ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތާރީޚުގައި އެންމެ ކާމިޔާބު 9 މަސްދުވަހަކީ މިއަހަރުގެ ފުރަތަމަ 9 މަސްދުވަސް ކަމަށް ވަނީ ހާމަކޮށްފައެވެ. ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގެ މައުލޫމާތު އާންމުކުރަމުން ބީއެމްއެލްއިން ބުނެފައިވަނީ 30 ސެޕްޓެންބަރު 2026 އަށް ނިމުނު ނުވަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވާކަމަށެވެ.
" މިއީ ބޭންކުގެ ތާރީހުގައި ވެސް ނުވަމަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ފަހަރު. އަދި މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަމަސްދުވަހު ލިބުނު 1.53 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު %26 އިތުރު އަދަދެއް. 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިއަން ރުފިޔާ. މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިއަން ރުފިޔާއާ އަޅައިބަލާއިރު %36 އިތުރު އަދަދެއް".
ބޭންކުގެ ރައުސްމާލު ވަނީ ވަރުގަދަ ކުރެވިފައިކަމަށާއި މިގޮތުން މިދިޔަ މަހުގެ ނިޔަލަށް ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ %38 ގައި ކަމަށް ވަނީ ހާމަކޮށްފައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ %12 އަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.
" ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް 42.36 ބިލިއަން ރުފިޔާއަށް އަރާފައިވޭ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރި 37.19 ބިލިއަން ރުފިޔާއަށް ވުރެ %14 އިތުރު އަދަދެއް. އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ މުއްދަތުގައި އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު ވަނީ 12.1 ބިލިއަން ރުފިޔާއަށް އަރާފަ. މިއީ މުޅި 2025 ވަނަ އަހަރު ދޫކުރި ޖުމްލަ ލޯނަށްވުރެ ވެސް އިތުރު އަދަދެއް". ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާއެކުވެސް، މިފަދަ ގޮންޖެހުންތައް ބޮޑު މާޙައުލެއްގައި މި ނަތީޖާ ޙާޞިލުކުރެވިފައިވުމަކީ ކުރިއަށްއޮތް ތަނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއްކަމަށް ވަނީ ބީއެމްއެލްއިން ފާހަގަކޮށްފައެވެ.
ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާއި ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ
2026ވަނަ އަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެކަމަށެވެ. ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ކުރިއަރަމުންކަމަށް ވިދާޅުވިއެވެ.









