މާލޭގައި ދަރުމަވަންތަ ސުކޫލު އުފެއްދުމުގެ އެންމެ ބޮޑު ހިއްސާއެއްވީ ބޭފުޅަކީ ތިމަރަފުށީ، 'މާލޭގޭ' އަހުމަދު ޝަރީފު އާދަމް އެވެ. ޝަރީފް ތައުލީމީ ދާއިރާއަށް ވެެންނެވީ 1990 ގައި މަޖީދިއްޔާ ސުކޫލުގެ ޓީޗަރެއްގެ ވަޒީފާއިންނެވެ. އެ ސުކޫލުގެ ލީޑިން ޓީޗަރުކަން، ސްޕަވައިޒަރުކަން، އެސިސްޓެންޓް ޕްރިންސިޕަލް ކަން ވެސް ކުރެއްވިއެވެ.
މަޖީދިއްޔާ ސުކޫލުގައި ހުންނަވައިގެން 2002 ވަނަ އަހަރު ދަރުމަވަންތަ ސުކޫލު އުފެއްދެވުމުގަ އެންމެ އިސްކޮށް މަސައްކަތްކުރެއްވިއެވެ. "ސްކްރެޗުން ފެށިގެން އެ ސުކޫލުގެ ހުރިހާ ކަމެއް އަޅުގަނޑު އަމިއްލައަށް ކުރީ. ބެޖް ޑިޒައިން ކުރުމާއި ސްލޯގަންތައް ތައްޔާރު ކުރުމާއި ކުލާސްރޫމްތައް ޑިޒައިން ކުރުން، ކުލާސްތަކުގައި ހުންނަން ޖެހޭނެ ކުލަ ކަނޑައެޅުމާއި ހުރިހާ ކަމެއް. ތައުލީމީ ދާއިރާގައި އަޅުގަނޑުގެ އެންމެ ބޮޑު ކާމިޔާބީއަކީ ދަރުމަވަންތަ ސުކޫލު" އެ ސުކޫލުގެ އެންމެ ފުރަތަމަ ޕްރިންސިޕަލް ޝަރީފް ވިދާޅުވިއެވެ.
އެއް އަހަރުގެ މަސައްކަތުން އެ އަހަރުގެ އޯލެވެލްގައި މަޖީދިއްޔާ ސުކޫލާއި ވާދަކޮށްގެން މޮޅުވި ކަން ކަލާފާނު ސުކޫލާއި ޣިޔާސުއްދީން ސުކޫލުގެ ޕްރިންސިޕަލްކަން ވެސް ކުރެއްވި ޝަރީފް ފަހުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. މިއީ މިހާރުގެ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރެވެ.
ސިޔާސީ ދާއިރާއަށް ވެންނެވީ ކޮންއިރަކު؟
ރައީސް މައުމޫނުގެ ޒައާމަތުގައި 2006 ވަނަ އަހަރު، ތައުލީމީ ގާބިލު ޒުވާން އަތޮޅުވެރިން ނެންގެވި އިރު ޝަރީފް ހުންނެވީ ޣިޔާސުއްދީން ސުކޫލުގެ ޕްރިންސިޕަލްގެ މަގާމުގައެވެ. ރައީސް މައުމޫން ކަނޑައެޅުއްވި އަތޮޅުވެރިންގެ ލިސްޓުގައި ހިމެނިވަޑައިގެން 1 ޖޫން 2006 ގައި އަތޮޅުވެރިކަމުގެ ހުވާ ކުރައްވައިގެން ތ. އަތޮޅަށް ވަޑައިގެންނެވި ޝަރީފުގެ ތައުލީމީ ދާއިރާގެ ކެރިއަރު އެހާހިސާބުން ނިންމަވާލީއެވެ. ދެން ހުޅުވުނީ ސިޔާސީ ސަފްހާއެވެ. އުފަން ރަށާއި އަތޮޅަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތުގައި ހީވާގިކަމާއެކު ހިދުމަތް ކޮށްދެއްވި އެވެ.
ވާދަވެރިި ސިޔާސީ މަސައްކަތަށް ނިކުންނެވީ ކުރީގެ ރައީސް އަބުދުﷲ ޔާމީނުގެ އަރިހުގައި ޕީޕަލްސް އެލަޔަންސް (ޕީއޭ) އިންނެވެ. އެ ފާޓީ އުވާލުމުން ރައީސް ޔާމީނުގެ އަރިހުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ވެންނެވިއެވެ.
އެ ޕާޓީގެ ޓިކެޓްގައި 2012 ގައި ރައްޔިތުންގެ މަޖިލީހުގެ 'ރަންގޮޑި' ކާމިޔާބު ކުރެއްވިއެވެ. އެމްޑީޕީ ބަލިކޮށް ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެން ސިޔާސީ ގޮތުން އެންމެ ފުރަތަމަ ޕީޕީއެމަށް ބާރުވެރިކަން ހޯއްދަވާދެއްވީ ޝަރީފެވެ. މަޖިލީހުގެ މެންބަރުކަމުގެ ދައުރު ހަމަކުރެއްވުމަށްފަހު، ރައީސް ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރކަން ކުރެއްވިއެވެ. އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ވަޑައިގަތެވެ.
ސިޔާސީ ހަޔާތުގައި "ސެޕްޓެމްބަރު 2018 ގެ ރިޔާސީ އިންތިހާބު އެއީ އެންމެ ހިތި ތަޖުރިބާ. ފުރައްސާރައާއި އިންޒާރު ދިނުން. އެކަންކަމާއި ކުރިމަތިލުމަށް ރައްޓެހިންނާއި އާއިލާގެ މެންބަރުން އަދި އަޅުގަނޑުގެ ސަޕޯޓަރުން ވަރަށް ބޮޑު އެހީއެއް ވެދިން" ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯގެ އެމްޑީކަމާއި ހަވާލުވެލެއްވުން
2018 ގެ ރިޔާސީ އިންތިހާބަށްފަހު ދައުރު ހަމަނުވަނީސް އިލެކްޝަންސް ކޮމިޝަނުން ޝަރީފް އިސްތިއުފާ ދެއްވިއެވެ. "އިލެކްޝަންސް ކޮމިޝަނުގައި ހުރެގެން ސިޔާސީ ގޮތުން އެއްވެސް އެއްޗެއް ނުބުނެވޭ. އެގޮތް އަޅުގަނޑަކަށް އެހާ ގަބޫލުކުރެވޭ ގޮތަކަށް ނުވޭ. އެހެންވީމަ ސިޔާސީ ގޮތުން އަޅުގަނޑާއި ދިމާލަށް މީހުން އުކާ ގާބުރިތަކާއި އެއްޗިއްސަށް ހަމަ ރައްދުދޭން ބޭނުންވީ. އެހެންވެ އިސްތިއުފާ ދިނީ" ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ނިކުންނެވި އިރު ޕީޕީއެމްގެ ނުރުހުން އިންތިހާއަށް އޭނާއަށް އޮތެވެ. "ޕީޕީއެމްގެ އެ ޕްލެޓްފޯމަކަށް އަޅުގަނޑަކަށް ނޭރޭނެ. ރައީސް އިބޫއަށް ތާއީދު ކުރާތީ ސީދާ ރައީސްއަށް ދެންނެވީ އެމަނިކުފާނު އަރިހުގައި ސިޔާސީ މަސައްކަތް ކުރަން ބޭނުމޭ" އެގޮތުގެ މަތިން ސްޓެލްކޯގެ އެމްޑީކަމާއި ހަވާލުވެލެއްވި ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯ އާއި މެދު ގެންގުޅުއްވާ ތަސައްވަރު
ޝަރީފް ވިދާޅުވީ ސްޓެލްކޯއަކީ އަބަދުވެސް ބަދުނާމްވެފައި އޮންނަ ތަނެއް ކަމަށެވެ. އެ ބަދުނާމުން ސަލާމްވެ ރައްޔިތުންގެ އިތުބާރު ހޯދުމަށް ސްޓެލްކޯގެ މުޅި މަންޒަރު ބަދަލުކޮށްލުމަށް ޝަރީފް ވަނީ އަމާޒު ހިއްޕަވާފައެވެ. "އެއްވެސް ވަރަކަށް ރައްޔިތުން ނުވިސްނަވާ އެބޭފުޅުން ކަރަންޓް ބޭނުން ކުރައްވާ މިންވަރެއް. ބިލް ބޮޑުވާތީ ރައްޔިތުންގެ ޝަކުވާއަކީ ސްޓެލްކޯއިން ބިލް ބޮޑު ކުރަނީއޭ. އެ ވިސްނުން ބަދަލުކޮށް އާންމުންގެ މަގްބޫލުކަން ހޯދާނެ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިން" ޝަރީފް ވިދާޅުވިއެވެ.
"ސްޓެލްކޯއަށް އާމްދަނީގެ ގޮތުގައި ކަރަންޓުން ލިބޭ އެއްޗަކަށް ބަރޯސާވަމުން އައީ މިއޮތް ހުރިހާ ދުވަހު. ކަރަންޓުން ލިބޭ އާމްދަނީ މަދުކުރަން ބޭނުންވަނީ. އޭރުންތާ ކަރަންޓުގެ އަގު ހެޔޮ ކުރެވޭނީ. ބޮޑަތި ކުންފުނިތަކުން އިންވެސްޓް ކުރާ އުސޫލުން ކަރަންޓްގެ އަގު ސަބްސިޑައިޒް ކުރެވޭނެ ފައިދާއެއް ލިބޭނީ ބޮޑެތި ޕްރޮޖެކްޓްތައް ނަގައިގެން ކަމަށްވާތީ މިހާރު ރިއަލް ސްޓޭޓަށް މި ވަނީ" ޝަރީފް ވިދާޅުވިއެވެ.
އިމާރާތްކުރުމުގެ ދާއިރާއަކަށް ނުވަދޭ، ބޭނުމީ އިންވެސްޓް ކުރަން
ޝަރީފް ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ކުރުމުގެ މަގްސަދުގައި ރިއަލް ސްޓޭޓަށް ވަނުމަށް ނިންމުމުން މީހުން އެކަން ޖޯކެއްގެ ގޮތުގައި ނަގާފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ "ޖޯކަކަށް ނެގުމަށްވުރެން ސީރިއަސްކޮށް ނަގަންވެއްޖެ ކަމެއް މިއީ. ސްޓެލްކޯއިން އެހެން އާމްދަނީއެއް ހޯދަން ބޭނުންވަނީ ކަރަންޓް އަގުހެޔޮ ކުރުމުގެ ޕްލޭނެއް އަޅުގަނޑުމެން ގެންގުޅޭތީ އެ ޕްލޭނަށް ސަބްސިޑައިޒް ކުރުމަށް އެކި ދިމަދިމާލުން އާމްދަނީ މި ހޯދަނީ" އާމްދަނީ ހޯދުމުގެ ނިޔަތުގައި ރިއަލް ސްޓޭޓް ދެ ޕްރޮޖެކްޓެއްގައި މިހާރުވެސް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ވިދާޅުވިއެވެ.
އެއްވެސް ކަމެއް ފޮރުވާކަށް ބޭނުމެއް ނޫން
ރައްޔިތުންގެ އިތުބާރު ސްޓެލްކޯއަށް އުފެއްދުމުގެ ވަރަށް ބޮޑު ދައުރެއް ސްމާޓް މީޓަރުން އަދާކުރާނެ ކަމަށާއި އޭގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ހުޅުމާލޭ ފޭސް 2 ގައި ހަތްހާސް ހައުސިން ޔުނިޓްގައި ސްޓެލްކޯއިން ވަނީ ސްމާޓްމީޓަރ ހަރުކޮށްފައެވެ. މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށް ބެލެވެނީ އޮގަސްޓްގައެވެ.
"ރީޑިން ނަގާކަށް ނުދާނެ. ދުވާލަކު ދެގަޑިން ދެގަޑިން ކަރަންޓް ބޭނުން ކުރަމުންދާ މިންވަރު އޭގެން ފާހަގަވާނެ. ހަފްތާއެއް ނުވަތަ މަހެއްގެ ތެރޭގައި ކަރަންޓް ބޭނުންކުރަމުން ދިޔަގޮތް އެނގޭ ފްލޯޗާޓެއް އިންނާނެ. ސްމާޓް މީޓަރުން ކަރަންޓް ބޭނުންކުރާ ގޮތް އާންމުންނަށް ފެންނަނަމަ މި ބިލް ކުރަނީ ހަމަ ބޭނުން ކުރާ ކަރަންޓަށްކަން ޔަގީން ކުރެވޭނެ" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އާންމުންގެ އިތުބާރު ހޯދުމަށް ވީޑިއޯ ކްލިޕެއްގެ ޒަރިއްޔާއިން ކަރަންޓުގެ އަގު ހަދާގޮތް ކިޔައިދޭންފެށުމަށް ހިޔާލުކުރައްވާ ކަމަށާއި ކަރަންޓް އިގްތިސާދު ކުރެވޭނެ ގޮތްތަށް އާންމުންނަށް ކިޔައިދިނުމަށް މިހާރަށްވުރެ އިނޮވޭޓިވް ގޮތްތަކެއް ހޯއްދަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާ ވެދެއްވީ މަންމަ އެވެ. "މަންމަ ދުނިޔޭގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އަޅުގަނޑު ކެމްޕޭނުތަކުގައިވެސް. މިހާރު މަންމައެއްގެ މަގާމުގައި ހުރީ އެއްބަނޑު އެއްބަފާ ދައްތަ. އަޅުގަނޑަށްވުރެ ބޮޑަށް ކެމްޕޭން ކުރައްވާ އެހީތެރިވެދެއްވާނެ. އަޅުގަނޑު ކުދިންގެ މަންމަ، ކުރީގެ އަންހެނުންވެސް ވަރަށް ބޮޑަށް އެހީތެރިވެދީފަ އެބަހުރި. މިހާރުގެ އަންހެނުންވެސް ވަރަށް ބޮޑަށް އެހީވެދޭ" ޝުކުރުވެރިކަމާއެކު ޝަރީފް ފާހަގަ ކުރެއްވިއެވެ.