November 22, 2024 21:54
Advertisement

-Advertisement-

ޕްރޮސްޓޭޓް ކެންސަރ އަށް ބަދަލުވުމުން ހުންނަގޮތް (ކ)/ ފޮޓޯ: މެޑިކަވަރ ހޮސްޕިޓަލް

ޑރ.ޝިފާންގެ ލިޔުއްވުމެއް: ޕްރޮސްޓޭޓް ކެންސަރ

ޕްރޮސްޓޭޓް ކެންސަރ އަކީ ކޮބާ؟

ދުނިޔޭގެ ބަލިމަޑުކަމުގެ ތަފާސްހިސާބުތަކުން ދައްކަދޭގޮތުން ދެހާސް އަށާރަވަނަ އަހަރު ދުނިޔޭގައި 1.3 މިލިއަންމީހުން ވަނީ ޕްރޮސްޓޭޓް ކެންސަރ އަށް އަލަށް ޑައިގްނޯސް ކުރެވިފައެވެ. ބުނެވޭގޮތުގައި ފިރިހެނެއްގެ ހަޔާތުގައި ކޮންމެ ނުވަ ފިރިހެނަކުން އެކަކަށް މިބަލި ޖެހޭނެއެވެ.

ޕްރޮސްޓޭޓް ކެންސަރ އުފެދެނީ މި ގްލޭންޑްގެ ސެލްތައް ކޮންޓްރޯލް އިން ނެއްޓި އިތުރުވަމުން ދިއުމުންނެވެ. މިއީ ހަމައެކަނި ފިރިހެނުންގެ ހިމެނޭ ގްލޭންޑް އެކެވެ. މިގްލޭންޑް އަކީ މަނީގެ އެކުލެވޭ ދިޔައިގެ ބައެއް އުފައްދައިދޭ ގްލޭންޑް އެކެވެ. މިގްލޭންޑް އިންނާނީ ކުޑަކަމުދާ އެއްޗެހި ޖަމާވާ މަސާނާގެ ތިރީގައެވެ. މިގްލޭންޑް އެކުލެވޭނީ މަސާނާގެ ތިރީގަ ވަށައިގެން، ފުރަގަސް ފަރާތުގެ ކުރިމަތީގައެވެ. ޕްރޮސްޓޭޓް ގްލޭންޑްގެ ފަހަތުގައި އިންނަ އިތުރު ގްލޭންޑްތަކެއް (ސެމިނަލް ވެސިކަލްސް) މިއީ މަނީގަ އެކުލެވޭދިޔައިގެ ބޮޑުބައެއް އުފައްދައިދޭ ތަނެކެވެ.

Advertisement

ފިރިހެނެއްގެ ކުރިމަތިފަރާތުގަ އެކުލެވޭ ކުޑަކަމުދާހޮޅި ދަތުރުކުރާނީ ޕްރޮސްޓޭޓް ގްލޭންޑްގެ މެދުން ކަހަލަ ގޮތަކަށެވެ. މިއީ ކުޑަކަމުދާ ހޮޅިޔާ މަސާނާޔާ ގުޅޭހިސާބެވެ. ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނެއްގެ އުމުރުން ދުވަސް ވާވަރަކަށް ބޮޑުވާ އެއްޗެކެވެ.

ގިނަފަހަރު ޕްރޮސްޓޭޓް ކެންސަރުގެ އަލާމާތްތައް ބަލީގެ ކުރީކޮޅު ބުނެދޭން ނޭގިދާނެއެވެ. އަދި ކޮންމެ ދޭދޭ މީހެއްގެ ދޭތެރޭގައި އަލާމާތްތައް ތަފާތުވެދާނެއެވެ. އަދި މިފަދަ އަލާމާތްތަކަކީ ޕްރޮސްޓޭޓްގެ އެހެނިހެން ބަލިތަކުގެ (ކެންސަރ ނޫން) މިސާލަކަށް ޕްރޮސްޓޭޓްގެ އިންފެކްޝަން ފަދަ ބަލިތަކުގެ އަލާމާތެއްގެ ގޮތުގައި ފެނިދާނެއެވެ. މި ސަބަބަށްޓަކައި ވަކި އުމުރަކަށް ދިއުމަށްފަހު، ގަވާއިދުން މިބައްޔަށް ސްކްރީން ކުރުން، ކުރިން ބަލި ދެނެގަތުމުގެ މުހިންމު ފިޔަވަޅެކެވެ. (މިކަމަށްޓަކައި ޑިޖިޓަލް ރެކްޓަލް އެގްޒަމިނޭޝަން އަދި ލޭގެ ޓެސްޓް، ޕީއެސް އޭ ހަދައެވެ).

ޕްރޮސްޓޭޓް ކެންސަރ ގެ ކުރީކޮޅުގެ އަލާމާތްތައް

  • ކުޑަކަމުދާ ހޮޅި ފެށޭހިސާބު އަދި މަސާނާ އަކީ ޕްރޮސްޓޭޓްގެ އެންމެ ގާތުގައިވާ ގުނަވަނެވެ. މިސަބަބަށްޓަކައި ޕްރޮސްޓޭޓް ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދިއުމުގެ ތަފާތު އަލާމާތްތައް ހިމެނެއެވެ. ޚާއްސަކޮށް ބަލީގެ ކުރީކޮޅުގައެވެ. ޓިއުމަރު ޕްރޮސްޓޭޓްގެ ތެރޭގައި އުފެދިފައިވާ ބޮޑުމިނާ ތަނުގެ ސަބަބުން، މިސާލަކަށް ކުޑަކަމުދާހޮޅި ފިތި، ކުޑަކަމުދިޔުމަށް ބަދަލު އާދެއެވެ.
  • ކުޑަކަމުދާއިރު ދިލަނެގުން ނޫނީ ތަދުވުން.
  • ކުޑަކަމުދާން އުނދަގޫވުން، ކުޑަކަމުދާން ފެށުން ނޫނީ ހުއްޓުމަށް އުނދަގޫވުން.
  • ދަންވަރު ގިނަ ގިނައިން ކުޑަކަމުދާން ހޭލަންޖެހުން.
  • ކުޑަކަމުދިއުމުގަ ހިފެހެއްޓުމެއް ނެތުން.
  • އާންމުކޮށް ކުޑަކަމުދާ ބާރުމިނަށް ބަދަލުއައުން.
  • ކުޑަކަމުދާ އެއްޗެހީގައި ލޭހުރެން.
  • މަނީގައި ލޭހުރުނެ.
  • ފިރިހެން ބާރު ކެނޑުން.
  • މަނި ބޭރުވާއިރު ތަދުވުން ފަދަ އަލާމާތް ހިމެނެއެވެ.

ފެތުރިފައިވާ ބަލީގެ އަލާމަތް (އެޑްވާންސް ސްޓޭޖް)

މިފަދަ ބައްޔެއް ފެތުރުމައްފަހު ކައިރީގައިވާ ގުނަވަނެއްގައި އަށަގަނެފާނެއެވެ. މިސާލަކަށް މައިބަދައިގެ ކަށިތަކުގަ އަށަގަނެ، މައިބަދައިގެ ތެރެއިން ދަތުރުކުރާ ނާރު އަދި ދެބަދަ ދޭތެރެއިން ނިކުންނަ ނާރު ފިތުން ދިމާވެއެވެ. މިފަދައިން ފެތުރިފައިވާ ކެންސަރެއްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ބައެއް އަލާމާތް ތިރީގައި ލިސްޓު ކުރެވިފައި ވެއެވެ.

  • ދުޅަވުން، ދެފަޔާއި އުނަގަނޑާއި އުކުޅުވަޅު.
  • އައްސިވުން ނޫނީ ތަދުވުން އުނަގަނޑާއި އުކުޅުވަޅު، ދެފަޔާއި ފައިތިލަ
  • ކަށީގަ އަށަގަތުމުން އަންނަ ތަދު، މިފަދަ ތަދެއް ނުފިލާހުރުން، އަދި ކަށި ފީވެ ބިނދުން.

ކުރިންވެސް ބަޔާން ކުރެވުނު ފަދައިން މިފަދަ އަލާމާތްތަކަކީ ދޭދޭ މީހުންގެ ތެރޭގައި ތަފާތުވެދާނެ އަލާމާތްތަކެކެވެ. ބައްޔައް ފަރުވާކުރުމަށްފަހު ބަލި އަނބުރާ އައިކަމުގެ ފުރަތަމަ ނިޝާނަކީ، ލެއިން ހެދޭ ޓެސްޓް (ޕްރޮސްޓޭ ސްޕެސިފިކް އެންޓިޖަން، ނޫނީ ޕީ.އެސް. އޭ) މައްޗައް ދިއުމެވެ. މިސަބަބަށްޓަކައި ފަރުވާޔަށްފަހު ގަވާއިދުން (އުސޫލެއްގެ މަތިން) މި ޓެސްޓް ހަދަމުން ގެންދިއުމަކީ މުހިންމު ކަމެކެވެ.

ފަރުވާ ނިމުމަށްފަހު އެނބުރި އަންނަ ކެންސަރުގެ އަލާމާތްތައް

ދެވަނަ ފަހަރަށް ބަލި އެނބުރި އައުމަށްފަހު ފެންނަ އަލާމާތްތައް ތަފާތުވެދާނެއެވެ. އަލުން ޕްރޮސްޓޭޓް ގްލޭންޑް އިން ހިސާބުގައި ބަލި އަށަގަނެއްޖެނަމަ "ލޯކަލް ރިކަރަންސް" އެއްކަމަށް ބަލައެވެ. ހަށިގަނޑުގެ ދުރުހިސާބެއްގައި އަށަގަނެއްޖެނަމަ "މެޓާސްޓެޓިކް ކެންސަރ" އޭ ނަން ދެވެއެވެ. އާންމު އުސޫލެއްގެ ގޮތުން ޕްރޮސްޓޭޓް ކެންސަރ ފެތުރޭނީ ވަށައިގެންވާ ގޮތަކަށެވެ. ދުރައްފެތުރޭނަމަ ފުރަމޭ، ކަށި އަދި ފުއްޕާމޭ ހިމެނެއެވެ.

ފުރަތަމަފަހަރު ފަރުވާނިމުމަށް ފަހު، ލޭގެ "ޕީ.އެސް.އޭ' ލެވަލް ވަރަށްބޮޑަށް ދަށަށް ދާނެއެވެ. ކެންސަރ އަނބުރާ އައި ކަމުގެ ފުރަތަމަ ނިޝާނަކީ، މިއަދަދު މައްޗައް އަރަން ފެށުމެވެ. މީގެ އިތުރުން ފެނިދާނެ ބައެއް އަލާމާތްތައް ތިރީގައި ލިސްޓު ކުރެވިފައި ވަނީ އެވެ.

  • ކުޑަކަމުދާ އެއްޗެހީ ގައި ލޭ ހުރުން
  • ކުޑަކަމުދާން އުނދަގޫވުން
  • އުނަގަނޑުގައި ރިއްސުން
  • ވަރުބަލިވުން
  • ނޭވާލާން އުނދަގޫވުން
  • ލޮލުގެ އެތެރެޔާ ހަންގަނޑު ރީނދޫވުން.

ޕްރޮސްޓޭޓް ގްލޭންޑްގެ ކެންސަރުގެ ވައްތަރުތައް:

  • ޕްރޮސްޓޭޓް ކެންސަރ ގެ އެންމެ އާންމު ވައްތަރަކީ "އެޑިނޯކާސިނޯމާ" އޭ ކިޔޭވައްތަރެވެ. މިއީ މި ގްލޭންޑްގެ ފަށަލައިގެ ސެލްތަކުން އުފެދޭ ކެންސަރ އެކެވެ. މިއީ އެންމެ އާންމު ވައްތަރުވެސް މެއެވެ. ޕްރޮސްޓޭޓް ކެންސަރގެ ވާހަކަދައްކާއިރު މުޚާތަބް ކުރެވެނީ މިވައްތަރުގެ ކެންސަރގެ ވާހަކައެވެ.

ޕްރޮސްޓޭޓް ގްލޭންޑް އިން އުފެދިދާނެ އިތުރު ވައްތަރުގެ ކެންސަރތައް:

  • ސްމޯލްސެލް ކަރސިނޯމާ
  • ނިއުރޯއެންޑޯކްރައިން ޓިއުމަރ (ސްމޯލްސެލް ކަރސިނޯމާގެ އިތުރުން)
  • ޓްރާންސިޝަނަލް ސެލް ކާސިނޯމާސް
  • ސާރކޯމާ

ޕްރޮސްޓޭޓް ކެންސަރ ގެ މަދުވައްތަރަކީ ކުރުމުއްދަތެއްގެ ތެރޭގައި ބޮޑުވެ ފެތުރޭ ވައްތަރެކެވެ. ނަމަވެސް ގިނަ ވައްތަރަކީ ވަރަށް ލަހުން ބަދަލުއަންނަ (ބޮޑުވެ، ފެތުރޭ) ވައްތަރެކެވެ.

ނޯޓް: ގިނަ ހޯދުންތަކުން ދައްކާ ގޮތުގައި ފިރިހެނުން (އުމުރުން ދުވަސްވީ، އަދި ބައެއް ޒުވާނުން) އެހެނިހެން ސަބަބުތަކުން ނިޔާވުމަށްފަހު ހެދޭ އޮޓޮޕްސީ ގައި ޕްރޮސްޓޭޓް ކެންސަރ ތަފާތު މަރުހަލާތަކުގައި ފެނެއެވެ. ނަމަވެސް މިއިން އެއްވެސް ބައްޔެއްގެ އުނދަގުލެއް (އަދި އަލާމާތެއް) ދުނިޔޭގައި ހުރިހާއިރަކު ނުފެނެއެވެ.

ޕްރޮސްޓޭޓް ކެންސަރ އަށް ބަދަލުވުމުގެ މަރްހަލާއެއް ކުރިން (ޕްރީ ކެންސަރަސް ސްޓޭޖް)

ބައެއް ދިރާސާތަކުން ދައްކާގޮތުގައި ޕްރޮސްޓޭޓް ކެންސަރ ފަށަނީ، ކެންސަރ އަށް ބަދަލުވުމުގެ އެއްމަރްހަލާއެއް ވަރުކުރިންނެވެ. ނަމަވެސް މިއީ ކަށަވަރުކުރެވިފައި ވާކަމެއް ނޫނެވެ. ބައެއްފަހަރު ޕްރޮސްޓޭޓް ބަޔޮޕްސީ އަކުންވެސް މިފަދަ ބަދަލުތައް ފެނެއެވެ.

ޕްރޮސްޓެޓިކް އިންޓްރާއެޕިތީލިއަލް ނިއޯޕްލޭސިއާ (ޕީ.އައި.އެން)

މިފަދަ ބަދަލެއް ގައި މައިކްރޮސްކޯޕް އަކުން ބަލާއިރު ޕްރޮސްޓޭޓްގެ ސެލްތަކަށް ބަދަލު އައިސްފަ ހުރެއެވެ. ނަމަވެސް މިފަދަ ބަދަލެއް އައިސްފައި ހުންނަ ސެލްތައް ވެސް އާންމުކޮށް ކެންސަރ އަށް ބަދަލު ވެފައިވާ ސެލްތައްހެން، ޕްރޮސްޓޭޓްގެ ހިސާބުތަކަށް ފެތުރިފައެއް ނުހުރެއެވެ. އެހެންވެ މިފަދަ ބަދަލެއް އައިސްފައިވާ މިންވަރަށް ބަލާފަ، ފަރުވާކުރުމަށް ފަސޭހަޔަކަށް، މައިގަނޑު ދެބަޔަކަށް ބެހިގެންދެއެވެ.

ލޯ ގްރޭޑް (ޕީ.އައި.އެން): ސެލްތަކުގެ ވަނަވަރުތަކަށް (ސެލްތަކުގެ ތަރުތީބު، ބައްޓަން އަދި ސައިޒުފަދަ ހަމަތައް) ގާތްގަނޑަކަށް ރަނގަޅަށް ހުރުން.

ހައި ގްރޭޑް (ޕީ.އައި.އެން): ސެލްތަކުގެ ވަނަވަރުތަކަށް (ސެލްތަކުގެ ތަރުތީބު، ބައްޓަން އަދި ސައިޒުފަދަ ހަމަތައް)  ބޮޑަށް ބަދަލު އައިސްފައި ހުރުން.

ޕްރޮސްޓޭޓް ކެންސަރ އަށް ފަރުވާ ކުރުން:

ފަރުވާއަށް މީހަކު ހުށައެޅުމުގެކުރިން ވިސްނާލަންވީ ކަންކަން

ޕްރޮސްޓޭޓް ކެންސަރ އަށް ހުށެހެޅޭ ގިނަ މީހުންނަކީ ބަލީގެ ކުރީކޮޅު ފަރުވާއަށް ހުށަހެޅޭމީހުންނެވެ. އަދި ޓިއުމަރުގެ ސައިޒު ކުޑަވެފަ ބަލި ލިމިޓުވެފަ ވާނީ ޕްރޮސްޓޭޓް ގްލޭންޑް އަށެވެ. މިފަދަ މީހުންނަށް ފަރުވާކުރުމަށް ގިނަ ތަފާތު ވަސީލަތާ ގޮތްތަކެއް ހުރެއެވެ.

ފަރުވާގެ ހުލާސާ

ގާތުން ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ބަލަމުން ގެންދިއުން "ވޮޗްފުލް ވެއިޓިން ނުނީ އެކްޓިވް ސަރވެލަންސް"

  • ޕްރޮސްޓޭޓްގެ އޮޕަރޭޝަން
  • ރޭޑިއޭޝަން
  • ކްރަޔޯތެރަޕީ
  • ހޯމޯންތެރަޕީ
  • ކީމޯތެރަޕީ
  • އިމިއިނޯތެރަޕީ

ފަރުވާއެއް ހިޔާރުކުރުމުގެ ކުރިން ވިސްނާލުމަށް

ޕްރޮސްޓޭޓް ކެންސަރ އަށް ޑައިގްނޯސް ވާ ކޮންމެ މީހަކީ ވަގުތުން ފަރުވާ ފަށަންޖެހޭ މީހެއް ނޫނެވެ. މިސާލެއް ދަންނަވަނީނަމަ ބަލި ވަރަށް ކުރީކޮޅު ފެނިއްޖެނަމަ، ފަރުވާޔަކާ ހަމައަށް ދިއުމުގެ ކުރިން ވިސްނާލަންޖެހޭ އުމުރާ، އާންމު ސިއްހަތު، ފަދަ ކަންކަމާ، ބައްޔާ (ޕްރޮސްޓޭޓް ކެންސަރ) އާހެދި މުސްތަގުބަލުގައި މައްސަލައެއް ދިމާވެދާނެތޯފަދަ ކަންކަމެވެ.

ޚާއްސަކޮށް ފަރުވާގެ ސަބަބުން ދިމާވެދާނެ ނޭދެވޭ ކަންކަމާ އެކަމުގެ ސަބަބުން ތިބާއަށް ދިރިއުޅުމަށް ކިހާބަދަލުތަކެއް އަންނާނެތޯ އެވެ. މިސާލަކަށް އެއްބައިފަހަރު ފަރުވާއަށްފަހު ކުޑަކަމުދިޔުމުގައި ނުހިފެހެއްޓުން އަދި ޖިންސީ ގުނަވަނުގައި ބާރު ނެތުން ފަދަ ކަންކަން ދިމާވުން އެކަށީގެން ވެއެވެ. އެހެންކަމުން މިފަދަ ނޭދެވޭ އަސަރުތަކުން ދުރުހެލިވެހުރުމަށް އެއްބައިފަހަރު، މިކަންކަމުން ރައްކާތެރިވުމަށް، ފަރުވާ ފަސް ކުރެއެވެ. އަނެއްބައި މީހުން ބޭނުންވާނީ މިފަދަ މައްސަލަތައް ދިމާވިކަމުގައި ވިޔަސް ކެންސަރުގެ ބައި ހަށިގަނޑުން ނަގާ އަވަހަށް ފަރުވާ ކުރިއަށް ދިއުމެވެ.

އުމުރުން ދުވަސްވެ ނޫނީ އިތުރު ބޮޑެތި ސިއްހީ މައްސަލަތައް އެކުލެވޭނަމަ، އަދި ހަށިގަނޑުގައި އުފެދިފައިވާ ކެންސަރ އަކީ ލަސްލަހުން ބޮޑުވާ ވައްތަރެއްނަމަ، މި ބައްޔަކީ އެހެނިހެން ގިނަދުވަހު ބޭސް ކުރަންޖެހޭ ފަދަ ބައްޔެއްކަމަށް ވިސްނައިގެން، ފުރާނައަށް ގެއްލުން ނުވިކަމުގައިވިޔަސް، ނުއެދޭ އަލާމާތްތަކެއް ހުރެދާނެ ބައްޔެއްކަމަށް ބަލައިގެންނެވެ. މިފަދަ ހާލަތެއްގައި ވަރަށްގާތުން ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ބަލަމުން ގެންދިއުން "ވޮޗްފުލް ވެއިޓިން ނޫނީ އެކްޓިވް ސަރވެލަންސް" ހިޔާރުކުރުން އެންމެ ރަނގަޅުވާނެއެވެ. މިފަދަ ހާލަތްތަކުގައި ފަރުވާގެތެރޭގައި ހިމެނޭ، ފަރުވާގެ ސަބަބުން ނޭދެވޭ މައްސަލަތައް ދިމާވެދާނެ ފަރުވާ (އޮޕަރޭޝަން ނޫނީ ރޭޑިއޭޝަން) އާ ދުރުވުން މިއީ އެންމެ ބުއްދިވެރި ކަމެއްކަމުގައި ވާނެއެވެ. އުމުރު އެކަނި މިއީ ހުރަހެއްކަމުގައި ބަލައިގެން ނުވާނެއެވެ. ވަރަށް ގިނަ ފިރިހެނުންނަކީ ހަތްދިހައަހަރުގައި ނަފްސާނީ ދުޅަހެޔޮކަމާ އާންމު ސިއްހަތު އެންމެ ރަނގަޅު މީހުންނެވެ.

ގިނަ ޑޮކްޓަރުން އެއްބަސްވާގޮތުގައި ބަލީގެ އެންމެ ފުރަތަމަ މަރްހަލާ (ސްޓޭޖް)ގައި، އޮޕަރޭޝަން، އެކްސްޓަރނަލް ރޭޑިއޭޝަން، އަދި ބްރޭކީތެރެޕީ އަކީ ބަލިން ރަނގަޅުކުރުމަށް ދެވޭ އެއްވަރުގެ ނަތީޖާއެއް ލިބޭ ފަރުވާއެކެވެ. ނަމަވެސް މިފަދަ ކޮންމެ ވަސީލަތެއް ގައިވެސް ތަފާތު ސައިޑް އިފެކްޓްތަކެއް ހުރެއެވެ. އެންމެރަނގަޅު ފަރުވާއެއް (ކޮންމެ ސްޓޭޖް އަކަށް) ނިންމުމަކީ އުނދަގޫކަމަކަށް ވެދާނެއެވެ. ޚާއްސަކޮށް، މިފަހަކަށް އައިސް އައު ވަސީލަތްތަކެއް ފަރުވާއަށް ތައާރަފް ކުރެވެމުން ދާއިރު، މިސާލަކަށް ރޮބޮޓިކް ސަރޖަރީ (ރޮބޮޓް ބޭނުންކޮށްގެން ޕްރޮސްޓޭޓް އޮޕަރޭޝަން ކުރުން)، ޕޯޓޯން ބީމް ރޭޑިއޭޝަން، އަދި ހައި އިންޓެންސިޓީ ފޯކަސްޑް އަލްޓްރާ ސައުންޑް ފަދަ ވަސީލަތްތަކެވެ.

މިފަދަ އައު ވަސީލަތްތަކަކީ އުންމީދު އިތުރުވެ، ފަރުވާއަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް މިފަދަ ވަސީލަތްތަކުގެ ފަރުވާކުރުމުގެ ތަޖުރިބާ މަދުވުމުން، މިހާރުކުރެވޭ ފަރުވާތަކާ އަޅާކިއުން އަދިވަނީ އުނދަގޫކަމަށްވެފައެވެ.

 

ނޯޓް: މިއީ އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ.މުހައްމަދު ޝިފާން ލިޔުއްވައި 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ.ޝިފާންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިލިޔުން 'ޒީޓައިމްސް' ގައި ހިއްސާ ކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.

+1
0
+1
3
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް