September 20, 2024 09:06
Advertisement

-Advertisement-

އެވޭލާ ހާދިސާ: ފޮނި އިންތިޒާރެއްގެ ނިމުން

ހިތުގައި ހިނގާ ވޭނާއި ކެކުޅުމުގެ އަޑު ހަށިގަނޑުގެ ތެރޭ ގަދަވާން ފަށައިފިއެވެ. ނާރުތަކުގައި ލޭ ދައުރުވާގޮތަށް މިއަޑު ހަށިގަނޑުގެ އެކިހިސާބުގައި ގުގުމަން ފަށައިފިއެވެ. އެކަމަކު މޭގައި ކަންފަތް ޖައްސާލުމުން ނޫނީ އެއަޑު އިވޭކަމަކަށް ނުވެއެވެ. އަހަރެންގެ އިހުސާސް ދަންނަނީ ކިތައް މީހުންހެއްޔެވެ؟ އެހާގިނަބަޔަކަށް ނޭނގޭނެއެވެ. ނަމަވެސް އެކަކުފިޔަވައެވެ. އޭނާއަކީ ކިތައްމެ ދުރުގަ ހުއްޓަސް އޭނަގެ އިހުސާސްތައް ދަންނަފަދައިން އަހަރެންގެ އިހުސާސްތައް އަހަންނަށްވުރެ ރަނގަޅަށް ދަންނަ މީހެކެވެ. ބައެއްފަހަރު އަހަންނަށް ހީވަނީ މިއީ ދެހަށިގަނޑެއްގެ ގޮތުގައި ފެނުނަސް އެއްފުރާނައެއްހެންނެވެ. އަހަރުމެންގެ ދެމީހުން ކިތައްމެ އެކުވެރިވެ ގާތްކޮށް އުޅެމުން އައިކަމުގަވިޔަސް ތަގުދީރު އަހަރުމެންނާއި މެދު ރާވަމުންދަނީ ކޮންގޮތަކަށްކަމެއް ޚުދު އަހަރުމެންނަކަށް ނޭނގެއެވެ. ދުވަސް ދިގުލައި މާޒީއާއި އެކުވަމުންދެއެވެ. އަހަރެންވެސް ފުރާވަރަށް އަރައިފިއެވެ. ހަމައެފަދައިން އޭނާއަކީވެސް ނޫކަށިފުރައިގެ ޒުވާނެކެވެ. އަހަރެންގެ މައިންބަފައިންވެސް އެދެނީ އޭނާ އަހަރެންގެ ހަޔާތަށް ގެނައުމަށެވެ. އެފަދައިން އަސީލުވެސް ބޭނުންވަނީ އެގޮތެވެ. އަތިރީގޭ ސަފާހަތުގެ އުއްމީދު އާވާން ފަށައިފިއެވެ. އެއްރެއަކު ނިދަންއޮއްވާ ދޮރުގައި މީހަކު ޓަކިދީފިއެވެ. މަޑުމަޑުން ގޮސް ދޮރުހުޅުވާލީމެވެ.

ޕޯސްޓްމަނަކު ދިއްކޮށްލީ ސިޓީއެކެވެ. އެޑްރެސް ކުރެވިފައިއޮތީ އަހަރެންނަށެވެ. އުފަލުންގޮސް އެނދުމައްޗަށް ވެއްޓިގަތީމެވެ. އެއާއެކު ބާލިހުގައި ބޮސްދިނީމެވެ. ފަރުވާތެރިކަމާއެކު ސިޓީކަޑާލީމެވެ. ފުރަތަމަވެސް އޮތީ އަސީލުގެ ފޮޓޯގަޑެކެވެ. ފަސްއަހަރުފަހުން އަސީލުގެ ސޫރަ ފެނުނު ފުރަތަމަ ފަހަރެވެ. އެހެންވުމާއެކު ފޮޓޯގަނޑުގައި އެތަކެއްފަހަރު ބޮސްދެވުނެވެ. އޭގެފަހުގައި ލިޔެފަވާއެއްޗަކަށް ނަޒަރު ހިންގާލީމެވެ. މާޒީގެ ބައެއްސަފްހާތަކުން ލިޔެފަވާ ފޮޅުވަތްތަކުން އަހަރެންގެ ހިތް ފޮޅުވާލަދިނެވެ. އެއާއެކު ލޭގެހިނގުން އަވަސްވިއެވެ. ހީވަނީ އަސީލު އޮތީ އަހަރެންގެ ކައިރީގަ ހެންނެވެ. އެކަމަކު އޭނައެއް ނެތެވެ. ސިޓީގަ ވާގޮތުން އޭނައަށް އާދެވޭނީ މިއަންނަ ހަފްތާގެ އަންގާރަ ދުވަހުއެވެ. މިއަދަކީ ބްރާސްފަތި ދުވަހެވެ. އިންތިޒާރުގެ ވަގުތު އޮތީ ފަސްދުވަހެވެ.

އިންތިޒާރުގެ ވަގުތު ހަމަވީއެވެ. ފަޒީލާއަށް އަހަރެން ކިޔާދެމުން މިދަނީ އަހަރެންގެ މާޒީއެވެ. އެންމެ ބޮޑު އެކުވެރިއެއްގެ ގޮތުންނެވެ. ފަޟީހަތް ނުކުރާނެކަމަށް އުއްމީދުކުރަމެވެ. ސަފާހަތު އާއި ފަޒީލާ ތިބީ ސަފާހަތުގެ ގޭގައެވެ. ކައިރީގަ ހުރީ އޮއްވަޅު ގޮނޑިއެކެވެ. އިރުކޮޅަކުން އިވުނީ މީހަކު ސަލާމް ގޮވިއަޑެވެ. ސަފާހަތު ބަލާލިއެވެ. ވަގުތުން ހަތަރުކަޅިހަމަވީއެވެ. ޖިސްމާނީގޮތުން އެއްވެސް ބަދަލެއް އައިސްފަކާނެތެވެ. ހަމަ ފަސްއަހަރުގެ ކުރީންވެސް ފެނިފަވާ އަހަރެންގެ އަސީލެވެ. ހަމަ އެމަޖާކަމެވެ. އެއުފާވެރިކަމެވެ. އެހިނިތުންވުމާއި އެއޯގާތެރިކަމެވެ. ވަރަށް މަޑުމަޑުން އަސީލް ސަފާހަތަށް ގޮވާލިއެވެ. ކައިރިއަށް ޖެހިލަބަލާށެވެ. ސަފާހަތު އަސީލުގެ ކައިރިއަށް ޖެހިލިއެވެ. އަސީލް ސަލާމް ކުރުމަށް އަތްދިއްކޮށްލުމުން އަހަރެންވެސް އަތް ދިއްކޮށްލީމެވެ. އެވަގުތު އަހަރެންގެ ނާރުތަކުގައި ގަނޑުވެފާވާ ލޭ ހޫނުވާންފެށިއެވެ. ލޯބީގެ ޖަޒުބާތު އުތުރޭންފެށިއެވެ. ނަމަވެސް އިތުރު ހަރަކާތެއް ނުގެނެވުނެވެ. ކާރީގައި ފަޒީލާ ހުރުމުންނެވެ. އަސީލަށް މިކަންފާހަގަ ވިއެވެ. ފަހުގެ ބައްދަލުވުމަކަށް ވަގުތުދެމުން އަސީލު ވަކިވީ ރަނުގެ އަގޮޓިއެއް ދިނުމަށްފަހުގައެވެ. އަސީލުގެ އިހުސާސްތަކަށް އެއްވެސް ބަދަލެއް އައިސްފަނެތެވެ. އެއީ ހަމަ އަހަރެންގެ އަސީލެވެ.

Advertisement

ފަޒީލާއަށް މިހާރު ފެނިއްޖެނޫންތަ.؟ އެއީ އަހަރެންގެ އެހާރާއި މިހާރުގެ އަސީލްއެވެ. ނުފެނި ދުވަސްވުމަކުން އިހުސާސްތަކާއި ކެކުޅުން ތަކަށް ބަދަލެއް ނާދެއެވެ. ކައިރި މުސްތަގުބަލެއްގައި އަހަރުމެންގެ ދެމީހުން ފަޒީލާ އާއި ބައްދަލުކުރާނަމެވެ. ފަސްއަހަރު ރާއްޖޭންބޭރު ދަތުރުކުރަން އުޅެފައި މިއަދު އެއައީއެވެ. ދެން ނުދާނަމޭބުނެ ހަޔާތެއް ފަށަން އެއްބަސްވިއެވެ. އިރާދަ ކުރެއްވިއްޔާ މިސަފާހަތަކީ އަސީލުގެ ހަޔާތުގެ ބައިވެރިޔާއެވެ. ދެން ފަޒީލާ އާއި ސަފާހަތު ބައްދަލުވާނީ އަންނަ ހަފްތާގެ ހުކުރުވިލޭރޭ ކާވެނީގެ ހަފްލާއިންނެވެ. ސަފާހަތު މިހެންބުނެ ފަޒީލާއާއި ވަކިވީ އުފާވެރި ހިނިތުން ވުމަކުންނެވެ.

އަސީލާއި ސަފާހަތު އިންތިޒާރު ކުރަމުން އައިދުވަސް ބޯމަތި ވެއްޖެއެވެ. ދެކުދިން ބުރަކޮށް މަސައްކަތް ކުރަމުންދަނީ ހަފްލާ އިންތިޒާމް ކުރުމުގައެވެ. ތައްޔާރު ކުރުމާއި ދައުވަތު ކާޑު ބެހުމުގައެވެ. ހަވީރު ފަސްގަޑި ތިރީހަށް ހަފްލާ ތައްޔާރުކޮށް ނިމި އަށްގަޑި ސުންމިނިޓަށް ސުފުރާމަތި ފުރާލިއެވެ. ދައުވަތު ދެވުނު ފަރާތްތަކުން އައިސް ތަން ފުރާލިއެވެ. ކޮންމެމީހަކު އަތުގައި ސިޓީއުރައެއް އޮތެވެ. ޚާއްސަކޮށް އަންހެން ވެރީން ފާހަގަ ކޮށްލެވެއެވެ. ތަންކޮޅެއް ދުރުގައި ހުރި ސްޓޭޖެއްގެ މަތީގައި އަސީލު އާއި ސަފާހަތު ފިޔާތޮށި ކުލައިން ޖަރީކުރެވިފައިވާ ހެދުން ލައިގެން ތިއްބެވެ. ހަފްލާއަށް އަންނަ ކޮންމެމީހަކުވެސް އެދެކުދިންނާއި ސަލާމް ކުރުމަށްފަހު ގޮޑިތަކުގައި މަޑުކުރަމުން ދެއެވެ. އައްގަޑިބައި ވުމުން އައީ ހަތަރުމީހެވެ. އެއްތެޔޮގޮޑީގެ ހަތަރު ގޮޑި ސްޓޭޖުމަތީގައި ބެހެއްޓުމަށްފަހު ކާވެނި ކޮށްދިނުމަށް ފެށުނެވެ. އެހެންހަފްލާތަކާއި ތަފާތުކޮށް ހަފްލާއަށް އައި ހުރިހާ މީހުންގެ ހާޒިރުގައި ކާވެނިކޮށް ނިމިއްޖެވެ. ކާވެނީގެ ރަނެއްގެ ގޮތުގައި އަސީލް ދިނީ ރަން ފައްޓަރުބައެކެވެ. އޭގެ ފަހުގައި ބަޑިޔާ ގުރޫޕެއްގެ ކުޅިވަރާއެކު ހަފްލާ ފެށިގެންގޮސް ނިމުނީ ހިމަފޮދުވާރެއަކުންނެވެ.

އެއިރު ގަޑިން އެކެއްޖަހާ ބޮޑުވެއްޖެއެވެ. ހިމަފޮދުވާރޭ، ފެނުގެ ތޫފާނަކަށް ބަދަލުވެ މީހުންނާއި ހަފްލާގެ ބައެއްސާމާނަށް ވަރަށް ގެއްލުންވިއެވެ. އަދި މަގުތަކުގައި ފެނުގެ ކޯރު ދެމޭން ފަށައިފިއެވެ. އަސީލު އާއި ސަފާހަތު ހީކަރުވައިގެން ތުރުތުރު އަޅަނީއެވެ. ވަރަށް އަނދިރިއެވެ. އެއްވެސް އަލިކަމެއް ނެތެވެ. ގެއަށްދާން ހިނގައިގަތެވެ. އެކަކު އަތުގައި އަނެކަކު ހިފައިގެންނެވެ. އެކަމަކު ދެވޭނުދެވޭ ދިމާލެއް ނޭނގެއެވެ. ވިދުވަރާއެކު ޖެހި ގުގުރިއަކުން ދެމީހުން ފެންކޯރު ހެދިފައިވާ މަގުމައްޗަށް ވެއްޓިއްޖެއެވެ. މިދެކުދިން ލަސްވެ ގިނަވަގުތު ވުމުން ދެކުދިންގެ އާއިލާއިން ހޯދަމުން ދަނިކޮށް ފެނުނީ މަގުމައްޗަށް ވެއްޓިފައިވަނިކޮށެވެ. ސަފާހަތު ތެދުވެހުރެ ރޮނީއެވެ. އަސީލު އޮތީ ފެންގަނޑުތެރޭ ނުތެދުވެވިފައެވެ. އަސީލުގެ އުކުޅުވަޅުން ކަނައަތުފައި އޮތީ ބިދިފައެވެ. ސަފާހަތުގެ އެއްއަތްވަނީ ކޮޑުހުޅުން ބިދިފައެވެ. އެދެކުދިން ހޯދަން ދިޔަ މީހުންގެ އެހީގައި ގެޔަށް ގެންގޮސް ފަރުވާދޭން ފެށުނެވެ. އެދުވަސްވަރު ރާއްޖޭގައި އެފަދަ ކަމަކަށް ދޭނެ އެކަށީގެންވާ ފަރުވާއެއް ނެތުމުން ރުއްގަލުބޭސްކޮށް ގިނަދުވަސްވެ ރަނގަޅުނުވެ އަސީލުފައިގެ މަސްގަނޑު ކުނިވެ އެފައިޖެހުނީ ހަކީމަކު ގެނެސްގެން ބުރިކުރާށެވެ. ސަފާހަތުގެ އެއަތުގައި އެއްވެސް ހަރަކާތެއް ނެތެވެ. މިއީ ސަފާހަތުގެ ފޮނި އިންތިޒާރުގެ ނިމުން މެދުވެރިވި ގޮތެވެ. "ފަޒީލާ މިއީ އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ ހިތާމަވެރި ހާދިސާއެވެ". ފަޒީލާއަށް މިކިޔާދެވުނީއެވެ.

ނިމުނީ

ނޯޓް: މިއީ މަލިކު ހަސަންބޭ ލިޔެފައިވާ ހާދިސާއެކެވެ. އަސްލު ނުގެއްލޭގޮތަށް ބަދަލުގެނެސްފަ ވާނެއެވެ.

+1
0
+1
2
+1
3
+1
0
+1
1
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް