ރާއްޖޭގެ ޖަލުތަކާއި ބެހޭ ގާނޫނު ފަރުމާ ކޮށްފައި އޮންނަނީ ޖަލުގައި ބަންދުކުރެވޭ ކުއްވެރިން އަލުން މުޖުތަމައަށް ނެރުމަށް އެމީހުން އިސްލާހު ކުރުމަށް ވަރަށް ބޮޑު އިސްކަމެއްދީގެންނެވެ. އެހެންނަމަވެސް ޖަލުގެ ކަންކަން ބޮއްސުންލައިގެންގޮސް ކުއްވެރިން އިސްލާހުކުރުމަށް ދައުލަތުން ކުރާ މަސައްކަތަށް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ. އެގޮތުން ޖަލުގައި ތިބޭ މީހުންނާއި އެމީހުންގެ އެކުވެރިންނާއި މުއާމަލާތް ކުރެވޭނެ މަގުތައް ފަހިވެފައި އޮވެއެވެ.
ސެކިއުރިޓީ އެންމެ ފުރިހަމަވެފައިވާ ޖަލެއް މިވަގުތު ރާއްޖެއަކު ނެތް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ ވިދާޅުވެފައެވެ. ޖަލުގެ ތޭރިތަކުގެ އެތެރެއަށް މޯބައިލް ފޯނާއި ޖަލަށް ވެއްދުން މަނާތަކެތި ވައްދައެވެ. މިކަމުގައި ޖަލުގެ ބައެއް އޮފިސަރުންގެ އެހީވެސް ގައިދީން ހޯދައެވެ.
ވީޓީވީން ބުދަ ދުވަހުގެރޭ ގެނެސްދިން 'ބޮޑު ފެންޑާ ޕްރޮގްރާމް' ގައި ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވުމަށް ޖަލުގެ އޮފިސަރުންގެ އަމަލުތައް ހުންނަގޮތް ބަލައި އެއްވެސް ކަހަލަ ޝައްކެއް އުފެދޭނަމަ އެ މުވައްޒަފަކާއި މެދު ފާރަވެރިވެ ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
"ގައިދީންނާއި ނުރަނގަޅު ގުޅުން އޮންނަކަމަށް ފާހަގަކުރެވޭ އޮފިސަރުން ތިބޭ. ޖަލުގެ އޮފިސަރުންނަކީ ވަރަށް ޑިސިޕްލިން ރަނގަޅު ބައެއްގެ ގޮތުގައި ގައިދީންނަށް ފެންނަން ޖެހޭނީ. އެއްވެސް ތުހުމަތެއް ފާހަގަ ކުރެވޭނަމަ ފިޔަވަޅު އަޅާނެ ހަރުދަނާ އުސޫލެއް އޮންނާނެ. 2021 ވަނަ އަހަރުގެ ނިޔަލަށް 10 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިކުރި. މީގެތެރޭގައި ޖަލަށް ވެއްދުން މަނާތަކެތި ވައްދަން އުޅުނު އޮފިސަރުންވެސް ހިމެނޭ" ކަމަށް އަހުމަދު ވިދާޅުވިއެވެ.
ގައިދީންނަށް ފުރުސަތުތަކެއް
ޖަލުގައި ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމާއި ހުނަރު ދަސްކޮށްދިނުމާއި ގުޅޭގޮތުން އަހުމަދު ވިދާޅުވީ ހަތަރު ފޭސްއަކަށް ބަހާލައިގެން ގައިދީން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށް މަސައްކަތްކުރާ ފްރޭމް ވޯކެއް އޮންނަ ކަމަށެވެ. އެގޮތުން މާފުށީ ޖަލުގައި ތިބޭ ގައިދީންގެ ތެރެއިން ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކަށް ނަގާ ގައިދީންނަށް، ފުރަތަމަ ފޭސްގައި އަމަލު ކުރެވޭ ގޮތަކީ އެމީހާ ކުރީ ކޮން ކުށެއްތޯ ކޮން ބާވަތެއްގެ ކުށެއްތޯ ބެލުން، ރަނގަޅަށް ދީނީ އަޅުކަންތައް ކުރަން އެނގޭ މީހެއްތޯ ބެލުން އަދި ތައުލީމީ ފެންވަރު ބެލުމެވެ.
ދެވަނަ ފޭސްގައި އޮންނާނީ ރިހިބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރި ކުރުމެވެ. އަހުމަދު ފާހަގަ ކުރެއްވި ގޮތުގައި ޖަލުގައި ތިބި ކުއްވެރިންގެ ތެރެއިން 70 އިންސައްތަ ކުއްވެރިންނަކީ މަސްތުވާ ތަކެތީގެ މައްސަލަތަކާއި ގުޅުން ހުރި ގައިދީންނެވެ. އެހެންކަމުން އެމީހުންނަށް ބޭނުންވާ ޑިޓޮކްސްގެ ހިދުމަތް ދެވޭފަދަ ސިއްހީ މަރުކަޒެއް މާފުށީ ޖަލުގައި ގާއިމުކުރެވިފައިވާ ކަމަށާއި ނޭޝަނަލް ޑްރަގް އެޖެންސީން ގަބޫލުކުރާ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ޖަލުގައި ހިންގަމުންދާކަމަށެވެ.
ފޭސް ތިނެއްގައި އޮންނަނީ ގައިދީންނަށް ހިންގާ ހުނަރު ދަސްކޮށްދިނުމުގެ ސެޓިފިކެޓް ޕްރޮގްރާމްތަކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ސެޓިފިކެޓް ލެވެލްގެ ކޯސްތައް ގައިދީންނަށް ހިންގާއިރު އޭގެތެރޭގައި ވަޑާން ކުރުން، ފެހުން، ދަނޑު ހެއްދުން، ރޭނުން އަދި ވެލްޑިން ކުރުން ފަދަ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނެއެވެ. މި ޕްރޮގްރާމްތައް ފުރިހަމަ ކުރާ ގައިދީން ހުކުމް ތަންފީޒު ކުރަން ބާކީ އޮތީ ކިތައް އަހަރުތޯ ބަލާ އެގައިދީންނަށް ޖަލުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތުވެސް ފަހިކޮށްދެއެވެ.
"ޖަލުގައި ހުންނާނެ ގައިދީންނަށް އަދާކުރެވޭނެ ބައެއް ވަޒީފާތައް. އެމީހަކަށް ފުރުސަތު އޮތް މިންވަރަކުން ވަޒީފާ އަދާކުރެވޭ ގޮތަށް އޮންނަނީ 4 ވަނަ ފޭސްގައި. ބާކީ އޮތީ ކިހާ މުއްދަތެއްކަން ބެލުމަށްފަހު އެފަދަ މީހުންނަށް ވަޒީފާ ދެން. އެމީހުން ކުރާ މަސައްކަތަށް އެލަވަންސެއްދޭ ގޮތަށް އޮންނަނީ" ކޮމިޝަނަރ އަހުމަދު ވިދާޅުވިއެވެ.
ޕެރޯލްގެ ދަށުން މުޖުތަމައަށް ނެރޭ ގައިދީން
ޕެރޯލްގެ ދަށުން މުޖުތަމައަށް ނެރޭ ގައިދީންނަކީ ވަކި ޝަރުތުތަކެއް ކޮށްފައި ނެރޭ ގައިދީންނެވެ. އަހުމަދު ވިދާޅުވީ އެފަދަ ގައިދީން މުޖުތަމައަށް ނެރުމުގެ ކުރިން މުޖުތަމައުގައި އެހެން މީހުންނާއެކު އުޅެން ދަސްކޮށްދޭ ކަމަށެވެ. އަދި މުޖުތަމައުގައި އުޅެންޖެހޭ ރަނގަޅު ގޮތްތަކާއި އަދަބު އަހުލާގު ބަހައްޓަންޖެހޭ ގޮތް ގައިދީންނަށް ބުނެދޭ ކަމަށެވެ.
ޕެރޯލްގެ ދަށުން ނެރޭ ކުއްވެރިންނަށް ކަރެކްޝަންސް އިން ކަނޑައަޅާ ވަޒީފާގައި ވަކި ދުވަހެއް ވަންދެން ވަޒީފާ އަދާކުރުމަށް ޝަރުތު ކުރެވެއެވެ. ކަރެކްޝަންސް އިން ކަނޑައަޅާ ގަޑިތައް ނޫން އެހެން ގަޑިތަކުގައި ބޭރުގައި އުޅުން މަނާ ކުރެއެވެ. ވަކިތަންތަނަށް ނުދިއުމާއި ވަކިބަޔަކާއި ބައްދަލު ނުކުރުން ފަދަ ކަންކަމަށްވެސް އެފަދަ ގައިދީންނަށް ޝަރުތު ކުރެއެވެ.
ބޮޑު ގޮންޖެހުމެއް
ގައިދީން މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތަށް އޮތް އެއް ގޮންޖެހުމަކީ ބައެއް ގައިދީންގެ ހިތްތަކަށް ހަރުކަށި ފިކުރު ވައްދަން ކުރެވޭ މަސައްކަތެވެ. ކޮމިޝަރ ވިދާޅުވީ މިކަން ހުއްޓުވުމަށް އެފަދަ ގައިދީން އެހެން ގައިދީންނާއި ވަކިކޮށް އެމީހުންނަށް އިސްލާމްދީނުގައި އޮންނަ ރަނގަޅުގޮތް ބުނެދޭން މަސައްކަތް ކުރާ ކަމަށެވެ. އަދި ގައިދީންނަށް ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގްރާމްތައްވެސް ހިންގާ ކަމަށެވެ.
"ކުށްކުރާ ހުރިހާ މީހުން މި ގެންދަނީ ޖަލަށް. ހުރިހާ ބާވަތެއްގެ މީހުން އެއް ދިމާލަކަށް ލެވެނީ. އެންމެ ސީރިއަސް ކްރައިމްތަކުގައި އުޅޭ މީހުން އެއް ދިމާލަކަށް ގެނެސް ލީމަ އެހެން އެބަވޭ. އޮފިސަރުންނަށް ބައެއް އިންޓެލިޖެންސް ސޯސްތަކުން އެބަ މައުލޫމާތު ލިބޭ ރެކްރޫޓް ކުރާކަން. ބޮޑު ގޮންޖެހުމަކަށް ދިމާވާ ކަމެއް މިއީ". އަހުމަދު ވިދާޅުވިއެވެ.
އެފަދަ ހަރުކަށި ފިކުރަށް ތަބާވާ ގައިދީން ގަބޫލުކުރާ ގޮތުގައި ބައެއް ކަންކަން ނިންމަން ޖެހޭނީ ލޭއޮހޮރުވުމަކުން ކަން ގަބޫލުކުރާކަމަށާއި، ގާނޫނީ ނިޒާމް ގަބޫލުނުކޮށް ގޮއްމުށު ބާރުން ކަންކަން ކުރުމުގެ ވިސްނުން އެމީހުން ގެންގުޅޭ ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ދައުލަތް ގަބޫލު ނުކުރުމާއި ހަރުކަށި ފިޔަވަޅު އަޅައިގެން ކަންކަން ނިންމުމުގެ ވިސްނުން އެމީހުން ގެންގުޅެއެވެ.
"އެ ގޮތަށް މުއާމަލާތް ކުރާ މީހުން އެބަތިބި. ހަރުކަށި ފިކުރު ގެންގުޅޭ މީހުން ޖަލުގައި އުޅޭ. އަޅުގަނޑުމެންނާ ދިމާލަށް އެއްޗެހި ބުނޭ އެފަދަ މީހުން. މިހާރު މާފުށީ ޖަލުގައި އެފަދަ މީހުން ވަކިން ބޭތިއްބޭނެ ނިޒާމް ހަމަޖައްސާ، އެމީހުންނަށް ފަރުވާ ދެމުން ދަނީ. ދީނީ ގޮތުން އަންނަ ވިސްނުމަށްވާތީ ދީނީ ނަޒަރިއްޔާތަކުން އެކަންކަން ހައްލު ކުރެވޭނީ އެމީހުންނަށް އަސްލު ގޮތް ސާފުކޮށްދީގެން. އިސްލާމިކް މިނިސްޓްރީ އަދި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާ ކުރަމުން ދަނީ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހާއްސަ ޕްރޮގްރާމެއްވެސް އެބަ ޑިވެލޮޕް ކުރޭ ހަރުކަށި ފިކުރުގެ މީހުންގެ ކަންކަން ހައްލު ކުރުމަށް". އަހުމަދު ވިދާޅުވިއެވެ.
ޖަލުތަކުގައި 1500 އެއްހާ ގައިދީން ތިބިއިރު އެޖަލުތަކުގެ ކަންކަން އިސްލާހު ކުރުމަށް ގާނޫނުގައި ބުނާ ކަންކަން ކުރުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށް އަހުމަދު ފާހަގަ ކުރެެއްވިއެވެ.
ކަރެކްޝަންސް އިން ބަލަހައްޓާ ޖަލުތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގައުމަށް ފޮނުވާލެވެންދެން ބަންދުކުރާ ހުޅުމާލެ ޖަލާއި ކުއްވެރިން ބައިތިއްބާ ހިންމަފުށީ އައްސޭރި ޖަލާއި މާފުށީ ޖަލުގެ އިތުރުން މާލޭ ޖަލުގެ ޖާގައަށްވުރެ ކުއްވެރިން ގިނައެވެ. މިއީވެސް ހައްލުކުރަން ޖެހިފައި އޮތް މައްސަލައެކެވެ.