September 21, 2024 02:31
Advertisement

-Advertisement-

ކުރުވާހަކަ: ތަޢާރަފް

އިރުފެނުމައްޗަށް ތޮޅިލުމާއިއެކު އާޓިފިޝަލް ބީޗުގައި ބަހައްޓާފައިވާ ހިލަ ގޮނޑިތަކުން ގޮނޑިއެއްގައި އިން މާހިރު ތެދުވިއެވެ. އަމިއްލަ އިޚްތިޔާރަކާ ނުލައި ހިނގައިގަތީ ގެއާ ދިމާލަށެވެ.

މަޖީދީ މަގާއި އާޓިފިޝަލް ބީޗަކީ މާހިރަށް އައު ތަންތަނެއް ނޫނެވެ. ކޮންމެ ދުވަހަކު އިރުއަރާ މަންޒަރުބަލަން މާހިރު އެތަނަށް ދެއެވެ. ކޮންމެ ދުވަހެއްގެ ހަވީރުވެސް އާޓިފިޝަލް ބީޗަށް ދެއެވެ. އެތައް ބަޔަކާ ބައްދަލުވެ އެތައް މަންޒަރުތަކެއް އެ ސަރަހައްދުން އެކަނިވެސް ފެނެއެވެ. ނަމަވެސް މިއަދު އޭނާގެ ހިތަށް އަރާ ފައިބަމުންދަނީ އެހެންކަހަލަ ޝުޢޫރުތަކެކެވެ. މާލޭގެ ހާލަތާމެދު ވިސްނަން މަޖުބޫރުވީ ރޭ ވަޅި ހަރާލާފައި އޮތް މީހަކު އިބްރާހިމީ މިސްކިތް ކައިރިން ފެނުނު ފަހުންނެވެ. އޭނާ ދިރިއުޅެމުންދާ ސަރަހައްދުން އެކަނިވެސް އެތައް ބަޔަކު މިކަހަލަ އަނިޔާވެރިގޮތްގޮތަށް މަރާލައިފިއެވެ. އެކަމަކު މިއަދު އެވިސްނޭ ކަހަލަ ގޮތަކަށް ވިސްނުމެއް އޭނާގެ ސިކުނޑިއަކަށް ނާދެއެވެ.

މަގުމަތީގައ މީހުން މަދެވެ. ދަމަކުން ބަޑިއެއް ޖަހާލާހެން ދޭތެރެއަކުން ސައިކަލެއް ދާތަން ފެނެއެވެ. ސައިކަލެއްގެ އަޑު އިވޭއިރަށް އޭނާ ސިއްސައިގެންދެއެވެ.

Advertisement

މަޖީދީމަގުގައި ތަރުތީބުކަމާއެކު އަތުރާފައިވާ ގާތަކުގައި، ކުރަހާލާފެންކޮށްފައިވާ އަސާ ވަރަށް ފަރުވާތެރިކަމާއެކު މަޑުމަޑުން ޖައްސަމުން، ފިޔަވަޅަކަށްފަހު ފިޔަވަޅެއް މަޑުމަޑުން ކުރިއަށް އަޅަމުންދިޔައިރު 70 އާއި ގާތްކުރާ އޭނާގެ ހަށިގަނޑުގައި ބާރުކެނޑެމުންދާކަމުގެ އަސަރު ފެންނަން ހުއްޓެވެ. މޫނުގައިވާ ރޫތަކަށްވުރެ އަރާފައިބަމުންދާ ރޫތައް ގިނަވުމަކީ އޭނާގެ ހިތާއި ސިކުނޑީގައި ބޮޑު ހައިޖާނެއް ހިނގާކަމުގެ އަލާމާތެކެވެ.

އޭނާގެ އުމުރު އެ ހުސްވަނީ ފުރަ މާލޭގައި ދިރިއުޅެމުން ދަނިކޮށެވެ. ރާއްޖޭގެ ރަށްތައްވެސް އޭނާއަށް ހިތްގައިމެވެ. އެކަމަކު ޒަމާނީ ގިނަ ތަރައްޤީތަކަށް ލޯބިކުރާ މާހިރަށް މާލޭގައި ދިރިއުޅެން ހަމަ އެންމެ ރަނގަޅެވެ. އެކަމަކު އޭނާއަށް މިފަހަކުން ކުރެވެމުންދާ އިހުސާސްތަކާއި މިއަދު ހިތަށްއަރާފައިބަމުންދާ ޝުޢޫރުތަކާއި ޝަކުވާތަކާއި އުދާސްތައް ''އެންމެ ރަނގަޅެއް'' ނޫނެވެ. ފުރަތަމަ ފަހަރަށް އޭނާ އެންމެ ލޯބިވާ ފަސްގަނޑު ފުރަ މާލެދެކެ ބިރުގަންނަން ފެށިއެވެ.

މިތާ ނެތީ ކޮންކަމެއްހެއްޔެވެ. އިރު އަރާއިރު ދެތިން މީހަކު މަގުމަތީ ޒަޚަމްކޮށްލާފައި އެބަ އޮވެއެވެ. އެއީ ޒުވާނުންނެވެ. މަޖީދީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލާއިރު ދެ ޖިންސުގެ މީހުން މަގުމަތީ އެތަން މިތަނަށް ''ބިތްޖެހިފައި'' ތިބޭ މަންޒަރު އެބަ ފެނެއެވެ. ގިނައީ ނޫކަށި ފުރައިގެ ޒުވާނުންނެވެ.  އެއްބަޔަކު ދަބަސްތަކެއް ކޮނޑުއަޅުވައިގެން ގޭގެއަށްވަދެ ނުކުމެއުޅޭއިރު ހަމަ އެ ''ވަޅައިގެ'' ބަޔަކު މަގުމަތީގައި ހުންނަ ކުނިބުނި ހާވަން ''ހޭވައްޓާލައިގެން'' އުޅޭތީ ފެނެއެވެ. ގިނައީ ޒުވާނުންނެވެ. ދުވާލަކަށް އިރުއަރައިފިއްޔާ ''އަތްފައިހެލޭ'' ޒުވާނުން ބޮޑެތި ފިރާރަތަކާއި މިސްކިތްތަކާއި ބޭންކްތައް ދޮށުގައި ސަލާން ޖަހަން ފަށައެވެ.

ރޭގަނޑަކަށް އިރުއޮއްސިއްޖެއްޔާ ދެ ޖިންސުގެ ޒުވާނުން މަގުމަތީގައިވެސް އެ އުޅެނީ ''ލަދުހަޔާތުގެ'' ކަންފުޅެއްވެސް ހުރި ބަޔަކު އުޅޭ ގޮތަކަށް ނޫނެވެ. ގައިމު މައިންބަފައިންނާއި އާއިލާގެ ކުރިމަތީ އެހެން އުޅެން އަދިވެސް މާހިރު ޖެހިލުންވެއެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު، ހާލިފްއަކަށްވެސް ދުވަހަކުވެސް އެހެން އުޅެން ނުކެރޭނެއެވެ. އެއީ ރަނގަޅުގޮތުގައި ބަލާބޮޑުކުރެވިފައިވާ، ގައުމުދެކެ ލޯބިވާ ދަރިއެކެވެ.

އަނބިދަރިންނާއެކު ނުވަތަ މައިންބަފައިންނާއެކު ރޭގަނޑު މަގުމައްޗަށް ނުކުންނަން ޖެހިލުންވާ އެއްސަބަބަކީ މި ޤައުމުގެ ސަޤާފަތް ފަރަންޖީ ގައުމުތަކުގެ ސަޤާފަތަށް ބަދަލުވެފައިވާތީއެވެ. ހެއްދެވިހާ ނުބައިކަމެއް ކުރަމުން، އެމީހުންގެ ބަހުންނަމަ ''ޕާޓީ''ކުރަމުން ރޭގަނޑު ހަތަރުދަމު ބޭރުގައި އުޅޭ ޅަ ޒުވާނުންނާއި މީހުންގެ އަނބިންނާއި ފިރިންނާއި އެއުޅޭ ނުބައި ގޮތްތައް ހިތަށް އެރިއަސް ގައިން ހީބިހި ނަގައިގެން ދެއެވެ.

ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގްތަކުގެ ބިރުވެރި އަމަލުތަކާއި، ރޯމާ ދުވާލު ފޭރުމާއި ބްލެކްމެއިލް ކުރުމާއި ކިޑްނެޕްކުރުން މިއީ މިރާއްޖޭގައި މިހާރު ހަމަ އެންމެ އާދައިގެ ކަންތައްކަމަށްވެ ނިމިއްޖެއެވެ.  ޚާއްސަކޮށް މާލޭގައެވެ. ފުރަތަމަ ފަހަރަށް މިފަދަ ތަނެއްގައި އުޅެން ޖެހިލުންވުން އެއީ މިކަމުގެ ބިރުވެރިކަން އިންތިހާއަށް ގޮސްފައިވާކަމުގެ ހެއްކެއްކަމަށް މާހިރު ދުށްޓެވެ.

މާހިރުގެ އެ މަޑު ހިނގުން އިހުނަށްވުރެ މަޑުވެ ނޭވާލުމަށް ދަތިވާންފެށިއެވެ.  ދަމަކަށް އިރުއަރާއިރުވެސް އެނާއަށް ގެއާއިހަމައަށް ދެވޭވަރެއް ނުވާނެއެވެ.

މަޑުމަޑުން ނޭވާ ކުރުވެ ދެލޯ މެރެމުންދިޔަކަމުގެ އިހުސާސްވެއެވެ. މާގިނަ އިރެއްނުވެ ކުލަ ފަނޑުވަމުންގޮސް އޭނާއަށް މުޅި މަންޒަރު ގެއްލިއްޖެވެ. ނަސީބަކުން އެއީ ރޭގައި ޒަޚަމްކޮށްލި ޒުވާނާ ވެއްޓުނު ސަރަހަދަށްވުމުން އެތަނުގައި ފުލުހުން ދިޔައީ ފޯރިމަރަމުންނެވެ.

މުސްކުޅި މާހިރު ނަގައިގެން އޭޑީކޭއަށް ގެންދިޔައީވެސް ފުލުހުންނެވެ.

އެމަޖެންސީގައި އޭނާއަށް ފަރުވާދެމުން ދިޔައިރު އެތަނުން ދެ އެނދެއްގައި ދެ ޒުވާނަކު ފަރުވާ ހޯދަމުން ދިޔައެވެ. ހިކި އަނަރޫފަވެފައިވާ އެ ދެ ޒުވާނުންގެ އަތްފައިގައި ވަނީ ބެންޑޭޖް އަޅާފައެވެ. ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށްވުރެ މިފަދަ ޒުވާނުންގެ ބަލިކަށިކަން ހިތައް އަރައެވެ.

އޮކްސިޖަން ގުޅިތާ މާގިނަ އިރެއްނުވެ މާހިރަށް ހޭވެރިކަން ވިއެވެ. ޑޮކްޓަރުބުނީ އެއީ މާބޮޑަށް ހޫނުގެ އަސަރު ކުރުމުން ދިމާވި ގޮތެއްކަމަށެވެ.

ގެއަށްގޮސް އަރާމުކުރުމަށް އިރުޝާދުދިނުމަށްފަހު 15ވަރަކަށް މިނިޓް ތެރޭ މާހިރު ދޫކޮށްލިއެވެ. އޭރު މާހިރުގެ ހުރި ހަމައެކަނި ދަރިފުޅު ހާލިފްވެސް ކައިރީގައި ހުއްޓެވެ. އުމުރުން 48 އަހަރުގެ ހާލިފަކީ މުޅި ރާއްޖެ ދަންނަ ނަމޫނާ ދަރިއެކެވެ. ބޮޑު ވުޒާރާއެއްގެ ވަޒީރެވެ. އޭނާ ވަނުމުން އެތަނުގައި ތިބި ދެ ނަރުހުންވެސް އައީ މާހިރުގާތަށެވެ.

ބައްޕަ އޮތް އެނދާ ފޭއަށް ޖެހިލައި އެ ދެ ޒުވާނުންގެ އައިވީއަށް ސިރިންޖްކައްޓެއް ހެރީ އެ ދަނޑިވަޅުއެވެ. އޭނާގެ ބޭނުމަކީ އެތައް ޒަޚަމްތަކަކާއެކު ގުޑާނުލެވި އޮތް ދެ ޒުވާނުން މަރުވުމެވެ. އޭނާގެ ޤަދަރާއި އިއްޒަތާއި، ނަމާއި، މަޤާމާއި ވިޔަފާރި އަދި އޭނާގެ އަނދިރި ފަރާތުގެ ދިފާޢުގައެވެ. މިއީ ކުޑަކުޑަ ތަޢާރަފެކެވެ.

+1
0
+1
0
+1
5
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް