November 24, 2024 21:36
Advertisement

-Advertisement-

އާއިލީ ގުޅުމަކީ އެއްކޮޅުން ބޭނުންވެގެން ބޭއްވޭނެ އެއްޗެއް ނޫނެވެ!

އާއިލާ އަކީ ލޭގެ ގޮތުން އަދި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހުންނެވެ. އާއިލީ ގުޅުން ދެމެހެއްޓުމަށް އިސްލާމް ދީނުގައި ވަރަށްބޮޑަށް ވަނީ ބާރު އަޅުއްވާފައެވެ.

އާއިލީ ގުޅުން ބަދަހި ކުރުމަށް އަޅުގަނޑުމެން އެންމެންވެސް އިސްކަންދޭން ވާނެއެވެ. އެކަކު އެކަނި އެގުޅުން ބަދަހިކުރާނީ ކިހިނެއްހެއްޔެވެ؟ އެއީ ކުރަން ފަސޭހަކަމެއް ނޫނެވެ. އެކަމަކު ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއްބަޔަކު އާއިލީ ގުޅުން އިތުރަށް ގޯސްކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރިއަސް ތިމާ އެކަމަށް އިޖާބަ ނުދޭންވީއެވެ. އެދައްކާ ވާހަކަތައް އަޑުނީވޭ ކަމަށް ހެދުން އެއީ ރަނގަޅު ގޮތެކެވެ. އެއިރުން ތާއަބަދަކަށް އެކަމެއް ދެމި ނޯންނާނެއެވެ. 

ބަދަހިކޮށް އޮންނަ އާއިލާތަކުގެ މެދުގައި ވަކިހިސާބަކުން ދެބަސްވުން އުފެދި އެކަކު އަނެކަކަށް އަނގައިން ނުބުނެ ތިބޭ މަންޒަރު ފެނެއެވެ. ގިނަފަހަރަށް މިފަދަ ގޮތްތައް މެދުވެރިވަނީ މީހުން ދައްކާ ދޮގު ވާހަކަތަކަށް އިތުބާރުކޮށް ކުށް ނުކުރާ މީހުންނާމެދު ނުބައި ތުހުމަތުތައް ކުރެވިގެންނެވެ. ދޮގަކީ އެންމެ ބާރަށް ފެތުރޭ އެކައްޗެވެ. ވާހަކައެއް އަޑުއިވިއްޖެނަމަ ކަމުގެ ތެދުދޮގު ބެލުމަށްފަހު ނޫނީ ގަބޫލުނުކުރާށެވެ. އެހެންނޫނީ ކުށެއްނެތް މީހެއްގެ އަގުވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ. އަރައިގަނެވެނީ އެހެންމީހެއްގެ ހައްގަކަށެވެ.

Advertisement

ވިސްނަންވީ ދުނިޔެއަކީ ވަގުތީ ތަނެއްކަމެވެ. މަރުވާނީ މިވަގުތު ނޫންކަމެއް ނޭނގެއެވެ. މީހަކު ކޮންމެ ގޮތަކަށް ކަންތައްކުރިއަސް އަދި ކޮންމެފަދަ ވާހަކައެއް ދެއްކިއަސް އެކަމަށް ސަމާލުކަން ނުދޭންވީއެވެ. އާއިލާގެ ތެރޭގައި ފިތުނަ އުފައްދަން މަސައްކަތްކުރާ މީހުންނާ ގާތް ގުޅުމެއް ނުބާއްވަން ވީއެވެ. ނެތިމޮށޭ މީހުންނަކީ ވަރަށްގިނައިން އުޅޭ ބައެކެވެ. އެއްވެސް އިންސާނަކީ ފުރިހަމަ އިންސާނެއް ނޫނެވެ. ކުށް ކުރެވޭނެއެވެ. ކުރެވޭ ކުށަށް މަޢާފަށް އެދި އަނެކާއަށް މަޢާފް ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

އާއިލާގެ ތެރޭގައި މައްސަލައެއް ޖެހިއްޖެނަމަ އެކަމެއް ހައްލުކުރުމަށް އާއިލާގައި ތިބި އިސް މީހުންނާއި ވާހަކަ ދައްކައިގެން އެމީހުންގެ އެހީތެރިކަން ހޯދިދާނެއެވެ.

އާއިލީ ގުޅުން ދެމެހެއްޓުމަށް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. ދުރުގައިވިއަސް ފޯނުން ގުޅައިގެން ނަމަވެސް ހާލު ބަލާށެވެ. ލިބޭ މިންވަރަކުން ހަދިޔާ ބަދަލުކުރާށެވެ. އެކަކު އަނެކަކަށް ރީތި ބަހުން ވާހަކަދައްކާށެވެ. މަސްލަހަތު ނަގާލުމަށް މަސައްކަތްކުރާ މީހުން ދައްކާ ވާހަކަ އަޑުނާހާށެވެ.

އެއްކޮޅުން އާއިލީ ގުޅުން ކަނޑާލަން މަސައްކަތްކުރިއަސް ކުރެވެން ހުރި މިންވަރަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާށެވެ. އާއިލީ ގުޅުން ބަދަހިކުރުމުގައި ކާމިޔާބު ނުވެއްޖެނަމަ މަސްލަހަތު އެންމެ ރަނގަޅު ގޮތަކަށް ދިރިއުޅުމާއިގެން ކުރިއަށްދާށެވެ. އާއިލީ ގުޅުމަކީ އެއްކޮޅުން ބޭނުންވެގެން ބޭއްވޭނެ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެގުޅުން އިތުރަށް ހީނަރުވިޔަނުދީވޭތޯ ތިމާއަށް ކުރެވެންހުރި މަސައްކަތަކީ ކޮބައިތޯ ބަލައި އެމަސައްކަތް ކުރެވިދާނެއެވެ.

+1
0
+1
0
+1
9
+1
4
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް