ބީޓާ ތެލަސީމިއާ މޭޖާ ބަލި ތަހައްމަލު ކުރަމުންދާ އުމުރުން 24 އަހަރުގެ ނ.ލަންދުއަށް އުފަން މަރިޔަމް ނިޝާގެ ގަދަފަދަ އަޒުމާއި، ހިތްވަރުގެ ވާހަކައަކީ މުޅި ލަންދޫ އާއި ނިޝާ ދަންނަ އެއްވެސް މީހަކު ނުދައްކާ ދޫކޮށްލާނެ ވާހަކައެއް ނޫނެވެ. ހަނދާން ހުންނަން ފެށީންސުރެ ޑެސްފަރޯލްއާއެކު އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން، ކުޑައިރު ރަށްފުށުގެ އުފާވެރިކަމުން މަޙްރޫމް ވިއެވެ. އެހެންކުދިންނާއި ހިލާފަށް ތިމާގެ އަމިއްލަ ސިއްޙަތަށް އިތުރަށް ބަލާ ކުރަންބޭނުންވި އެތައްކަމެއް ގުރުބާންކުރަން ޖެހުނެވެ. އުމުރުން 3 މަހުން ފެށިގެން މަހަކު ދެފަހަރު ތޫނުކަށިތަކުގެ ޝިކާރައަކަށްވެ އެތައް ވޭނެއް ތުއްތުއިރުންފެށިގެން ތަހައްމަލު ކުރަން ޖެހުނެވެ. މިހިސާބަށް ކުރި މިދަތުރުގައި ހަޔާތުގައި ދިމާވި ދަތިތަކުން ނިޝާ ދެއްކީ ރީތި ނަމޫނާއަކާއި ހިއްވަރެކެވެ.
އުމުރުން 12 އަހަރުގައި އުފަން ރަށް ދޫކޮށް މާލެ އަށް ނިޝާ ބަދަލުވީ ލޭއެޅޭނެ ފަސޭހަ މަގެއް ހޯދުމަށެވެ. ނ. އަތޮޅާއި މާލެއާއި ދޭތެރޭ ކުރަންޖެހުނު ދަތުރުތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވުމުގެ ސަބަބުންނެވެ. ގާތްރަހުމަތްތެރިންނާއި އާއިލާގެ މެމްބަރުން ދޫކޮށް މަންމައާއެކު، މާލެ ބަދަލުވުން ވެގެންދިޔައީ ނިޝާއަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ކަމަކަށެވެ. އުމުރުގެ މިހާހިސާބުން މާލޭގެ ސުކޫލަކަށްވަދެ ކުއްލިއަކަށް ތަފާތު މާހައުލެއްގައި އުޅެންޖެހުމުން ނިޝާ ބުނާގޮތުންނަމަ އޭނާއަށް އިތުރަށް އުނދަގޫވެގެން ދިޔައެވެ. ނަމަވެސް މިއުނދަގޫ ތަކުން އަރައިގަތުމަށް ނިޝާއަށް އެންމެބޮޑު އެހީތެރިކަމެއް ލިބުނީ އޭރު ކުލާހުގައި އުޅުނު ރަހުމަތްތެރިންގެ ފަރާތުންނެވެ. މިހިސާބުން އެންމެ ކުޑައިރުންފެށިގެންވެސް މުސްތަގުބަލަށް ފޮނި ހުވަފެންތަކެއް ދެކި ކިޔަވައި ނިންމައި ރަށުގައި ދިރިއުޅެވޭނެ ކަމުގެ އުއްމީދު އިތުރަށް އާވެގެންދިޔައެވެ.
" ލޭއަޅާ ކުއްޖަކަށް ވީތީ ނިއްކޮއަށް ސުކޫލުގަޔާއި އަދި ކުލާހުގައި އެއްވެސް އުނދަގުލެއްވެ، ނިއްކޮ ދެރަވާ އެއްޗެއް ދުވަހަކުވެސް އެއްވެސް ކުއްޖަކު ބުނެފައެއް ނުވޭ. ކުލާހުގެ ހުރިހާ ކުދިންގެ ފަރާތުންވެސް ވަރަށް ބޮޑު ހިއްވަރެއް ލިބި އެހީތެރިކަން ލިބެމުންދިޔަ. ލޭ އަޅަންދާ ދުވަސްތަކުގައި ސުކޫލަށް ނުދެވި ގެއްލިގެންދާ ފިލާވަޅުތަކެއްގެ ނޯޓު ހަމަކޮށްދީ ހުރިހާ ކަމެއް ކޮއްދެމުންދިޔައީ ނިއްކޮގެ ކުލާހުގެ ރައްޓެހިން" ނިޝާ ކިޔައިދިނެވެ.
ސުކޫލުގައި ހޭދަކުރި ދުވަސްކަތުގައި ލިބޭ ހުސްވަގުތުކަތުގައި މަލުން ތަފާތު ވައްތަރުގެ ބޭންޑާއި ޒީނައްތެރި ވުމަށް ބޭނުން ކުރެވޭނެ ތަފާތު އެއްޗެހި ހަދާ އާއިލާ ކުދިންނަށް ހަދިޔާކުރަމުން ދިޔައެވެ. ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައިވެސް ދިމާވި ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލަމުން އައީ ނިޝާ ގަބޫލުކުރާ ގޮތުގައި، ކިތަންމެ ބޮޑު ތަކުލީފަކާއި އެކުވެސް، އަޒުމަކާއި ހިއްވަރެއް އޮވެއްޖެނަމަ އެކަން ކާމިޔާބުވާނެ ކަމަށް އޭނާއަށް ގަބޫލުކުރެވޭތީއެވެ. އެހެންކަމުން ލިބިފައިވާ މިހުނަރުގެ ބޭނުންހިފައި ކަރުދާހުން ހަދަންފެށި މާ، ކުޑަކުދިންގެ ބޮލުގައި އަޅާ ބޭންޑުން ކައިވެނި ހަފްލާތަކުގައި ބޭނުންކުރާ ބޮކޭ، ނުވަތަ މާބޮނޑިއަށް ބަދަލުވިއެވެ.
ގޭގައި ހުސްވަގުތުތަކުގައި ކުރަމުންދިޔަ މިމަސައްކަތް އިންސްޓަރގުރާމުގައި ޕޯސްޓުކުރަން ފެށުނު ހިސާބަކީ ނިޝާއަށް މިކަމުން އިތުރަށް ކުރިއަށް ދިއުމަށް ކޮށުނު މަގެއް ކަމަށް ގަބޫލުކުރެއެވެ. އަދި ގްރޭޑް 6 ގައި ކިޔަވަމުން ދިޔައިރު ގާތްރަހުމަތްތެރިއެއްގެ އުފަން ދުވަހަށް އެޅި ކޭކަށްފަހު ކޭކުއަޅައި މީހަކަށް ވުމަށް ކުޑައިރު ހުރި ޝައުގު އިތުރުވެ މިކަމުގެ ތެރެއަށް ވަދެވުނެވެ. މިހިސާބުން ގާތްރައްޓެހިންނާއި އާއިލާގެ އެދުމުގެމަތިން ވިޔަފާރި އުސޫލުން މިމަސައްކަތުގެ ތެރެއަށް ވަދެ، ކިޔެވުމާއެކު މިމަސައްކަތުގައި ދެމިހުރިއެވެ. ނިޝާ ގަބޫލުކުރާ ގޮތުގައި ލޭއަޅާ ކުއްޖަކަށް ވުމަކީ އެކުއްޖަކު ކުރަން ބޭނުންވާ ކަމެއް ކުރުމަށް އެޅޭ ހުރަހެއް ނޫނެވެ. އަދި މިއީ ދިރިއުޅުމުގެ އެއްވެސް ކަމެއް ބަދަލުކޮށް 'ގިވްއަޕް' ކުރަންޖެހޭނެ ކަމެއް ނޫނެވެ. މިއީ އަބަދުވެސް ނިޝާ އަބަދުމެ ދައްކަމުންދާ ވާހަކައެކެވެ. އޭނާގެ ހިތުގެ އަޑިން ގަބޫލުކުރާ ގަބޫލުކުރުމެކެވެ.
" ދުވަހަކުވެސް ނާދޭ ދިރިއުޅުމުގައި ދެން ގިވްއަޕް ކުރާނީއޭ، ނިއްކޮއަށް ނުވާނޭ ހިތައްއެރި އެއްވެސް ވަގުތު ކޮޅެއް. މަންމައާއި އާއިލާގެ އެންމެންވެސް ބުނާނެ އެހެން އެންމެނަށްވެސް ނަމޫނާ ކުއްޖަކަށް ނިއްކޮ ވައްޗޭ. އަދި ނިއްކޮއަކީ ކޮންމެ ކަމެއްވެސް ހިއްވަރާއެކު ކާމިޔާބު ކުރާނެ ކުއްޖެއްކަން އެންމެނަށްވެސް ދައްކާ ނަމޫނާ ދައްކައްޗޭ. އެއީ ނިއްކޮފަދަ ލޭއަޅާ ކުދިންނަށް ދެވޭނެ ވަރަށް ބޮޑު ހިއްވަރެކޭ" ނިއްކޮ ކިޔައިދިނެވެ.
ތައުލީމީ ހަޔާތް ކާމިޔާބު ދުވަސްތަކެއްގެ ގޮތުގައި ސިފަކުރާ ނިޝާއަށް ސުކޫލު ދައުރުގައި ލިބުނު ރަހުމަތްތެރިންނާއި، އެލިބުނު ތަޖުރިބާއަކީ ނިޝާ ގަބޫލުކުރާގޮތުގައި ކެރިގެން ކޮންމެކަމަކަށްވެސް ކުރިމަތިލާން ލިބުނު ވަރަށްބޮޑު ހިއްވަރެކެވެ. އަދި 2019 ވަނަ އަހަރު ޖަވާޒީ ހަޔާތެއް ފެށުން ވެގެންދިޔައީ މިހިއްވަރަށް އިތުރުވި ބޮޅަކަށެވެ. ނިޝާގެ ކައިވެންޏަށްފަހު ފިރިމީހާއާއި ފިރިމީހާގެ އާއިލާގެ ފަރާތުން ނިޝާގެ ކުރިއެރުމަށް ދެމުންދިޔަ އެހީތެރިކަމާއި، އެއްބާރުލުން އުފަލާއިއެކު ފާހަގަ ކުރެއެވެ.
މިއަދު ނިޝާއަކީ އޭނާގެ އުފަންރަށުގައި ހުރެ އާމްދަނީ ހޯދުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާ ޒުވާނެކެވެ. އެގޮތުން އުފަންދުވަހާއި، ކައިވެނި ހަފްލާތައްފަދަ މުނާސަބަތުގައި ކޭކުއެޅުމާއި، މާބޮނޑިއާއި ކައިވެނީގެ ރަންހަދައި ދިނުމުގެ އިތުރުން، ޕާޓީ ޒީނަތްތެރިކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ފުރިހަމައަށް ހިއްސާވާ ފަރާތެކެވެ. އަދި މިމަސައްކަތް އިތުރަށް ފުޅާވެ އަތޮޅުގެ އެކި ރައްތަކުން ދަނީ ނިޝާގެ އިންސްޓަރގްރާމް ޕޭޖް (Mariyankoe) މެދުވެރިކޮށް ހިދުމަތް ހޯދަމުންނެވެ. ނިޝާ ކުރަމުން މިދާ މަސައްކަތް އަތޮޅު ފެންވަރުގައި ކުރިއަރުވައި ކައިރި އަތޮޅުތަކަށްވެސް ފުޅާ ކުރެވިގެން ދިއުމަކީ އޭނާ ދެކެމުންދާ ވަރަށްބޮޑު ހުވަފެނެކެވެ.
"ނިއްކޮ ބޭނުންވަނީ މިކަމުން މިލިބޭ އާމްދަނީ އިތުރުކޮށް ރަށާއި، އަތޮޅުގެ އިތުރުން ކައިރި އަތޮޅުތަކަށްވެސް މިހިދުމަތް ފުޅާކޮށް، އަދި އިތުރު ތަފާތު ކޯސްތަކެއް ހަދައި ކޭކުތަކުގެ ފެންވަރު މިއަށްވުރެން ރަނގަޅު ކުރަން. ނިއްކޮއަކީ ކޭކް ކޯހެއް ހަދައިގެން މިމަސައްކަތް ފެށި މީހެއް ނޫން. އަމިއްލައަށް ވީޑިއޯ ބަލައި، އެކި ޑިޒައިންތައް އެކްސްޕެރިމަންޓް ހަދައި ދަސްކުރީ" މިކަމަށް ހުރި ޝައުގު ކިޔައިދިނެވެ.
މިހުރިހާ ކަމެއް ނިޝާ މިހެން ފާހަގަކުރި ނަމަވެސް އޭނާގެ ހަޔާތުގައިވެސް އެތައް އުނދަގޫ ދުވަސްތަކަކާއި ކުރިމަތިލާން ޖެހުނެވެ. މަހުން މަހަށް އަޅަންޖެހޭ ލޭފޮދު ހޯދުމަށް މުޅި އާއިލާ ކުރާމަސައްކަތް ފެނި ލޭ ނުލިބި އުޅެން ޖެހުމަކީ ނިޝާއާއި އާއިލާއަށް ކުރިމަތިލާން ޖެހޭ އުނދަގޫ ހާލަތެކެވެ. އަދި ލޭ ދޭން ބުނެ ގުޅުމުން ފޯނު ނުނެގުމުން އެއީ ނިޝާއަށް ވަރަށް ހިއްދަތި ވަގުތުކޮޅެއް ކަމުގައި އޭނާ ފާހަގަކުރިއެވެ. މިއަދު އުފަން ރަށުގައި ލޭ އެޅޭނެގޮތް ގާއިމުވެ އެހިދުމަތް ދެމުން ގެންދިއުމަކީ ނިޝާ އެންމެ ކުރިންސުރެން ދެކެމުންއައި އެންމެބޮޑު ހުވަފެނެވެ. އަދި އެއީ އޭނާ އުފާކުރާ ކަމެކެވެ. ނިޝާގެ އެނެމެބޮޑު އުއްމީދަކީ ރާއްޖޭގައި ތިބި ތެލަސީމިއާ ކުދިންނަށް މާބޮޑު ތަކުލީފެއްނެތި ލޭ ލިބޭނެ މަގެއް ފަހިވެފައި އޮތުމެވެ.
ލޭ ހަދިޔާ ކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، އިންސާނިއްޔަތަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުން ހަދިޔާ ކުރެވޭ ލޭކޮޅަކުން ފުރާނައެއް ސަލާމަތް ކޮށްދެއްވާށެވެ.
ޖުމްލަ 6 ކިޔުންތެރިންގެ ހިޔާލު
Haadha hivvaru gadha kujjekey maashallah..
Very impressive article
Proud of you nikko😘♥️
Proud of you nikko ❤️
Masha Allah hivvaru gadha kujjeh asluves rovijje hivvara eku kuriyah vadaigannava insha Allah kamiyabu vane.
Masha Allah 😍😘
ކޮމެންޓްސް ބަންދުކުރެވިފައި