ހުޅުމާލެ ދެވަނަފިޔަވަހީގައި ސްޓްލެކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން 2 ޓަވަރުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރު އެވެ. އެމަސައްކަތް އެކީގަ ނިންމާ މުވައްޒަފުންނާއި ތަޅުދަނޑި ހަވާލުކުރީ މި އޯގަސްޓް މަހުގެ 6 ވަނަ ދުވަހުގައެވެ.

15 ފަންގިފިލާ ހިމެނޭ 2 ޓަވަރުގައި ޖުމްލަ 360 އެޕާޓްމެންޓް ހަދާފަވާއިރު، މީގެތެރޭގައި ހިމެނެނީ 1 ކޮޓަރީގެ 72 އެޕާޓްމެންޓާއި 1+2 (ދެކޮޓަރިއާއި މެއިޑްރޫމް) ހިމެނޭ 288 އެޕާޓްމެންޓެވެ.
1 ކޮޓަރީގެ އެޕާޓްމެންޓަކަށް މަހަކު 5622 ރުފިޔާ ނެގުމަށް ހަމަޖެހިފަވާއިރު، 1+2 އެޕާޓްމެންޓަށް މަހަކު ނެގުމަށް ހަމަޖެހިފައިވަނީ 10353ރ އާއި 10652ރ އާއި ދެމެދުގެ އަގެކެވެ. މެއިންޓެނެންސް ފީއަށް 1300ރ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ ޖެނުއަރީ މަހުން ފެށިގެން ފްލެޓުތަކުގެ ކުލި ސްޓެލްކޯއަށް ދައްކާ ގޮތަށް ހަމަޖެހިފަވާއިރު މިއީ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ލުއެކެވެ. ފްލެޓްގެ ރުފިޔާ 18 އަހަރަށް ބަހާލައިގެން ދެއްކޭއިރު، ފުލެޓު ލިބުނު މުވައްޒަފުން ވަނީ އެމީހުންގެ ޝުޢޫރު 'ޒީޓައިމްސް' އާއި ހިއްސާކޮށްފައެވެ.

" 2018 ވަނަ އަހަރުން ފެށިގެން 350،000 ރުފިޔާ ޑައުންޕޭމަންޓަށް ދެއްކީ ކޮންމެ މަހަކު މުސާރައިން ވަކިވަރެއް ކެނޑޭގޮތަށް. ވަރަށް ގިނަ މީހުންނަށް ހީވި މިތަން ނުނިމިދާނޭ. އާއިލާވެސް އެހާ ސަޕޯޓިވްއެއް ނޫން ފުރަތަމަ. އެންމެންވެސް ބުނީ ވެރިކަން ބަދަލުވީމަ މަސައްކަތް ހުއްޓޭނޭ. އެކަމަކު ވިސްނީ ރިސްކެއް ނަގައިގެންނޭ ބޮޑެތިކަންތައް ވާނީ. ސަރުކާރު ބޮޑު ކުންފުންޏަކަށް ލާރިތަކެއް ދީގެން އަމިއްލަ ބައެއް ކުންފުނިގޮތަށް ފިލައިގެން ނުދާނެކަން އެނގޭ. ހުއްޓުނަސް އަނބުރާ ރުފިޔާ ލިބޭނެކަން އެނގޭ. ސްޓެލްކޯ ވަޒީފާއަށް ވަންފަހުން މިހާތަނަށް މުސާރަ ހުރިގޮތަށް އަތަށް ނުލިބޭ. ހިތްހަމަޖެހުނު ކުރެވުނު މަސައްކަތް. އަދި ކަމެއް ކާމިޔާބުވިކަމަށް ގަބޫލުވި" ފާތިމަތު އައްބާސް (ފާތުން) ކިޔައިދިނެވެ.

ފާތުން ކިޔައިދިންގޮތުގައި ސްޓެލްކޯގެ ޓަވަރާއި މެދު ވަރަށް ހިތްހަމަޖެހެއެވެ. އިހުސާސް ވަނީ އަމިއްލަގެއަކަށް ވަދެވުނުހެން ކަމަށާއި ފުލެޓަކަށް ވަދެވޭކަމުގެ އިހުސާސް ނުވާކަމަށް ވަނީ ބުނެފައެވެ. އެންމެ ބޮޑު ސަބަބަކީ ޖާގައިގެ ތަނަވަސް ކަމެވެ. އެޕާޓްމެންޓްތަކަށް ވަންނައިރުވެސް ޖާގަ ތަނަވަސްވުމުގެ އިތުރަށް ކޮންމެ އެޕާޓްމެންޓެއްގަ 2 ބެލްކަނި ހުރުމަކީވެސް މުވައްޒަފުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
ފުލެޓު ލިބުނު އިތުރު މުވައްޒަފުންނާއި ވާހަކަ ދައްކާލިއިރު ކޮންމެ މީހެއްގެ މޫނުންވެސް ފެނުނީ އުފާވެރިކަމުގެ ކުލަވަރެވެ. ޅަދަރީން ގޮވައިގެން ވިއްސާރައިގަ ފުލެޓަށް ޒިޔާރަތްކުރަމުންދިޔަ މުވައްޒަފުން ތިބީ އުފަލުން ފޮޅިފައެވެ.

ސްޓެލްކޯގެ 2 ޓަވަރުގައި ސްވިމިންގ ޕޫލަކާއި، ޖިމެއްގެ އިތުރުން ކުޑަކުދިން ކުޅޭނެތަނަކާއި ޕާކެއް ހެދުމަކީވެސް އެކުންފުނީގެ އިސްވެރިން ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށް މުވައްޒަފުން ވަނީ މައުލޫމާތުދީފައެވެ. މުވައްޒަފުންވެސް ތިބީ މިހުވަފެން ހަގީގަތަކަށްވާނެ ދުވަހެއްގެ އިންތިޒާރެއްގައެވެ. އެޕާޓްމެންޓްތަކުގެ ތަޅުދަނޑި މުވައްޒަފުންނާއި ހަވާލުކުރި ދުވަހު ބައެއް މުވައްޒަފުން ވަނީ މިތަނަށް ދިރިއުޅުން ބަދަލުކޮށްފައެވެ. 'ބްލޫ ރިޖް' ނަމުން ނަންދިނުމަށް ހަމަޖެހިފައިވާ މި ދެޓަވަރުގެ 54 އެޕާޓްމެންޓް އެކިސަބަބުތަކާހުރެ މުވައްޒަފުންނަށް ވަނީ އަދި ހަވާލުނުކުރެވިއެވެ.

ކުރިމަތިލި އެންމެންނަށް ފުރަތަމަބުރުގައި ފުލެޓު ދިންއިރު، އިއުލާންކުރި ދެވަނަބުރުގައި ވަނީ ވަޒީފާގެ މުއްދަތަށް ބަލާފައެވެ. އަދި 3 ވަނަ ފަހަރު އިއުލާންކުރީ އެކި ސަބަބުތަކާހުރެ ނުވިކިހުރި ފުލެޓުތައް ވިއްކުމަށެވެ.
" ފުރަތަމަ ގިނަ މުވައްޒަފުންގެ ވިސްނުން ހުރީ އިމާރާތް ނުނިމި މަސައްކަތް ހުއްޓޭނެކަމަށް. އެއިރު ބިންގާ އެޅުނުކަން. އެއިރު ނަގަން ބޭނުން މީހަކު ނަގަންވީ. 2020 ގަ މަސައްކަތުގެ ބައެއް ނިމި ބިލްޑިންގ ފެންނަން ފެށީމަ ބައެއް މީހުން ބުނަންފެށި ކުންފުންޏަށް އަލަށް ވަން މީހުންނަށްވެސް ފުލެޓު ދިނީއޭ. އެކަމަކު އަސްލު ދިނީއެއް ނޫން. ނުނެގީމަ ނަގަންތިބި އެންމެންނަށް ފުރުސަތު ހުޅުވާލީ". ސްޓެލްކޯގެ މުވައްޒަފަކު މައުލޫމާތު ދިނެވެ.

ސްޓެލްކޯގެ ފްލެޓް ނިންމާ ތަޅުދަނޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގަ ވާހަކަދައްކަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފު ވަނީ، މިޕްރޮޖެކްޓް ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށްޓަކައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުންގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި 2 ބޭފުޅުން ކަމަށްވާ އަހުމަދު ޒުހޫރު އާއި ހަސަން މުޢުނީ ކުރެއްވި ޚިދުމަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

" ސްޓެލްކޯ އިން މި 2 ޓަވަރަށް އިންވެސްޓް ކުރީ 692 މިލިއަން ރުފިޔާ. މުވައްޒަފުން އަތުން ފުލެޓުގެ އަގުގެ ގޮތުގަ ނަގަނީ 623 މިލިއަން ރުފިޔާ. ބާކީބައި ކުންފުނިން ތަހައްމަލުކުރާ ގޮތަށް ނިންމާފަވަނީ. މި 623 މިލިއަނުގެ ތެރެއިން 20 އިންސައްތައިގެ ގޮތުގަ ނެގިފައިވަނީ 114 މިލިއަން ރުފިޔާ. ބާކީ އިނީ 509 މިލިއަން ރުފިޔާ. ސްޓެލްކޯގެ މުވައްޒަފުން މިއަދަދު ދައްކާނީ ބެންކަކަށް ނޫން. ސްޓެލްކޯ އަށް ދައްކާނީ. ސްޓެލްކޯ އިން އެއަދަދު ބެންކެއްގަ ބެހެއްޓުމުގެ ބަދަލުގަ 18 އަހަރުގެ މުއްދަތަށް ފްލެޓް ލިބުނު ސްޓާފުން ދައްކާގޮތަށް އަޅުގަނޑުމެން ކަނޑައެޅީ. ބެންކަށް ގޮސްގެން ނުވަތަ ހައުސިން ސްކީމެއްގެ ދަށުން މި ލޯނު ދައްކަންޖެހުނުނަމަ އެޕާޓްމެންޓް ލިބުނު ސްޓާފުންގެ ތެރެއިން 203 ސްޓާފަކަށް ލޯނު ނުލިބުނީސް ކްރައިޓީރިއާ ހަމަނުވާތީ. މިއީ ސްޓެލްކޯ އިން ސްޓާފުންނަށް ކޮށްދިން ކަމެއް" ޝަރީފް ވިދާޅުވިއެވެ.

މުވައްޒަފުންނާއި ފުލެޓް ހަވާލުކުރި ސަރުކާރުގެ ފުރަތަމަ ކުންފުންޏަކަށް ސްޓެލްކޯ ވެގެންދިޔައިރު އެމްޕީއެލް، އެއަރޕޯޓްސް ކޮމްޕެނީ ފަދަ ކުންފުނިތަކުގެ މުވައްޒަފުން ތިބީ އެމުވައްޒަފުންނަށް ފުލެޓުތަކުގެ ތަޅުދަނޑި ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު
Shukuriyya raees yaamin
ސްޓެލްކޯ ވަރެއް ނެތީއޭ ހަމަ- ސާބަހޭ އީސީ ޝަރީފޫޫފޫފޫ ހިންގާލައޭ އެބަ ދޯ
ކޮމެންޓްސް ބަންދުކުރެވިފައި