November 23, 2024 12:00
Advertisement

-Advertisement-

ދަނޑުހައްދާ މީހެއް/ ފޮޓޯ: ސަބްރަންގް

ހާދިސާ: މޫސަގެ ހަވާދު އިންދުން

ރާއްޖޭގެ ފަޅުރަށްރަށުގައި ހަވާދުގެ ބާވަތްތައް އިންދައި ހެއްދުމަށް ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ރަށްވެހިންނަށް އެންގުމާއިގުޅިގެން 'ފަހިފެހިފަތު'ގައި ހަވާދުގެ ބާވަތްތައް އިންދައި ހެއްދުމަށް އެރަށުގެ އެއްވަނަ ވެރިޔާ 2 ވަނަ ރަށްވެރިޔާ އަށް އެންގިއެވެ. 2 ވަނަ ރަށްވެރިއަކީ ރަށް ބަލަހައްޓާ ވިޔަވެތި މޫސައެވެ. މޫސަ ހުންނަނީ އޭނާގެ ރަށުގައެވެ. 1 ވަނަ ރަށްވެރިޔާ ދިރިއުޅެނީ މާލޭގައެވެ.

ހަވާދު އިންދައި ހެއްދުމަށް 1 ވަނަ ރަށްވެރިޔާ ވަނީ ބައެއް ބާވަތުގެ މުޑުވައްވެސް ފޮނުވާފައެވެ. އަދި ދަނޑުވެރިކަމާބެހޭ ވުޒާރާއިން މިކަން ބަލައި އެކަން ނުކުރާ ރަށްރަށް ވަކިކުރާނެކަމަށް އެވުޒާރާއިން އަންގާފައިވާކަމަށް 1 ވަނަ ރަށްވެރިޔާ ވިޔަވެތި މޫސާއަށް އެންގިއެވެ.

ދެން ލަހެއްނުވެ މޫސަ އަވަސްވެގަތީ 'ފަހިފެހިފަތު'ގައި ހަވާދު އިންދުމުގައެވެ. އެކަމަށްޓަކައި މޫސަ އެރަށަށްގޮސް އެކަމަށް ބޭނުންވާ ބިން ސާފުކޮށް ފަސްގަނޑުޖަހައި ބިންތައްޔާރުކުރުމަށްފަހު ހަވާދުގެ ގިނަ ބާވަތްތައް މުޑުވައްކޮށްފިއެވެ. ދޭތެރެ ދޭތެރެއިން މޫސަ އެރަށަށްގޮސް ގަސްފަޅާތޯ ބަލައެވެ. އަދި ދަނޑަށް ފެންދޭނެ ނިޒާމެއްވެސް ހަމަޖެއްސިއެވެ.

Advertisement

ދިހަވަރަކަށް ދުވަހުގެ ތެރޭގައި ހަވާދުގެ ގިނަބާވަތްތައް ފަޅައިފިއެވެ. މަހެއްހައި ދުވަސްފަހުން އެކި ބާވަތުގެ ގަސްތައް ރުވައިފިއެވެ. މިޚަބަރު 1 ވަނަ ވެރިޔާއަށް 2 ވަނަ ރަށްވެރިޔާ މޫސަ ގެންދަނީ އަންގަމުންނެވެ.

އޭގެ 3 މަސްފަހުން ހަވާދުދަނޑު ބަލާލުމަށް 1 ވަނަ ރަށްވެރިޔާ އެރަށަށް ދިއުމުން މޫސަ އެނާގެ މަސައްކަތް 1 ވަނަ ރަށްވެރިޔާއަށް ދައްކަމުން ބުންޏެވެ. ގިނަބާވަތްތައް ފަޅައި ރުވިއިރު އަދިވެސް ބައެއް ބާވަތް ނުފަޅައެވެ. އިންދާފައިވަނީ ކޮންބާވަތްތަކެއްތޯ 1 ވަނަ ރަށްވެރިޔާ މޫސައާއި ސުވާލުކުރުމުން ބުންޏެވެ. ފިޔާ، މިރުސް، ލޮނުމެދު، ރީނދޫ، ދަވިއްގަނދު، ކޮތަނބިރި، ދިރި، އަސޭމިރުސް، ރިހަމިރުސް، ލޮނު މިފަދަ ހުރިހާބާވަތެއް އިންދީމެވެ. މިހާތަނަށް އަސޭމިރުހާ ލޮނެއް ނުފަޅައެވެ.

1 ވަނަ ރަށްވެރިޔާ ބުންޏެވެ. ބަލަ މޫސާއެވެ. މިކަހަލަ ފަސްގަނޑު ދެރަބިމެއްގައި އަސޭމިރުސް ނުހެއްދޭނެކަމެއް މޫސައަކަށް ނޭނގޭހެއްޔެވެ. ދެން ތިޔަބުނީ ލޮނުވެސް އިންދިވާހަކައެވެ. ލޮނަކީ ގަހަކު އަޅާ އެއްޗެއް ހެއްޔެވެ؟ އެއީ މޫދުލޮނުނަގައި ހިއްކާފައި ހުންނަ އެއްޗެކެވެ. އެކަމަކު ތިޔަބުނީ ލޮނުވެސް އިންދިވާހަކައެވެ. ދުވަހަކުވެސް ލޮނު ފަޅާނެހެއްޔެވެ؟ ހެމުންހެމުން 1 ވަނަ ރަށްވެރިޔާ ބުންޏެވެ. ދެން ފެންވެސް އިންދިވާހަކަ ބުނަންވީނޫންހޭ؟ މޫސަ ބުންޏެވެ. ހަވާދުގެ ބާވަތްތައް އިންދަން އެންގީ ލޮނަކީވެސް ހަވާދުގެ ބާވަތަކަށްވާތީއެވެ.

1 ވަނަ ރަށްވެރިޔާ ބުންޏެވެ. މޮޔައިންވެސް ތިޔަކަހަލަ ކަމެއް ނުކުރާނެއެވެ. ތިޔަކަން އެނގިއްޖެނަމަ އެކަން އެނގޭ ބަޔަކު އަހަރުމެންނަށް ހާދަ މަލާމާތެއް ކުރާނެއެވެ. މޫސަމެން މޮޔަކަމުގެ ވާހަކަ ހެވީ ނުދެއްކިޔާއެވެ. އެކަމަކު ފަޅާފައިހުރި ހަވާދުގެ ބާވަތްތައް ރަނގަޅަށް ހައްދާކަމަށްޓަކައި މޫސައަށް ޝުކުރު އަދާކުރަމެވެ. ދެން ހަވާދުގެ ބާވަތްތައް ނުހައްދައިގެން ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ރަށް ވަކިނުކުރެވޭވަރު ވެފައިވާތީ އުފާކުރަމެވެ. ކުރަންވީހާވެސް ކަމަކީ މޫސަމެން ހެއިޖެއްސުމެވެ.

+1
2
+1
2
+1
2
+1
35
+1
2
+1
1
+1
1

Advertisement

ގުޅުންހުރި ލިޔުންތައް