މިއީ ކ. ތުލުސްދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މުރާލި ހިތްހެޔޮ މީހެކެވެ. އަންވަރުބެގެ ނަމުން މަޝްހޫރުވެފައިވާ މި ދަނޑުވެރިޔާގެ ދަނޑުތަކުގައި ހައްދަނީ، ކޮޕީފަތް، މިރުސް، ބަށި އަދި ލޭޑީސްފިންގާ އެވެ.
'ޒީޓައިމްސް' އިން ތުލުސްދޫ އަށް ކުރި ދަތުރުގައި އަންވަރުގެ ދަނޑުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
" ލޭޑީސްފިންގާ ހައްދާތާ ދުވަސްކޮޅެއްވެއްޖެ. ކަނޑަން ލިބޭ 2 މަހެއްހާ ދުވަހުން. އެއީ އޮށް އިންދާތާ. މިފަތްތަކުގަ ހޭކުނީމަ ގައި ހިރުވާނެ. އެހެންވެ ފެން ދޭން ފަސޭހައަކަށް ބައެއް ފަތްތައް ކޮށާފަ މިހިރީ". ލޭޑީސްފިންގާ ގަސްތައް ދައްކާލަމުން އަންވަރު ބުންޏެވެ.
އެއަށްފަހު ބަށި ދަނޑަށް ދިއުމަށްފަހު ބުނީ ކުރިން ހެއްދި ބަށިގަސްތަކުން ލިބުނީ ގެއްލުންކަމަށެވެ.
" ކުރިން މިތާގަ ހެއްދިން 69 ބަށި ގަސް. އެކަމަކު ގަސްތައް ކައިރި ކައިރީގަ ހުރީމަ ބަށި ނައަޅާ. ވަރަށް ގަދައަށް ގަސްތައް ހެދުނު. ބޭކާރުވެގެން ދިޔައީ. އެހެންވެ 27 ގަސް މިފަހަރު މިހެއްދީ".
އޮށް އިންދައިގެން މިފަހަރު ބަށި ގަސްތައް ހައްދާތާ މިވީ 4 މަސްދުވަސްކަން ފާހަގަކުރަމުން ބުނީ ބަށި ވިއްކަނީ ގިނައިން ގަންނަނަމަ 50ރ އަށް ކިލޯއެއް އަދި މަދުން ގަންނަނަމަ 60ރ އަށް ކިލޯ އެއް ކަމަށެވެ.
ގިނަ އަދަދެއްގެ ގެސްޓްހައުސް ހުރި ތުލުސްދޫ އަށް އަންވަރު ހައްދާ ބާވަތްތައް ވިއްކާއިރު ބައެއް ތަކެތި ވިއްކުމަށް މާލެ ފޮނުވާކަމަށް ފާހަގަކުރިއެވެ. އަދި ދަރިފުޅު މެދުވެރިކޮށް ގުރޫޕުތަކުގަ ޖަހައިގެން ވިއްކާ ކަމަށް ވަނީ ބުނެފައެވެ.
" ރަށުގަ ހުރެގެން ކުރަން ރަނގަޅު މަސައްކަތެއް. އެކަމަކު ފައިދާ އެވަރަށް ނުލިބެނީ ގަސްހެއްދުމާ ގުޅޭ މައުލޫމާތު ރަނގަޅަށް ނޭގޭތީ. ތަޢުލީމެއް ހުރެގެން މިކަންވެސް ރަނގަޅު ގޮތުގަ ކުރެވޭނީ. ގަސްކާނާ ޕެކެޓުގަވެސް ހުރޭ ބޭނުންކުރަންވާގޮތް ލިޔެފަވެސް. އެކަންތައް ނޭނގޭ ކަމަށްވާނަމަ އެކިމީހުން ބުނާގޮތް ހަދައިގެން ވަރަށް ދިމާނުވޭ. މިހެން މަސައްކަތްކުރަމުން ގޮސް ކޮންމެވެސް ވަރެއް ވަނީ. އެންމެ ބޮޑު މައްސަލައަކީ ބިމުގެ ދަތިކަން" އަންވަރުގެ ކަންބޮޑުވުން ފާހަގަކުރިއެވެ.
ދަނޑުވެރިކަމުގެ މަސައްކަތް އަންވަރު ކުރަނީ ހުހަށް ހުރި ގޯތިތައް އެކި މީހުންގެ އަތުން ހޯދައިގެން އެގޯތިތަކުގައެވެ. ބިމުގެ ދަތިކަން ނެތްނަމަ މިއީ ރަނގަޅު ނަފާއެއް ލިބޭނެ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރިއެވެ.
ދަނޑުވެރިކަން މިގޮތަށް ކުރާތާ މިވީ 3 އަހަރެވެ. އަދި ދަނޑުވެރިކަމާ ގުޅޭ ރަނގަޅު މައުލޫމާތު އެނގޭ މީހަކު އެމައުލޫމާތު ހިއްސާކޮށްދިނުމަކީ ވެސް އަންވަރުގެ ވަރަށްބޮޑު އެދުމެކެވެ.
އަންވަރު ހައްދާ ބާވަތްތައް ގަންނަން ބޭނުންވާނަމަ ނުވަތަ މައުލޫމާތު ހިއްސާކުރުމަށް ގުޅާނީ: 7774267
ވީޑިއޯ: ދަނޑުވެރިކަން ކުރާ އަންވަރުގެ އެންމެބޮޑު ކަންބޮޑުވުން! pic.twitter.com/SpMxlii0Of
— xeetimes.com (@xeetimes) September 6, 2022