މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުގައި ވަރަށް ތަފްސީލްކޮށް ވަނީ އެމިނިސްޓްރީގެ މަސައްކަތްތަކުގެ ތަފްސީލް އާންމުކޮށްފައެވެ. ފުރަތަމަ ކަމަކަށް ވެސް ބަޔާންކޮށްފައިވަނީ ދީނީ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމާއި، ދައުލަތުގެ ފަރާތުން އިސްލާމީ ޝިޢާރު ފާޅުކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުމެވެ.
އަދި ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުން މަނާކުރުމާއި، މިފަދަ މާނައެއް ކުރެވޭގޮތަށް ހިންގާ ކަންތައްތައް މަނާކުރުމާއި، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ.
މީގެއިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ހިންގަމުންދާނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސައްކަތްތައް:
- ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
- ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
- ދިވެހި ރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި، މުޖުތަމަޢުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމަށްޓަކައި ދީނީ ޢިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނަރތައް ރާވައި ހިންގުން.
- ދީނީ ކަންކަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ތަފާތު ދީނީ މައުޟޫތަކަށް ދިރާސާކޮށް ލިޔެފައިވާ ލިޔުންތައް ޝާއިޢުކޮށް ނެރުން.
ޔޯގާގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ ރަޢުޔު އާންމު ނުކުރުން
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނައިރު ބައެއް ދީނީ ޢިލްމުވެރިން ދިޔައީ ޔޯގާއާއި ދެކޮޅަށް ފެށުނީއްސުރެ އަޑު އުފުލަމުންނެވެ.
ގަލޮޅު ދަނޑުގައި މި ޖޫންމަހުގެ 21 ވަނަ ދުވަހު ޔޯގާ ހަރަކާތް ކުރިއަށްގެންދިޔައީ ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގުޅިގެންނެވެ. މިހަރަކާތުގައި ބޭރު ގައުމުތަކުގެ ބައެއް އިސްވެރިންގެ އިތުރަށް ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވިއެވެ. ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވިއިރު އެތަނުގައި ތިބި ބައެއް މީހުންނަށް ވަނީ ދިދައިން ހަމަލާދީ ހަމަނުޖެހުން ހިންގާފައެވެ.
ޔޯގާ އަކީ މުސްލިމުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ބުނެ ބައެއް ދީނީ ޢިލްމުވެރިން ޚިޔާލުފާޅުކުރަމުން ދަނިކޮށް، ޔޫތު މިނިސްޓްރީ އިން ޤައުމީ ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށްގެންދިޔައިރު، އިސްލާމިކް މިނިސްޓްރީ އިން މިކަމުގައި ހަނު ހުރުމަކީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. އަދި އާންމުންގެ ބަޔަކު އިސްވެ މިހަރަކާތް ހުއްޓުވަން ޖެހުނީ އިސްލާމިކް މިނިސްޓްރީގެ ޒިންމާ އަދާނުކުރުމުން ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.
އާންމުވި ސިޓީ
ސޯޝަލް މީޑިއާގައި ވަނީ މި މިމަހުގެ 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީ އިން ކޮމިޝަނަރ އޮފް ޕޮލިސް އަށް ފޮނުވި ސިޓީއެއް ކަމަށް ބުނެ ސިޓީއެއް އާންމުވެފައެވެ.
މިސިޓީގައި ބަޔާންކޮށްފައިވަނީ "މެޑިޓޭޝަންގެ ގޮތުގައި ނުވަތަ ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބަލިބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުންކުރެވެމުން އެބަދެއެވެ. 2004 ވަނަ އަހަރު މިސްރުގެ ފަތުވާ ދޭ މަޖިލިސް އިން ނެރެފައިވާ ފަތުވާގައި ވަނީ ޔޯގާ އަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެކެވެ. އެއީ ހިންދޫ ދީނުގެ އަޅުކަމާ ގުޅިފައިވާ ކަމެކެވެ. ކުޅިވަރެއްގެ ގޮތުގައި ވެސް އަޅުކަމެއްގެ ގޮތުގައިވެސް އެކަން ކުރުން ހުއްދަވެގެން ނުވެއެވެ. 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައި ވަނީ ޔޯގާ އަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެކެވެ. މަތީގައިވާ ފަތުވާތަކަށް ރިޢާޔަތްކޮށް ދަންނަވަމެވެ. މި މެޑިޓޭޝަނަކީ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެމީހުންގެ ސަގާފަތާއި ގުޅޭ ގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ، އިރުއަރާވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެކެވެ. މިފަދަ ކަންތައްތަކަކީ އިސްލާމީ ޝަރީޢަތާ ޚިލާފް ކަމަކަށް ވާތީއާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ބެހޭ ޤާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަންތަކެއް ކަމުގައިވާތީ، މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގަމެވެ". މިގޮތަށެވެ.
ޔޯގާ އާއި ގުޅޭގޮތުން 'ޒީޓައިމްސް' އިން ވެސް ވަނީ ސުވާލު ފޮނުވައިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ލިބޭތޯ މަސައްކަތް ކޮށްފައެވެ. އަދި ދައުރުވާ ސިޓީއަކީ އިސްލާމިކް މިނިސްޓްރީ އިން ފޮނުވި ސިޓީއެއްތޯ ސުވާލުކޮށްފައެވެ. އެހެންނަމަވެސް މިނިސްޓްރީ އިން މިސުވާލުތަކުގެ ޖަވާބު މި ރިޕޯޓު ޕަބްލިޝްކުރިއިރު ދީފައެއް ނުވެއެވެ.
ޔޫތު މިނިސްޓްރީގެ ނޫސް ބަޔާން
ޔޯގާ ދުވަސް ފާހަގަ ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އެމިނިސްޓްރީ އަށް އަންގާފައި ނުވާކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މިއަދު ނެރުނު ބަޔާނެއްގަ ވަނީ ބުނެފައެވެ. އަދި ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފު އެއްވެސް ކަމެއް ޔޫތު މިނިސްޓްރީ އިން ނުހިންގާނެ ކަމަށް ވަނީ ބުނެފައެވެ.
ނިންމުން
ޔޯގާގެ ހަރަކާތް ހުއްޓުވުމުގެ ތުހުމަތުގައި ފުލުހުން ދަނީ މީހުން ހައްޔަރުކޮށް ތަހުގީގު ހިންގަމުންނެވެ. މީގެތެރޭގައި ދީނީ 2 ޢިލްމުވެރިން ހިމެނޭއިރު، މިމައްސަލައާއި ގުޅޭގޮތުން ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލައިގައި ހައްޔަރުކުރި ދީނީ ޢިލްމުވެރިންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީ އިން ވަނީ ހިފަހައްޓާފައެވެ. އަދި ހަމަނުޖެހުންތަކާ ގުޅިގެން އެމައްސަލަ ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީއެއް އެކުލަވާލާފަވާއިރު، މިކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް އިންކުއަރީ އެއް ވެސް ދަނީ ހިންގަމުންނެވެ.
އާންމުވެފައިވާ އިސްލާމިކް މިނިސްޓްރީގެ ސިޓީއަކީ ސައްޙަ ސިޓީއެއްކަމަށް 'ޒީޓައިމްސް' އަށް ވަނީ މައުލޫމާތު ލިބިފައެވެ. ފުލުހުން ވެސް މިސިޓީއާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދީފައެއް ނުވެއެވެ. އެހެންނަމަވެސް އެފަދަ ސިޓީއެއް ފޮނުވާފައިވާއިރު، ޔޯގާގެ ހަރަކާތް ފުލުހުން ހުއްޓުވާފައި ނުވާތީ މިކަމުގައި ފުލުހުންނަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އަދި ޔޫތު މިނިސްޓްރީ އިން މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުން އާންމުންގެ ފާޑުކިޔުންތައް މިނިސްޓަރ އަހުމަދު މަހުލޫފަށް ވެސް ވަނީ އަމާޒުވެފައެވެ.
2014 ވަނަ އަހަރުން ފެށިގެން ފާޅުގައި ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރާއިރު، ޔޯގާ ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އިސްލާމް ދީނުގައި އޮންނަގޮތް އިސްލާމިކް މިނިސްޓްރީ އިން އާންމުކުރަން އެބަޖެހެއެވެ. ޔޯގާ ކުރިއަށްގެންދިއުމާއި ގުޅޭގޮތުން ކުރިން ކަންބޮޑުވުން ނެތް މިންވަރަށް އާންމުންގެ ކަންބޮޑުވުން އޮތްކަން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ކޮމެންޓްތަކުން ވެސް ހާމަވެއެވެ.
ސިޔާސީ މަންފާއަކަށް ނުވަތަ ވަޒީފާގެ ބިރަކަށް ފަސްނުޖެހި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ޒިންމާ އަދާކުރައްވަންޖެހެއެވެ. މީޑިއާ އިން ތަކުރާރުކޮށް ސުވާލުކުރުމުން ޖަވާބު ނުދެއްވާއިރު، އާންމުންނަށް ދީނުގައި އޮންނަގޮތް ކިޔައި ނުދޭނަމަ އިސްލާމިކް މިނިސްޓްރީ އެއް ހުރުމުގެ ބޭނުމާއިމެދު ސުވާލު އުފެދެއެވެ.