November 22, 2024 08:06
Advertisement

-Advertisement-

ދުވަސްނުފުރާ ވިހާ މައިންނަށް އެނގެން މުހިންމު ކަންތައްތައް

ކޮންމެ އަހަރަކުވެސް ދުވަސްނުފުރާ ގާތްގަނޑަކަށް 15 މިލިއަން ކުދިން، އުފަންވާކަމަށް އެމެރިކާގެ ނޭޝަނަލް ސެންޓަރ ފޯ ބަޔޯ ޓެކްނޮލޮޖީ އިންފޮމޭޝަންގެ ތަފާސް ހިސާބުތައް ބުނެއެވެ.
މީގެތެރެއިން 1 މިލިއަން ވަރަކަށް ކުދިން އުމުރުން 5 އަހަރު ފުރުމުގެ ކުރިން މަރުވެއެވެ.

ކުޑަކުދިން މަރުވާން މެދުވެރިވާ އެންމެ އާންމު ސަބަބަކީ ދުވަސްނުފުރާ ވިހެއުން ކަމަށާއި، ކުޑަކުދިންގެ މަރުތަކުގެތެރެއިން 18 އިންސައްތަ މަރަކީ ދުވަސްނުފުރާ ވިހާފައިވާ ކުދިންގެ ތެރެއިން މަރުވާ ފަސްއަހަރުން ދަށުގެ ކުދިންނެވެ.

35 އިންސައްތަ މަރަކީ ދުވަސްނުފުރާ ވިހާ ކުދިންގެ ތެރެއިން 28 ދުވަހަށްވުރެ ކުރުމުއްދަތެއްގައި މަރުވާ ކުދިންނެވެ.

Advertisement

ޔުނައިޓެޑް ނޭޝަންސް ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލް 3ގެ ޓާގެޓް 3.2 ގައި ވަނީ ފަސްއަހަރުން ދަށުގެ ކުދިން މަރުވާ މިފަދަ ކޭސްތައް ނިމުމަކަށް ގެނައުމެވެ. ދުވަސްފުރާ ވިހާ ކުއްޖެއްގެ ބަރުދަން އާންމުކޮށް ހުންނަނީ 3 ކިލޯ ނުވަތަ އެއަށްވުރެ ބަރުކޮންނެވެ. ދުވަސް ނުފުރާ ވިހާ ކުދިންގެ ބަރުދަނަކީ އާންމުކޮށް 2.26 ކިލޯ އެވެ. ނުވަތަ އެއަށްވުރެ ލުއިވުން އެކަށީގެންވެއެވެ. ބަނޑަށް 28 ހަފްތާއަށްފަހު އުފަންވާ ތުއްތުކުދިންގެ ބަރުދަނުގައި 1 ކިލޯ ހުރިނަމަވެސް ދިރި ހުރުމުގެ ފުރުސަތު އޮވެއެވެ. 

ދުވަސްނުފުރާ އުފަންވާ ކުދިންގެ އަމަލުތައް ހުންނާނީ ކިހިނެއް؟

ދުވަސްނުފުރާ އުފަންވާ ކުދިން އާންމުގޮތެއްގައި ރޮނީ މަޑުންކަމަށް ފާހަގަކުރެވިދާނެއެވެ. އަދި ނޭވާލާން އުނދަގޫވެގެން އުޅޭކަން ފާހަގަ ކުރެވިދާނެއެވެ. މިއީ އެކުދިންގެ ނޭވާލާ ނިޒާމް ރަނގަޅަށް އުފެދިފައިނުވާތީ ފެންނަ އަލާމާތްތަކެވެ. މިފަދަ ކުދިންގެ ތެރެއިން ދުވަސްފުރުމުގެ 2 މަސް ކުރިން އުފަންވާ ކުދިންނަށް ނޭވާލުމުގައި އުނދަގޫތަކެއް ހުންނަނަމަ ސީރިއަސް މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ. އެއީ އެކުދިންގެ ހަށިގަނޑުގައިވާ ގުނަވަންތައް ރަނގަޅަށް އުފެދިފައިނުވާތީ ބޭނުންވާ އޮކްސިޖަން ހަށިގަނޑަށް ނުލިބިދާނެތީއެވެ. މިކަމުން ރައްކާތެރިވުމަށް އެފަދަ ކުދިން ބައިތިއްބަންވާނީ ޑޮކްޓަރުންނަށް ގާތުން އެކުދިންގެ ހާލުބެލޭގޮތަށް، ކާޑިއޯ ރެސްޕިރޭޓަރީ މޮނިޓަރެއް އެހީގައި ހޮސްޕިޓަލުގައެވެ. ކާޑިއޯ ރެސްޕިރޭޓަރީ މެޝިނުން ތުއްތު ކުއްޖާގެ ހިތުގެ ވިންދާއި، ނޭވާލާ ރޭޓް ފެންނަން ހުންނާނެއެވެ. 

ތުއްތު ކުއްޖާއަށް ނޭވާލުމަށް އެހީތެރިކަން ބޭނުންވާނަމަ އޮކްސިޖަން ފޯރުކޮށްދޭން ޖެހެއެވެ. ވެންޓިލޭޓަރުގެ އެހީގައި ނުވަތަ ނޭވާލާން އެހީވެދޭ ޓެކްނިކެއް ކަމުގައިވާ ސީޕީއޭޕީ (ކޮންޓިނިއުޑް ޕޮޒިޓިވް އެއާވޭ ޕްރެޝަރ) ގެ އެހީގައި ވަގުތީ ގޮތުން ތުއްތު ކުއްޖާއަށް ނޭވާލާން އެހީވެދެވިދާނެއެވެ. 

މައިންގެ ހާސްކަން ފިލުވާނީ ކިހިނެއް؟

ދުވަސްނުފުރާ ވިހާ މައިންނަކީވެސް ދަރިފުޅު އުރާލެވޭނެ އިރެއްގެ އިންތިޒާރުކުރާ ބައެކެވެ. ދަރިފުޅު އަމިއްލަ އުނގުތެރޭގައި ބާއްވާލުމުގެ އުފާ އަދި އެ ހިތްހަމަޖެހުން ބޭނުންވާނެއެވެ. އެހެންނަމަވެސް އެފަދަ ކުދިންގެ ދިރިހުރުމަށް މުހިންމީ ކުޑަކުދިންގެ އައިސީޔޫގައި ބޭއްވުމެވެ. ދަރިފުޅާ ބައްދަލުނުވެ ގިނައިރުވުމާއި ދަރިފުޅު އުރާލަން ނުލިބި ގިނައިރުވުމުގެ ސަބަބުން މައިމީހާގެ ހާސްކަން އިތުރުވެއެވެ. އެ ހާސްކަމާއި ދުރުވުމަށް ދަރިފުޅަށް ޚާއްސަ ފަރުވާދޭ ކޮޓަރިއަށް ގޮސް ދަރިފުޅު ދެކިލެވޭ ހާލަތެއްގައިވާނަމަ އެކަމަށް ޑޮކްޓަރާއި މަޝްވަރާ ކުރާށެވެ. އަދި ހުއްދަ ލިބިއްޖެނަމަ އެ ކޮޓަރިން ދަރިފުޅާ ބައްދަލުކުރާށެވެ. މެޝިންތަކުގެ އެހީގައި އޮންނައިރު ދަރިފުޅު އުރާނުލެވުނަސް ދަރިފުޅު ފެނުމަކީވެސް މައިންނަށް އުފާލިބޭ ކަމެކެވެ. ތުއްތު ދަރިފުޅަށް ގާތުންދެވެން އޮތްނަމަ އެފުރުސަތުގެ ބޭނުން ހިފާށެވެ. ޑޮކްޓަރުން ހުއްދަދިންހާ އަވަހަށް ގާތުން ދޭން ބޭނުންވާ މައިންނަށް އެކަންކުރަންވީ ގޮތް ނަރުހުން ބުނެދޭނެއެވެ. 

ދުވަސްނުފުރާ އުފަންވާ ބައެއް ކުދިންނަކީ ގާތުދޭން އުނދަގޫ ކުދިންނެވެ. އެފަދަ ކުދިންނަށް ބުއްދޭނީ ޕަންޕް ކޮށްގެން ނެގުމަށްފަހު ފުޅީގައެވެ. ބައެއް ކުދިންނަށް ބުއްނުދެވޭނަމަ ނޭފަތުން ނުވަތަ އަނގަޔަށް ހޮޅިއެއް ގުޅައިގެން ބޭނުންވާ ފުލުއިޑް ހަށިގަނޑަށް ފޯރުކޮށްދެއެވެ. އެހެންނަމަވެސް ތުއްތު ދަރިފުޅަށް އެންމެ ފައިދާ ހުރީ މައިމީހާގެ ކިރުންނެވެ. އޭގައި އެކުލެވޭ ނިއުޓްރިޝަން އާއި ހަށިގަނޑުގެ ދިފާއީ ނިޒާމު އިންފެކްޝަންތަކާއި ދެކޮޅަށް ހަރަކާތްތެރިކުރުމަށް ބޭނުންވާ އެންޓިބޮޑީސް އާއި އެހެނިހެން ފައިދާތައްވެސް ހިމެނެއެވެ. ދަރިފުޅަށް ގާތުންދޭން ފެެށުނުހާ އަވަހަކަށް އަވަސްއަވަހަށް ބުއްދޭން ވާނެއެވެ. އޭރުން ބުއް އުފެދޭ މިންވަރު އިތުރުވެގެންދާނެއެވެ. ދުވަސް ނުފުރާ ވިހާ މައިންގެތެރެއިން ބައެއް މީހުން މިލްކް ސަޕްލައި އިތުރު ކުރުމަށް އިރުއިރުކޮޅާއި ޕަންޕްކޮށްގެންވެސް ބުއްނަގައެވެ.

ބައެއް މައިންނަކީ ވިހައިގެން ހޮސްޕިޓަލުން ދޫކޮށްލާއިރު ތުއްތު ދަރިފުޅު ގެއަށް ގެންދިއުމުގެ ފުރުސަތު ނުލިބޭ މައިންނެވެ. މިއީ ފަސޭހަ ހާލަތެއް ނޫންނަމަވެސް ހަނދާނުގައި ބަހައްޓަންވީ އެންމެ މުހިންމު ކަމަކީ ދަރިފުޅު އޮތީ ރައްކާތެރި މާހައުލެއްގައި ކަމެވެ. އަދި ބޭނުން ވަގުތަކު ދަރިފުޅު ކައިރިއަށް ޒިޔާރަތްކުރެވިދާނެ ކަމަށެވެ. 

ހޮސްޕިޓަލާއި ދުރުގައި ވަގުތު ހޭދަކޮށް ދަރިފުޅު ގެއަށް ގެންނަންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި ބިޒީކޮށްވެސް އުޅެވިދާނެއެވެ. އަދި އާއިލާގެ އެހެންމީހުން ތުއްތު ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރު ކުރުވާ އެކަމަށް ބޭނުންވާ ތައްޔާރީތަކައިގެން ކުރިޔަށް ދެވިދާނެއެވެ. އަދި ދުވަސް ނުފުރާ އުފަންވާ ކުދިން ގެންގުޅޭނެ ގޮތްތަކާއި ގުޅޭ ފޮތެއް ކިޔާލުން ކަހަލަ ކަމެއް ކުރެވިދާނެއެވެ. އެންމެ މުހިންމު ކަމަކީ ތުއްތު ދަރިފުޅުގެ ހާލަތު އަމިއްލައަށް އިހްސާސް ކުރުމެވެ. އޭރުން ހޮސްޕިޓަލުން ދޫކޮށްލުމުން އެ ދަރިފުޅު ގެންގުޅޭނެ ގޮތްތަކާއި މެދު އަމިއްލަ ނަފްސް ތައްޔާރުކުރެވިދާނެއެވެ. 

ޑޮކްޓަރުން ހުއްދަދިނުމުން ދަރިފުޅުގެ އަތުގައި މަޑުމަޑުން އަތްލުން ނުވަތަ ދަރިފުޅާ ވާހަކަ ދައްކާލުން ކަހަލަ ދެމައިންގެ މެދުގައި ގުޅުން އިތުރުވާނެ ކަންކަން ކުރަންވާނެއެވެ. ތުއްތު ދަރިފުޅަށް މެޝިނެއްގެ އެހީއާ ނުލާ އަމިއްލައަށް ނޭވާލާން ފެށުމުންނާއި ގާތުން ދެވެން ފެށުމުން ހޮސްޕިޓަލުގެ ނާސަރީން ކުއްޖާ ދޫކޮށްލާނެއެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ގެނެސް ދަރިފުޅަށް ރަނގަޅަށް ބުއްދޭން ފެށުމުން މަޑުމަޑުން ބަރުދަން އިތުރުވެ ދަރިފުޅުގެ ސިއްޙަތު ރަނގަޅުވުމުގެ ފުރުސަތު ބޮޑެވެ. 

 

މައުލޫމާތު ނެގީ: ހެލްތީ ޗައިލްޑް ޑޮޓް އޯގް އިން 

+1
1
+1
5
+1
2
+1
0
+1
2
+1
1
+1
2

Advertisement

ގުޅުންހުރި ލިޔުންތައް