެޓިވް ވާތީ ޓެސްޓް ކުރާހިތެއް ނުވޭ. އެއް ދުވަހަކު ދޮންތަ ކިޔައިފި އަޅެ ދޭބަލާށޭ ޓެސްޓު ކިޓެއް ގަނެގެން ޓެސްޓު ކޮށްލަން. ދެން ގުޅާ ކޮންމެ ފަހަރަކު ކިޔާތީ ޓެސްޓު ކޮށްލީ. ފުރަތަމަ އެންމެ ރޮނގެއް އެރީ. އެހިސާބުން މާޔޫސްވީމަ އެ ކިޓު ފްލެޝް ޓޭންކު މަތީގަ ބޭއްވި. އާންމުކޮށް އެއްލާލަނީ. އެކަމަކު އެ ދުވަހު ބޭއްވީ. ވަރަށް ބޮޑަށް ރޯގާޖެހި ބަލިވެ އުޅުނު ދުވަސްކޮޅެއް އެއީ. ދެން އޭގެ ދެ ހަފުތާފަހުން ހިތަށްއެރީ މިއީ ދެން ކީއްކުރަން އުޅޭ އެއްޗެއްހޭ. މި ނަގާ އެއްލާލާނީއޭ. އެހެން ކިޔާފަ ނެގިއިރު ވަރަށް ފަނޑުކޮށް ރޮނގު އިނީ. ދެން ކަޒިން އަކަށް އޭގެ ފޮޓޯ ފޮނުވާލުމުން ތީ ޕޮޒިޓިވް އޭ ބުނުމުން ހޮސްޕިޓަލަށް ގޮސް ޓެސްޓު ހެދީ." އެއީ މިދިޔަ އަހަރުގެ އޭޕްރީލް މަހެވެ.

ރިފާ ބުނީ ހޮސްޕިޓަލުން ލޭގެ ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބޭތޯ އެތަށް ފަހަރަކު ހޮސްޕިޓަލަށް ދެވުނު ކަމަށެވެ. ނަމަވެސް ނަތީޖާ ލިބޭވަރުވީ ތިން ހަތަރު ފަހަރަށް ހޮސްޕިޓަލަށް ދިޔަ ފަހުން ކަމަށް އޭނާ ބުންޏެވެ.

"ބަނޑުބޮޑުކަން އެނގުނީމަ ވަރަށްބޮޑަށް އުފާވި. ބުނެދޭން ނޭނގޭ އިހުސާސެއްވީ. ފިރިމީހާގެ ފަރާތުން ލިބުނީ ހީވެސް ނުކުރާފަދަ އަޅާލުމާއި ލޯބި. ފުލް ބެޑްރެސްޓު ކުރަން ބުނީ. ދެން އޮފީހުންވެސް ވޯކް ފްރޮމް ހޯމް ހަދައިދިން. އެހެން ހުއްޓާ އެއްދުވަހަކު ބްރައުން ޑިސްޗާޖެއް އައީ. ދެން ވަރަށް ހާސްވި. އަވަހަށް އައިޖީއެމްއެޗް އެމަޖެންސީއަށް ދިޔައީ. އޭރު ބުނީ ނެތޭ އަނެއްހެން މައްސަލައެއް. އެއީ ބައެއް މީހުންނަށް ވާގޮތެކޭ. ދެން ހިތަށް ފިނިކަމެއް ލިބުނު. އޭގެ ފަހުން ފުރަތަމަ ސްކޭން ކުރިއިރު ބޭބީ ނޯމަލް ކަމަށް ބުނީ. އޭގެ ދެތިން ދުވަސްފަހުން ހެވީ ބްލީޑް ވާން ފެށީ. ވަގުތުން ހޮސްޕިޓަލަށް ގޮސް ބެލިއިރު ބޭބީ ބައިގެން ދިޔަކަމަށް ޑޮކްޓަރު ބުނި. ވަރަށް ދެރަވި. އޭރު ބަނޑަށް ހަ ހަފްތާ." އޭނާ ބުންޏެވެ.

އޭގެ ފަހުން އަނެއްކާވެސް ރިފާ ބަނޑުބޮޑުކަން އެނގުނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އޭރުއްސުރެ ގަވާއިދުން ދިޔައީ ޑޮކްޓަރަށް ދައްކަމުންނެވެ. ޓެސްޓުތައް އަލުން ހަދަމުން ދަނިކޮށް ލޭގެ ޓެސްޓުން ދުވަހެއް ދުވަހަކަށް 'އެޗްސީޖީ ލެވެލް' ދަށަށް ދާން ފެށީ އެވެ.

" ޑޮކްޓަރު ބުނިގޮތަށް ބޭސްވެސް ކަމުން ދިޔައީ. ވަރަށް ހާސްވި. އެއްވެސް ވަރަކަށް ލޭ ނާދޭ. އެކަމަކު ލޭގެ ޓެސްޓުންވެސް ދިޔައީ ދަށްވަމުން. ކްލިނިކްތަކުގަ މަދުވާނެ ނުދައްކާ އަންހެނުންގެ ޑޮކްޓަރެއް ބޭބީ ސަލާމަތްކުރެވޭތޯ. ނުވެސް ނިދޭ. ހަމަ ރޮވެނީ އެއިރު. ލޭ ނާންނާތީ ހަމަ އުންމީދެއް އޮތްކަމަށް ހިތަށްއެރީ. 2 މަހާއި ބައިން ޑޮކްޓަރުން ބުނީ ނެތޭ މިހާރު އެއްގޮތަކަށްވެސް ފެންނާކަށް". ހިތްދަތިކަމާއެކު ކިޔައިދިނެވެ.

ރިފާ އަށް ބަރުދާސްތުކުރަން ދަތިވާ މިންވަރަށް ހިތްދަތިކަން ކުރިމަތިވި ވަގުތު ހިތްވަރު ލިބުނީ އެވަގުތު ބެލި ޑޮކްޓަރުގެ ބަސްތަކުންނެވެ.

" ބުނީ ޖެހިގެން މިހިރީ ނޫންހޭ އެނދެއް. އެއެނދުގަ އޮތް އަންހެންމީހާ އެއީ 12 ވަނަ ފަހަރޭ ބަނޑުބޮޑުވާތާ. އެކަމަކު ބޭބީ އަތަށް ނުލިބެއޭ. 5 މަސް 6 މަހުގަވެސް ބައިގެންދެއޭ. މިހާރުވެސް އެއޮތީ ބޭބީ ސަލާމަތްވާނެ ކަމުގެ އުންމީދު ނެތިފައޭ". އެބަސްތަކުން ހިތްވަރު ލިބުނަސް 'ޑީއެންސީ' ހެދުމަށް ބާއްވާފަ އޮތްއިރު އެންމެ ހިތްދަތިވީ އެހެން މާބަނޑުމީހުންގެ ބަނޑުގައި އޮންނަ ދަރިފުޅުގެ ހާޓްބީޓް އަޑުއިވުމުން ކަމަށް ވަނީ ބުނެފައެވެ.

" ދުވަހަކު ނުރޮވޭ ވަރަށް ރޮވުނު ހާޓްބީޓް އަޑު އެގޮތަށް އިވުނީމަ. މިހާރުވެސް މިހެން ހޮސްޕިޓަލަށް ގޮސް އުޅޭއިރު ހާޓްބީޓް އަޑުއިވުނީމަ ހުރެވޭ މަޑުކޮށްލައިގެން އަޑު އަހާލަން. މީހުންނަށް ދަރިން ލިބޭތީ އުފާކުރަން. އެކަމަކު އަމިއްލަ ނަފްސުމަތިން ހިތަށް އެރުމުން ދެރަވޭ.." 

ބުނަން ނުޖެހޭ ބަސްތައް ބުނުން ހުއްޓާލަމާ

ދަރިއަކު ނުލިބި އެހޭދަވާ ކޮންމެ ދުވަހަކު އެކުރެވޭ އިހުސާސް އެންމެންނަށް ނޭނގިދާނެއެވެ. އެކަމަކު ބުނެވޭ ބަހަކުން އެކަތިލެވެނީ އަނެކާގެ ހިތެވެ. ހިތްދަތިވެފައިވާ މީހަކަށް އެކަމުން ކުރާނެ އިހުސާސް ވަރަށްބޮޑެވެ.

ރިފާގެ އިހުސާސްތައް ކިޔައިދެމުން ބުނީ ހޮސްޕިޓަލަށް ދާއިރުވެސް މާބަނޑު މީހަކު ފެނުނަސް ބަލަން ހުރެވޭކަމަށާއި، ބޭބީއެއް ފެނުނަސް ބެލޭކަމަށް ވަނީ ބުނެފައެވެ.

"ބައެއް ފަހަރު މީހުން ބުނޭ ފިރިމީހާ ފޫހިވާނެ ނޫންހޭ ކުއްޖަކު ނުލިބޭތީ. އެކަމާ އަސްލު ވަރަށް ރުޅިގަދަވެ ޑިޕްރެޝަން އަށް ދޭ. އެކަމަކު ފިރިމީހާ ބުނަނީ ދޫކޮށްފަ ނުދާނެކަމަށް. ކޮންމެ މީހަކުވެސް ފެނުނީމަ އަހާނެ ދަރިއެއް ނުހުރޭހޭ. މަޖާކުރަންވެގެން ނުހޯދަނީ ދޯއޭ.. ބައެއްފަހަރު ބުނާނެ ކޮބާހޭ ދަރިންކޮޅު. އެކަހަލަ ބަސް ބުނާތީ ވަރަށް ދެރަވޭ.".

ހަގީގަތް އެނގިހުރެ ބުނެލާ ބަސްތަކުން ވަރަށް ދެރަވާކަން ފާހަގަކުރަމުން އިތުރަށް ބުނީ ވަޒީފާއަށްޓަކާ ދަރިން ނުހޯދަނީ ކަމަށް ހީވާ މީހުންވެސް އުޅޭ ކަމަށެވެ.

ލޯބިވާ މަންމައާއެކު ރިފާ

ނިންމުން

އާއިލާއާއެކު ދިރިއުޅެމުންދާ ރިފާގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ މަންމައާއި ފިރިމީހާއެވެ. ފިރިމީހާގެ އާއިލާގެ ފަރާތުންވެސް ވަރަށް ހިތްވަރު ލިބޭކަން ރިފާ ފާހަގަކުރި އެވެ.

" މީގެ ކުރިން ދިމާވި 2 ފިރިން ކަހަލަ މީހެއް ނޫން. الحمد لله ވަރަށް ރަނގަޅު ފިރިއެއް. ދިރިއުޅުމުގެ މިހިތްދަތިކަމުން އަރައިގަތުމަށް ވަރަށް އެހީތެރިވެދޭ".

ރިފާއަށް މިހާރުވެސް ދިމާވާ އެންމެބޮޑު ހިތްދަތިކަމަކީ އެކަނިވުމުން މާބޮޑަށް ކުރީގެ ހަނދާންތައް އާވުމެވެ.

" އެކަނިވީމަ ވަރަށް ހަނދާންވޭ. ހިތަށް އަރާ ބައިގެން ނުދިޔަނަމަ.. ފުރަތަމަ ބޭބީ މިހާރު ވިހައިގެންނޭ އުޅޭނީ. އަދި ދެވަނަ ބޭބީ ވިހާ ދުވަސް ގާތްވެއްޖޭ.. އެހެން ހިތަށް އަރާފަ ވަރަށް ދެރަވޭ.. ބޭބީ އޮތް ނަމަ އެކަނި ނުވީސް".

އިންޓަވިއު ނިންމާލަމުން ރިފާ ވަނީ ދަރިއަކު ބޭނުންވެ ނުލިބި އުޅޭ މީހުންނަށް ޚާއްސަ މެސެޖެއް ދީފައެވެ.

" އެނގޭ ވަރަށް ދެރަވާނެކަން. ހިތްވަރާއެކު ކުރިއަށްދިއުން އޮތީ. ދެއްވަން ހުރި ދުވަހަކުން ދެއްވާނެ. މީހަކު ފެންނައިރަށް ހާދަ ފަލައޭ ދަރިއެއް ނުހޯދަންހޭ ބުނެ ކޮމެންޓް ނުކުރުން އެދެން".

ދުޢާއަކީ، ރިފާ ފަދަ ކުއްޖަކު ހޯދުމަށް ބޭނުންވާ މީހުންނަށް އަވަސް މުސްތަގުބަލެއްގައި ދުޅަހެޔޮ ދަރިއަކު ލިބޭނެގޮތެއް މެދުވެރިކުރެއްވުމެވެ.

+1
6
+1
17
+1
7
+1
2
+1
5
+1
5
+1
195

Advertisement

ޖުމްލަ 9 ކިޔުންތެރިންގެ ހިޔާލު

  1. ދުއާ ކުރޭ ދަމުނަމާދު ކޮށް ޒިކުރު ކުރޭ.. ވވވވ ހިތްދަތިކަމެއްދީ ތަޒްރިބާ ކުރިން

    56
    1
  2. رب لا تذرني فردا و انت خيررالوارثين
    Namaadhu koggn mi dhuaa kiyaa huttaa nulaa kuriah gendhey iraadha kurevviyyaa vaguthu jehumun libeyne

    30
    2
    1. Mi dua ge ithurun ehen dua thahves kiyahchey. Dhamunamaadhu gavaidhun koffa dua kurun mathee dhemi hurey. In Sha Allah kaamiyaabu vaane. Alhugandakee ves 2016 (6 months), 2017 (1st trimester ga dhefaharu) adhi 2018 (6 months) ga miscarry vee meeheh. Alhamdhulillaah mihaaru dhariaku ebahuri

      12
  3. ބަސްއަހައިގެން ނަމާދުކޮށް ދުއާކުރޭ، ﷲގެ އިރާދަފުޅުން އުފާވެރިކަން ލިބޭނެ. ދުޢާއަކީ މުއުމިނުންގެ ހަތިޔާރު.
    ވަލްޙަމްދު ލިއްﷲ.

    31
    1
  4. ވަރަށް ހިތްދަތިި ކަމެއްތީ ތަޖުރިބަާ ކުރި މީހެއްގެ ހައިސިއްޔަތުން މިބުނަނީ ކުރިން ތިން ފަހަރު ބައިގެން ދިޔަ ފުރަތަމަ ބާރަ ހަފްތާގަ ދެވަނަ ފަހަރު އަށް ހަފްތާގަ އަދި ތިން ވަނަ ފަހަރު އެއް މަހުގަ މިއިން ކޮންމެ ފަހަރަކީ ވެސް ހިތް ފަޅައިގެން ދިޔަ ފަދަ ހިތި ދުވަސްތަކެއް ބުނަން އޮތީ އުއްމީދު ކަނޑާނުލާ ދުޢާ ކުރާށޭ އިރާދަ ކުރެއްވިއްޔާ ކާމިޔާބުވާނޭ މިއަދު އަހަންނަކީ ލޯބި ދެކުދިންގެ މަންމަ އެއް އަލްހަމްދު ލިﷲ ދުޢާ އަކީ އެންމެ ބާރުގަދަ ހަތިޔާރު ޚާއްސަ ކޮށް ދުޢާ އިޖާބަ ކުރައްވާނެ ކަމަށް ވާރިދު ވެފައިވާ ވަގުތު ތަކުގައި ދުޢާ ކުރުން ވަރަށް މުހިއްމު

    21
    2
  5. Be brave, Allah tha aalaa ehves alhakah nu ufullevey fadha thakuleefeh nujassavaane
    Dhuniye akee imthihaanuge govathi
    Result libeynee Aakhirathuge bimuga
    May Allah bless you with all his best, amen

  6. އަޅުގަނޑަކީވެސް 12 ފަހަރު ބައިގެން ދިޔަ މީހެއް.ދަރިޔަކު އަދި ނެތް.އެކަމް ހިތްވަރާއެކު ހަމްދު ކޮށް ލިބޭތޯ ދުޢާ ކުރަން.މީހުން ވަރަށް ހިތްދަތިވާ އެއްޗެހި ބުނޭ.އެކަމް ދެރަވިޔަސް ﷲހަމްދު ކޮށްދު ކޮށްގެން ހުންނަނީ

    10
  7. ނަމާދުކޮށް ގިނަގިނައިން ދުއާކުރަމާ…. ﷲ ގެ އިރާދަފުޅުން އުފާވެރިކަން ލިބޭނެ. ދުޢާއަކީ މުއުމިނުންގެ ހަތިޔާރު.
    ވަލްޙަމްދު ލިﷲ..

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް