November 22, 2024 08:00
Advertisement

-Advertisement-

ޔޫޓިއުބް އިން އެންމެ ގިނަ ފަހަރަށް ބެލި ވީޑިއޯތައް

2005 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ޔޫޓިއުބް ޑޮޓް ކޮމް އަކީ ގޫގްލް ޑޮޓް ކޮމް އަށްފަހު އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓެވެ.

2021 ވަނަ އަހަރުގެ ނޮވެމްބަރާ ހަމައަށް 13.34 ބިލިއަން ފަހަރު ޔޫޓިއުބް މެދުވެރިކޮށް ވީޑިއޯތައް ބަލައިފައިވެއެވެ. ޔޫޓިއުބުން ބުނާ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ޔޫސާއިން އެ ވެބްސައިޓަށް ވަދެ ކޮންމެ ދުވަހަކު 1 ބިލިއަން ގަޑިއިރަށްވުރެ ގިނައިރުގެ ވީޑިއޯ ބަލައެވެ.

ޖެނުއަރީ 2022 އާއި ހަމައަށް އެންމެ ގިނަ މީހުން ބެލި ޔޫޓިއުބް ވީޑިއޯތަކަށް ބަލާއިރު އެއްވަނައިގަ އޮތް ބޭބީ ޝާކް ޑާންސް ވީޑިއޯއަށް 10 ބިލިއަން ވިއުސް ލިބިފައިވެއެވެ.

Advertisement

އެންމެ ގިނަ ފަހަރަށް ބަލާފައިވާ 10 ޔޫޓިއުބް ވިޑިއޯ

1. ބޭބީ ޝާކް ޑާންސް

މިއީ އެއްވެސް ޕްލެޓްފޯމެއްގައި މީގެ ކުރިން ވީޑިއޯއެއް ބަލާފައި ނުވާހާ މިންވަރަށް މީހުން ބެލި ވީޑީއޯއެކެވެ. 10 ބިލިއަން ވިއުސްގެ ރެކޯޑެއް ހަދާފައިވާ 'ބޭބީ ޝާކް ޑާންސް' އަކީ ކުޑަކުދިންނަށް ޚާއްސަ ވީޑިއޯ އުފައްދާ ޔޫޓިއުބް ޗެނަލް 'ޕިންކްފޮންގ' އިން ޔޫޓިއުބަށް ލާފައިވާ ވީޑިއޯ އެކެވެ.
'ބޭބީ ޝާކް ޑުއް ޑު ޑޫ ޑު ޑޫ' އަކީ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ފަހަރަށް ބެލި ފުރަތަމަ ޔޫޓިއުބް ވީޑިއޯއެވެ. މިއީ ސައުތްކޮރެއާގެ އެންޓަޓެއިންމެންޓް ކުންފުންޏެއް ކަމުގައިވާ ސްމާޓް ސްޓަޑީ އިން އުފައްދާފައިވާ ވިޑީއޯއެކެވެ.
ދެ މިނިޓް 16 ސިކުންތުގެ މި ވިޑީއޯއަކީ އެއްފަހަރު އަޑުއަހާލިޔަސް މުޅި ދުވަހު ސިކުނޑީގައި ހަރުލާފައި ހުންނަ ކަހަލަ ކުޑަކުދިންގެ ލަވައެކެވެ. 

2. ޑެސްޕަސީޓޯ

ލުއިސް ފޮންސީ އާއި ޑޭޑީ ޔެންކީގެ ޑެސްޕަސީޓޯ އަކީ ދެވަނައަށް އެންމެ ގިނަ މީހުން ބެލި ޔޫޓިއުބް ވީޑިއޯއެވެ. 7.7 ބިލިއަން ވިއުސް ލިބިފައިވާ މި ވީޑިއޯ އަކީ ސްޕެނިޝް ބަހުން ކިޔާފައިވާ ގްލޯބަލް ހިޓެކެވެ. މިހާތަނަށް އެންމެ މަގްބޫލުވި ޕޮޕް ލަވައެވެ. 2017 ގައި ޑޭޑީ ޔެންކީ އުފެއްދި މިލަވަ އޭނާ ފުރަތަމަ ރިކޯޑް ކުރީވެސް އޭނާގެ ފޯނަށެވެ. ފަހުން މި ލަވަ މަޝްހޫރުވެގެން ގޮސް ދުނިޔޭގެ ގިނަ ގައުމުތަކުން އެގައުމުތަކުގެ އަމއިްލަ ބަހުންވެސް 'ޑެސްޕަސިޓޯ' ލަވަ އުފެއްދި އެވެ.

3. ޖޮނީ ޖޮނީ ޔެސް ޕާޕާ

ލޫލޫ ކިޑްސްގެ ޖޮނީ ޖޮނީ ޔެސް ޕާޕާ އަކީ 3 ވަނަ އަށް އެންމެ ގިނަ މީހުން ބެލި ޔޫޓިއުބް ވީޑިއޯއެވެ.
މި ވީޑިއޯ އަށް 6.1 ބިލިއަން ވިއުސް ލިބިފައިވެެއެވެ. އިންޑިއާގެ ޔޫޓިއުބް ޗެނަލެއް ކަމަށްވާ 'ބިލިއަން ސަޕްރައިޒް' ޓޯއީސް' އިން އުފެއްދި މިލަވަ މިހާރު ވަނީ ޔޫޓިއުބުން ނަގާފައެވެ. އެލަވަ ވެގެންދިޔައީ ޔޫޓިއުބްގައި މަޝްހޫރު 'ޓްވިންކަލް ޓްވިންކަލް ލިޓްލް ސްޓާ' ގެ މެލޮޑީއާ އެއްގޮތް ލަވައަކަށެވެ. އެހެންކަމުން 2018 ވަނަ އަހަރު އެ ވީޑިއޯއަށް ޓްވިޓާއާއި ޔޫޓިއުބުގައި ވަރަށް ގިނަ މީހުންގެ ފާޑުކިއުންތަކާއި ނުރުހުންތައް އަމާޒުވިއެވެ. އެންމެފަހުން މި ވީޑިއޯ އޮތީ 'ޑިސްޓާބިން' އަދި ނޮން ސެންޝިއަލް' ކެޓަގަރީގައެވެ.

4. ޝޭޕް އޮފް ޔޫ


ހަތަރުވަނައަށް އެންމެ ގިނަ ފަހަރަށް ބަލާފައިވާ ޔޫޓިއުބް ވީޑިއޯ އަކީ މަޝްހޫރު އިނގިރޭސި ލަވަކިއުންތެރިޔާ އެޑް ޝީރަންގެ 'ޝޭޕް އޮފް ޔޫ' މި ލަވައެވެ. 5.6 ބިލިއަން ވިއުސް މި ވީޑިއޯއަށް ލިބިފައިވެއެވެ. އެޑް ޝީރަންގެ 2017 ވަނައަހަރުގެ ލަވަ އަލްބަމް 'ޑިވައިޑް' ގައި ހިމެނޭ މި ލަވަ ވެގެންދިޔައީ ސުޕަ ހިޓަކަށެވެ.

5. ސީ ޔޫ އެގެއިން

ފަސްވަނައަށް އެންމެ ގިނަ މީހުން ބަލާފައިވާ ވީޑިއޯއަކީ ވިޒްހަލީފާ އާއި ޗާލީ ޕުތްގެ ލަވަ 'ސީޔޫ އެގެއިން' އެވެ. 5.3 ބިލިއަން ވިއުސް ލިބިފައިވާ މި ވީޑިއޯ އަކީ 'ފާސްޓް އެންޑް ފިއުރިއަސް 7' ގައި ހިމެނޭ އަސަރުގަދަ ލަވައެކެވެ. މިއީ 'ފާސްޓް އެންޑް ފިއުރިއަސް 7' ކުޅުމަށްފަހު މަރުވި ތަރި ޕައުލް ވޯކާގެ ހަނދާނުގައި އޭނާއަށް ޚާއްސަކުރި ޓްރިބިއުޓެކެވެ.
ޗާލީ ޕުތްގެ އިމޯޝަނަލް ޕިއާނޯ މިއުޒިކާއި ވިޒްގެ ރެޕް ކުރުން ހިމެނޭ މިލަވައަކީ ޔޫޓިއުބްގައި ވަރަށް ގިނަ މެސެޖްތަކެއް އެ ލަވައަކަށް ލިބުނު ލަވައެކެވެ. ޕައުލް ވޯކާއަށްދޭ އަސަރުގަދަ އެތައް މެސެޖެއް މިލަވަ ބެލި ފަރާތްތަކުން ކޮމެންޓް ސެކްޝަނަށް ދޫކޮށްފައިވެއެވެ.

6. ބާތް ސޯންގް (ކޯކޯ މެލަން)

ހަވަނައަށް އެންމެ ގިނަބަޔަކު ބަލާފައިވާ ޔޫޓިއުބް ވީޑިއޯ އަކީ 'ކޯކޯމެލަން ނާސަރީ ރައިމްސް އެންޑް ކިޑްސް ސޯންގްސް' ގެ 'ބޭބީ ބާތް' ލަވައެވެ.
4.9 ބިލިއަން ވިއުސް ލިބިފައިވާ މި ވީޑިއޯއަކީ ސާފުތާހިރުކަމާއި ގުޅޭ ގޮތުން ކުޑަކުދިންނަށް ދޭ މެސެޖްތަކެއް ހިމެނޭ ލަވައެވެ. ބާތް ސޯންގް ގެ އެކި ބައިތައް އެކި ޓްރެކަށް ހަދާފައިވެއެވެ. 'އިޓްސީ ބިޓްސީ ސްޕައިޑާ' ބޭބީ ޝާކް' ގެ ރާގަށްވެސް މި ލަވައިގެ ބައެއް ބައިތައް ކިޔާފައިވެއެވެ.

7. ލާނިން ކަލާސް- ކަލަރފުލް އެގްސް އޮން އަ ފާމް

'މިރޮޝްކާޓީވީ' ގެ ނަމުގައި ހަދާފައިވާ ރަޝިއަން ޔޫޓިއުބް ޗެނަލްގެ 'ލާނިން ކަލާސް- ކަލަރފުލް އެގްސް އޮން އަ ފާމް' ލަވައަށް 4.5 ބިލިއަން ވިއުސް ލިބުނެވެ.
4 ބިލިއަނަށްވުރެ ގިނަ ފަހަރަށް ބެލިފަހުން މި ވީޑިއޯ މިހާރު ވަނީ އާންމުންނަށް ނުފެންނަގޮތަށް ޕްރައިވެޓް ކޮށްފައެވެ. މިއީ ކުޑަކުދިންނަށް ކުލަތައް ދަސްކޮށްދޭން ހެދި ވީޑިއޯއެކެވެ. މިވީޑިއޯއަށްވެސް އާންމުންގެ ފަރާތުން ނުރުހުންތައް އަމާޒުވިއެވެ.

8. މާޝާ އެންޑް ދަ ބެއާ - ރެސިޕީ ފޯ ޑިޒާސްޓާ

'ގެޓް މޫވީސް' އިން އަޕްލޯޑްކުރި 'މާޝާ އެން ދަ ބެއާ-ރެސިޕީ ފޯ ޑިޒާސްޓާރ' އަކީ 4.4 ބިލިއަން ވިއުސް ލިބުނު ވީޑީއޯއެކެވެ. ކުޑަކުދިންނަށް އިންޓަނެޓް ދައްކާއިރު އެކުދިންނަށް ގެއްލުންހުރި ކޮންޓެންޓްތަކާއި ދުރުކުރުމުގެ ގޮތުން 'މާޝާ އެން ދަ ބެއާ' ބެލުން ރަނގަޅު ކަމަށް ރަޝިއާގެ ސައިކޮލޮޖިސްޓުން ބެލެނިވެރިންނަށް ލަފާދޭކަމަށްވެއެވެ. 'މާޝާ އެން ދަ ބެއާ' އަކީ ރަޝިއާ ބަހުން އުފައްދާފައިވާ ސީރީޒެއް ނަމަވެސް ފަހުން ވަނީ އިނގިރޭސި، ހިންދީ އަދި އެހެން ބަސްތަކުންވެސް އަޑުއަޅައިގެން ޔޫޓިއުބަށް ލާފައެވެ. މިއީ ބެއާ އަކާއި މާޝާ ކިޔާ ކުޑަ އަންހެން ކުޖެއް އުޅޭ ހެއްވާ މަޖާ ކަންކަން ހިމެނޭ ސީރީޒްއެކެވެ.

9. އަޕްޓައުން ފަންކް

މާކް ރޮންސޮން އާއި ބުރޫނޯ މާސްގެ 'އަޕް ޓައުން ފަންކް' ލަވައަކީ 4.4 ބިލިއަން ވިއުސް ލިބިފައިވާ ވީޑިއޯއެކެވެ. މީގެ 7 އަހަރު ކުރިން ޔޫޓިއުބްގައި އާންމުކުރި މި ލަވައަކީ 'ރިކޯޑް އޮފް ދަ އިޔާ' އަދި 'ބެސްޓް ޕޮޕް ޑުއޯ/ގްރޫޕް' ކެޓަގަރީން ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ލަވައެކެވެ.

10. ޕޮނިކް ސޯންގް ވިތް ޓޫ ވޯޑްސް

މިއީ ކުޑަކުދިންގެ މަގްބޫލު 'ޗޫޗޫ ޓީވީ ނާސަރީ ރައިމްސް އެންޑް ކިޑްސް ސޯންގްސް' ގެ ނަމުގައި ހިންގާ ޔޫޓިއުބް ޗެނަލުގެ އުފެއްދުމެވެ. މިވީޑިއޯ އަށް 4.4 ބިލިއަން ވިއުސް ލިބިފައިވެއެވެ. މިއީ ކުޑަކުދިންނަށް އިނގިރޭސި އަކުރުތަކާއި އަކުރުތަކުން ފެށޭ ބަސްތައް ދަސްކޮށްދޭ ވީޑިއޯއެކެވެ.

 

ނޯޓް: މިއީ ޖެނުއަރީ 2022 އާއި ހަމައަށް ޔޫޓިއުބުގެ ތަފާސްހިސާބުތަކަށް ބަލައިގެން 'ލައިފްސްޓައިލް އޭޝިއާ' ގައި ލިޔެވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިއުމެކެވެ. 

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް