ވިޓަމިން ޑީ އަކީ ހަށިގަނޑުގެ ގިނަ ކަންތައްތަކަށް މުހިންމު މާއްދާއެކެވެ. ކަށީގެ ދުޅަހެޔޮކަމަށްވެސް ވިޓަމިން ޑީ މުހިންމު ދައުރެއް އަދާކުރެއެވެ. ވަރަށް ގިނަ މީހުންނަކީ ވިޓަމިން ޑީ މަދުވާ މީހުންނެވެ.
އަންދާޒާ ކުރެވޭގޮތުގައި ދުނިޔޭގެ އެއް ބިލިއަން މީހުންނަކީ ވިޓަމިން ޑީ މަދު މީހުންނެވެ. އެމެރިކާގައި 24 އިންސައްތަ މީހުންނަކީ ވިޓަމިން ޑީ މަދު މީހުންނެވެ. ލަފާކުރެވޭ ގޮތުގައި ޔޫރަޕްގެ އާބާދީގެ 40 އިންސައްތަ އަކީ ވިޓަމިން ޑީ މަދު މީހުންނެވެ.
އަވީގައި ޖެހުމުން ހަށިގަނޑުގައި ވިޓަމިން ޑީ އުފައްދައެވެ. އެހެންނަމަވެސް ހަމުގެ ކެންސަރުގެ ރިސްކު ކުޑަކުރުމަށް އަވީގައި ނުޖެހުމާއި، އަވިން ސަލާމަތްވެގެން އުޅުމާއި، ސަންސްކްރީން ބޭނުން ކުރުމާއި އަދި ގަދަ އަވީގައި ބޭރުގައި އުޅުމާއި ދުރުހެލިވެ އުޅުމަށް މީހުން އިސްކަންދޭން ފެށުމުން އިރުން ލިބޭ ގުދުރަތީ ވިޓަމިން ޑީގެ މާއްދާ އެކަށީގެންވާ ވަރަށް ނުލިބެނީއެވެ. އެހެންކަމުން ކާނާގެ ތެރެއިން ވިޓަމިން ޑީ ހޯދުމަކީ އެންމެ ރަނގަޅު ގޮތެކެވެ.
ގިނަ އަދަދަކަށް ވިޓަމިން ޑީ އެކުލެވޭ ކާބޯތަކެތި:
1. މަސްދަޅު
މަސްދަޅަކީ ފަސޭހައިން ބާޒާރުން ލިބެން ހުންނަ އަދި ރައްކާކޮށްލަން ފަސޭހަ ގިނަ ދުވަހު ބެހެއްޓޭ ކަހަލަ ކާނާއެވެ.
ކަނޑުމަސް ދަޅުގައި ބަންދުކޮށްފައި ހުންނައިރު އޭގެ މީރު ރަހައިގެ ސަބަބުން ގިނަ ބައެއްގެ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް މަސްދަޅު ބޭނުން ކުރެއެވެ. މަހުގައި ހުންނަ މާކިއުރީ ލެވެލް މަތިވުމުގެ ސަބަބުން މާ ގިނައިން މަސްދަޅު ކެއުން ރަނގަޅެއްވެސް ނޫނެވެ. އެހެންނަމަވެސް ވިޓަމިން ޑީ އެކުލެވޭތީ ހަފްތާއަކު ސަތޭކަ ގްރާމްގެ މަސް ބޭނުން ކުރުން ރަނގަޅު ވާނެއެވެ.
2. ބިހުގެ ގޮބޮޅި
ބިހުގެ ގޮބޮޅި ނުވަތަ ރީނދޫ ކުލައިގަވާ ބަޔަކީ އޭގައި ކޮލެސްޓްރޯލް އެކުލެވުނު ނަމަވެސް ވިޓަމިން ޑީ ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ. ބޮޑު ބިހެއްގެ ގޮބޮޅީގައި 37 އައިޔޫގެ ވިޓަމިން ޑީ ހިމެނެއެވެ. އަވީގައި އުޅޭ ކުކުޅުތަކުން ލިބޭ ބިހުގައި ތިނެއް ނުވަތަ ހަތަރު ގުނަ ވިޓަމިން ޑީ އިތުރުވެއެވެ.
3. މަޝްރޫމް
މަޝްރޫމް އަކީ ވިޓަމިން ޑީ ލިއްބައިދޭ އެއްޗެކެވެ. އިންސާނުންނެކޭ އެއްގޮތަށް މަޝްރޫމް އަކީވެސް އިރުގެ އަވިން ވިޓަމިން ޑީ ހޯދާ އެއްޗެކެވެ. ކެއުމުގައި މަޝްރޫމް ބޭނުން ކުރުމުން ހަށިގަނޑަށް ވިޓަމިން ޑީ 2 ލިބޭނެއެވެ. ޖަނަވާރުތަކުގެ ޒަރިއްޔާއިން ލިބޭނީ ވިޓަމިން ޑީ 3 އެވެ.
4. ގެރީގެ ކިރު
ގެރީގެ ކިރަކީ ގުދުރަތީ ގިނަ މާއްދަަތަކެއް އެކުލެވޭ ބުއިމެކެވެ. ކެލްސިއަމް އާއި ވިޓަމިން ޑީ އެކުލެވެއެވެ. ކޮންމެ ދުވަހަކުވެސް ކިރުތައްޓެއް ބޯން އާދަކުރާށެވެ. ގިނަ އަދަދަކަށް ވިޓަމިން ޑީ ހިމެނޭ ކިރަކީ ކުޑަކުދިންނާއި ބޮޑެތިމީހުންނަށްވެސް މުހިންމު މާއްދާތައް ހަށިގަނޑަށް ލިއްބައިދޭނެ އެއްޗެކެވެ.
5. ސޯއީ ކިރު
ގެރި ކިރެކޭ އެއްގޮތަށް ސޯއީ ކިރުގައިވެސް ވިޓަމިން ޑީ އާއި ގެރީގެ ކިރުގައި ހިމެނޭ އެހެން މާއްދާތައް އެކުލެވެއެވެ.
6. އޮރެންޖް ޖޫސް
ބައެއް މީހުންނަކީ އެއްވެސް ކިރެއް ނުބޮވޭ މީހުންނެވެ. އަދި މިލްކް އެލާޖީ ހުންނަ މީހުންވެސް އުޅެއެވެ. އެފަދަ މީހުންނަށް ކިރުގެ ބަދަލުގައި އޮރެންޖް ޖޫސް ބޮވިދާނެއެވެ. މި ސަބަބާއި ގުޅިގެން ބައެއް ކުންފުނިތަކުން އޮރެންޖް ޖޫސް އުފައްދަނީ ވިޓަމިން ޑީ ހިމަނައިގެންނެވެ. އެހެންކަމުން ދުވަސް ފެށުމުގެ ގޮތުން ކިރުތައްޓެއްގެ ބަދަލުގައި އޮރެންޖް ޖޫސް ތައްޓެއް ބޯލެވިދާނެއެވެ. އެހެންނަމަވެސް ގޭސްޓްރިކްވާ މީހުންނަށް އޮރެންޖް ޖޫސް ކަމަކު ނުދާނެއެވެ.
7. ސީރިއަލް އާއި އޯޓްސް
ބައެއްކަހަލަ ސީރިއަލް އާއި އޯޓްސްގައި ވިޓަމިން ޑީ އެކުލެވެއެވެ. ހުރިހާ ވައްތަރެއްގެ ސީރިއަލް އަދި އޯޓްސްގައި ވިޓަމިން ޑީ އެއް ނުހުންނާނެއެވެ. ވީމާ ނިއުޓްރިޝަން ލޭބަލް ބަލާލާފައި ވިޓަމިން ޑީ އެކުކެވޭ ބާވަތެއް ހިޔާރުކުރުން ވަރަށް މުހިންމެވެ.