November 23, 2024 10:50
Advertisement

-Advertisement-

މަންކީޕޮކްސް ޖެހުމުން ފެންނާނެގޮތް/ ފޮޓޯ: އެންއެޗްއެސް

މަންކީޕޮކްސް އަށް ސަމާލުވޭ! އެންމެގިނައިން ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގަ!

މަންކީޕޮކްސް (މަކުނު ވިދުރި) ދުނިޔޭގައި އަންނަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ފެތުރެމުންނެވެ. މިއީ އާންމު ސިއްޙަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ވަނީ ކަނޑައަޅައިފައެވެ. އެޖަމްއިއްޔާއިން މިގޮތަށް ކަނޑައަޅައިފައިވަނީ އިންޓަރނޭޝަނަލް ހެލްތް ރެގިއުލޭޝަންގެ ދަށުންނެވެ.

ދުނިޔޭގެ ނިސްބަތުން ބަލީގެ ނުރައްކާތެރިކަން މިވަގުތު މެދުމިނުގެ ރިސްކްގައި އޮތްއިރު، ބަލީގެ ނުރައްކާތެރިކަން ބޮޑަށް އޮތީ ޔޫރަޕްގެ ގައުމުތަކަށް ކަމަށް ވަނީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ހާމަކުރައްވާފައެވެ. ކުރިން މި ބަލި ފެނުނުގޮތާއި ޚިލާފަށް، އަލަށް މި ބަލި ފެންނަ ގައުމުތަކުގައި ބަލި ފެތުރެމުންދާގޮތް ތަފާތުވުން މިއީވެސް މިބަލިން ރައްކާތެރިވުމަށް އިތުރަށް ވިސްނަންވީ ކަމެކެވެ.

ދިވެހިރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ނޫސްބަޔާނުގައި ވެސް ފާހަގަކޮށްފައިވާ ގޮތުން މަންކީޕޮކްސް އާންމުގޮތެއްގައި ގިނައިން ފެތުރިފައި ވަނީ ފިރިހެނުންގެ މެދުގައެވެ. އަދި ޚާއްސަކޮށް އެއްޖިންސުން ޖިންސީގުޅުން ހިންގާ މީހުންގެ މެދުގައެވެ. މިދުވަސްވަރަކީ ރާއްޖޭގައިވެސް އެއްޖިންސުން ޖިންސީގުޅުން ހިންގި ބައެއްގެ ވީޑިއޯ އާންމުވެފައިވާ ދުވަސްވަރަކަށްވާއިރު، މިފަދަ ބައްޔެއް ފެތުރިދާނެ ކަމުގެ ބިރު އެބައޮތެވެ.

Advertisement

އަންހެނުންނާއި ކުޑަކުދިންނަށް ވެސް މަންކީޕޮކްސް މަދުންނަމަވެސް ޖެހޭއިރު މި ބަލި ހަލުވިކަމާއެކު ފެތުރެމުންދިޔުމަކީ ވަރަށްބޮޑަށް ކަންބޮޑުވުން އޮތްކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ފާހަގަކޮށްފައިވެއެވެ. މަންކީޕޮކްސް އަށް ޓެސްޓް ކުރެވޭނެގޮތާއި، ބަލިން ރައްކާތެރިވުމަށް ދޭނެ ވެކްސިން އަދި ބަލި ޖެހިއްޖެނަމަ ދޭނެ ބޭސް ފަދަ ވަސީލަތްތައް ދުނިޔޭގައި މިވަގުތު ވަރަށް މަދުކަމަށް އެޗްޕީއޭގެ ބަޔާނުގަ ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖެ އަށް މި ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭ އިން ވެސް ވަނީ ބުނެފައެވެ. ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު އެޗްޕީއޭއިން ދަނީ ބަލި ފެތުރޭގޮތް މޮނިޓަރކޮށް މި ބައްޔާ ގުޅިގެން ވާންޖެހޭ ތައްޔާރީތައް ވަމުންކަމަށް އެޗްޕީއޭގެ ބަޔާނުގަ ވަނީ ބުނެފައެވެ.

މަންކީޕޮކްސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ގޮތް:

  • ނޭވާލާ ނިޒާމުގެ ތެރެއިން: ގިނަވަގުތު ގާތުން ކޮންޓެކްޓް ވުމުން
  • ބަލިޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން
  • ބަލި މީހާގެ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުން
  • މާބަނޑު ދުވަސްވަރު ބަލި ޖެހިއްޖެ ނަމަ ބަނޑުގައިވާ ދަރިފުޅަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

މަންކީ ޕޮކްސްގެ އަލާމާތްތައް:

  • ހުންއައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން
  • ހަމުގައި ބިހި ނެގުން. ގިނައިން ފެންނަނީ ކުރިމަތިފަރާތާއި ފުރަގަސްފަރާތް އަދި އަނގައިގެ ވަށައިގެން ބިހި ނެގުން
  • ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށްނެވެ. އެއަށްފަހު ފެން ފޮޅަށްވެ، ފޮޅު ފަޅައިގެންގޮސް ކުރަލައެވެ.
  • ހުން އައުންފަދަ އަލާމާތްތަކުން ފެށިގެންގޮސް ބިހި ނަގާ، ކުރަލާ، އަދި ކުރައިގެ ދަށުން އާ ހަން އުފެދި ކުރަ ވެއްޓެންދެން ބަލި ޖެހިފައިވާ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

މަންކީޕޮކްސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްޙީ ޚިދުމަތްތެރިއަކަށް ދެއްކުމަށާއި، ބަލި ކަށަވަރު ކުރެވެންދެން އެހެންމީހުންނާއި ގައިގޯޅިވުމުން ދުރުވެ އެކަހެރިވުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. މުޖުތަމައުގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމުގައިވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެންމެން އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ގިނަގިނައިން އަތްދޮވުމާއި މީހުންގެ ތެރޭގައި އުޅޭއިރު، ވަކިން ޚާއްސަކޮށް ބަންދުތަންތަނުގައި މާސްކު އަޅައިގެން އުޅުމާއި ގިނަ މީހުން އެއްވާތަންތަނަށް ނުދިއުން ފަދަ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިޖުލައި މަހުގެ ވިހިވަނަ ދުވަހާއި ހަމައަށް 72 ގައުމެއްގައި މަންކީޕޮކްސް ފެތުރި 14000 އަށް ވުރެ ގިނަ ކޭސް ފެނި މި ބަލީގައި 5 މީހަކު ވަނީ މަރުވެފަ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް