January 19, 2025 04:52
Advertisement

-Advertisement-

ސިގަރެޓް ބޯ ފިރިންގެ ސަބަބުން އަނބިންނަށް ކެންސަރު އެބަޖެހޭ- ޑރ.މުހައްމަދު އަލީ

ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ ގިނަ އަދަދެއްގެ މީހުން އުޅެއެވެ. މީގެތެރޭގައި ސްކޫލުތަކުގައި ކިޔަވާކުދިން ފެށިގެން ހުރިހާ އުމުރެއްގެ މީހުން ހިމެނެއެވެ. ދުންފަތުގެ ސަބަބުން ކެންސަރުޖެހޭއިރު، ރާއްޖޭގައި ކެންސަރު ބަލި ތަހައްމަލު ކުރާ ގިނަ އަދަދެއްގެ މީހުން އެބައުޅެއެވެ. 

ވީޓީވީ އިން ގެނެސްދިން 'ބޮޑު ފެންޑާ' ޕްރޮގްރާމްގަ ވާހަކަދައްކަވަމުން އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ ހަމައެކަނި ބަލިޖެހެނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހާ އެކަނި ނޫންކަމަށެވެ.

" އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަލި މީހުންނަކީ ސިގަރެޓް ބޯ މީހާގެ އަނބިކަނބަލުން ނުވަތަ ފިރިކަލުން. ފިރިކަލުންގެ ސަބަބުން މިޖެހެނީ ކެންސަރ އަނބިކަނބަލުންނަށް. ސީދާ ދުންފަތުގެ ސަބަބުން ޖެހޭ ކެންސަރކަން ކިޔައިދެވޭ ވަރަށް އޭގެ މައުލޫމާތު ލިބިފަ އެބަހުރި. ސިގަރެޓް ނުބޯ މީހާގެ ހައްގުވެސް މިއޮންނަނީ ނިގުޅައިގަނެވިފަ. ވަރަށްބޮޑު ހައްގެއް އެއީ. އެމީހާގެ ކުށެއްނެތި މިބަލި މިޖެހެނީ" ޑރ. ކަންބޮޑުވުމާއެކު ވިދާޅުވިއެވެ.

Advertisement

މީގެއިތުރުން ސިގަރެޓް ބޯ މީހުންގެ ދަރިންނަށްވެސް ނޭވާ ހިއްލުމުގެ ބައްޔާއި، ފުއްޕާމޭ ހަލާކުވުމުގެ މައްސަލަ ދިމާވާކަމަށާއި، މިހެންމިވަނީ ސިގަރެޓްގެ ދުމުގެ ސަބަބުން ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. ދުންފަތުން އިސްތިއުމާލު ކުރުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ކެންސަރުގެ އިތުރަށް އަނގައިގެ އެތެރެއިން ފެށިގެން ގޮސް ފުއްޕާމެއާ ހަމައަށް ކެންސަރު ޖެހޭ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ގޮހޮރުގެ ކެންސަރާއި ކާހޮޅީގެ ކެންސަރުގެ އިތުރަށް އުރަމަތީގެ ކެންސަރ ވެސް ޖެހެއެވެ. ދުންފަތުން އިސްތިއުމާލު ކުރުމުގެ ސަބަބުން އަނގައިގެ ވަސް ނުބައިވެ ހިރުގަނޑުވެސް ހަލާކުވެއެވެ.

" ބައެއް މީހުން ބުނާނެ އޭނަ ގޭގަ ސިގަރެޓް ނުބޮއޭ. ގެއިން ބޭރުގައޭ ބޮނީ. އަތުގަ ހުރޭ ގަމީހުގަ ހުރޭ އޭގެ މާއްދާތައް ހަރުލާފަ ގެއަށް އައިސް ކުއްޖާ އުރާލާއިރު. އެހެންވެ ކުއްޖާގެ ނޭވާލާނިޒާމަށް އޭގެ އަސަރު ކުރަނީ. ސިގަރެޓްގައި ހުންނަ މާއްދާއެއްގެ ސަބަބުން ރިޕެއަރ ނުކުރެވެނީ. ކޮންމެ މީހެއްގެ އަނގައިގެ ތެރޭގަ ފުއްޕާމޭގަ ކޮންމެ މިނިޓަކުން ހަލާކުވާ ސެލްތައް ރަނގަޅުކުރާނެ. ދުމުގެ ސަބަބުން ރިޕެއަރކުރަންޖެހޭ ސެލްތައް ރަނގަޅަށް ރިޕެއަރ ނުވެ ގޯސްގޮތަކަށް ސެލްތައް އުފެދިގެން ކެންސަރ މިޖެހެނީ" ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ.

ދުންފަތުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭއިރު ކުދިކުދި ފިހާރަތަކުންވެސް ސިގަރެޓް ގަންނަން ލިބެން އެބަހުއްޓެވެ. ރާއްޖެއަށް އެނގިހުރެ ކެންސަރަށް މަގުފަހިވާ ބާވަތްތައް އެތެރެކުރާއިރު، އެކަން ހުއްޓުވުމަށް ޑޮކްޓަރުންގެ ޓީމުން ލަފާދީފަވޭތޯ ސުވާލު ދެންނެވުމުން ޑޮކްޓަރ ވިދާޅުވީ ޓޮބޭކޯ އިންޑަސްޓްރީ އަކީ ވަރަށް ބާރުގަދަ ބައެއް ކަމަށެވެ.

ވީޓީވީގެ ބޮޑު ފެންޑާ ޕްރޮގްރާމްގައި ޑރ.މުހައްމަދު އަލީ

" އެމީހުންގެ މާކެޓިންގ ވަރަށް ސްޓްރޯންގ. އެމީހުން ބާރުފޯރުވާ ސިޔާސީގޮތުން އެންމެ މަތީ ލެވެލްއަށް. މިކަން ހުއްޓުވުމަށް މަސައްކަތްކުރާއިރު އަޅުގަނޑުމެންނެއް ނޫން އެތެރެކުރަން މިތިބީކީ. އަދި ބޭނުންކުރަނީކީއެއް. އަޑިއަޑިން ބާރު ވަރަށްގަދަ، ޓޮބޭކޯ ކޮންޓްރޯލް އެކްޓެއް އެބައޮވޭ. ޑޮކިއުމެންޓެއް ގޮތަށް އެއޮންނަނީ. އެއަށް އެއްވެސް ފިޔަވަޅެއް ނެއެޅޭ. ޖޫރިމަނާކުރަން މުއައްސަސާތަކަށް އަންގައިފިއްޔާ ގިނަ ފަހަރަށް އަންގާ މީހާ ގޯސްވަނީ" ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑޮކްޓަރެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަމަކީ އާންމުންނަށް ހުރި ގެއްލުންތައް ކިޔައިދިނުން ކަމަށާއި، ކޮންމެ ކަމެއްގަވެސް ބުނާ އެއްޗެހި ގަބޫލުކުރާ މީހުންނާއި ނުކުރާ މީހުން އުޅޭކަން ވަނީ ފާހަގަކުރައްވާފައެވެ. ސިގަރެޓަކީ ދެވިހިފާ ކަމެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ މިކަމުން ދުރަށް ދެވޭނީ އަޒުމެއް ހުރެގެން ކަމަށެވެ.

ދުންފަތުން އިސްތިއުމާލުކުރުމުގެ އިތުރަށް ވޭޕްކުރުމަކީ ވެސް ހަށިގަނޑަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށާއި، އަދި އަނބިދަރިންނަށް ވެސް ދެވޭ ވަރަށް ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވާ މިކަމުން ރައްކާތެރިވުމަށް ޑރ. މުހައްމަދު އަލީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ދުންފަތުން އިސްތިއުމާލު ކުރާ މީހުން މަދުކުރެވޭނީ، އެންމެން އެކީ މިކަމަށް މަސައްކަތްތަކެއް ކޮށްގެންނެވެ. ޚާއްސަކޮށް ސްކޫލު ކުދިން މިކަމުން ދުރުކުރުމަށް ސްކޫލުތަކުގެ މެނޭޖްމެންޓުންނާއި މައިންބަފައިން ވިސްނުންތެރިކަމާއެކު މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައެވެ. އެހެންނޫނީ ކުރިއަށްއޮތްތާގައި ކެންސަރ ފަދަ ބޮޑެތި ބަލިތައް މިހާރަަށްވުރެ އާންމުވުމަކީ އެކަށީގެންވާ ކަމެކެވެ. 

+1
3
+1
5
+1
2
+1
1
+1
12
+1
1
+1
40

Advertisement

ގުޅުންހުރި ލިޔުންތައް