November 23, 2024 15:57
Advertisement

-Advertisement-

އިންސާފު ހޯދައިދޭށެވެ!

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން އުފައްދާފައިވާ ގުރޫޕުގައި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ލިޔެފައިވެއެވެ. "ކ. އަތޮޅު ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މިމައްސަލައިގަ ތުހުމަތު ކުރެވޭ މީހާ އަށް ބަޔަކު ހަމަލާދީ އަނިޔާކުރާތީ އެކަން ހުއްޓުވުމަށް ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާ ދިނުމުގެ ސަބަބުން ބައެއް ފުލުހުންނަށް އަނިޔާ ވެފައިވެއެވެ. މައްސަލައިގެ ތުހުމަތު ކުރެވޭ މީހާއަށްވެސް ހަމަލާ ދިނުމުގެ ސަބަބުން އެކިވަރުގެ އަނިޔާވެފައިވެއެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ އިތުރުން ފުލުހުންނަށާއި ތުހުމަތުކުރެވޭ މީހާއަށް ހަމަލާދީފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ".

އަދި މި ގުރޫޕުގައި ފުލުހުން މިއަދު އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ "ފުލުހުންނަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގަ ޖުލައި 14 ވަނަ ދުވަހު 22 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ. އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ދީފަ. އަނިޔާ ލިބެމުންދިޔަ މީހަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގަ ހަރަކާތްތެރިވި ފުލުހުންގެތެރެއިން ފުލުހަކު ފުލުހުންގެ ދައުރު އަދާކުރުމުގަ އިހުމާލުވެ އަހުލާގީ މިންގަނޑުން ބޭރުން އަމަލުތައް ބަހައްޓާފައިވާކަމަށް އަނިޔާ ލިބުނު މީހާ ތުހުމަތުކޮށްފައިވާތީ އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން". އެވެ.

ޝިހާމް ކިޔައިދިންގޮތް

Advertisement

ކ.ދިއްފުއްޓަށް ގޮސް އުޅެނިކޮށް، ޖިންސީ ގޯނާގެ ތުހުމަތުކޮށް އަނިޔާ ލިބުނު ގއ.ވިލިނގިލީ، މުހައްމަދު ޝިހާމް އަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގަ އެޑްމިޓްކޮށްގެންނެވެ. އާއިލާއިން މައުލޫމާތު ދޭގޮތުގައި ޝިހާމް އަށް ފަރުވާދެމުންދަނީ 'ހައި ޑިޕެންޑެންސީ ޔުނިޓް' ގަ އެވެ.

މި ހަމަލާއަށްފަހު އާންމުވެފައިވާ ޝިހާމްގެ ވީޑިއޯއެއްގައި އޭނާ ވަނީ ކަންހިނގި ގޮތް ވަރަށް އަސަރާއެކު ކިޔައިދީފައެވެ. "ފިހާރައެއްގެ ތެރޭގަ ހުއްޓާ ތަޅަންފެށީ. ބުނީ ތިހިރީ ކުޑަކުއްޖަކާ ބެހިފައޭ. ބުނިން ނުބެހެމޭ އެކަކާވެސް. ނޫނެކޭ ކަލެއޭ ކިޔާފަ މަގުމައްޗަށް ނެރެ ތަޅަންފެށީ. މީހުންތައް ވަށާލާފަ އޮތީ. ތަޅަމުން ތަޅަމުން ގޮސް ހޮސްޕިޓަލަށް ވައްދާފަ މިބުނަނީ އެއްބަސްވާށޭ. ދެން ބުނިން ނުކުރާކަމަކަށް އެއްބަސް ނުވާނަމޭ. ބުނީމަ ބުނީ މަރައޭލާނީ. އެއިރު ޑޮކްޓަރުންނާއި ސްޓާފުންވެސް ތިބި. ފަރުވާއަކަށް ނުވިސްނާ. ދެން އައީ ފުލުހުންގެ 3 މީހުން. އެމީހުން ކުޑައިރުކޮޅަކު ކޮންޓްރޯލް ކުރީ. ދެން އަނެއްކާވެސް އެމީހުންގެ މައްޗަށް ދިޔައީ. އެމީހުން 3 ފަހަރު ނެރެފަ ވައްދާފަ އެތާހުރި ޕޮލިސް ސަރޖެންޓެއް. އޭނަ ބުނީ ކަލޭ ހީނުކުރައްޗޭ ތިހެން ބޭނުންހާ ގޮތެއް ހެދޭނޭ. ތިމަންނަމެންގެ ސަރަހައްދޭ މިއީ. މިރަށުން ދާނީ ސްޓްރެޗަރ އެއްގައޭ ބުނީ. އެގޮތަށް ގެންދިޔައީވެސް. ހޭއަރުވާލާނަމޭ ބުނީ. މިއީ ހިމާޔަތްދޭން އައި މީހުންގެ ވާހަކަ ހުރިގޮތް. އެއްކޮށް އަހަރެން ހޭނެތުނީ ތަޅަމުން ތަޅަމުންގޮސް. ދެން ނޭގޭ ކިހާއިރެއްކަމެއް ވީކީއެއް. ހޭއެރީ އަންހެނުން އައިސް ގޮވާ އަޑަށް. އެއިރު ކޮންމެވެސް މީހަކު ބުނާއަޑު އިވޭ މަރުވެދާނޭ ހުއްޓާލާށޭ. ބުނީމަ ހުއްޓާލީ. ތަޅަން ފެށިތާ 3 ގަޑިއިރުވަރު ފަހުން ފަރުވާއެއް ލިބެންފެށީ".

ޝިހާމް އަށް ފަރުވާދިނުމަށް އެޑްމިޓްކޮށްފައި

އިންސާފު ހޯދުމަށް އެދި ސިލްސިލާ މުޒާހަރާ

ބަރަހަނާ ކުރުމަށްފަހު ބޮޑެތި އަނިޔާތަކެއް ދީފައިވާ ޝިހާމް އަށް ދިއްފުށީގެ ރައްޔިތުންގެ ތެރެއިން ބަޔަކު ކުރި އަނިޔާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ވިލިނގިލީ ރައްޔިތުން ނިކުމެ ވިލިނގިލީގައި މިއަދު ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށައިފައެވެ.

"ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން. ވިލިނގިލީގައި މުޒާހަރާކޮށްގެން އިންސާފު ނުލިބިއްޖެނަމަ ދެން މާލޭގައި މުޒާހަރާ ކުރާނީ. އެއަށްފަހު ދާނީ ދިއްފުއްޓަށް. އިންސާފު ނުލިބެނީސް މުޒާހަރާތައް ހުއްޓާނުލާނަން" ޒީޓައިމްސް އަށް މައުލޫމާތު ދިން ޝިހާމްގެ އާއިލާ މީހަކު ބުނެފައިވެއެވެ.

ދިއްފުށީގައި މީހަކަށް ބޮޑެތި އަނިޔާކުރި މައްސަލައިގަ އެމީހާއަށް އަނިޔާކުރި މީހުން ހައްޔަރުކޮށްފައިވޭތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ފުލުހުންގެ މީޑިއާއިން ޖަވާބުދީފައެއް ނުވެއެވެ. 'ޒީޓައިމްސް' އިން ވެސް ވާނީ މިސުވާލު ތަކުރާރުކޮށް ކޮށްފައެވެ.

ވިލިނގިލީގައި ކުރިއަށްގެންދިޔަ މުޒާހަރާ/ ފޮޓޯ: އެފްބީ ޕޭޖް، ޖަސްޓިސް ފޮރ ޝިހާމް

ހަމަލާ ދަނީ ކުށްވެރިކުރަމުން

ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ މިހަމާލާ ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ. މީހަކު ކުށެއް ކޮށްފިނަމަ އެކުށަކަށް އަދަބު ލިބެންޖެހޭނީ ގާނޫނުގަ އޮންނަ ގޮތަށެވެ. އަދި ޝިހާމް އަކީ ކުށްވެރިއެއްކަން ސާބިތު ނުވަނީސް އެވަރުގެ އަނިޔާއެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. މިމައްސަލައިގަ ފުލުހުން އަމަލުކުރި ގޮތްވެސް ބައެއް މީހުން ދަނީ ކުށްވެރިކުރަމުންނެވެ.

މިފަދަ ޖަރީމާއެއް ހިންގި އެންމެނަށް ހައްގު އަދަބު ނުދެވިއްޖެނަމަ، މިމައްސަލަ އިތުރަށް ހޫނުވެ ދެރަށުގެ ރައްޔިތުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ. 

އިންސާފު ހޯދައިދީ!

ޚިޔާލުފާޅުކުރާ ބައެއް މީހުން ދެކޭގޮތުގައި ރައްޔިތުން އަމިއްލައަށް އިންސާފު ހޯދުމަށް އެމީހަކަށް ކުރެވޭކަމެއްކޮށް މީހުންނަށް އަނިޔާކުރާ ހިސާބަށް ދަނީ އިންސާފު ހޯދައިދޭން ތިބި މީހުންނަށް ޒިންމާ އަދާ ނުކުރެވޭތީއެވެ. ގާނޫނު ތަންފީޒު ނުކުރެވޭތީއެވެ. ޝިހާމް އަށް އަނިޔާކުރި މީހުންނާމެދު އެޅި ފިޔަވަޅެއް ވީހާ އަވަހަކަށް ފުލުހުން ހާމަކުރަން އެބަޖެހެއެވެ. އަދި ޖިންސީ ގޯނާފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ބަލައި ހައްގު އަދަބު ދޭންޖެހެއެވެ.

މިއީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާއިރު މި ގައުމުގައި ތަފާތު ކުށްތަކަށް އަރައިގަންނަ މިންވަރު ދުވަހެއް ދުވަހަކަށް މިދަނީ ކަންބޮޑުވާ މިންވަރަށް އިތުރުވަމުންނެވެ. ކަމާ ގުޅުންހުރި މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަށް ވިސްނާ ކުށްމަދުކުރުމަށް އެދޭނަމަ އިންސާފު ހޯދައިދޭށެވެ. އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ނުލިބޭނަމަ އެއީ ކުށްވެރިންނަށް ލިބޭ އިތުރު ހިތްވަރެކެވެ. 

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް