ދިރިއުޅުމަކީ އަބަދު އެއްގޮތަކަށް އޮންނާނެ އެއްޗެއް ނޫނެވެ. މިއަދު ތަނަވަސްކޮށް ދިރިއުޅޭ މީހާ މާދަމާ އުޅެންޖެހިދާނެ ހާލެއް ނޭނގޭނެއެވެ. ބުއްދިވެރިންގެ ގޮތަކީ ފައިސާ ލިބޭއިރު ފަހަށް ރައްކާކުރުމެވެ.
ފަހަކަށް އައިސް މުޖުތަމައުން ފެނިގެންދަނީ ތަފާތު މަންޒަރެކެވެ. ތިމާއަށް އެވަރަށް ނުލިބުނަސް ލޯނު ނަގައިގެން ނަމަވެސް އެންމެފަހުގެ ފޯނާއި ގަޑި އަދި އަތްދަބަސް ފަދަ ތަކެތި ގަންނަންޖެހެއެވެ. ޗުއްޓީއަށް ދާން ބޭނުންވަނީ އެންމެ އަގުބޮޑު ރިސޯޓުތަކަށެވެ. ނޫނީ ގައުމުތަކަށެވެ. ފަހަށް ވިސްނުމެއް ނޯވެއެވެ.
އަދާކުރާ ވަޒީފާ ގެއްލޭނީ ބުނެފައެއް ނޫނެވެ. ނޫނީ ބޮޑު ބައްޔަކަށް ބޭސްކުރަންޖެހި ވަޒީފާ އަދާނުކުރެވި އުޅެންޖެހުމަކީ ވެސް ބައެއް މީހުންނަށް ދިމާވެފަ ހުރި ކަމެކެވެ. މިފަދަ ހާލަތްތަކުގައި ލިބޭ އާމްދަނީ މަދުވެ ހާލުގައި ދިރިއުޅުން ވޭތުކުރަންޖެހި އެހެން މީހުންގެ އެހީތެރިކަމަށް އެދެންޖެހޭ ފަހަރުވެސް އާދެއެވެ.
ދިރިއުޅުން އުފަލުގައި ހޭދަކުރުމަށް ފަހަށް ރައްކާކުރާށެވެ. ލިބޭމިންވަރަކުން ހޭދަކުރާށެވެ. ބުރަކޮށް މަސައްކަތްކޮށްގެން ގިނަ ރުފިޔާ ލިބޭނަމަ ބޭނުންވާތަކެތި ގަނެވިދާނެއެވެ. އަދި އަރާމުގަ ޗުއްޓީވެސް ހޭދަކުރެވިދާނެއެވެ. އެހެންނަމަވެސް ފަހަށް ވިސްނާށެވެ.
ފަހަށް ރައްކާކުރުމަކީ ހަމައެކަނި ފައިސާ ރައްކާކުރުމެއް ނޫނެވެ. ލިބޭ މިންވަރަކުން އާމްދަނީ ލިބޭނެ ތަފާތު ދާއިރާތަކުން އިންވެސްޓްވެސް ކުރެވިދާނެއެވެ. އެއިރުން ދިގުމުއްދަތަކަށް ފައިސާ ލިބިލިބި ހުރުމަކީ އެކަށީގެންވާކަމެކެވެ. އަދި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީވުމުގައިވެސް ފައިސާ ހޭދަކުރެވިދާނެއެވެ. އެހެން މީހުންނަށް އެހީތެރިވުމަކީވެސް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.
އަބަދުވެސް ފަހުން ބޭނުންވެދާނެކަމަށް ލިބޭ އާމްދަނީއިން ކޮންމެވެސް މިންވަރެއް ރައްކާކުރުމަށް އިސްކަންދޭށެވެ. ދިރިއުޅުމުގެ ކޮންމެ ހާލަތަކަށްވެސް ތައްޔާރަށް ހުރެވުނު ކަމުގެ އިހުސާސް އެއިރުން ކުރެވޭނެއެވެ. އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރުވެސް ބޮޑުވާނެއެވެ.