އިރުގެ ރަންދޯދިތައް އެއައި ބާރުމިނުގައި އައިސް ވަދެ ތޮރުފާލީ ކުޑަދޮރުގައި ދަމާފައިވާ ލޭސްފޮތީގެ ދޮރުފޮތިގަނޑެވެ. ދޮރުފޮތިގަނޑު ފޫއަޅުވާލާފައި ސީދާ އަކްރަމްގެ މޫނަށް އަލިއެޅިފައިވާއިރު ޗާލު ފޮޓޯއެއް ނަގާލަން އެފަދަ ދެވަނަ މަންޒަރެއް ނެތެވެ. އަކްރަމް ލޯހުޅުވާލީ އޭނާގެ ލޮލަށް އާދަޔާ ޚިލާފަށް އަލިވާތީއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވާ ދެކޮޅުބަލާލިއިރު އޭނާއަށް މި އޮވެވުނީ އެނދުގެ ފައިލާކޮޅުގައެވެ. ރޭ ހޭލާ އޮވެވުނީ ކިހާއިރަކަށްކަމެއް އަދި ނިދުނީ ކިހާއިރަކުކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭނީވެސް ކިހިނެއްހެއްޔެވެ. މުޅިރޭ އެއްކޮށްހެން ދިޔައީ މިއަދު ހަދާނެ ޓީކްޓޮކަކާއިމެދު ވިސްނާ، ޓިކްޓޮކްގެތެރޭ ފީނަނިކޮށެވެ.
ހަމަކުއްލިއަކަށް އަކްރަމް ތެދުވިއެވެ. މޯޅިއަކަށް ދެމިލިއިރު ލައިގެންހުރި ޖީންސް މަޑުމަޑުން ތިރިއަށްޖެހިލިއެވެ. އެއީ ކަސްރަތީ، ފުރިހަމަ ހަށިގަނޑެކެވެ. މޫނުގެ ބައްޓަމާއި އާދަޔާޚިލާފު ދެލޮލުގެ ޖާދޫގައި ނުޖެހޭ އަންހެންކުއްޖެއް މި ރާއްޖޭގައި ނެތެވެ. އިސްތަށި ގަނޑާއި އެ ބޯ ތުނބުޅިން މީހާގެ ޝަޚްސިއްޔަތު ފެނިގެން ދެއެވެ. އެންމެ ޒަމާނީ ގޮތަށް ބޮލާއި ތުނބުޅި ކޮށާލާފައިވާއިރު މޭމައްޗާއިދިމާލުން ގަމީހުގެ ދެގޮށް ނައްޓާލުމުން ފެންނަ ހިސާބުގައި ޓެޓޫއެއްވަނީ ޖަހާފައެވެ. މި ސިފަތަކާއެކު އޭނާއަށް ޖޯން އަބްރަހަމްއޭވެސް ކިޔާ އުޅެއެވެ.
މިހުރިހާ ބަދަލެއް އައީވެސް ޓިކްޓޮކަށް ދިން ސަމާލުކަމެއްގެ ސަބަބުންނެވެ. މީގެ ކުރިންވެސް އޭނާއަކީ ގިނަބަޔަކު ވަރަށް ގަޔާވާ ރީތި ސިފަތަކެއް ލިބިފައިވާ މީހެކެވެ. ނަމަވެސް އެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެންނަން އޭނާ ބޭނުންވީ މި ސަބަބަށްޓަކައެވެ. އެއީ ހަޤީޤަތުގައި ލައްކަ މަސައްކަތެވެ. ކޮންމެ ދުވަހަކު ޖިމަށް ދާފަދައިން ކޮންމެ ހަފްތާއަކު ސެލޫނަށްގޮސް ފޭޝަލް ހަދާ މޫނު ރީތިކޮށް ބެހެއްޓުމަށް މަސައްކަތްކުރެއެވެ. ބައެއް މީހުން ބުނެފާނެއެވެ. ތިއީ ފަހެ އަންހެނެއް ހެއްޔެވެ. އެކަމަކު އޭނާ އެކަމަކާ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އޭނާގެ ދުނިޔެ ވަނީ ޓިކްޓޮކްގައެވެ. މައިންބަފައިން ދުނިޔޭގައި ތިބިއިރު، އެއީ ތަނަވަސް އާއިލާއަކަށް ވުމުން އެނާއަށް އިތުރު އުނދަގުލަކާނުލާ ޚަރަދުކޮށްލާނެ ފުރުސަތު އޮތީ ފަހިވެފައެވެ. ހާސްވާންޖެހޭ އެއްވެސް ސަބަބެއްވެސް ނެތެވެ.
ތަރުތީބުކަމާއި ، ރީތިކަން ވަނީ ހަމައެކަނި އޭނާގެ ހަށިގަނޑުގައެއްނޫނެވެ. އޭނާގެ ކޮޓަރިވެސް އެހާ ރީއްޗެވެ. އާންމުކޮށް ފިރިހެން ކުދިންނަކީ ވަރަށް ސާދާ ދިރިއުޅުމެއް އުޅޭ ބައެކެވެ. އަމިއްލައަށް ރީތިވެގެން ތިއްބަސް ދިރިއުޅޭ ތަން މާބޮޑަށް ރީތިކުރާކަށް ނަހަދައެވެ. އެކަމަކު އަކްރަމްގެ ކޮޓަރީގެ ދޮރު ހުޅުވާއިރު ފުރަތަމަވެސް ފައި އެޅޭނީ މަޚްމަލުގެ ސާލެއްފަދަ ހުދު ކުލައިގެ ކާޕެޓްގައެވެ. އެ ކާޕެޓް މުޅި ކޮޓަރީގައި އަޅާފައިވާއިރު އެނދާ ދިމާލަށް ކަނާތްފަރާތުގައިވާ ކުޑަދޮރުގައި ދަމާފައިހުރީވެސް ހުދުކުލައިގެ ލޭސް ފޮތީގެ ދޮރުފޮތިގަނޑެކެވެ. ފަރުނީޗަރުތައްވެސް މުޅިން ހުދުކުލައިގައިވާއިރު ހީވަނީ ފަސްތަރީގެ ރިސޯޓެއްގެ ކޮޓަރިއެއް ހެންނެވެ.
މިހުރިހާ އެތުރުމެއް އަތުރާފައިވަނީވެސް އޭނާއެކަމަކަށް ގޮސް ހުސްވެފައިވާ ޓިކްޓޮކްތަކުން ސަމާލުކަން ހޯދުމަށެވެ. އެ ކޮޓަރީގެ ކޮންމެ ތަނެއްގައި ޓިކްޓޮކެއްނެގިއަސް އެ ޓިކްޓޮކަށް ''ހިޓްސް'' އޮހެނީ ވާރޭ ވެހޭ މިސާލުގައެވެ. ރޭގަނޑު އޭނާގެ ނިދި ނަގާލާފައި ޓިކްޓޮކްގެތެރޭ ފަތަފަތާ އެ އޮންނަނީ އެހެން ވެގެންނެވެ. މާ ބޮޑުކަމެއް ނުކުރިޔަސް ހަމައެކަނި ދޫކޮށްލާ ކުޑަ ހިނިތުންވުމަކީވެސް ''ޓްރެންޑަކަށް'' ވެދެއެވެ. އެކަމަކުވެސް އޭނާގެ ހިތް ފުރޭ ވަރެއް ނުވެއެވެ. އެއްދުވަހު ހަށިގަނޑުގެ ތަންކޮޅެއް ދައްކާލިއްޔާ އަނެއް ދުވަހު ކޮޓަރީގެ ރީތީ ހިތްގައިމުކަން ދައްކާލައެވެ.
ރެއާއި ދުވާލު ޓިކްޓޮކާމެދު ވިސްނާ، އެއަށް ތައްޔާރުވުމުގައި ދުވަސްތައް ހޭދަކުރަމުންދިޔައިރު އެތައް ބަޔަކު ކައިވެންޏަށްވެސް އަހައިފިއެވެ. 24 އަހަރުގެ އަކްރަމްއަށް ކައިވެންޏަކީ އެހާ މުހިންމުކަމެއް ނޫނެވެ. ބޭނުން އިރަކު ބޭނުން އަންހެންކުއްޖަކާއެކީ އޭނާއަށް ބޭނުން ތަނަކަށް ދެވެއެވެ. އެންމެ ''ރިލޭޝަންޝިޕެއްގައި'' ހުރުން އެއީ އޭނާފަދަ ''މަޝްހޫރު'' މީހަކު ކޮށްފިއްޔާ ވަރަށް ކަޓުކަމަކަށްވާނެއެވެ.
މިއަދުވެސް ހޭލެވެނުގޮތަށް އެ ފެށީ ޓިކްޓޮކަށް ތައްޔާރުވާށެވެ. ރިންގ ލައިޓް ސްޓޭންޑްގައި ޖަހާ ސެޓަޕް ހެދުމަށްފަހު ފާޚާނާއަށް ވަނެވެ. ވަރަށްރީތިކޮށް ފެންވަރައިގެން އައިސް، އެނދަށް އިރުގެ ދޯދި އެޅިފައިވާ ދިމާލަށް ލޯ ހުޅުވާލައިގެން އޮށޯވެގެން އޮތްއިރު އެ ލޯ ހީވަނީ މިނިކާވަގެއްގެ ލޯހެންނެވެ. ފެހިކުލައަކަށްދާ އޭނާގެ ދެލޮލުގެ ޖާދޫގައި އެތައް ބަޔަކުވަނީ ޖެހިފައެވެ. އެ ތޫނު ބެލުމުން އެތައް ބަޔަކު ޒަޚަމްވެސް ވެއްޖެއެވެ. އޭނާގެ ބޭނުމަކީވެސް އެއީއެވެ. ހައެއްކަ ފަހަރުން ބޭންވާ ގޮތަށް ޓިކްޓޮކެއް ހަދާލެވިއްޖެއެވެ. އޭނާގެ އެތައް ހާސް ފޮލޯވަރުންނަށް އެ ޓިކްޓޮކް ދޫކޮށްލުމަށްފަހު ސައިބޯން ނުކުތެވެ.
ސައިބޯން މާގިނަ އިރަކު އިންނާކަށް އޭނާއަށް ފަސޭހައެއް ނޫނެވެ. އޭނާ ދޫކޮށްލި ޓިކްޓޮކް ވީޑިއޯ ހިޓަކަށް ވެއްޖެތޯ ބަލަން ހިތްއެދިގޮވަނީއެވެ. މިއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އޭނާގެ އަމާޒަކީ ސައިބޮއިގެން ކޮޓަރިއަށްދާއިރު 1000ވަރަކަށް ހިޓްސް ލިބުމެވެ. ތެޅިފޮޅެމުން ކޮޓަރިއަށް ވަންއިރު އޭނާ ބޭނުންވި އަމާޒަށް އެވަނީ ވާސިލްވެވިފައެވެ.
އުފަލުން ގޮސް ނަށައިގަތެވެ. އެވަރުންވެސް ހިތްއެދި ގޮވައިގަތީ އަދި ޓިކްޓޮކެއް ހަދާލުމަށެވެ. މިފަހަރު ތަފާތު ގޮތަކަށެވެ. އޭނާގެ ހަށިގަނޑާއި އޭނާގެ ކޮޓަރިއާއި ލޮލާއި ތުންފަތާ މިއިން ކޮންމެ ތަނަކީ ޓިކްޓޮކަށް އާ ތަންތަނެއް ނޫނެވެ. އޭނާގެ ބޭނުމަކީ ފޮލޯވަރުން މަދުވިޔަ ނުދީ ހިފެހެއްޓުމެވެ. އަދި ފޮލޯވަރުން އިތުރުކުރުމެވެ. އެކަން ކުރުމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް އޭނާ ކޮށްފާނެއެވެ. މެންދުރު ބާރަ ޖެހިއިރު ދޫކޮށްލި ވީޑިއޯއާއެކު ދެގުނައަށް އޭނާގެ ފޮލޯވަރުން އިތުރުވިއެވެ. ހަށިގަނޑުގެ ބޮޑުބައި ހާމަވާގޮތަށް، އެނާގެ މަޑުމަޑު ހުދުކުލައިގެ ރަޖާއިން ހަމައެކަނި ''އައުރަ'' ފޮރުވޭ ވަރުކޮށްލައިގެން އޮތް އެ ޓިކްޓޮކް ވައިރަލްވެގެން ދިޔައީ ހީވެސް ނުކުރާ ހަލުވި، ބާރު މިނެއްގައެވެ.
އެ ހިތްހަމަޖެހުމާއިއެކު 3 ވަނަ ޓިކްޓޮކްވެސް މިއަދު އޭނާ ދޫކޮށްލީ ފޮލޯވަރުން އިތުރުވާނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކުގައެވެ. އެކަމަކު އެ ޓިކްޓޮކަށް ލިބުނު ތަރުހީބުކުޑައެވެ. ދުނިޔޭގެ ހެއްލުމުގެ ތެރޭ ގެއްލެމުންދިޔަ އަކްރަމް ވިސްނުމެއްނެތި ކުރިއަށްވުރެވެސް ''ބަރަހަނާ'' ވީޑިއޯއެއް އޭނާގެ ފޮލޯވަރުންނަށް ދޫކޮށްލިއެވެ. މިއަދު ހީވަނީ އޭނާއަށް ޓިކްޓޮކް އީދެއް އައިސްގެން އުޅޭ ހެންނެވެ. ވަރަށް އުފަލުން ''ޓިކްޓޮކް''ގެ ދުނިޔޭގައި އޮއްވައި ދޮރުގައި ބާރަށް ތަޅައިގަތް އަޑު އިވުނެވެ.
ހިތްހަމަނުޖެހި ހުރެ، ގައިގައި ރަޖާ އޮޅާލައިގެން ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ތިބީ 3 ފުލުހުންނެވެ. އިތުރު އެއްވެސް ވާހަކައެއް ދެއްކުމެއްނެތި އޭނާ ޖެހުނީ ފުލުހުންނާއެކު ދާށެވެ.
އެ ރީތި ކޮޓަރިއާއި އެ ހިތްގައިމު ޓިކްޓޮކްތަކާއި އޭނާގެ ޚިޔާލީ ދުނިޔެއިން ނުކުންނާށެވެ. އެހެންނަމަވެސް މުޅިދުނިޔެއަށް ''ބަރަހަނާ'' ވެފައެވެ.
ނިމުނީ...
ކިޔުންތެރިންގެ ހިޔާލު
Nehtha Audio eh
ކޮމެންޓްސް ބަންދުކުރެވިފައި