September 21, 2024 02:38
Advertisement

-Advertisement-

ކޮވިޑަށްފަހު ޢީދު އައުމުން..

ޝޯޝަލް މީޑިއާއިން ފެންނަނީ ރައްޓެހިންތައް އެކި ރަށްރަށަށް ފުރާތީއެވެ. ޢީދަށް ތައްޔާރުވަނީއެވެ. ކޮވިޑްގައި ތަޅުއެޅުވިގެން ތިބުމަށްފަހު ވީއްލިގެން އަންނަ ފުރަތަމަ ޢީދު ކަމަށްވާތީ ދަތުރު ހަދައިގެން އެދަނީ ވަރަށް އުފަލުންނެވެ. އާއިލާ އާއި ރައްޓެހިންނާ ބައްދަލުކުރުމަށެވެ. މާލޭގެ ހަލަބޮލި މާހައުލުން ރަށްފުށުގެ އަރާމު މާހައުލަށެވެ. ބައެއް މީހުން ތޮއްޑޫއަށެވެ. ބައެއް މީހުން މާފުއްޓަށެވެ. ބައެއް މީހުން ތުލުސްދޫއަށެވެ. އަނެއް ބަޔަކު އުފަން ރަށަށެވެ. ކޮވިޑް ތެރޭގައި އުފަންވި ކުދިން އެ ކުދިންގެ އާއިލާތަކަށް ތައާރަފް ކުރުމަށެވެ.
ރަށްރަށަށް ފުރަން ގޮސްތިބި މީހުންގެ ތެރެއިން ބައެއް މީހުންގެ ޝުއޫރުތައް ހުރި ނެތް ގޮތް ބަލާލީމެވެ. އަޅުގަނޑަށްވެސް އެމީހުންގެ ދަތުރުގައި ބައިވެރިވެވޭ ފަދައެވެ. ހަފްތާއެއްގެ ބޮޑު ބަންދެއް މި ފަހަރު ކުޑައީދާއެކު ލިބިފައިވާއިރު ގިނަ މީހުން ދަނީ މާސްކްވެސް ނުލައެވެ.


މާފުއްޓަށް ފުރަން ދަތުރު ހަދަމުންދާ އާއިލާއަކުން ބުނީ މި ފަހަރު މިދަނީ އެއްވެސް ކަހަލަ ކަރަންޓީނެއް ނެތި މާސްކާއި ސެނިޓައިޒަރ ފުޅިވެސް ބަހައްޓާފަ ކަމަށެވެ. ކޮވިޑުން ވީއްލިގެން މިފަދަ އުފާވެރި ދަތުރަކަށް ތައްޔާރުވެވޭތީ ﷲ ތައާލާއަށް ހަމްދުކުރާ ކަމަށާއި، ކޮވިޑްގެ ކުރިން މާފުށީގައި ތިބި އާއިލާއާއި އެންމެން އެއްކޮށް ބައްދަލުވެސް ނުވާތީ މި ދަތުރަކީ ވަރަށް ޚާއްސަ ދަތުރެއް ކަމަށެވެ.

ކޮވިޑްގެ ވަބާ ފެތުރުމުގެ ކުރިން އުޅުނުހެން ޢީދުގައި ރަށުތެރެއަށް ނިކުމެ ގުރޫޕު ހަދައިގެން ޢީދު ފޯރި ނަގާލެވޭނެތީ މިހުރީ ވަރަށް އުފަލުން ކަމަށްވެސް ބުންޏެވެ. އަދި ކުރީ ޢީދުތަކުގައި ޢީދު ހެދުމާއި ގުޅޭ މާސްކުވެސް ފެހި ކަމަށާއި، މި ފަހަރު މާސްކް ހޯދަން ނުޖެހޭތީ އެއީވެސް ލުއެއް ކަމަށް އޭނާ ބުންޏެވެ.

Advertisement

ތޮއްޑުއަށް ދާން ދަތުރު ހަދައިގެން ހުރި މީހަކު ބުނީ މިދަނީ ހުރިހާ ރައްޓެހިންނާ މުޅި އާއިލާވެސް ގޮވައިގެން ކަމަށެވެ. ޢީދަކީ ވަރަށް އެކުވެރިކަމާއެކު ފާހަގަ ކުރަންޖެހޭ މުނާސަބާއެއް ކަމުން މި ފަހަރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކަރަންޓީނުގައި ހުންނަން ނުޖެހުން ކަމަށް އޭނާ ބުންޏެވެ. އަދި އުފާވަނީ މާސްކްވެސް ނާޅާ މަގުތައް މަތީގައި އުޅެލަން ފުރުސަތު ލިބިފައި ގައިދުރުކަން ބެހެއްޓުން ފަދަ ކަމެއް މަޖުބޫރު ނުވާތީ ކަމަށެވެ. އެއަށްވުރެ ބޮޑަށް އުފާވަނީ ޢީދަށް ދާ ރަށުގައި ކޮވިޑް ނެތުމުން ކަމަށްވެސް ބުންޏެވެ. ފަންސާހަކަށް މީހުން ހިމެނޭ ބޮޑު ޓީމަކުން ތޮއްޑޫއަށްދާއިރު ހުންނާނެ ގެސްޓުހައުސްއާއި ތަންތަންވެސް ބުކްކޮށް ފުރަން ތައްޔާރުވި އިރު އެއްވެސް މީހެއްގެ ކިބައިގައި އަރިދަފުސް ރޯގާގެ އަލާމާތެއް ނެތްކަން އެއީ ވަރށް ބޮޑު ނަސީބެއް ކަމަށް އޭނާ ބުންޏެވެ.


ތިނަދޫއަށް ފުރަން ދިޔަ މީހަކު ބުނީ މިދަނީ ވަރަށް އުފަލުން ކަމަށެވެ. ކޮވިޑް ނެތުމުގެ އުފަލާއި މާސްކާއި ނުލާ ދަތުރު ކުރުމަށް ފުރުސަތު ލިބޭތީ މި ޢީދު ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ. ދަރިންނާއެކު މާމަމެން ކައިރިއަށް ގޮސް އާއިލާގެ އެހެން މެންބަރުންނާއެކު ޢީދު ނަމާދަށް ގޮސް ގޭގެއަށްވަދެ ސަލާންގަލާން ކޮށް އެއް ސުފުރާމަތިން ކައި އުޅުނު ދިވެހި ކެއުންތައްވެސް މި ޢީދުގައި ލިބޭނެ ކަމަށް އޭނާ ބުންޏެވެ. މިދިޔަ ދެ އަހަރުވެސް އެއްވެސް ޢީދެއް އާއިލާ އާއެކު ފާހަގަ ނުކުރެވުމުން ދަރިންވެސް ތިބީ ފޫހިވެފައި ކަމަށާއި، ކަރަންޓީނުގައި ދިގު މުއްދަތެއް އެކަހެރިވެގެން ހުންނަން ޖެހުމުގެ ސަބަބުން ކުދިން ގޮވައިގެން މާމަ ކާފަ ދެކިލަން ނުދެވުނު ކަމަށް އޭނާ ބުންޏެވެ.
އުތުރުގެ ރަށަކަށް ފުރަން ގޮސް ހުރި މީހަކު ބުނީ މި ޢީދަށް މި ދަނީ އަންހެނުންނާ ދަރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކަމަށެވެ. މައިންބަފައިންނާއި ވެސް ބައްދަލު ނުވެ ގިނަ ދުވަސްވުމުން އެމީހުންނާ ބައްދަލުކޮށްލަން ކަމަށެވެ. އެއާޕޯޓްގައި މަސައްކަތް ކުރާ އެ މީހާގެ ޝުއޫރުތަކަށް ބަލާއިރު މިއީ ހަގީގީ ޢީދެކެވެ. ތަޅުތަކުން ނެއްޓިގެން މިނިވަން ކަން މަތީ ފާހަގަ ކުރެވެން އޮތް ޢީދެކެވެ. ކޮވިޑްގެ ބަލިމަޑުކަން ނެތުމަކީ މި ޢީދަށް ލިބޭ އިތުރު އުފާވެރި ކަމެއް ކަމަށް އޭނާ ބުންޏެވެ. އަދި ދަރިންނާ ބައްދަލުނުވެ ގިނަ ދުވަސްތަކެއް މާލޭގައި ތާށިވެގެން ހުރުމަށްފަހު މާސްކުވެސް ނާޅާ އާއިލާ ގާތަށް ދެވޭތީ އެއީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އޭނާ ބުންޏެވެ.


މާސްކާ ސެނިޓައިޒަރ ފުޅި ނުލާ ދަތުރު ހަދައިގެން ތިބި މީހުންވެސް ކަމެއް ދިމާވެދާނެ ކަމަށް ތިބެންވާނީ ތައްޔާރުވެގެންނެވެ. ކޮވިޑްބަލި ނެތް ރަށެއް ނަމަވެސް ރައްކާތެރިވެ ތިބިއްޔާ ދަތުރެވެ. ސާފުތާހިރުކަމުގެ މިންގަނޑުތައް ކުރިއެކޭ އެއްގޮތަށް ދަމަހައްޓަން ވާނެއެވެ. އަދި ރޯގާތަކުން ސަލާމަތްވެ ތިބުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރަންވާނެއެވެ.
މީގެ އިތުރުން ދަތުރަށް ފުރާ މީހުން އެންމެ ބޮޑު ސަމާލުކަމެއްދޭންވާނީި މޫސުމަށް ބަލައިގެން ދަތުރު ކުރުމަށެވެ. ޢީދު ތެރޭގައި މޫސުން ދައްކަނީ ވިއްސާރަކޮން ކަމަށްވާއިރު ކަނޑުތައްވެސް ގަދަވާނެއެވެ. ވީމާ ދަތުރަށް ފުރާއިރު އުޅަނދުތަކުގެ ސަލާމަތީ ކަންކަން ބަލާ ލައިފްޖެކެޓް ފަދަ އާލާތްތައް ފަސޭހައިން އަތުޖެހޭ ހިސާބެއްގައި ބެހެއްޓުން ފަދަ ކަންކަން ކަށަވަރު ކުރަންވާނެއެވެ.
މީގެ އިތުރުން ޢީދު ބަންދާ ދިމާކޮށް ކޮންމެ އަހަރެއްގައިވެސް މާލޭގައި ވަގުންގެ އުނދަގޫ ބޮޑުވެއެވެ. އެހެންކަމުން ފުރައިގެން ދާއިރު ގެ ރަނގަޅަށް ތަޅުލެވުނުތޯ ކަށަވަރުކުރުމާއި ގާތް އެކުވެރިއެއް ނުވަތަ އާއިލީ މީހަކަށް ގެ ބަލަން ހަވާލުކޮށްފައިވެސް ފުރިދާނެއެވެ.
މި ކަންކަމަށް ސަމާލުވެގެން ދަތުރަށް ފުރަން އާދަކުރައްވާށެވެ. މިނިވަންކަން ލިބިފައި އޮތުމާއެކު އެ މިނިވަން ކަމުގެ ބޭނުން ކުރަންވާނީ ރަނގަޅަށެވެ. އަމިއްލަ ރައްކާތެރިކަމާއި ސާފުތާއިރު ކަމަށް ހުރިހާ ވަގުތެއްގައިވެސް ސަމާލުވެ ރައްކާތެރިވެގެން ހުރުން މުހިންނެވެ.

+1
0
+1
1
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް