November 22, 2024 13:28
Advertisement

-Advertisement-

ކުރުވާހަކަ: ޒިންމާ

'' ކާން އަންނަންވީނު...'' ސަކީނާގެ އަޑު އިވުނެވެ.

އާދަނު ވަގުތުން ބަލާލީ އަހަންނާއި ދިމާލަށެވެ. ދެމީހުން އެކީ ގޮސް ކާން ފެށީމެވެ. ސަކީނާ އާދަނަށް ޚިދުމަތްކުރުމުގައި އަވަދިނެތި އުޅޭއިރު ސަކީނާއަށް ކާއެއްޗެހި އަޅައިދިނުމާއި އަތްގާތްކޮށްދިނުމުގައި އާދަނު އުޅޭތީ އަހަންނަށް ފެނުނެވެ. ކައި ނިންމާފައިވެސް ސަކީނާ ހުއްޓާ ހުރިހާ ތައްޓެއްވެސް ދޮވުނީ އާދަނެވެ. މިއީ ކޮންކަހަލަ ކަމެއްބާއޭ އަހަރެންގެ ހިތައް އެރިއެވެ.

ގައިމު އާދަނަކީ އަހަންނަށްވުރެ އެތައް ގުނައެއް ބިޒީ މީހެކެވެ. ގެއަށް އައިސް ވަދެ މިވީ ވަގުތުކޮޅުގައިވެސް ކޮންމެހެން އަންނަ މުހިންމު ކޯލަކަށް ނޫނީ އާދަނު ޖަވާބެއްވެސް ނުދެއެވެ. މުޅިންވެސް އުޅެނީ ގޭތެރޭގެ މަސައްކަތްތަކުގައި އަވަދިނެތިއެވެ. އެހެން ނޫނީ ކުދިންގެ ކޮންމެވެސް އެއްކަމެއްގައެވެ.  

Advertisement

އަހަރެން ވިސްނަން އިނީމެވެ. މިއީ މިގެއަށް އަހަރެން އައިތާ ދެވަނައަށް ވީ ދުވަހެވެ. ގޭތެރޭގެ ތަރުތީބުކަމެއް ނެތުމާއި، ސޯބިރާ ހަޑިކޮށް ހުންނާތީއާއި މިކަހަލަ އެތައްކަމަކާ ހެދި އަހަރެން ގެއިން ނުކުތްފަހުން އެއްވެސް ވަރަކަށް ސޯބިރާ، އަދި ކުދިންގެ ހާލެއްވެސް އަހަރެން ނުބަލަމެވެ. ބަލާހިތެއް ނުވެސް ނެތީއެވެ. އެކަމަކުވެސް އެކަނިވެރިކަން އަހަރެންގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ.

''ކޮބާ ސައިބޯން ހިނގާ..'' އަހަރެން ސޯފާގައި އިންދާ އާދަނު ބޭރުން އައިސްވަނެވެ. ހީވާގޮތުން އޭނާ އެއައީ ބޯޓުގެ ކަންތަކުގައި ބޭރުގައި އުޅެފައެވެ.

''ސައިބޮއިގެންނެއްނު އޮފީހަށް ދާންވާނީވެސް...'' އާދަނު ހިތްހެޔޮކަމާ އެކީ ބުނެލިއެވެ.

'' މިއަދު ނެތް ސައިބޯހިތެއް.. ''އަހަރެން ތެދުވަމުން ބުނެލީމެވެ.

''ނޫނޭ.. އެއްގޮތަކަށްވެސް ތިހެން ހަދާނެ ކަމެއް ނެތް. މަ ކުޑަކޮށް ލަސްވީ ބޮޑު މީހާ ސްކޫލަށް ލާފަ އައިމަ، އެއުޅޭ ހަލަނި ގޮލާ ގޮވައިގެން އޭނަ މަންމަވީ ޤުރުއާން ކްލާހުގައި. ސަކީނާއަށް އާދެވޭނީވެސް ތަންކޮޅެއް ލަހުން. ހިނގާ ސައިބޯން.'' އާދަނު އެހެން ބުނެލާފައި ބަދިގެއަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން އަހަރެންވެސް ހިނގައިގަތީމެވެ.

'' މިއަދު މިހުރީ ރޮށިވެސް ނުފިހެވި. ސަކީނާއަށް ވަގުތެއް ވިނަމަ ހުންނާނީ ފެންވަރުގެ ރޮށި ފިހެފައި. އެހެންވީމަ މިއަދު އަހަރެމެން ސައިބޯނީ އަމިއްލައަށް. މިވެސް އަނެއްހެން ގޯސް ގޮތެއް ނޫންތާ...'' އާދަނު ހަމަޖެހިލާފައި އައިސްއަލަމާރީގައި އޮތް ޕާނެއް ނެގިއެވެ.

ހުރިހާ ކަމެއް ކުރިއިރުވެސް އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.

''އަނ.. ހިނގާ ފަށަމާ.. މިއޮތީ ޓޯސްޓް ނިމިފަ...'' އާދަނު އަހަރެންގެ އަތަށް ޓޯސްޓެއް އަޅާފައި އޮތް ތައްޓެއް ދިއްކޮށްލިއެވެ.

''އާދަނު އަބަދުވެސް އުޅެނީ މިހެންތަ..'' އަހަރެން އަހާލީމެވެ.

''ތި ބުނީ ކިހިނެއް؟'' އާދަނު ހީލިއެވެ.

''އަމިއްލައަށް ހުރިހާ ކަމެއް ކޮށްގެން.. ދަރިންވެސް ނިންދަވާ، ތަށިތައް ދޮވެ، ކުނިކަހާ؟...''

''އާން. ފެށުނިއްސުރެވެސް. ވޭތުވެދިޔަ 17 އަހަރުވެސް ހަމަ މިހެން...'' ހިނިގަނޑަކާއިއެކު އާދަނު ބުނެލިއެވެ.

''ތިއީ އެންމެ ރަގަޅު ގޮތްހެން އާދަނަށް ހީވޭތަ.. ދެން ހަމަ އަނބިދަށުވެފައެއްނު...'' އަހަރެން ބުނީ އަހަރެންގެ ހިތަށް އެރި ޖުމްލަ ހަމަ އެގޮތަށެވެ.

'' ސާމިރަށް ހީވަނީ އެހެންކަމަށްވަންޏާ އެއީ ވަރަށް ބޮޑު ކުށްހީއެއް. އަހަރެންކައިރީ ދުވަހަކުވެސް ސަކީނާ ނުބުނާނެ ކަމަކު. ބުނާކަށް ނުވެސްޖެހޭނެ. އެމީހުން ގޭތެރޭގައި އެ އުޅޭ ބުރަކަން އަހަރެމެން ފިރިހެނުންނަށް އިހުސާސުވާނެ އެމީހުން އެންމެ ދުވަހަކުވެސް މަސައްކަތް ނުކޮށް ހުއްޓާލައިފިއްޔާ. ދިރިއުޅުމަކީ ޖަނަރޭޓަރެއް ކަހަލަ އެއްޗެއް. އަޑީތެޔޮ ބަދަލުނުކުރަންޏާ އަޑުކިޔާފަ ހުއްޓޭނީ. އެކަމަކު އަބަދުވެސް ސާފުކޮށް، އަޑީތެޔޮ ބަދަލުކޮށް އުޅެންޏާ ހަމަ ބަރާބަރަށް ހިންގާލާނެ..'' އާދަނު އަހަންނަށް ދިނީ އިންޒާރެއްކަމެއް ނަސޭހަތެއްކަމެއް އަހަންނަށް ނަގައިގަންނާކަށް ނޭނގުނެވެ.

'' އަސްލު އާދަނު ދެކެ ސަކީނާވެސް ލޯބިވަނީ... އެއީ ވާގޮތަކީ...'' އަހަރެން ބުނެލީމެވެ.

'' ސާމިރު ލޯތްބެއް ނުވޭތަ ސޯބިރާދެކެ؟'' ދަނޑިވަޅުގެ ބޭނުންކޮށް އާދަނު އެހިއެވެ.

''ލޯބި ނުވަނީއެއް ނޫން.. އޭނައަށް ނޭނގެނީ އުޅެން. ސަކީނާހެން އަބަދު ރީތިވެގެންނެއް ނޫން އޭނަ އިންނަނީ. ގޭތެރެވެސް އެހާ ގޮނޑު...'' އަހަރެން ޗޮކެއް ކަނޑާފައި ބުނެލީމެވެ.

'' އެހެން އެވަނީ ސާމިރުގެވެސް މައްސަލައިން. އޭނަ އެކަނިމާ އެކަނި ދަރިން ބަލަމުން، ގޭތެރޭގެ މަސައްކަތްކުރަމުން ކިހިނެއް ރީތިވެގެން ޖަލްޕަރީއެއްހެން ހުންނާނީ ސާމިރު އަންނައިރު؟ ސާމިރު ގޭތެރޭގެ އެހެން ހުންނަ ކަންތައްތަކުގައި އަތްގާތްކޮށްދެންތަ؟'' އާދަނު ކުރީ އަހަރެން ދުވަހަކުވެސް އެކަމަށް ތައްޔާރުވެގެން ހުރި ސުވާލެއް ނޫނެވެ.

'' ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ލާރި ހޯދަން ބުރަކޮށް އަހަރެން މި މަސައްކަތްކުރަނީ. އެހެންވީމަ އަނެއްކާ ގެއަށްގޮސް ރެސްޓެއް ކޮށްލަން ލިބޭ ގަޑީގައި ގޭތެރޭގެ މަސައްކަތްތަކާއި ދަރިންގެ ކަންތައް ކުރާނީ ކިހިނެއް؟'' އަހަރެން އާދަނަށް ބަލާލީމެވެ.

'' އެހެންވީމާ އަހަންނަށް ދިރިއުޅުމަށް ބޭނުންވާ ލާރި ހޯދަން މަސައްކަތް ނުކުރެވެނީތާ.'' އާދަނު އިނީ ހިނިތުންވެލައިގެންނެވެ.

''ސާމިރު އަދި ވިސްނާ.. ދިރިއުޅުމެއް ފެށީ އެކީގައި، ދިމާވާ އެކިއެކި ކަންތައްތަކުގައިވެސް އެކަކު އަނެކަކަށް އެހީތެރިވާން. ދެން އެކަކު އެކަނި އެހުރިހާ ކަމެއް ކުރީމަ ވާނެގޮތް ހިތަށް އަރުވާލާ...'' އާދަނުގެ އެ ޖުމްލައަށް އިތުރުކޮށްލީ ނަސޭހަތެކެވެ.

އަހަރެން އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވާތީ ތެދުވީމެވެ. އޮފީހަށް ދިޔަ މަގުމަތީ އަހަރެންނަށް ވިސްނުނީ އާދަނުގެ ދިރިއުޅުމާއި އަހަރެންގެ ދިރިއުޅުމާ، މި ދެ ދިރިއުޅުމުގައި ހުރި އެއްގޮތް އަދި ތަފާތުކަން ބޮޑު ކަންތަކަށެވެ. އަހަރެން އާދަނުހެން އުޅެން ފަށައިފިނަމަ އާދަނަށްވުރެވެސް މާ އުފާވެރި އަރާމު ދިރިއުޅުމެއްގައި އަހަންނަށް އުޅެވޭނެކަމުގެ އިހުސާސް އަހަންނަށް ކުރެވެން ފެށިއެވެ.

އޮފީސް ނިންމާލާފައި އަހަރެން ދިޔައީ ގެއަށެވެ. ސޯބިރާއަށް އަހަރެން ފެނުމާއިއެކު ވަރަށް އުފަލުން އަހަރެން ކައިރިއަށް އައެވެ. ދުވަހަކުވެސް އަހަރެމެންގެ މެދުގައި މައްސަލައެއް ނުޖެހޭފަދައެވެ. ކުދިވެރިންވެސް ދުވެފައި އައިސް އަހަރެންގެ އުނގަށް އެރިއެވެ.

އަހަރެން މިއަދުން ފެށިގެން އަޒުމް ކަނޑައެޅީމެވެ. އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުންގެ ޒިންމާވެސް ދިރިއުޅުމުގައި ވެއެވެ. އެ ޒިންމާ އަހަރެންވެސް ނަގާނަމެވެ. އުފާވެރި ދިރިއުޅުމަކަށް ދެމަފިރިންގެ ޒިންމާ ބޮޑެވެ. އެކުއެކީ ކުރިއަށްދިޔުމަށްޓަކާ އެކަކު އަނެކަކަށް އެހީތެރިކަން ދިނުމަކީ ދިރިއުޅުން ބާއްޖަވެރިވުމުގެ އަސްލެވެ.

ނިމުނީ

+1
0
+1
6
+1
2
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް