ކޮންމެ އަހަރެއްގެވެސް މޭ 8 ފާހަގަ ކުރަނީ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ ގޮތުގައެވެ.
ތެލަސީމިއާ ހުންނަ މީހުން އެބަލި މެނޭޖް ކޮށްގެން ދިރިއުޅުން ވަރަށް މުހިންމެވެ. ތެލަސީމިއާ އަކީ ގަވާއިދުން ފަރުވާ ބޭނުންވާ ބައްޔެކެވެ. ގަވާއިދުން ލޭ އެޅުމާއި ޑޮކްޓަރަށް ދެއްކުން މުހިންމެވެ. ތެލަސީމިއާ ހުންނަ މީހުން ސާމާލުވާންވީ މުހިންމު ކަންތައްތަކުގެތެރޭގައި ގަވާއިދުން ވެކްސިން ޖެހުމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި ކަސްރަތު ކުރުމާއި އެހެންމީހުންނާއި އެކު އޮންނަ ގުޅުންތައް ހަރުދަނާ ކުރުން މުހިންމެވެ. ކަންބޮޑުވެ ދެރަވާފަދަ ހިޔާލުތަކުން ދުރުވެ ރަނގަޅު ވިސްނުމަކުން ކަންކަމާމެދު ވިސްނުން މުހިންމެވެ.
1- ވެކްސިން
ވެކްސިނަކީ ހަށިގަނޑުގައި އުފެދޭ ޖަރާސީމުތަކާއި ނުރައްކާތެރި އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭ މުހިންމު ވަސީލަތެކެވެ. ތެލަސީމިއާ ކުދިންނާއި މީހުންނަށް ކޮންމެހެން ބޭނުންވާ ވެކްސިންތަކާއި ޑޮކްޓަރުން ލަފާދޭ ހުރިހާ ވެކްސިނެއް ފުރިހަމަ ކުރަންވާނެއެވެ.
ޑޮކްޓަރުން ލަފާދޭގޮތަަކަށް ފުލޫ ވެކްސިންވެސް ގަވާއިދުން ޖަހަންވާނެއެވެ. ބައެއް އިންފެކްޝަންތަކަށް ތެލަސީމިއާ މީހުންނަކީ ހައި ރިސްކް މީހުންނެވެ. ޚާއްސަކޮށް ސްޕްލޫން ނަގާފައި ތިބޭ މީހުންނެވެ.
2. ކާނާ
ހަށިގަނޑަށް ފައިދާހުރި ކާނާ އަކީ ދުޅަހެޔޮ ސިއްތަކަށް ވަރަށް މުހިންމު މާއްދާއެކެވެ. ގިނައިން ތަރުކާރީ އާއި މޭވާ ކެއުމުގައި ހިމެނުމަކީ އާންުކޮށް ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ. އެހެންނަމަވެސް ތެލަސީމިއާ މީހުންގެ ހަށިގަނޑުގައި ދަގަނޑުގެ މިންވަރު މާ ބޮޑަށް އިތުވިޔަ ނުދީ ސަމާލުވާން ޖެހެއެވެ. ދަގަނޑުގެ ބައި ގިނައިން އެކުލެވޭ ކާނާ ކެއުން މަދު ކުރަން ޖެހެއެވެ. އެއްގަމު މަހާއި ކަނޑުމަހާއި ބައެއް ތަރުކާރީއާއި ބިހާއި ސްޕިނެޗް ފަދަ ބާވަތްތަކަކީ ގިނައަދަދަކަށް ދަގަނޑު ހުންނަ ބާވަތްތަކެވެ. އަދި ސީރިއަލް އާއި އޮރެންޖް ޖޫހަކީވެސް ދަގަނޑުގެ ބައި ވަރަށް ގިނަ ދެ ބާވަތެވެ.
3. ކަސްރަތު
ބައެއް ކަހަލަ ކަސްރަތަކީ ތެލަސީމިއާ މީހުންނަށް ފަސޭހައިން ކުރެވޭ ކަސްރަތުތަކެއް ނޫނެވެ. ތެލަސީމިއާ މީހުންނަށް އެންމެ ރަނގަޅު ކަސްރަތުތަކުގެ ތެރޭގައި ބައިސްކަލް ދުއްވުން، ހިނގުން ނުވަތަ ދުވުން ހިމެނެއެވެ. ހުޅުހުޅުގައި ރިއްސުމުގެ މައްސަލަ ހުންނަ ތެލަސިމިއާ މީހުންނަށް ލޯ އިމްޕެކްޓް ކަސްރަތުތައް ކުރެވިދާނެއެވެ. ފެތުން، ޔޯގާ އަދި ވޯޓާ އެރޮބިކްސް ވެސް ރަނގަޅުވާނެއެވެ.
4. ގުޅުންތައް
ތެލަސީމިއާ މީހުން ދިރިއުޅޭ ވެށީގައި ގާތް އޯގާތެރި ގުޅުންތަކެއް ދެމެހެއްޓުން މުހިންމެވެ. އާއިލާއާއި ރައްޓެހިން ވާންވާނީ ވަރަށް އެއްބާރުލުންދޭ ބަޔަކަށެވެ. ގަވާއިދުން ފަރުވާ ހޯދަން ހަނދާންކޮށްދިނުމާއި އެކުގައި ލޭއަޅާ ސެންޓަރަށް ދިއުންފަދަ ކަންކަން އެކުވެރިންނާއި އާއިލާ މީހުންގެ ފަރާތުން ލިބޭނަމަ ވަރަށް ރަނގަޅު ވާނެއެވެ. ޒަވާޖީ ހަޔާތުގެ ބައިވެރިއާގެ ފަރާތުން ލިބޭ އޯގާތެރިކަމާއި އެއްބާރުލުމަކީ ވެސް މުހިންމު ކަމެކެވެ.
ތެލަސީމިއާ ކަމަށް، ޤާނޫނުގައި ބުނެފައި ވަނީ، ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން އޭނާއަށް ވާރުތަވާ ޙާލަތެއްގެ ސަބަބުން ކުއްޖާގެ ލޭގައި ހުންނަންޖެހޭ މާއްދާއެއް ކަމުގައިވާ ހީމޮގްލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެ މާއްދާ، ލޭގައި ތަރުތީބުވެގެންދާންޖެހޭ ގޮތަށް ތަރުތީބުވެގެން ނުދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ކުއްޖާގެ ހަށިގަނޑުގައި ލޭ އުފައްދަންޖެހޭ މިންވަރަށް، ލޭ ނުއުފެއްދުމުގެ ސަބަބުން އޭނާއަށް ދިމާވާ ޞިއްޙީ ޙާލަތަށެވެ.